'ގުޅިފަޅަށް 90 ގޯތި އިތުރުވީ ކޮރަޕްޝަންގެ ތެރެއިން'

ގުޅިފަޅުގެ ހިއްކައިފައިވާ ސަރަހައްދު: ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އިތުރުވި 90 ގޯއްޗަކީ ކޮރަޕްޝަނުގެ ތެރެއިން އިތުރުވި 90 ގޯތިކަމަށް ގާނޫނީ ވަކީލު ޝަހީމް އަޙްމަދު ވިދާޅުވެއްޖެ -- ފޮޓޯ/ މިނިސްޓަރު މުއްތަލިބު

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އިތުރުވި 90 ގޯއްޗަކީ ކޮރަޕްޝަނުގެ ތެރެއިން އިތުރުވި 90 ގޯތިކަމަށް ގާނޫނީ ވަކީލު ޝަހީމް އަޙްމަދު ރޭ ވިދާޅުވެއްޖެއެވެ.

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އެންމެ ފަހުން ގެނައި ބަދަލާ އެކު 90 ގޯއްޗެއް އިތުރުވެފައިވާތީ ބައެއް ފަރާތްތަކުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެސްއެސް ޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި ވާހަކަދައްކަމުން ގާނޫނީ ވަކީލު ޝަހީމް އަޙުމަދު ވިދާޅުވީ، އިތުރުވި 90 ގޯއްޗަކީ ކޮރަޕްޝަނުގެ ތެރެއިން އިތުރުވެފައިވާ އެއްޗެއް ކަމަށެވެ. އޭނާ ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭން ނެރެ ގޯތި ލިބޭ މީހުން ކަނޑައެޅުމަށް ފަހު ދެން އައި ބަދަލަކީ ގިރާވަރު ފަޅުން ގުޅިފަޅަށް ބަދަލުވި ރައްޔިތުން ކަމަށެވެ.

އޭގެ ފަހުން، އިތުރު ބަދަލެއް އައިސްފައިވާކަން އެނގެން ނެތް ކަމަށާއި އެ ދެބައި މީހުން އެއްކޮށްލުމުން ދޫކޮށްފައިވާ ގޯތީގެ އަދަދު އެނގޭކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި، އެ އަދަދުތައް ސާފުވާއިރު އޭގެ ތެރެއަށް 90 ގޯއްޗެއް އިތުރުވުމުން ޝައްކެއް ނެތި އެއީ ކޮރަޕްޝަނުގެ އަމަލެއްކަން އެނގޭކަމަށް ވެސް އޭނާ ވަނީ ތުހުމަތުކުރައްވައިފައެވެ.

https://www.sun.mv/206299

"ކޮންމެ ވެސް ގޮތަކުން ވަދެފައި ތިބި ބައެއް އެއީ [އިތުރުވި ގޯތިތައް]. އެ މީހުން ވެއްދޭނީ ސަރުކާރަށް. އެހެން އެއްވެސް ބަޔަކަށް އެކަމުގެ ބާރެއް ނޯންނާނެ. މިކަން އަޅުގަނޑު ފާހަގަކުރާނަން. ކޮރަޕްޝަން އޭގެ ތެރޭގައި ހިމެނިގެން ހިނގާފައި އޮތް ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ގާނޫނީ ވަކީލު ޝަހީމް އަޙްމަދު ވިދާޅުވިއެވެ.

އެ ޕްރޮގްރާމުގައި ވާހަކަދައްކަމުން ގޯތި ކަށަވަރު މޫވްމެންޓްގެ ފައުންޑަރު ސާދުނާ މުޙައްމަދު ވިދާޅުވީ، ގުޅިފަޅަށް އިތުރުވެފައިވާ 90 ގޯއްޗަކީ ކިހިނެއް އަދި ކޮން ގޮތަކުން އިތުރުވެފައިވާ ގޯތިތަކެއްކަން މިހާތަނަށް އެނގިފައިނުވާ ކަމަށެވެ.

ސާދުނާ ވިދާޅުވީ، ރައްޔިތުންނަށް ކަށަވަރުވީ ހަމައެކަނި ގޯތިތަކެއް އިތުރުވިކަން ކަމަށެވެ. އެ ކަން ވެސް ކަށަވަރުވީ އެ ގޯތިތައް ކޯޓު މަރުހަލާގައި އޮތްކަމަށް ހޯމް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވުމުން ކަމަށް ސާދުނާ ވިދާޅުވިއެވެ.

"އެ ގޯތިތަކަކީ ކިހިނެއް އައިސްފައި އޮތް ގޯތިތަކެއް ކަމެއް ސާފުކޮށެއްނުދެއްވާ ރައްޔިތުންނަކަށް. އެހެންވީމާ މި ކޯޓު މަރުހަލާއަށް ދާންޖެހުނީ ކިހިނެއް ކަމެއް ވެސް ސާފުކޮށެއްނުދޭ. މި ކަން ވެސް މިހެން އޮއްވާ ރައްޔިތުންގެ އިތުރުު ކަންބޮޑުވުމެއް މި އޮންނަނީ ކަންބޮޑުވުމުގެ މައްޗަށް ކަންބޮޑުވުން މި އަންނަނީ،" ގޯތި ކަށަވަރު މޫވްމެންޓްގެ ފައުންޑަރު ސާދުނާ މުޙައްމަދު ވިދާޅުވިއެވެ.

ސާދުނާ ވަނީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން ނެރެފައިވަނީ މަޝްވަރާކޮށްގެން ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި ނަމަވެސް އެކަން ކޮށްފައިނުވާ ކަމަށް ޔޫނިއަންތަކުން ތަކުރާރުކޮށް ބުނަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި، މިނިސްޓަރުންގެ ފަރާތުން މިފަދަ ކަންކަން ފެނުމަކީ ރައްޔިތުން ނާއުންމީދުވެ މިނިސްޓަރުންނާމެދު އޮންނަ އިތުބާރު ގެއްލޭނެ ކަމެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

https://www.sun.mv/206141

ގުޅިފަޅުން ގޯތި ހަވާލުކުރުން އަވަސްކުރުމަށް، އެ ސަރަހައްދުގެ ލޭންޑް ޔޫޒް ޕްލޭންއަށް ބޮޑު ބަދަލުތަކެއް މި ފަހުން ސަރުކާރުން ވަނީ ގެނެސްފައެވެ.

ގުޅިފަޅުގެ ބިން ހިއްކުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ފެށި ނަމަވެސް، 150 ހެކްޓަރުގެ ބިން ހިއްކައި ނިމުނީ މި ސަރުކާރުގައި މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އޭގެ ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކާނެކަން މީގެ ކުރިން އިއުލާންކުރައްވައިފައެވެ.

comment ކޮމެންޓް