ސްކޫލުތަކުން ބެސްޓް ހިއުމަން ރައިޓްސް ކުލަބާއި ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް އެވޯޑަށް ކުރިމަތިލާން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން މިއަދު ހުޅުވާލާއިފިއެވެ.
ސްކޫލުތަކުގައި ހިންގާ ހިއުމަން ރައިޓްސް ކްލަބްތަކަކީ، ސްކޫލްތަކުގެ ދަރިވަރުން އިންސާނީ ހައްގަށް އަހުލުވެރިކުރުވައި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ އަމަލީ މަސައްކަތުގައި އުޅުމަށް ބާރުއަޅުވައި، އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރާ ސަގާފަތެއް މުޖުތަމައުގައި އުފެއްދުމުގެ މަގުސަދުގައި ހިންގާ ކްލަބްތަކެވެ.
އެ ކްލަބުތައް ތައާރަފުކުރީ އެޗްއާރުސީއެމާއި، ޔުނިސެފައި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެންނެވެ.
ކޮންމެ އަހަރަކު މި ދެ އެވޯޑު ދެނީ، ކުރިމަތިލާ މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ހާސިލުކޮށް، އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކުލަބަށާއި ހިއުމަން ރައިޓްސް ކުލަބުގެ ދަރިވަރަކަށެވެ.
އެ ކްލަބްތަކުން 'ބެސްޓް ކްލަބް'އާއި ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް ނުވަތަ އަހަރުގެ އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބް ދަރިވަރުގެ އެވޯޑް ދެނީ، އިންސާނީ ހައްގުތަކަށް ސުކޫލުތަކުގެ ދަރިވަރުން އަހުލުވެރި ކުރުވައި، މުސްތަގުބަލުގައި އިންސާނީ ހައްގުތައް ދިފާއުކުރާ ބަޔެއްގެ ގޮތުގައި މަސައްކަތްކުރާނެ ދަރިވަރުންތަކެއް އުފެއްދުމަށް ބާރު އެޅުން ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
މި އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. އެވޯޑުތަކަށް ހޮވުމުގައި ބަލާނެ މިންގަނޑުތަކާއި އެޕްލިކޭޝަން ފޯމުތައް ވެބްސައިޓު މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
އެޗްއާރުސީއެމުން 2022-2023ގެ އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބް ސުކޫލްގެ އެވޯޑު ދީފައިވަނީ އައްޑޫ ހައި ސްކޫލުގެ ކްލަބަށެވެ. އަދި އަހަރުގެ އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބް ދަރިވަރަކަށް ހޮވުނީ ރެހެންދި ސްކޫލުގެ ފާތިމަތު އާލާއަށެވެ.