ދެލޯފުޅު: ކައިވެނީގެ ބައިވެރިޔަކު އިޚުތިޔާރުކުރުން

ދަރިންނަކީ ޒަވާޖީ ޙަޔާތުގެ އުފާވެރިކަމެވެ. ޒަވާޖީ ގުޅުމުގެ ބަގީޗާގައި ފޮޅޭރީތި މާތަކެވެ. މީރު މޭވާތަކެވެ. ދަރިންލިބުމަކީ ޙަޔާތުގެ އެންމެ އުފާވެރި އެއް އިޙުސާސެވެ. ޒަވާޖީ ޙަޔާތުގެ އުފާވެރިކަން ފުރިހަމަވަނީ ހެޔޮލަފާ ސޯލިހު ދަރިންވެސް ތިބެގެންކަމަށް ގިނަބަޔަކު ޤަބޫލްކުރެއެވެ. އެހެންކަމުން ދަރިންނަކީ ފަރުވާތެރިވާން ޖެހޭ އަގުހުރި އަމާނާތެކެވެ. ސުވާލަކީ މައިންބަފައިންގެ ޒިންމާ ފެށޭ ހިސާބަކީ ކޮބައިތޯއެވެ.

އިސްލާމްދީނުގައި ކައިވެނި ޝަރުޢު ކުރުމުގެ ޙިކުމަތްތަކުގެ ތެރޭގައި ނަސަބު އޮޅުމެއްނެތި ނަސްލު ދެމިގެންދާނޭ ވަސީލަތެއް ޤާއިމް ކުރެއްވުމާއި، ދަރިންގެ ޙައްޤުތަށް ރައްކާތެރި ކުރުން ވަކިބަޔަކާ މަތިކުރުން ހިމެނެއެވެ. އެގޮތުން ދަރިންގެ ޙައްޤުތަށް މަތިކުރެވޭ ބަޔަކީ މައިންބަފައިން ދުނިޔޭގައި ތިބިހާ ހިނދަކު އެބައިމީހުންނެވެ.

https://www.sun.mv/202055

ކައިވެންޏަކީ ޢާއިލާގެ ބިންގަލެވެ. ޒަވާޖީ ގުޅުމުގެ ފެށުމެވެ. ކައިވެންޏަކީ އަނބިފިރިކަމުގެ ގުޅުންތަކާއި އަސަރުތައް އުފެދޭގޮތަށް އަންހެނަކާއި ފިރިހެނެއްގެ ދެމެދުގައި ވެވޭ ޝަރުޢީ އަޤުދެކެވެ. ކުޅަދާނަކަން ލިބިގެންވާމީހާ ކައިވެނި ކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ކައިވެނިކުރުމަށް ބާރު އަޅުއްވާފައިވާ އެތައް ބަސްފުޅުތަކެއް އައިސްފައިވެއެވެ. އެގޮތުން ކީރިތި ރަސޫލާ رصول الله صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. (ރިވާ ކުރެއްވީ : މުސްލިމް)" އޭ ޒުވާނުންނޭވެ! ފަހެ، ތިޔަބައިމީހުންގެ ތެރެއިން ކައިވެނި ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހުން ކައިވެނި ކުރާށެވެ. ފަހެ އެއީ، ބެލުންތިރި ކުރެވޭނޭކަމެކެވެ. އަދި (ފާހިޝް ކަންކަމަށް އަރައިނުގަނެ) ޢިތްފަތްތެރި ވެވޭނެވެސް ކަމެކެވެ". މި ބަސްފުޅުންވެސް ފާފާތަކާއި އަޚުލާޤީ ބަލިމަޑުކަމުން މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި ކުޅަދާނަކަން ލިބިގެންވާ ޒުވާނުން ކައިވެނި ކުރުމުގެ މުހިންމުކަން ހާއްމަވެއެވެ.

އިސްލާމްދީނުގައި އަނބިމީހާ އަދި ފިރިމީހާ އިޚްތިޔާރު ކުރުމުގައި ބެލުން މުސްތަޙައްބުވެގެންވާ ސިފަތަކެއް ކަނޑައަޅުއްވާފައިވެއެވެ. މިގޮތުން ފިރިހެނުން އަންހެނަކު އިޚްތިޔާރު ކުރުމުގައި ބެލުން މުސްތަޙައްބު ސިފަތަކުގެ ތެރޭގައި ދީންވެރިކަމާއި، ރީތިކަމާއި، ކިޔަމަންތެރިކަމާއި، އޯގާތެރިކަމާއި، އަމާނާތްތެރިކަމާއި، ޢިއްފަތްތެރިކަމާއި އަދި ގިނައިން ވިހާ އަންހެނަކަށްވުން ހިމެނެއެވެ.

ހަމައެހެންމެ، އަންހެނުން ފިރިމީހަކު އިޚްތިޔާރު ކުރުމުގައި ބެލުން މުސްތަޙައްބު ސިފަތަކުގެ ތެރޭގައި ދީންވެރިކަމާއި، ރީތިކަމާއި، ތަނަވަސްކަމާއި، އަންހެނުންނަށް އޯގާތެރި މީހަކަށްވުމާއި، އަދި ދަރިން ލިބުން މަނާވާފަދަ ކަމެއް ދިމާވެފައި ނުވުން ހިމެނެއެވެ. މި ހުރިހާ ސިފަތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެވިފައިވަނީ ދީންވެރިކަމަށެވެ. މިއީ އުފާވެރި އަދި ހަމަޖެހޭ ޒަވާޖީ ޙަޔާތަކަށް ހަރުދަނާ އަދި ރަނގަޅު ސިފަތަކެއް ދެމަފިރިންގެ ކިބައިގައިވެސް ހުރުން މުހިންމުވާތީއެވެ.

ހެޔޮލަފާ ދަރިފަސްކޮޅެއްގެ ފެށުން އޮންނަނީ ހަރުދަނާ އިސްލާމީ އުޞޫލުތައް ޤަބޫލުކުރާ، ތަންދޮރު ދަންނަ، ހަރުދަނާ އަދި ޢިލްމީ ޢާއިލާތަކުންނެވެ. އިންސާނާގެ ދިރިއުޅުމުގެ ދަތުރުގައި ލިބޭ އެންމެ ބޮޑު އެއް އުފާވެރިކަމަކީ ހެޔޮލަފާ ޞާލިޙު ދަރިންނެވެ. އިސްލާމްދީނުގައި ދަރިން ލިބުމަކީ ކައިވެނީގެ މުހިންމު މަޤްޞަދެއްގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ކައިވެނި ކުރުމަށް އިޚްތިޔާރުކުރާ ފަރާތަކީ ހުލްޤު ހެޔޮ ރަނގަޅު މީހުން ކަމުގައި ވާންޖެހެއެވެ. ކައިވެނީގެ މަތިވެރި މަޤްޞަދުގެ މަތީގައި ދިރިއުޅުން ވޭތުކުރެވޭނީ އޭރުންނެވެ.

އިސްލާމްދީނުގައި ދަރިން މީހުންނާ އިނުމުގައި ރަނގަޅު ޢާއިލާތަކުގެ ކުދިން އިޚްތިޔާރު ކުރުމަށް އިރުޝާދު ދެއްވާފައިވެއެވެ. މިއީ މައިންބަފައިންނާ މަތިކުރެވިފައިވާ ޒިންމާއެކެވެ. ސަބަބަކީ ތިމާމެންގެ ދަރިފަސްކޮޅު ރައްކާތެރިކުރުމާއި ރަނގަޅު ތަރުބިއްޔަތެއް ދެވޭނީ ހަރުދަނާ ސިފަތަކެއް ލިބިފައިވާ އަޚްލާޤު ރަނގަޅު ބަޔަކަށް ވެގެން ކަމުގައި ވާތީއެވެ.

ޙަޔާތުގެ ބައިވެރިއަކު ހޮވަންވާނީ ހަމައެކަނި ބޭރުފުށުގެ ރީތިކަމަށް ބަލައިގެނެއް ނޫނެވެ. އެހެނަސް އެމީހެއްގެ އުޅުމާއި އަޚްލާޤީ ރީތި ސިފަތަކަށާއި، މިޒާޖާއި ޠަބީޢަތުގައިވެސް ރިވެތި ގޮތްތައް ހުރިތޯ ބަލަންވާނެއެވެ. ކައިވެނި ކުރުމަކީ ޙަޔާތުގައި ނެގޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. އެހެންކަމުން، ފިރިފުރާވަރަށް އަރާއިރު ބައިވެރިއަކާއެކު ޙަލާލު ހެޔޮގޮތުގައި ދިރިއުޅުމަށްޓަކައި ތިމާ ހުރިހާ ގޮތަކުން ތައްޔާރުވުމަކީ މުހިންމު ކަމެކެވެ. ތިމާ ރަނގަޅު ބައިވެރިއަކަށް އުންމީދު ކުރާފަދައިން ތިމާއަކީވެސް ރަނގަޅު ބައިވެރިއެއްކަން ސާބިތުކޮށްދެވޭ މިންވަރަށް ތައްޔާރުވާންޖެހެއެވެ.
ކައިވެންޏަކީ މުޤައްދަސް ގުޅުމަކަށްވާއިރު، ކައިވެނީގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި ނިހާއީ ލޯތްބާއި އަޅާލުމާއި ކުލުނު އުފެދެއެވެ. އެކަކު އަނެކެއްގެ ކިބައިން އުފަލާއި އަރާމާއި ހިތްހަމަޖެހުން ލިބިގަނެއެވެ. އަދި ދެމަފިރިން އެކަކު އަނެކަކަށް އަދާކޮށްދޭންޖެހޭ ޙައްޤުތައް އުފެދިގެން އާދެއެވެ. މީގެއިތުރުން، ކައިވެނީގެ ހިޔަލުގައި ލިބޭ ދަރިންގެ ނަސަބު ދެމަފިރިންނާ ގުޅިގެންދެއެވެ. އެހެންކަމުން، މައިންބަފައިންގެ ޒިންމާ ފެށޭ ހިސާބަކީ ކައިވެނި ކުރުމަށް މީހަކު އިޚްތިޔާރު ކުރާ ހިސާބެވެ.

ކައިވެނި ކުރަނީ ޙަޔާތުގެ ބައިވެރިއަކާއެކު ދިރިއުޅުން ހޭދަކުރުމުގެ މާތް މަޤްޞަދުގައެވެ. އެހެންކަމުން، ކައިވެނި ކުރުމުގެ ކުރިން ދެފަރާތުގެ ފުރިހަމަ ރުހުމާއި އެއްބާރުލުން ބޭނުންވާނެއެވެ. އެކަކު އަނެކަކަށް އިޙްތިރާމާއި، އިތުބާރާއި ލޯބި ދެމިގެންދާ ގޮތުގައި ދިރިއުޅުން ބައްޓަންކުރަންވާނެއެވެ. ދުނިޔޭގެ ޙަޔާތުގައި އެކުވެރިކަމާއެކު އެކަކު އަނެކަކަށް އެހީތެރިކަމާއި އެއްބާރުލުން ދޭންވާނެއެވެ. ޙަޔާތުގެ އަނދިރި ދުވަސްތަކުން ކާމިޔާބުކަމާއެކު އަރައިގަނެ ކުރިއަށް ދަތުރުކުރުމުގެ ހިތްވަރާއެކު، އެކުގައި އުފަލުގައި ޙަޔާތް ވޭތުކުރުމުގެ ވގެ ވަރުގަދަ ޢަޒުމުގައި ކުރިއަށް ދާންވާނެއެވެ.
ތިމާއަށް ލިބޭ ދަރިންގެ މަންމަ ނުވަތަ ބައްޕައަށް އެމީހަކު ކުފޫ ހަމަވާފަދަ ހަރުދަނާ ސިފަތައް ތިމާވެސް ލިބިގަންނަން މަސައްކަތްކުރަންވާނެއެވެ. އަދި ތިމާ އިޚްތިޔާރުކުރާ ބައިވެރިއަކީވެސް އެފަދަ މީހެއްތޯ ބަލަންވާނެއެވެ. އެމީހަކީ ދުނިޔޭގެ ޙަޔާތްވެސް ބާއްޖަވެރިވާފަދަ އަދި އާޚިރަތަށްވެސް މަގުކޮށައިދޭފަދަ އޯގާތެރި ކުލުވެރި ބައިވެރިއެއްތޯ ބަލަންވާނެއެވެ. ތިމާވެސް ބައިވެރިޔާއަށްޓަކައި އެފަދަ މީހަކަށް ވާން މަސައްކަތްކުރަންވާނެއެވެ. މިއީ ތިމާގެ ދެލޯފުޅަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ.

comment ކޮމެންޓް