ހުޅުމާލެ ހޮސްޕިޓަލުގެ އީއާރަށް އިތުރުކުރި 7 އެނދާ އެކު އަވަސް ފަރުވާ ދިނުމުގެ ދަތިތަކަށް ހައްލެއް

ހުޅުމާލެ ހޮސްޕިޓަލުގެ އީއާރަށް އިތުރުކުރި 7 އެނދު އިތުރުކޮށް ޚިދުމަތް ފުޅާކުރުމަށްފަހު އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު: އެ ހޮސްޕިޓަލުން ބުނީ އަވަސް ފަރުވާ ދިނުމުގެ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް (އީއާރް)އަށް އަލަށް އިތުރުކުރި ހަތް އެނދާ އެކު އަވަސް ފަރުވާ ދިނުމުގެ ދަތިތަކަށް ހައްލެއް ލިބޭނެކަމަށް އެ ހޮސްޕިޓަލުގެ އީއާރް ވޯޑުގެ މެނޭޖަރު ނަފީސާ އަހުމަދު ވިދާޅުވެއްޖެއެވެ.

އެ ހޮސްޕިޓަލްގެ އީއާރްއަށް ހަތް އެނދު އިތުރުކޮށް، އިއްޔެ ވަނީ ބޭނުންކުރަން ފަށައިފައެވެ.

އެކަމާ ގުޅިގެން އީއާރް ވޯޑުގެ މެނޭޖަރު ނަފީސާ ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލުގައި މީގެ ކުރިން ހުރީ ވަރަށް ކުޑަ އީއާރް އެއް ކަމަށާއި، އެއީ ހަތް ބެޑުގެ އީއާރެއް ކަމަށެވެ. ހުޅުމާލޭގެ އާބާދީ އިތުރުވުމާ ގުޅިގެން ބަލިމީހުންނަށް ފަރުވާ ދިނުމުގެ ޑިމާންޑު ވަރަށް ބޮޑަށް އިތުރުވެފައިވާތީ، އެކަށީގެންވާ ފެންވަރަށް ޚިދުމަތް ދިނުމުގައި ދަތިތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

އެއާއެކު އީއާރްގެ ޖާގަ ބޮޑުކޮށް، އިތުރު ހަތް އެނދު ގާއިމުކުރެވުމާ އެކު މިހާރު 14 އެނދުގެ ކެޕޭސިޓީ ހުރުމުން އެއީ ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ތަން ބޮޑުވީމާ އަޅުގަނޑުމެންނަށް ކޭޓާ ކުރެވޭ ވަރު އިތުރުވާނެ. އިމަޖެންސީތަކަށް އަޅުގަނޑުމެންނަށް އެޓެންޑުކުރެވޭ ވަރު އިތުރުވާނެ. އެހެންވީމާ މުޅި އާބާދީއަށް ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ،" ނަފީސާ ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ އީއާރަށް އިތުރުކުރި 7 އެނދު އިތުރުކޮށް ޚިދުމަތް ފުޅާކުރުމަށްފަހު އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު އީއާރް ބައްލަވައިލައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

މިހާރު އެ ހޮސްޕިޓަލުގެ އީއާރްގައި ކްރިޓިކަލް ކެއާ އޭރިއާއަކާއި، އޮބްޒަވޭޝަން އޭރިއާއެއް ހުރިކަން ފާހަގަކުރައްވައި ނަފީސާ ވިދާޅުވީ، މިހާރު އަވަސް ފަރުވާ ދިނުމުގައި އެންމެ ފުރިހަމަ ޚިދުމަތް ބަލިމީހުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

މި ސަރުކާރުގެ "ނިއު ޕޮލިސީ އިނިޝިއޭޓިވް"ގެ ދަށުން ކުރިއަށްގެންދިޔަ، ހުޅުމާލެ ހޮސްޕިޓަލުގެ އީއާރްގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫއު ނިންމައި، އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ތަން ރަސްމީކޮށް ހުޅުވައިދެއްވައިފައެވެ.

އަދި، އެ ވަގުތު ޚިދުމަތް ހޯދަމުންދިޔަ ބަލިމީހުންނާއި، އެ ހޮސްޕިޓަލުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ. ޒަމާނީ މެޑިކަލް އާލާތްތަކާ އެކު ފަރުމާކޮށްފައިވާ މި އިމަޖެންސީ ރޫމުގައި، ކްރިޓިކަލް ބަލިމީހުންނަށް ޚާއްސަ ފަރުވާ ދިނުމަށް ރިސަސިޓޭޝަން ރޫމެއް ވެސް ގާއިމުކޮށްފައިވެއެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ އީއާރަށް އިތުރުކުރި 7 އެނދު އިތުރުކޮށް ޚިދުމަތް ފުޅާކުރުމަށްފަހު އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އަދި، ފުރާނައަށް ނުރައްކާވާ ހާލަތުގައި އަވަސް ފަރުވާދެވޭ އެންމެ ފުރިހަމަ އާލާތްތަކާ އެކު، އެ ރޫމް ތައްޔާރުކޮށްފައިވަނީ ބޮޑެތި އިމަޖެންސީ ހާލަތްތަކަށް ޚާއްސަ އިސްކަމެއް ދީގެން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ، އިމަޖެންސީ ރޫމުގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫއަކީ ސަރުކާރުން ކަނޑައަޅާފައިވާ ސިއްހީ ސިޔާސަތުތަކުގެ ތެރެއިން، ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްގީކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފުރިހަމަ ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ މަޝްރޫއެއް ކަމަށެވެ.

އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި، ހުޅުމާލެ ހޮސްޕިޓަލުގެ ހިންގުން ހަވާލުކޮށްފައިވާ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް