ބްރެޒިލްގެ ޤައުމީ ފުޓްބޯޅަ ޓީމަކީ ދުނިޔޭގައި އެންމެ މޮޅު ޓީމުކަމުގައި އެ ޓީމާއި އަލަށް ހަވާލުވި އިޓަލީވިލާތުގެ ތަޖްރިބާކާރު ކޯޗު ކާލޯ އެންޗެލޯޓީ ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ބްރެޒިލް ޤައުމީ ޓީމުގެ އާ ކޯޗުގެ ގޮތުގައި އާންމުކޮށް ތައާރަފުކުރުމަށް ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެންޗެލޯޓީ ބްރެޒިލްގެ ކޯޗުކަމާއި ހަވާލުވެފައިމިވަނީ ސްޕެނިޝް ލަލީގާގެ މި ފަހަރުގެ ސީޒަން ނިމުމާ އެކު އޭނާ ކޯޗު ކޮށްދެމުންދިޔަ ރެއާލް މެޑްރިޑް ދޫކޮށްލުމަށް ފަހުއެވެ.
ބްރެޒިލްގެ ކޯޗުކަމާއި ހަވާލުމަށް ފަހު ވާހަކަދައްކަމުން އެންޗެލޯޓީ ބުނީ، ދުނިޔޭގެ އެންމެ މޮޅު ޓީމުގެ ކޯޗުކަމާއި ހަވާލުވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އަދި އެކަމާ އޭނާ ފަހުރުވެރިވާ ކަމަށެވެ. އެންޗެލޯޓީ ބުނި ގޮތުގައި އޭނާއަށް ކުރިއަށް އޮތް މަސައްކަތް ވަރަށް ބޮޑެވެ.
މި އާ ގޮންޖެހުމާ ކުރިމަތިލުމަށް ކެތް މަދުވެފައިވާ ކަމަށް އޭނާ ބުންޏެވެ. އެންޗެލޯޓީ އިތުރަށް ބުނީ، ބްރެޒިލްއާއި އޭނާއާ އަބަދު ވެސް ޚާއްސަ ގުޅުމެއް އޮންނަ ކަމަށެވެ. އޭނާ މަސައްކަތް ކުރާނީ އަނެއްކާ ވެސް ބްރެޒިލްއަކީ ދުނިޔޭ ޗެމްޕިއަނުންނަށް ހެދުމަށް ކަމަށް ބުންޏެވެ.
ފީފާ ވޯލްޑް ކަޕް ފަސް ފަހަރަށް ކާމިޔާބުކޮށްފައިވާ ބްރެޒިލްގެ އާ ކޯޗުގެ ދަށުން އެ ޓީމު ކުޅޭ ފުރަތަމަ ދެ މެޗަށް ވާނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅޭ ދެ މެޗެވެ. މިގޮތުން ފުރަތަމަ މެޗުގައި ޖޫން މަހުގެ ފަސްވަނަ ދުވަހު ނުކުންނާނީ އެކުއެޑޯއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ފަސް ދުވަސް ފަހުން ބައްދަލުކުރާނީ ޕެރަގުއާއީއާއެވެ. ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގެ ތާވަލަށް ބަލާއިރު ބްރެޒިލް މި ވަގުތު އުޅެނީ ހަތަރުވަނައިގައެވެ. މިހާރު ކޮލިފައިންގައި އެ ޓީމަށް ބާކީ އޮތީ ހަތަރު މެޗެވެ. މި ފަހަރު ވޯލްޑް ކަޕަށް ދެކުނު އެމެރިކާ ސަރަހައްދުން ހަ ޓީމު ކޮލިފައިވާނެއެވެ.
ބްރެޒިލްގެ ކޯޗުކަމުގައި އެންމެ ފަހުން ހުރީ ޑޮރިވާލް ޖުނިއާއެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ މި އަހަރުގެ މާޗު މަހު ވޯލްޑް ކަޕް ކޮލިފައިންގައި ވާދަވެރި އާޖެންޓިނާ އަތުން 4-1ގެ ތަފާތަކުން ބަލިވުމާ ގުޅިގެންނެވެ. ބެލެވިފައިވާގޮތުގައި ބްރެޒިލްގެ ޓީމަށް މައްސަލަތަކާ ކުރިމަތިވާން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލްގައި ކްރެއޭޝިއާއާ ބައްދަލުކޮށް ޕެނަލްޓި ޖަހައިގެން ބަލިވި މެޗަށް ފަހުއެވެ. އޭގެ ފަހުން މިހާތަނަށް ކުޅުނު 14 މެޗުގެ ތެރެއިން ފަސް މެޗުން ވަނީ ބަލިވެފައެވެ. އަދި، ބައިކޮޅަށް 16 ލަނޑު ވަދެފައިވެއެވެ.
ބްރެޒިލްއިން އެންޗެލޯޓީގެ ޚިދުމަތް ހޯދަން އުޅޭތާ މިހާރު ދުވަސް ކޮޅެއް ވެއްޖެއެވެ. މިގޮތުން، މިދިޔަ ސީޒަން ފެށުމުގެ ކުރިން ވެސް އެންޗެލޯޓީ ބްރެޒިލްއަށް ގެންދިއުމަށް މަސައްކަތް ކުރިކަމުގެ އަޑު ދުނިޔޭގެ މީޑިއާގައި ފެތުރުނެވެ. ނަމަވެސް، އޭނާގެ ވިސްނުން އޭރު ހުރީ ރެއާލާ އެކު ކުރިއަށް ދިއުމަށެވެ.
އެންޗެލޯޓީ ފާހަގަކުރެވިފައިވަނީ ކްލަބް ފުޓްބޯޅައިގައި އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައެވެ. މިގޮތުން، ޔޫރަޕްގެ އެންމެ ފާހަގަކޮށްލެވޭ ފަސް ލީގުގެ ލީގު ތަށި ކާމިޔާބުކުރުމުގެ އިތުރުން ކްލަބް ފުޓްބޯޅައިގައި ހޯދޭނެ ހުރިހާ ކާމިޔާބީ އެއް ހާސިލުކޮށްފައެވެ. އަދި، މިހާރު އަމާޒު ހިފާފައިވަނީ ފީފާ ވޯލްޑް ކަޕްގެ ތަށި ބްރެޒިލްއަށް ކާމިޔާބުކޮށްދިނުމަށެވެ.