ވަކީލުކަން ކުރާ ދެމަފިރިން: އަނބިމީހާގެ ނޯޓަރީ ސިއްކައިގައި ފިރިމީހާ ސޮއިކުރުމުން، ދެ މީހުންގެ ހުއްދަ ހިފަހައްޓައިފި

ބާ ކައުންސިލްގެ އޭޖީއެމްގެ ތެރެއިން -- ފޮޓޯ: ބާ ކައުންސިލް

ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ދެމަފިރިންގެ ތެރެއިން އަނބިމީހާ މެހެނާޒު ހުސައިނުގެ ޕަބްލިކް ނޯޓަރީ ސިއްކަ ބޭނުންކޮށްގެން އޭނާގެ ފިރިމީހާ ޒުންނަވާރު ސަލީމް އެ ސިއްކައިގައި މެހެނާޒުގެ ސޮއި ކުރުމުން އެ ދެ މީހުންގެ ވަކީލުކަމުގެ ހުއްދަ އަހަރެއްހައި ދުވަހަށް ހިފަހައްޓައިފިއެވެ.

ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައިވަނީ 2021ވަނަ އަހަރު، އެއްބަސްވުމެއް ނޯޓަރައިޒްކޮށްދިނުމުގައި މެހެނާޒަށް ދޫކޮށްފައިވާ ސިއްކަ ބޭނުންކޮށްގެން ޒުންނަވާރު އޭގައި މެހެޒާނުގެ ސޮއިކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިއީ ދެމަފިރިންނެވެ.

މި މައްސަލައިގައި ދެ މީހުންނަށް ރައްދުވާހެން ސުލޫކީ ޝަކުވާއެއް ލިބުނު ކަމަށާއި، އެހެންވެ މި މައްސަލައިގައި އިއްޔެ ބޭއްވި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމީ އެ ފަރާތުގެ ވަކީލު ކަމުގެ ހުއްދަ ހިފެހެއްޓުމަށް ކަމަށް ވަނީ ބުނެފައެވެ.

ބާ ކައުންސިލުން ބުނީ، ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދާ ޚިލާފަށް، އެއްބަސްވުމުގެ ބައިވެރިއެއްގެ ވަކީލެއްގެ ގޮތުގައިހުރެ، ޒުންނަވާރު އެއްބަސްވުން ނޯޓަރައިޒްކޮށްދީފައިވާ ކަމަށެވެ.

އަދި މެހެނާޒަށް ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީގެ ސިއްކަޖަހައި، އޭނާގެ ސޮއި ޒުންނަވާރުކޮށްފައިވަނީ ވެސް ގަވާއިދާ ޚިލާފަށް ކަމަށެވެ.

މި ކަމަކީ ޕަބްލިކް ނޯޓަރީގެ ޚިދުމަތުގެ ސައްހަކަމާމެދު އާންމުންގެ މެދުގައި ސުވާލު އުފެދި، މުޖުތަމައުގައި ގާނޫނީ ވަކީލުންނާއި ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާމެދު އިތުބާރު ގެއްލިދާނެ ކަމެއްކަން ބާ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

އަދި މި ކަމަކީ ވަކީލެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭނެ އަމަލުތަކެއްކަން ފާހަގަކޮށް، އެއީ ގަވާއިދާ ޚިލާފު އަމަލުތަކެއް ކަމަށް މައްސަލަ ބެލި ޕެނަލުން ވަނީ ނިންމައިފައެވެ.

މެހެނާޒާއި ޒުންނަވާރު، ގާނޫނީ ފަންނުގެ ގާނޫނާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި، މެހެނާޒުގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ 12 މަސްދުވަހަށް ހިފަހައްޓައި، ޒުންނަވާރުގެ ވަކީލުކަމުގެ ހުއްދަ 15 މަސްދުވަހަށް ހިފެހެއްޓުމަށް ވަނީ ނިންމައިފައެވެ.

ގާނޫނީ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓިފައިވާ މުއްދަތުގައި ވަކީލެއްގެ ހައިސިއްޔަތުން ގާނޫނީ މަސައްކަތްކޮށް، އެ ފަދަ ޚިދުމަތެއް ދިނުމަކީ މަނާ ކަމެކެވެ.

comment ކޮމެންޓް