ވަޓްސްއެޕްގެ އައިޕެޑަށް ޚާއްސަ އެޕް ނެރެފި

ގިނަދުވަސްތަކެއް ވަންދެން އިންތިޒާރުކުރި ވަޓްސްއެޕްގެ އައިޕެޑް އެޕް ރަސްމީކޮށް ނެރެފިއެވެ.

އައިޕެޑަށް ޚާއްސަ ވަޓްސްއެޕް އެޕް ރަސްމީކޮށް ނެރެފިކަން މެޓާއިން އިއުލާނުކުރީ އަންގާރަ ދުވަހެވެ. މި އާ އެޕް މެދުވެރިކޮށް، 32 މީހުންނާ ހަމައަށް ވީޑިއޯ އަދި އޯޑިއޯ ކޯލް ކުރެވޭނެއެވެ.

މީގެ އިތުރުން، ސްކްރީން ޝެއާކުރުމާއި، ކުރިމައްޗާއި ފަހަތު ކެމެރާ ބޭނުންކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ. މީގެ ކުރިން އައިޕެޑްގައި ވަޓްސްއެޕް ބޭނުންކުރަން ޖެހުނީ ބްރައުޒާއެއް މެދުވެރިކޮށް ވެބް ވާޝަންއަށެވެ.

މެޓާއިން ބުނާގޮތުގައި، އައިޕެޑްއޯއެސްގެ މަލްޓިޓާސްކިން ފީޗާތަކުގެ ފައިދާ، މިސާލަކަށް ސްޓޭޖް މެނޭޖާ، ސްޕްލިޓް ވިއު، އަދި ސްލައިޑް އޯވާ ފަދަ ފީޗާތައް ބޭނުންކުރެވޭނެއެވެ.

މި ފީޗާތަކުގެ ސަބަބުން، އެއްފަހަރާ ގިނަ އެޕްތައް ބަލައި، ވެބް ބްރައުޒްކުރަމުން މެސެޖް ފޮނުވުން، ނުވަތަ ގްރޫޕް ކޯލެއްގައި ތިބެ ގްރޫޕް ދަތުރަކަށް މައުލޫމާތު ހޯދުން ފަދަ ކަންކަން ކުރެވޭނެއެވެ. މޯބައިލްގައި މިފަދަ ކަމެއް ކުރަންޖެހިއްޖެނަމަ ވަޓްސްއެޕުން ނުކުންނަން ޖެހެއެވެ.

މީގެ އިތުރުން، އާ އައިޕެޑް އެޕް މެޖިކް ކީބޯޑާއި އެޕަލް ޕެންސިލާ އެކު ވެސް މަސައްކަތްކުރާނެ ކަމަށް ވަޓްސްއެޕުން ބުނެއެވެ.

މި އާ އެޕާ އެކު، އައިފޯން، މެކް، އަދި އެހެނިހެން ޑިވައިސްތަކާ އެކު ހުރިހާ އެއްޗެއް ސިންކްކޮށް ބެލެހެއްޓޭނެއެވެ. ޒާތީ މެސެޖުތަކާއި، ކޯލްތަކާއި، މީޑިއާގެ އެހެނިހެން ޒާތީ މައުލޫމާތުތައް، ވަޓްސްއެޕްގެ އެންޑް-ޓު-އެންޑް އެންކްރިޕްޝަނުން ރައްކާތެރިކުރެވިފައި ހުންނާނެއެވެ.

އައިޕެޑަށް ޚާއްސަ އެޕެއް ނެރުމަކީ މުޅިން ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ، މެޓާގެ ވަޓްސްއެޕް އެކްސް އެކައުންޓުން އިއްޔެ ވަނީ މިކަމުގެ އިޝާރާތެއް ކޮށްފައެވެ. އަދި، މެޓާގެ އެހެން އެޕެއް ކަމަށްވާ އިންސްޓަގްރާމުން ވެސް އައިޕެޑް އެޕެއް ތައްޔާރުކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވަޓްސްއެޕްގެ އައިޕެޑަށް ޚާއްސަކޮށްފައިވާ މި އެޕް މިހާރު އެޕް ސްޓޯރުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

comment ކޮމެންޓް