ހިޔާ ޓަވަރު ދޭއްގައި ހަރުކުރި އައު ލިފްޓުތައް ޓެސްޓުކޮށް، މިދިޔަ ހޯމަ ދުވަހު ބޭނުންކުރަން ފަށައިފިއެވެ.
ހިޔާ ޓަވަރު އެކަކާއި ދޭއްގެ އިތުރުން ތިނެއްގައި އައު ލިފްޓުތައް ހަރުކޮށް، ޓެސްޓުކުރަން ފެށީ މިދިޔަ އޭޕްރިލް ހަތެއްގައެވެ.
ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މީޑިއާ އޮފިޝަލަކު 'ސަން'އަށް ވިދާޅުވީ، ލިފްޓުތައް ޓެސްޓުކޮށް، ނިމި ބޭނުންކުރަން ފެށީ ޓަވަރު ދޭއްގައި ކަމަށެވެ.
އެހެން ޓަވަރުތަކުގައި ވެސް އައު ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި އޮފިޝަލް ވިދާޅުވީ، ދެން އެންމެ އަވަހަށް އައު ލިފްޓުތައް ބޭނުންކުރަން ފަށާނީ ޓަވަރު އެކެއްގައި ކަމަށެވެ.
ނަމަވެސް، އެކި ޓަވަރުތަކުގައި ލިފްޓުގެ މަސައްކަތް ކުރިއަށް ދަނީ އެކި މަރުހަލާތަކުގައި ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
ހިޔާގެ ޓަވަރުތަކުގައި އަލަށް ހަރުކުރާ ލިފްޓުތަކަކީ އެއްފަހަރާ 21 މީހުންނަށް އެރޭ ސްޓްރެޗާ އުފުލޭ ވަރުގެ ލިފްޓުތަކެކެވެ.
ކޮންމެ ހިޔާ ޓަވަރެއްގައި އިތުރު ދެ ލިފްޓު ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޭޕްރީލް މަހުގެ 18ގައެވެ. އެގޮތުން، އެމަޝްރޫއުގެ ދަށުން ހަރުކުރާ 32 ލިފްޓު ގަތުމަށް 18 މިލިއަން ޑޮލަރު ހޭދަވި ކަމަށް އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވަނީ ވިދާޅުވެފައެވެ.
އެޗްޑީސީން ބުނީ، 15 މީހުންގެ ޖާގައިގެ މި ލިފްޓުތަކުގެ ޖާގަ ތަނަވަސްވާނެ ކަމަށެވެ. އެ ގޮތުން، މި ލިފްޓުތަކުގައި ބަލި މީހުންގެ ސްޓްރެޗާ އެރުވޭނެ ޖާގަ ވެސް ލިބޭނެ ކަމަށް ބުނެފައިވެއެވެ.
އެޗްޑީސީން ބުނީ، އަލަށް ބަހައްޓާ ލިފްޓުތަކުގެ ފްލޯ ނަންބަރުތައް ބްރެއިލްއިން އެންގްރޭވް ކޮށްފައި ހުންނާނެ ކަމަށެވެ. އެއީ ލޮލަށް ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ވެސް އިތުރު ފަރާތެއްގެ އެހީތެރިކަމާ ނުލައި، ފަސޭހަ ކަމާއެކު ބޭނުން ކުރެވޭނެ ލިފްޓުތަކަށް ވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ހިޔާ ފުލެޓުތަކަށް އިތުރު ލިފްޓު ހަރުކުރަން ފެބްރުއަރީ 2024ގައި ހަވާލުކުރީ ޗަައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާއެވެ.