ކަނޑޫދޫ ސުކޫލު ދަރިވަރެއްގެ އިނގިލި ހުޅުން ނައްޓައިލުން: ތުހުމަތުވާ ޓީޗަރު ހައްޔަރުކޮށްފި

ކަނޑޫދޫ ސުކޫލު ދަރިވަރެއްގެ އިނގިލި ހުޅުން ނައްޓައިލުން: ތުހުމަތުވާ ޓީޗަރު ހައްޔަރުކޮށްފި --

މިދިޔަ ހޯމަ ދުވަހު ތ. ކަނޑޫދޫ ސުކޫލުގައި ކިޔަވާ 11 އަހަރުގެ ދަރިވަރެއްގެ އިނގިލި އަނބުރާލައި، ހުޅުން ނައްޓާލި ކަމަށް ތުހުމަތުވާ އިންޑިއާ ޓީޗަރު އިއްޔެ ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އިއްޔެ ހެނދުނު އެ ޓީޗަރު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

"ސަން"އަށް މައުލޫމާތު ދެމުން އެ ކުއްޖާގެ ބައްޕަ ކުރިން ބުނީ، ހޯމަ ދުވަހު ހެނދުނު، ސްކޫލުގެ އިންޓަވަލް ގަޑީގައި އެ ކުއްޖާ ގެންގުޅުނު ފެންފުޅިން އެ ޓީޗަރުގެ ގައިގައި ޖެހުނު ކަމަށެވެ.

އެއާއެކު އެ ޓީޗަރު އައިސް އެ ކުއްޖާގެ އިނގިލީގައި ހިފައި ބާރަށް އަނބުރައިލީ ކަމަށް އޭނާ ކިޔައިދިނެވެ. ކުއްޖާގެ އިނގިލި ހުޅުން ނެއްޓުނީ ޓީޗަރު ވަރަށް ބާރަށް އިނގިލި އަނބުރައިލުމުން ކަމަށާއި ހަމަ އެ ވަގުތު ޓީޗަރު އެ ކުއްޖާގެ އިނގިލީ ހުޅު އަޅުވައިދިން ނަމަވެސް، އޭގެ ފަހުން އަޅައި ނުލާކަމަށް ކުއްޖާގެ ބައްޕަ ބުންޏެއެވެ.

އަނިޔާވި ކުއްޖާގެ ބޭސް ސިޓީ ---

ސްކޫލުގެ ކަމާބެހޭ އެއްވެސް ފަރާތަކަށް ވެސް އެ ވާހަކަ ނާންގާ ކަމަށް ކުއްޖާގެ ބައްޕަ ތުހުމަތު ކުރެއެވެ.

އޭނާ ކިޔައިދިން ގޮތުގައި، އެ ކުއްޖާގެ އިނގިއްޔަށް ތަދުވެގެން ރޯތީ، އެކަން ކުއްޖާގެ ބައްޕައަށް އެންގީ އެ ކުއްޖާގެ ކްލާސް ޓީޗަރެވެ. އެއާއެކު ވަގުތުން އޭނާ އެ ކުއްޖާ ގެންދިޔައީ އެ ރަށު ސިއްހީ މަރުކަޒަށެވެ. އަދި އެ ދުވަހު މެންދުރުފަހު އިތުރު ފަރުވާދިނުމަށް އެ ކުއްޖާ ވަނީ ތ. ވޭމަންޑުއަށް ގެންގޮސްފައެވެ. އެ ކުއްޖާގެ ބައްޕަ ކިޔައިދިން ގޮތުގައި އެ ތަނަށް ފުލުހުން ވެސް އައިސް ތިއްބެވެ.

https://sun.mv/206534

އެ މީހުން ރަށަށް އެނބުރި އައިއިރު، ކުއްޖާއަށް އަނިޔާކުރި ޓީޗަރު، ސްކޫލުގެ ފަރާތުން އެ އަތޮޅު އޮމަދުއަށް ފުރުވާލާފައިވާ ކަމަށް އެ ކުއްޖާގެ ބައްޕަ ބުންޏެވެ.

ނަމަވެސް، ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން ވިދާޅުވީ، އެ ހާދިސާއެއް ހިނގުމަ ގުޅިގެން އެ ދުވަހު އެ ޓީޗަރު އެއަތޮޅު އޮމަދުއަށް ދިޔަ ކަމަށެވެ. އަދި ހަމަ އެ ދުވަހު ފުލުހުން އޭނާ ތ. ވޭމަންޑޫއަށް ގެނެސްފައިވާ ކަމަށް ރީހާން ވިދާޅުވިއެވެ.

ހާދިސާ ހިނގި ދުވަހު ފުލުހުން ބުނީ، އެ ދުވަހު ހެނދުނު 10:55ހާއިރު ތ. ކަނޑޫދު ސްކޫލްގެ ދަރިވަރެއްގެ އިނގިލި، އެ ސްކޫލުގެ ބިދޭސީ ޓީޗަރެއް ހިފައި އަނބުރާލައިގެން ހުޅުން ނައްޓުވައިލި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އެކުއްޖާއަށް ވޭމަންޑޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް