ފުލެޓު ގެއްލުނު މީހުން ބަދަލު ހޯދަން ދައުވާކުރުމަށް 'ފަހި ޔޫނިއަން'އިން ގާނޫނީ އެހީ ދެނީ

ގަނޫނީ ވަކީލު އަލީ ހުސައިން: ފުލެޓު ގެއްލުނު މީހުން ގެއްލުމުގެ ބަދަލުހޯދުމަށް ދައުވާކުރުމަށް ބޭނުންވާ ގާނޫނީ އެހީ 'ފަހި ޔޫނިއަން'އިން ފޯރުކޮށްދެނީ -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ކުރީގެ ސަރުކާރުން އާންމުކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުމާލޭގައި އިމާރާތްކުރި 4،000 ފުލެޓު ކުރިން ލިބުނު ނަމަވެސް ފަހުން މި ސަރުކާރުން އާއްމުކުރި ލިސްޓާއެކު އެ ފުލެޓު ނުލިބޭ މީހުންނަށް، ސަރުކާރާ ދެކޮޅަށް ދައުވާކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެކަމަށްޓަކައި ބޭނުންވާ ގާނޫނީ އެހީ 'ފަހި ޔޫނިއަން' ޖަމިއްޔާގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެއެވެ.

'ފަހި ޔޫނިއަން'އަކީ ފުލެޓާއި ގޯތީގެ މައްސަލައިގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ޖަމިއްޔާއެކެވެ.

ކުރީ ސަރުކާރުން ނެރުނު ފުލެޓު ލިސްޓު އަލުން އިވެލުއޭޓް ކުރުމަށްފަހު، ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރީ މިދިޔަ ފެބްރުވަރީ މަހު 27ގައެވެ.

އެ ލިސްޓު އަލުން ނެރުނުއިރު މިދިޔަ ސަރުކާރުގައި ފުލެޓު ލިބޭ ކަމަށް ކަނޑައެޅި 4،939 މީހެއްގެ ފޯމު އަލުން ބަލައި، މި ސަރުކާރުން އާންމުކުރި ލިސްޓުގައި ފުލެޓު ލިބޭ ކަމަށް ކަނޑައަޅައިފައިވަނީ 1،820 މީހުންނަށެވެ.

އެފްޑީސީން އަޅާ ފުލެޓުތައް -- ސަން ފޮޓޯ/ މާނިއު މުހައްމަދު

އެ ދުވަހު، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، އެ މިނިސްޓްރީން 4،939 ފަރާތެއްގެ ފޯމް އަލުން ބެލިއިރު އޭގެ ތެރެއިން ދެބައިކުޅަށް އެއްބަޔަށް ވުރެ ގިނަ ފޯމަށް ދީފައިވާ ޕޮއިންޓް ސައްހަ ނޫންކަން އެނގިފައިވާ ކަމަށެވެ.

އެއާއެކު އެ ލިސްޓުން އުނިވި މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

'ފަހި ޔޫނިއަން'ގެ ގާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވިދާޅުވީ ފުލެޓު ލިބުނު ގިނަ ބަޔަކު އެ ލިސްޓުން އުނިވީ، ކުރީ ސަރުކާރުން އެކުލަވައިލައި ގެޒެޓުކުރި އުސޫލު، މި ސަރުކާރުން ބަދަލުކުރުމުން ކަމަށެވެ. މި ސަރުކާރުން މީގެ ކުރިން އެ އުސޫލު ބަދަލުނުކުރާނެ ކަމަށް ބުނި ނަމަވެސް އެ ބަދަލުކޮށްފައިވާ ކަމަށާއި، އެކަން ގިނަ ރައްޔިތުންނަށް އަދިވެސް ނޭނގޭ ކަމަށް އަލީ ވިދާޅުވިއެވެ.

ނަމަވެސް އެ އުސޫލުގެ ހަވަނަ މާއްދާގެ ދަށުން އެއީ ނިމިފައިވާ މުއާމަލާތެއްކަން އެނގޭ ކަމަށާއި، ނިމިފައިވާ މުއާމަލާތެއް ރޫޅާލައި، އެމީހަކަށް ލިބިފައިވާ ހައްގެއް ނިގުޅައިގަތުން އެއީ އެގްރިމަންޓާ ޚިލާފު އުސޫލެއް ކަމަށް އަލީ ވިދާޅުވިއެވެ. އެހެންކަމުން އެ 4،000 ފުލެޓު ލިބިފައިވާ މީހުންގެ ތެރެއިން ލިސްޓުން އުނިވި މީހުންނަށް ސަރުކާރާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށާއި، ދައުވާ ކުރަނީ އެމީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކަމަށް އަލީ ވިދާޅުވިއެވެ.

ގެދޮރުވެރިޔާގެ ސްކީމުން ދޫކުރާ ފުލެޓެއްގެ އެތެރެ --

އުސޫލުގެ ހަވަނަ މާއްދާގައި އޮތީ، ފުލެޓު ލިބޭ ފަރާތާ ފުލެޓު ރަސްމީކޮށް ހަވާލުކުރާނީ، އެ ސްކީމް ހިންގާ ފަރާތުން ކަނޑައަޅާ ފަރާތަކާ، ފުލެޓު ލިބޭ ފަރާތާ ދެމެދު ވެވޭ އެގްރީމަންޓަކުން ކަމަށެވެ.

ހަގީގަތުގައި ސަރުކާރަށް އެއްބަސްވުން އުވާލެވޭނީ ކޯޓަށް ގޮސް، ތިން ކޯޓުގެ މަރުހަލާ ކަޑައްތުކުރުމަށް ފަހުކަން އަލީ ފާހަގަކުރެއްވިއެވެ. އަދި ކޯޓުން ނިހާއީ ހުކުމެއް ހޯދައިގެން މެނުވީ، އެ ފުލެޓު އެމީހާއަށް ހައްގު ނޫންކަން ކަނޑަނޭޅޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން ފުލެޓު ގެއްލުނު މީހުންނަށް ސަރުކާރާ ދެކޮޅަށް ދައުވާ ކުރުމުގައި ބޭނުންވާ އެހީ ފޯރުކޮށްދޭން ސިލްސިލާ މަސައްކަތްތަކެއް އެ ޔޫނިއަންއިން ކުރިއަށް ގެންދާނެ ކަމަށް އަލީ ވިދާޅުވިއެވެ.

ފަހި ޔޫނިއަންގެ ފަރާތުން މިހާރު ވާނީ މި ފުލެޓުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހުރިހާ ކަންބޮޑުވުމަކަށް އެޑްރެސްކުރުމުގެ ގޮތުން މަސައްކަތްކުރާނެ އޮފީހެއްގެ ސެޓް-އަޕްއެއް ހަދާފަ ތައްޔާރުކޮށްފައި. މި ފުލެޓުތަކާ ގުޅިގެން ރައްޔިތުން ބޭނުންވާ ކޮންމެ ކަމެއްގައި އަޅުގަނޑުމެންގެ އެހީތެރިކަމާއި އެއްބާރުލުން ފަހި ޔޫނިއަންގެ ފަރާތުން ދޭނެކަން އަޅުގަނޑު ދަންނަވަން، ގާނޫނީ ވަކީލު އަލީ ހުސައިން

އަލީ ވިދާޅުވި ގޮތުގައި އެ ޔޫނިއަންގެ ފަރާތުން އެކަން ކުރަން ޖެހެނީ ހަގީގަތުގައި ސަރުކާރަކާ ދެކޮޅަށް ތެދުވުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަން އެނގޭތީއެވެ.

އެފްޑީސީން އަޅާ ފުލެޓުތައް -- ސަން ފޮޓޯ/ މާނިއު މުހައްމަދު

އުސޫލުގެ ހަވަނަ މާއްދާގައި ބަޔާންކުރާ ގޮތުންނަމަ މިހާރު އެ ފުލެޓު އެއޮތީ ހަވާލުކޮށް ނިމިފައެވެ. އެހެންކަމުން ނިމިފައިވާ މުއާމަލާތެއް ނިގުޅައިގަންނަ ނަމަ ކޯޓަށް ގޮސް، ސަރުކާރުން ކުރާ މަސައްކަތް ހުއްޓާލަން އެދި ވަގުތީ އަމުރަކަށް އެދުމުގެ ފުރުސަތު ފުލެޓު ގެއްލުނު މީހުންނަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފުލެޓު ލިސްޓު ނެރުނީ ހަތަރެއް ނޮވެމްބަރު، 2024ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފުލެޓު ލިބޭ މީހުންގެ އިތުރު ދާއިމީ ލިސްޓު އެ މަހުގެ 15ގައި ނެރުނެވެ.

https://sun.mv/205767

ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވައިފައެވެ.

އެއަށްފަހު، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި، މިދިޔަ ފެބްރުވަރީ މަހު އޭސީސީން ވަނީ، ބައެއް ކަންތައްތަކަށް ރިއާޔަތް ކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ހުއްދަދީފައެވެ.

މި ސަރުކާރުން ނިންމީ، ފުލެޓު ލިސްޓު ހައުސިން މިނިސްޓްރީން ބެލުމަށްފަހު އާންމު ކުރުމަށެވެ. އެއަށްފަހު، ލިސްޓު ނެރޭނެ އެކި ތާރީޚުތަކެއް ދިން ނަމަވެސް އެ ތާރީޚުތަކުގައި ލިސްޓު ނެރެފައިނުވެއެވެ.

މި ސަރުކާރުން ލިސްޓު ނެރެފައިވަނީ، ގެދޮރުވެރިޔާ ސްކީމުގައި ހިމެނޭ ދެ ކޮޓަރީގެ ފުލެޓުތަކާއި ތިން ކޮޓަރީގެ ފުލެޓުތަކަށް ޕޮއިންޓް ހަމަވި މީހުންގެ ފޯމްތައް އަލުން ބެލުމަށް ފަހުގައެވެ.

ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ދެ ކޮޓަރީގެ އެޕާޓްމެންޓަށް 1،218 ފަރާތެއް ޝަރުތު ހަމަވާއިރު، ތިން ކޮޓަރީގެ އެޕާޓްމެންޓަށް 3،721 ފަރާތެއް ޝަރުތު ހަމަވެފައިވެއެވެ.

ފުލެޓުތަކާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތައް މި މަހުގެ ނިޔަލަށް ބަލައި ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް