ދިވެހި ހައްޖުވެރިންނަށް ވަރަށް ލުއި، ބޮޑު ފަސޭހައެއް

މައްކާ ރޫޓޫ އިނީޝިއޭޓިވް: މައްކާ ހޮޓަލުން ދިވެހި ހައްޖުވެރިންނަށް ހޫނު މަރުހަބާއެއް ކިޔައިފި -- ފޮޓޯ/ ހައްޖު ކޯޕަރޭޝަން

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން މައްކާއަށް ފުރަތަމަ ދިޔަ މީހުން ކުރަން ޖެހުނީ އެހެން އަހަރުތަކާ ވަރަށް ވެސް ތަފާތު ތަޖުރިބާއެކެވެ. ފަސް ގަޑިއިރެއްހާ ދިގު ފްލައިޓް ދަތުރެއް ކުރުމަށް ފަހު ސައުދީއަށް ގޮސް މީގެ ކުރިން ހައްޖުވެރިން, އިމިގްރޭޝަންގެ ކިޔޫގައި ގިނައިރު ތިބެން ޖެހެއެވެ. ނަމަވެސް މިފަހަރު އެކަމެއް ނެތެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ "މައްކާ ރޫޓް އިނިޝިއޭޓިވް'ގައި މި އަހަރު ރާއްޖެ ހިމަނައި، އެ ކަން އިފްތިތާހުކޮށް ދެއްވައިފައެވެ. މީގެ ސަބަބުން ވަރަށް ވެސް ބޮޑެތި ލުއިތަކެއް މިވަނީ ލިބެން ފަށައިފައެވެ.

ރާއްޖޭން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕް ރޭ ސައުދީއަށް ގޮސްފައިވާއިރު, ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި, ވަގުތުން ހޮޓަލަށް ދެވުނެވެ. ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބުނީ ސީދާ ހޮޓަލުންނެވެ. އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް ވަރަށް ފަސޭހައެވެ.

ދިވެހި ހައްޖުވެރީންނަށް ލުއިކޮށްދިނުމަށްޓަކައި މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާހުކޮށްދެއްވަނީ: ރައީސްގެ ދެކަނބަލުން ވަނީ ހައްޖުވެރިންނާއި ބައްދަލުކުރައްވައިފައި -- ފޮޓޯ/ ރައީސް އޮފީސް

ހަމައެހެންމެ ރާއްޖެއިން ސައުދީއަށް ދިޔަ ހައްޖުވެރިންނަށް ވަނީ ޖިއްދާ އެއާޕޯޓުންނާއި އެ މީހުން ތިބެން ހަމަޖެހިފައިވާ ހޮޓަލުން ވެސް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

އެއާޕޯޓްގެ އިންތިޒާމުތައް ރަނގަޅުވުމުން, އަވަހަށް ހޮޓަލަށް ގޮސް ތައްޔާރުވެލައިގެން އުމްރާގެ އަޅުކަމަށް ދިއުމަށް އެހެން އަހަރުތަކަށް ވުރެން މި އަހަރު ފަސޭހަވެގެން ދިޔައެވެ.

ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު އިއްޔެ ފުރީ 234 މީހުންނާއެކުގައެވެ. މިއަދު ހެނދުނު 08:00ގައި ފުރި ދެވަނަ ފްލައިޓުން 357 މީހުން ވަނީ މައްކާއަށް ގޮސްފައެވެ. މިއަދު ފުރި ހައްޖާޖީން ދަތުރުކުރަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މިއީ އަހަރުތަކެއް ފަހުން މޯލްޑިވިއަންގައި ދިވެހި ހައްޖުވެރީން ދަތުރުކުރާ ފުރަތަމަ ފަހަރެވެ.

އެތައް ދުވަހަކަށް ފަހު ދިވެހި ހައްޖުވެރިން ވަނީ ގައުމީ އެލާއިންގެ ފްލައިޓަކުން ފުރާފައި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މި އަހަރު ހައްޖަށް ދާ ދިވެހީންގެ ފަހު ގުރޫޕް ސައޫދީއަށް ދާން ފުރަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުއެވެ.

މޯލްޑިވްސް ހައްޖު މިޝަނުން ބުނީ ހުރިހާ ދިވެހި ހައްޖާޖީންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

https://sun.mv/206515

ދިވެހި ޙައްޖު ވެރިންނަށް މައްކާ ރޫޓް އިނީޓިއޭޓިވް ހަމަޖެހުމުން ލިބޭ ޚިދުމަތްތައް:

1. ޙައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބޭނެގޮތް މަގުފަހިވެ، ޙައްޖުވެރިންގެ ސިއްޙީ ނިޒާމާއި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުވުން.

2. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި، ޙައްޖުވެރިން ފުރުމަށްދާ ޓާމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ޙައްޖާޖީންގެ ނަމުގައި ފޮށިތައް ރެޖިސްޓާ ކުރެވި، ބޯޑިން ޕާސް ވަގުތުން ލިބުން.

3. މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން އެއާޕޯޓުގައި މިކަމަށް ޚާއްސަކޮށް ކަނޑައަޅާފައިވާ ޓާމިނަލްގެ ޕާސްޕޯޓްސް ޓީމު މެދުވެރިކޮށް، ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން ނިންމާ، ޖިއްދާ އަދި މަދީނާއަށް ދިޔުމަށް ފުރާ ޓާމިނަލްއަށް ވަގުތުން ގޮސް، މަޑުނުކޮށް ބޯޓަށް އެރޭނެ ނިޒާމް ޤާއިމުވުން.

4. މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ސަޢޫދީ ޢަރަބިއްޔާ އެއާޕޯޓުގައި ޙައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓާމިނަލްއަށް އައުމާއެކު، ޙައްޖުވެރިންނަށް ހަމަޖައްސާފައިވާ ހޮޓަލަށް ވަގުތުން ދެވޭނެ އިންތިޒާމް ހަމަޖެހުން.

5. ޙައްޖުވެރިންގެ ފޮށިތައް އެއާޕޯޓުން ލިބެންދެން އެރައިވަލް ޓާމިނަލްގައި ޙައްޖުވެރިން މަޑު ކުރުމަކާ ނުލައި، ފޮށިތައް ޙައްޖުވެރިން ތިބޭ ހޮޓަލަށް މި އިނީޝިއޭޓިވްގެ ދަށުން ސީދާ ރައްދުކޮށްދިނުން.

މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާހު ކުރުމުގެ ތެރެއިން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވާހަކަ ދައްކަވަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މި ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މައްކާ ރޫޓް އިނިޝިއޭޓިވްގައި ބައިވެރިވެވެނީ އެތައް ޝަރުތުތަކެއް ހުރެގެން ކަމަށެވެ. އޭގެ ތެރޭގައި އެތައް ހާސް ފަތުރުވެރިންނެއް އެ ގައުމަކުން ދާ ގައުމުތައް ހިމެނޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ނަމަވެސް މިއީ އެ ހުރިހާ ޝަރުތަކުން އިސްތިސްނާކޮށް، ސައުދީ ސަރުކާރުން ރައީސް މުއިއްޒަށާއި، ރައްޔިތުންނަށް ދެއްވި ޚާއްސަ ހަދިޔާއެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

އިނިޝިއޭޓިވް އިފްތިތާހު ކުރުމުގެ ތެރެއިން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ރައީސް މުއިއްޒު މިއަދު ވިދާޅުވިގޮތުގައި މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުޞަތު މިހާތަނަށް ލިބުނު އަށް ޤަައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ، ވަރަށް ބޮޑު އުފަލެއް، އަދި ޝަރަފެކެވެ.

"ރާއްޖެއިން މި އަހަރު ޙައްޖަށް ދިޔަ ފުރަތަމަ 235 ޙައްޖުވެރީންނަށް ސަޢޫދީ ސަރުކާރުން ވަނީ، ވަރަށް ހޫނު މަރްޙަބާއަކާ އެކު، ވަރަށް ފުރިހަމަ މެހެމާންދާރީއެއް އަދާކުރައްވާފައި. ޙައްޖުވެރީން އެއާޕޯޓުގައި ގިނަވަގުތު މަޑު ކުރަން ނުޖެހި، ދަތުރު ފޮށި ތަންމަތި އަމިއްލައަށް އުފުލަން ނުޖެހި، ބޮޑެތި ލުއިތަކެއް ވަނީ ލިބިފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ الله އިރާދަފުޅުން މި ފަހަރުގެ މުޅި ޙައްޖު ދަތުރުވެސް ދިވެހި ޙައްޖާޖީންނަށް މިފަދަ އެތައް ލުޔެއް ލިބި، ޚިދުމަތުގެ ފެންވަރުވެސް ރަނގަޅު ވާނެ ކަމަށެވެ. އަދި މިއީ ދިވެހި ޙައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށް ވާނެ ކަމަށް ވިދާޅުވިއެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވެކެވެ. މި މަޝްރޫޢުގެ މަޤުޞަދަކީ ޙައްޖުވެރިންނަށް ލުއި ފަސޭހަކޮށް ދިނުމެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހު ފަސްވަަނަ ދުވަހެވެ. ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް މި އަހަރު ވަނީ 1،000 ކޯޓާ ލިބިފައެވެ.

comment ކޮމެންޓް