ތ. ކަނޑޫދޫ ސްކޫލުގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރަކު އެ ސްކޫލްގައި ކިޔަވާ 11 އަހަރުގެ ފިރިހެން ކުއްޖެއްގެ އިނގިލި، އަނބުރާލައި ހުޅުން ނައްޓުވައިލި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ކުއްޖާގެ އިނގިލި ހުޅުން ނައްޓުވައިލީ އެ ސްކޫލުގައި ސައިންސް ކިޔަވައިދޭން އުޅޭ އިންޑިއާ ޓީޗަރެކެވެ.
"ސަން"އަށް މައުލޫމާތު ދެމުން އެ ކުއްޖާގެ ބައްޕަ ބުނީ މިއަދު ހެނދުނު، ސްކޫލުގެ އިންޓަވަލް ގަޑީގައި އެ ކުއްޖާ ގެންގުޅުނު ފެންފުޅިން އެ ޓީޗަރުގެ ގައިގައި ޖެހުނީ ކަމަށެވެ. އެއާއެކު އެ ޓީޗަރު އައިސް އެ ކުއްޖާގެ އިނގިލީގައި ހިފައި ބާރަށް އަނބުރައިލީ ކަމަށް އޭނާ ކިޔައިދެނެވެ. ކުއްޖާގެ އިނގިލި ހުޅުން ނެއްޓުނީ ޓީޗަރު ވަރަށް ބާރަށް އިނގިލި އަނބުރައިލުމުން ކަމަށާއި ހަމަ އެ ވަގުތު ޓީޗަރު އެ ކުއްޖާގެ އިނގިލީ ހުޅު އަޅުވައިދިން ނަމަވެސް، އޭގެ ފަހުން އަޅައި ނުލާކަމަށް ކުއްޖާގެ ބައްޕަ ބުންޏެއެވެ.
ސްކޫލުގެ ކަމާބެހޭ އެއްވެސް ފަރާތަކަށް ވެސް އެ ވާހަކަ ނާންގާ ކަމަށް ކުއްޖާގެ ބައްޕަ ތުހުމަތު ކުރެއެވެ.
އޭނާ ކިޔައިދިން ގޮތުގައި، އެ ކުއްޖާގެ އިނގިއްޔަށް ތަދުވެގެން ރޯތީ، އެކަން ކުއްޖާގެ ބައްޕައަށް އެންގީ އެ ކުއްޖާގެ ކްލާސް ޓީޗަރެވެ. އެއާއެކު ވަގުތުން އޭނާ އެ ކުއްޖާ ގެންދިޔައީ އެ ރަށު ސިއްހީ މަރުކަޒަށެވެ.
އެއަށްފަހު މިއަދު މެންދުރުފަހު އިތުރު ފަރުވާދިނުމަށް އެ ކުއްޖާ ވަނީ ތ. ވޭމަންޑުއަށް ގެންގޮސްފައެވެ. އެ ކުއްޖާގެ ބައްޕަ ކިޔައިދިން ގޮތުގައި އެ ތަނަށް ފުލުހުން ވެސް އައިސް ތިއްބެވެ.

އަނިޔާވި ކުއްޖާގެ ބޭސް ސިޓީ --
"ޑޮކްޓަރު މި ބުނަނީ ކުއްޖާގެ އިނގިލި ކްރެކު ވެގެން ކިރިޔާ ބުރި ނުވެޔޭ މި އިނީ" އޭނާ ކިޔައިދިނެވެ.
ވޭމަންޑުއަށް އޭނާ އެނބުރި އައީ މި މައްސަލައިގައި ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީއަށް ބަޔާން ވެސް ދިނުމަށް ފަހުގައެވެ.
އެ މީހުން ރަށަށް އެނބުރި އައިއިރު، ކުއްޖާއަށް އަނިޔާކުރި ޓީޗަރު، ސްކޫލުގެ ފަރާތުން އެ އަތޮޅު އޮމަދުއަށް ފުރުވާލާފައިވާ ކަމަށް އެ ކުއްޖާގެ ބައްޕަ ބުންޏެވެ.
"ބައްޕަ ރަށަށް އައުމުގެ ކުރިއަށް ޓީޗަރު ގެންގޮސް ލަނީ އޮމަދުއަށް ފޮރުވަން. ޕޮލިހުގައި މައްސަލަ އޮއްވައި" އެ ކުއްޖާގެ ބައްޕަ ކިޔައިދިނެވެ.
އޭނާ ބުނީ މި ކަމުގައި ސްކޫލުގެ ފަރާތުން އެއްބާރުލުން ނުދޭ ކަމަށެވެ. އެ ގޮތުން ސްކޫލުގެ ޒިންމާދާރު ވެރިޔަކު، އެ ކުއްޖާ ބަދުނާމުވާ ގޮތަށް ވާހަކަ ދައްކާކަމަށް އޭނާ ތުހުމަތު ކުރެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ މިއަދު ހެނދުނު 10:55ހާއިރު ތ. ކަނޑޫދު ސްކޫލްގެ ދަރިވަރެއްގެ އިނގިލި، އެ ސްކޫލުގެ ބިދޭސީ ޓީޗަރެއް ހިފައި އަނބުރާލައިގެން ހުޅުން ނައްޓުވައިލި މައްސަލައެއްގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އަނިޔާ ލިބުނު ކުއްޖާއަށް ވޭމަންޑޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައިނުވާއިރު، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.