ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ބޭފުޅުން އައްޔަނުކުރަން އޮންލައިންކޮށް ބޭއްވި އިންތިޚާބުން މުހައްމަދު އަޒުމީއާއި، މުހައްމަދު ޝަފީއު ހޮވިއްޖެއެވެ.
އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އެކުލެވިގެން ވަނީ ރައީސަކާއި ނައިބު ރައީސެއްގެ އިތުރުން ހަތް މެންބަރުންގެ މައްޗަށެވެ.
މި ވޯޓު ނަގާފައިވަނީ ބާ ކައުންސިލްގެ ހިނގަމުންދާ ކޮމިޓީގެ ނައިބު ރައީސާއި، ހަތަރު މެންބަރުންގެ ދައުރު ނިމުމަކަށް އަންނާތީއެވެ. އެ މެންބަރުންނަކީ:
- މިޒްނާ އަހުމަދު - ނައިބު ރައީސް
- އަހުމަދު މުއިއްޒު - މެންބަރު
- ދީނާ ހުސައިން - މެންބަރު
- އިބްރާހީމް ޝަމީލް - މެންބަރު
- ސާދިހް ނަސީރު - މެންބަރު
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ދެން ތިއްބަވާ ބޭފުޅުންނަކީ، އެ ކޮމިޓީގެ ރައީސް ހުސައިން ސިރާޖާއި، ތިން މެންބަރުން ކަމަށްވާ އައިޝަތު ޝީނާ މުހައްމަދު، އަހުމަދު ޝިފާއު އަދި އަބްދުލް ސަލާމް އާރިފެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ކުރި އިއުލާނާ އެކު ކުރިމަތިލި ބޭފުޅުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ދެ ކެންޑިޑޭޓުން ހޮވުމަށްޓަކައި އިއްޔެ ވަނީ އޮންލައިންކޮށް އިންތިޚާބު ބާއްވައިފައެވެ.
ބާ ކައުންސިލުން ބުނި ގޮތުގައި މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ 1،078 ގާނޫނީ ވަކީލުންނެވެ.
އަދި، ވޯޓުގެ އަޣުލަބިއްޔަތުން އަޒުމީއާއި ޝަފީއު ވަނީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް އިންތިޚާބުވެފައެވެ. އެ ދެ ބޭފުޅުންނަށް ލިބިފައިވާ ވޯޓުގެ ނަތީޖާއަކީ:
1. މުހައްމަދު އަޒުމީ
- ފެންނަ: 132 ވޯޓު
- ނުފެންނަ: 96 ވޯޓު
- ޖުމުލަ ވޯޓު: 228
- ވޯޓު ނުލާ މީހުންގެ އަދަދު: 850
2. މުހައްމަދު ޝަފީއު
- ފެންނަ: 270 ވޯޓު
- ނުފެންނަ: 39 ވޯޓު
- ޖުމުލަ ވޯޓު: 309
- ވޯޓު ނުލާ މީހުންގެ އަދަދު: 769
ބާ ކައުންސިލުން ބުނީ، އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސްކަމަށާއި ބާކީ ދެ މެންބަރުންގެ މަގާމަށް މެންބަރުން ހޮވުމަށްޓަކައި މިއަދު އިއުލާނުކުރާނެ ކަމަށެވެ. އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވާ އާދިއްތަ ދުވަހުގެ 15:00ގެ ނިޔަލަށް ކަމަށް އެ ކައުންސިލުން ބުންޏެވެ.