ތުރުކީގައި، ބޯޓު ޖެއްސުމުގެ ކުރިން ސީޓް ބެލްޓް ނައްޓާލާ މީހުން ޖޫރިމަނާކުރަނީ

އިސްތަންބޫލްގެ ސަބީހާ ގޮކްސެން އެއާޕޯޓުގެ މައި ދޮރު. ފޮޓޯ/ރޮއިޓާސް

މަތިންދާބޯޓު ޖެއްސުމުގެ ކުރިން ސީޓް ބެލްޓް ނައްޓާލައި، ބޯޓު ހުއްޓުމުގެ ކުރިން ކޮޅަށް ތެދުވެ އޯވަހެޑް ކޮމްޕާޓްމަންޓްތަކަށް ވަންނަ މީހުން ޖޫރިމަނާ ކުރުމަށް ތުރުކީން ނިންމައިފިއެވެ.

އެގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރެފައިވާ އާ ގަވާއިދުތަކުގެ ދަށުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ރައްކާތެރިކަން އިތުރުކޮށް، ކަށަވަރުކުރުމުގެ މަގުސަދުގައެވެ.

އާ ގާނޫނަށް އަމަލު ކުރަން މި މަހުގެ ކުރީކޮޅު ވަނީ ފަށައިފައެވެ.

އަދި އެގޮތަށް ނިންމީ ސަލާމަތީ ކަންކަމަށާއި ގަވާއިތުތަކާ ޚިލާފުވާ މީހުންގެ އަދަދު ފަހަކަށް އައިސް އިތުރުވަމުންދާތީ ކަމަށް ތުރުކީގެ ޑިރެކްޓަރޭޓް އޮފް ސިވިލް އޭވިއޭޝަނުން ބުނެއެވެ.

އާ ގަވާއިދުގެ ދަށުން ތުރުކީގައި ދަތުރުކުރާ އެއާލައިންތަކުން އިށީނދެގެން ތިބުމަށް ސްޓޭންޑަޑް އިން ފްލައިޓް އިއުލާންގެ އިސްލާހުކޮށްފައިވާ ވާޝަނެއް ނެރެން ޖެހެއެވެ. ގަވާއިދާ ޚިލާފުވާނަމަ، އެކަން ރިޕޯޓުކުރުމަށް ވެސް އޭވިއޭޝަން އޮތޯރިޓީން ނެރުނު ސާކިއުލާއެއްގައިވެއެވެ.

އަދި ބޯޓުން ނުކުންނައިރު، ފުރަތަމަ ފަސިންޖަރަށް ފުރަތަމަ ޖާގަ ދިނުމަށްވެސް އެ ގާނޫނުގެ ދަށުން ފަސިންޖަރުންނަށް ހަނދާންކޮށްދޭންޖެހެއެވެ.

ގަވާއިދުތަކަށް ފަރުވާކުޑަކުރާ ފަސިންޖަރުން ޖޫރިމަނާ ކުރެވިދާނެ މިންވަރު ސާކިއުލާގައި ބުނެފައި ނުވި ނަމަވެސް ތުރުކީގެ މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވަނީ 70 ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރާނެ ކަމަށެވެ.

ތުރުކީއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް ވާއިރު، ކޮންމެ އަހަރަކު އެތައް މިލިއަން ފަތުރުވެރިންނެއް އެ ގައުމަށް ދަތުރުކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް