ފިލްމު 'ކަލް ނާޔަކް'ގެ ސީކުއަލްއެއް؟

ފިލްމު "ކަލް ނާޔަކް"ގެ ޕޯސްޓަރެއް--ފޮޓޯ/ޕިންކްވިލާ

އިންޑިއާގެ ތަޖުރިބާކާރު ޑައިރެކްޓަރު ސުބާޝް ގާއި 1994 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ކަލް ނާޔަކް"ގެ ސީކުއަލްއެއް ވަރަށް އަވަހަށް އިއުލާނުކުރަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީގެކުރިން ވެސް މި ފިލްމުގެ ސީކުއަލްއާ ގުޅޭގޮތުން މީޑިއާގައި ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުން އަންނައިރު ދާދިފަހުން ސުބާޝް ގާއީ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ "ކަލް ނާޔަކް 2"ގެ ސްކްރިޕްޓް މިހާރު ނިމިފައިވާ ކަމަށެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ކުޅަދާނަ ޑައިރެކްޓަރު ބުނެފައި ވަނީ މި ސީކުއަލްގެ ސްކްރިޕްޓް އެކުލަވާލުމުގެ މަސައްކަތް ނިންމާލިއިރު ފިލްމުގެ ކާސްޓުންނަށް ގެންނާނެ ތަރިން ވެސް ވަރަށް އަވަހަށް ފައިނަލް ކުރާނެ ކަމަށެވެ.

ފިލްމު "ކަލް ނާޔަކް"ގެ ޑައިރެކްޓަރު ސުބާޝް ގާއީ--ފޮޓޯ/ޕިންކްވިލާ

މީގެކުރިން ފިލްމުފެއާއަށް ދިން އިންޓަވިއުއެއްގައި މި ފިލްމާ ބެހޭގޮތުން އެ ޓީމުގެ މެމްބަރަކު ބުނެފައި ވަނީ ފިލްމު "ކަލް ނާޔަކް"އަކީ ސުބާޝްއަށް ވަރަށް ހާއްސަ ފިލްމެއް ކަމަށެވެ. އެހެންކަމުން މި ފިލްމުގެ ދެވަނަ ބައެއް އުފެއްދުމުގެ ޝައުގުވެރިކަން އަބަދުވެސް ޑައިރެކްޓަރުގެ ހިތުގައި އޮންނަ ކަމަށެވެ.

ބަތަލާ މަދޫރީ ޑިކްސިޓް އަދި ފިލްމީ ތަރިން ކަމަށްވާ ޖެކީ ޝްރޮފް އާއި ސަންޖޭ ދަތު މުހިއްމު ރޯލް ކުޅުނު "ކަލް ނާޔަކް"ގެ ސީކުއަލްއިން މުޅިން އާ ތަރިންތަކެއް ފެންނާނެއިރު ފިލްމު ހާއްސަ ކެމޯ ރޯލްތަކުން މި ތިން ތަރިން ފެންނާނެކަން ފިލްމުފެއާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ސަންޖޭ އާއި ޖެކީ ޝްރޮފް އަދި ބަތަލާ މަދޫރީގެ ފިލްމީ ކެރިއަރު އިތުރު އުސްމިންތަކަކަށް ގެންގޮސްދިން މި ފިލްމަކީ ނުވަދިހައިގެ އަހަރުތަކުގައި ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ.

comment ކޮމެންޓް