ޣައްޒާގެ އާންމުން ނުމަރަން، ބަނޑަކަށް ވެސް ނުޖައްސަން: ނަތަންޔާހޫ

ނަތަންޔާހޫ

ޣައްޒާ (28 މެއި 2025): ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސާ ކަމަށް ބުނެ ދުނިޔޭގައި ޚަބަރުތައް ފަތުރަނީ އިސްރާއީލާއި ޔަހޫދީން ދެކެ ނަފުރަތު އުފެއްދުމުގެ ބޭނުމުގައި ކަަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންހާޔޫ ބުނެފިއެވެ.

އިސްރާއީލުގެ ކެބިނެޓްގައި ހިމެނޭ ކުޑަ ކޮމިޓީއެއްގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނީ ޣައްޒާގެ ރައްޔިތުން ތިބީ ހައިހޫނުކަމުގައި ކަމަށް ބުނެ އދ. އާއި އިންސާނީ އެހީއަށް މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކުން ދައްކަނީ ފުލޯކު ވާހަކަ ކަމަށެވެ. އަދި މެއިން ސްޓްރީމް މީޑީއާއާއި ސޯޝަލް މީޑީއާގެ ޕްލެޓްފޯމްތަކުގައިވެސް މި ވާހަކަ ދައްކަނީ އަސާސެއްނެތި ކަމަށެވެ. އެއީ އެންޓި ސެމިޓިޒަމް ނޫނީ އިސްރާއީލާއި ޔަހޫދީން ދެކެ ނަފުރަތު އުފެއްދުންކަމަށް ނަތަންޔާހޫ ސިފަކުރިއެވެ. ނަތަންޔާހޫ ބުނިގޮތުގައި ޣައްޒާގެ ރައްޔިތުންގެ ހަށިތަކުގައި ހައިހޫނު ކަމުގެ އަސަރެއްވެސް ނެތެވެ.

އެކަން ބެލީ ޣައްޒާއިން އެތައް ބަޔަކު ހައްޔަރުކޮށް އެމީހުން ބަރަހަނާކޮށްގެން ކަމަށް ނަތަންހާޔޫ ބުންޏެވެ. ނަތަންޔާހޫ އަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި ޓައިރަންޓް ގެ ގޮތުގައި މިހާރު ސިފަކުރެވޭ ފަރާތެވެ.

އިސްރާއީލުން ޣައްޒާގެ އާންމުން ބަނޑަށް ޖައްސަނީ

ނަތަންޔަހޫ ބުނިގޮތުގައި ޣައްޒާގެ ރައްޔިތުން ބަނޑަށް ނުޖެހޭކަން ކަށަވަރު ކުރީ ޣައްޒާގެ ބަޔަކު ހައްޔަރުކޮށް އެމީހުންގެ ހަށިތައްވަނީ ހައިހޫނު ކަމުގެ ސަބަބުން އަނަރޫފަވެފައިވާ ބަލައިގެންނެވެ. އެކަން ބެލީ އިސްރާއީލު ސިފައިންގެ ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި އެ މީހުންގެ އެތައް ބަޔަކު ބަރަހަނާކޮށްގެން ކަމަށްވެސް، ހަނގުރާމައިގެ ޖަރީމާ ހިންގާ ކަމުގެ ކުށުގައި ބައިނަލްއަގްވާމީ އަދާލަތަށް ބޭނުންވެފައިވާ ނަތަންޔާހޫ ބުންޏެވެ.

ނަތަންޔާހޫ ބުނިގޮތުގައި އިސްރާއީލުން ޣައްޒާގެ އާންމުންނަށް ވެސް ހަމަލާއެއް ނުދެއެވެ. އަދި ޣައްޒާގެ އާންމުންގެ ގެދޮރަށާއި އާންމު ތަންތަނަށްވެސް ބޮމެއް ނާޅައެވެ. ޣައްޒާގައި އިސްރާއީލުން މަރަނީ ހަމާސް ޖަމާއަތުގެ މީހުންނެވެ. އަދި ބޮންއަޅަނީވެސް ހަމާސްގެ އަސްކަރީ މަރުކަޒުތަކަށް ކަމަށް ނަތަންޔާހޫ ބުންޏެވެ.

"އިސްރާއީލު ސިފައިން ޣައްޒާގެ އާންމުންނަށް ހަމަލާ ނުދޭ، އަދި އާންމުން ނުމަރާ" ނަތަންޔާހޫ ބުންޏެވެ. މިއީ މިގޮތަށް ނަތަންޔާހޫ ވާހަކަ ދެއްކި ފުރަތަމަ ފަހަރެއްނޫނެވެ. މީގެ ކުރިން ވެސް އެތައް ފަހަރަކު ނަތަންޔާހޫ ވަނީ މިމޭރުމުން ވާހަކަ ދައްކާފައެވެ.

ނަމަވެސް މިދިޔަ ހަފުތާގައި ނަތަންޔާހޫ ވަނީ އިސްރާއީލުން ޣައްޒާގެ އާންމުންނަށް ހަމަލާދެނީ ޣައްޒާ ދޫކޮށް ބޭރުގެ ގައުމަކަށް ދިޔުމަށް އެމީހުންނަށް މަޖުބޫރު ކުރުމުގެ ބޭނުމުގައި ކަމަށް ބުނެ މި ވާހަކަތަކާ މުޅިން ޚިލާފު ވާހަކަތަކެއް ދައްކައިފައެވެ.

އިސްރާއީލުން ޣައްޒާގެ އާންމުން ޝަހީދުކޮށްލާފައި

ނަތަންޔާހޫ މިދިޔަ ހަފުތާގައި ބުނެފައިވާ ގޮތުގައި ޣައްޒާގެ ހޮސްޕިޓަލްތަކާއި މަދަނީ މުއައްސަސާތަކަށް ހަމަލާދެނީ އަދި ޣައްޒާއަށް ކާބޯތަކެތި ވެއްދުން ހުއްޓުވާފައިވަނީ ޣައްޒާއަކީ އިންސާނުންނަށް ދިރިނޫޅެވޭނެ ތަނަކަށް ހެދުމުގެ ބޭނުމުގައެވެ. އަދި އެކަންކަން އިސްރާއީލުން ކުރަނީ ޣައްޒާގައި ދިރިއުޅުމަކީ ފުރާނަ ސަލާމަތްނުވާނެ ކަމެއްކަން ޣައްޒާގެ ރައްޔިތުންނަށް އަންގައި ދިނުމުގެ ބޭނުމުގައި ކަމަށްވެސް ބައިނަލްއަގްވާމީ އަދާލަތަށް ބޭނުންވެފައިވާ ނަތަންޔާހޫ ބުނެފައިވެއެވެ.

އިސްރާއީލުގެ ބައެއް ސިފައިން ދާދިފަހުންވަނީ އެމީހުން މަޖާކޮށްލުމަށްވެސް ޣައްޒާގެ ކުޑަކުދިންގެ ގަޔަށް ބަޑިޖަހައި މަރާކަމަށް ބުނެ ބަޔާންތައް ދީފައެވެ.

ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުން ވަނީ އިސްރާއީލުން ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ކަމަށް ތުހުމަތުކޮށް އެމައްސަލާގައި ޖަވާބުދާރީ ވުމަށް އިސްރާއީލަށް މުއްދަތެއް ދީފައެވެ. މީގެއިތުރުން އިސްރާއީލުގެ ބޮޑުވަޒީރާއި ދިފާއީ ވަޒީރު ހައްޔަރުކޮށްގެން ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއްވެސް މިދިޔަ އަހަރު ބައިނަލްއަގްވާމީ ޖިނާއީ ކޯޓުންވަނީ ނެރެފައެވެ.

އިސްރާއީލުންވަނީ ޣައްޒާގެ އާންމުންގެ 60 ހާހަށް ވުރެ ގިނަ މީހުން ޝަހީދުކޮށް ދޮޅު ލައްކައަށް ވުރެގިނަމީހުން ޒަޚަމްކޮށްލައި ޣައްޒާގެ 500 އަށް ވުރެ ގިނަ އާއިލާތައް އެއްކޮށް ނައްތާލައި ވުޖޫދުން ފުހެލާފައެވެ. އަދި 80 ހާހަށް ވުރެ ގިނަ ކުޑަކުދިންގެ މައިން ބަފައިން ޝަހީދުކޮށްލައި އެތުއްތު ކުދިން ޔަތީމް ކޮށްލާފައެވެ. މީގެއިތުރުން އިސްރާއީލުވަނީ ޣައްޒާގެ 90 އިންސައްތަ ސްކޫލާއި 95 އިންސައްތަ ހޮސްޕިޓަލަށް ބޮންއަޅައި އެތަންތަން ބިމާ ހަމަކޮށްލާފައެވެ.

އިސްރާއީލުން ޣައްޒާގައި މިހާރު ހިންގަނީ ހިޓްލަރުގެ ވެރިކަމުގައި ނާޒީ ޖަރުމަނުން ހިންގި ބާވަތުގެ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއްކަމަށް ޔޫރަޕްގެ އާންމުންގެ ގިނަ ބަޔަކު ވެސް ދެކޭކަން ޔޫރަޕްގެ އެތައް ގައުމެއްގައި ނެގި ޚިޔާލު ހޯދުމުގެ ސާވޭތަކުންވަނީ ހާމަވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު