ރާއްޖެ އާއި އިންޑިޔާއާ ދެމެދު ބާއްވާ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން މިއަދު އިންޑިޔާގައި ބާއްވައިފިއެވެ.
މި ބައްދަލުވުމަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި އިންޑިޔާއަަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި ބައްދަލުވުމަށްފަހު އެކުލަވާލި ތަސައްވަރުގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމާ ބެހޭގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުން ތަކެކެވެ.
އެ ގޮތުން އިގްތިސާދީ، ސިއްހީ، ޑިޖިޓަލް ފައިނޭންސިންގް އަދި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށް ވަނީ ނިންމައިފައެވެ.
މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެވަޑައިގެން ވަފުދުގައި އިސްކޮށް ހުންނެވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލްއެވެ. އެބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އިންޑިޔާއަށް ވަޑައިގަތީ އިއްޔެއެވެ.

އިންޑިޔާއާ ދެމެދު ބާއްވާ ހައިލެވެލް ކޯގެ ދެވަނަ ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުން ބައިވެރިވުން ---- ފޮޓޯ/ ފޮރިން މިނިސްޓްރީ
މި ކޯ ގުރޫޕްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު މާލޭގައެވެ.
މިނިސްޓަރު ޚަލީލްގެ މިދަތުރުފުޅުގައި އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޚާރިޖީ ވުޒާރާ، ދިފާއީ ވުޒާރާ، މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ، އިގުތިސާދީ ތަރައްގީއާއި ވިޔަފާރީއާ ބެހޭ ވުޒާރާ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މީގެއިތުރުން، ޚަލީލް ވަނީ މީގެ ދެމަހެއްހާ ދުވަސްކުރިން މާޗު މަހުގެ 16ވަނަ ދުވަހު ވެސް އިންޑިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. އެ ދަތުރުފުޅު ކުރެއްވީ އިންޑިޔާގެ ނިއު ދިއްލީގައި ބޭއްވި ރައިސީނާ ޑައިލޮގްގެ 10ވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށެވެ.