ވަޒީފާއިން ވަކިކުރުމުގެ ނޯޓިސް ނުދީ ވަޒީފާއިން ކަނޑާލުމުން ނޯޓިސްގެ މުއްދަތަށްވާ 42،000 ޑޮލަރު ހޯދަން ދައުލަތުގެ މަސް ކުންފުނި، މިފްކޯގެ ކުރީގެ ސީއީއޯ ޑރ. ވިޓާލީ ލިއުބިމޮވް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ލިއުބިމޮވް މިފްކޯގެ ސީއީއޯ ކަމާ ހަވާލުވީ މިދިޔަ ޑިސެމްބަރު މަހުގެ 10ގައެވެ.
ވަޒީފާއާ ހަވާލުވިތާ ތިން މަސް ފަހުން ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަަޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިދިޔަ މާރިޗު މަހުގެ ތިން ވަނަ ދުވަހު ބުނީ، މިފްކޯގެ ސީއީއޯގެ އިތުރުން މެނޭޖިން ޑިރެކްޓަރުގެ މަގާމުން އޭނާ ވަކިކޮށްފައިވާ ކަމަށެވެ.
އެއާއެކު ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރި ކަމަށް ބުނެ، މާރިޗު މަހުގެ 17 ވަނަ ދުވަހު އޭނާ ވަނީ މިފްކޯއާ ދެކޮޅަށް ޓްރައިބިއުނަލަށް މައްސަލައެއް ލައިފައެވެ.
އެ މައްސަލައިގައި ބުނެފައިވަނީ އޭނާ ވަޒީފާއިން ވަކިކުރީ އެއްބަސްވުމުގައި ބުނާ ތިން މަސް ދުވަހުގެ ނޯޓިސް ނުދީ ކަމަށެވެ. އެހެންކަމުން އޭނާ ވަނީ އެ ތިން މަހަށްވާ މުސާރަ އޭނާއަށް ހޯދައިދޭން އެދިފައެވެ. އެއީ، ތިން މަހުގެ މުސާރައަށްވާ 42،000 ޑޮލަރު (649،211.33ރ.)އެވެ.
އެ މައްސަލައާ ގުޅިގެން މިފްކޯއިން ވަނީ އެ ވަޒީފާއަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ވަޒީފާއެއްތޯއާއި، އަދި އެ ވަޒީފާއިން ވަކިކުރުމުން އެ މައްސަލަ ބެލުމުގެ އިހްތިސާސް، ވަޒީފާއާ ވެހޭ ޓްރައިބިއުނަލަށް ލިބިގެންވޭތޯ ސުވާލުއުފައްދައިފައެވެ. އަދި، އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން އެ މައްސަލައިގެ ފޯމު ބާތިލުކޮށްދިނުމަށް މިފްކޯއިން ވަނީ އެދިފައެވެ.
ނަމަވެސް، ޓްރައިބިއުނަލުން ވަނީ އެ މައްސަލަ ބަލައިގެންފައެވެ. އަދި، އެ މައްސަލައާމެދު ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް ނިންމައި، އެ މައްސަލައަށް މައުޟޫއީ ގޮތުން ޖަވާބުދާރީވުމަށް މިފްކޯއަށް ވަނީ އަންގައި އަމުރުކޮށްފައެވެ.
މިފްކޯއަށް ލިއުބިމޮވް އައްޔަންކުރީ އެ މަގާމަށް ބޭރުގެ ސީއީއޯއަކު ހޯދަން އިއުލާނުކުރުމަށް ފަހުގައެވެ.
މިފްކޯއަކީ ފައިދާނުވެ، ގެއްލުމުގައި ހިންގާތާ ދިގު މުއްދަތެއްވެފައިވާ ކުންފުންޏެއް ކަމަށްވާއިރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިފްކޯގެ ތެރޭގައި އޮތް ކޮރަޕްޝަން މުލުން ލުހެލާނެ ކަމަށް ވިދާޅުވެފައެވެ. އެ ކުންފުނީގެ ސީއީއޯކަމަށް ބޭރު ބޭފުޅެއް އައްޔަންކުރެއްވީ ވެސް އެ ސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ސީއީއޯގެ މަގާމާ ހަވާލުވުމަށް ފަހު ލިއުބިމޮވް ވަނީ ސިޔާސީ ނުފޫޒު ފޯރުވަން ފުރުސަތު ނުދޭނެ ކަމަށާއި އެފަދަ ނުފޫޒެއް ފޯރުވަން މަސައްކަތް ކުރާ ބަޔެއްގެ ނަން އާންމުކޮށް ހާމަކުރާނެކަމުގެ އިންޒާރު މީގެ ކުރިން ދެއްވައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ފަހުން މި ސަރުކާރުން އުފެއްދި, ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ކުރީގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް ވެސް ވަނީ ނޯޓިސް މުއްދަތުގެ މުސާރަ ހޯއްދަވަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ލައިފައެވެ.