މިދިޔަ ސަރުކާރުގައި އިއުލާންކުރި ބޯހިޔާވަހިކަމުގެ ސްކީމް، ގެދޮރުވެރިޔާގެ ދަށުން ދޫކުރަން ނިންމާފައި އޮތް 4،000 ފުލެޓު ދޭނީ، އެ ސަރުކާރުގައި އިއުލާންކުރި ދާއިމީ ލިސްޓަށް ބަލައިގެން ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފުލެޓު ލިސްޓު ނެރުނީ ނޮވެމްބަރު 4، 2023ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ މަހުގެ 15ގައި ނެރުނެވެ.
އެހެންނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވައިފައެވެ.
އެއަށްފަހު މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ލިސްޓު ބެލުމަށްފަހު މިދިޔަ ފެބްރުވަރީ މަހު އިއުލާންކުރީ، 4،000 ފުލެޓުގެ ހައްގުވެރިންނަކީ 1820 މީހުން ކަމަށާއި ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށެވެ.
އޭގެ ސަބަބަން، ފުލެޓް ކުރިން ލިބިފައި ތިބި މީހުންނަށް ފުލެޓެއް ލިބުމުގެ ފުރުސަތު ގެއްލުނު ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރިއެވެ. އެ މައްސަލައިގައި ފުލެޓް ގެއްލުނު މީހުންނަށް ބަދަލު ހޯދަން ކޯޓަށް ދެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ފުލެޓު ލިސްޓާ ގުޅޭ ގޮތުން ސަރުކާރަށް ގިނަ ބަޔެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ، މި ސަރުކާރުން ފުލެޓު ދޭ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023ގައި ނެރެފައިވާ ލިސްޓު ކަމަށާއި، އޭގެ އިތުރު ލިސްޓެއް ނުނެރޭނެ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅާ ފްލެޓުތައް: އޭގެ ތެރެއިން ނިމިފައި ވަނީ 1،000 ފުލެޓް --- ސަން ފޮޓޯ
އޭނާ ވިދާޅުވީ އެ ލިސްޓުގައި ފުލެޓަށް ޝަރުތު ހަމަނުވާ މީހުން ތިބި ކަމަށާއި އެ މީހުންނަށް ޝަކުވާ ހުށަހަޅަން ފުރުސަތު ދިނުމަށް، ޝަކުވާ ބެލުމުގެ ހުރިހާ މަރުހަލާތަކެއް ކުރިއަށްގެންދާނެ ކަމަށެވެ. އަދި ފުލެޓު އަތުލަން ޖެހޭނަމަ އަތުލާނީ އެއަށްފަހު ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޝަރުތު ހަމަނުވާކަން ޔަގީންވާ ފަރާތެއް ހުރި ކަމަށްވަންޏާ އެ ފަރާތެއް އުނިކޮށްފައި ދެން ހުރި ފަރާތްތަކާއެކު އެގްރިމެންޓް ސޮއިކުރުމުގެ މަސައްކަތްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" އޭނާ ވިދާޅުވިއެވެ.
ކުރީ ސަރުކާރުގައި އެކުލަވާލި ގެދޮރުވެރިޔާގެ ފުލެޓު ދިނުމުގެ އުސޫލުގައިވަނީ، 73 ޕޮއިންޓް ލިބިފައިވާ ފަރާތްތައް ދެ ކޮޓަރީގެ އެޕާޓްމެންޓަށް ޝަރުތު ހަމަވާ ކަމަށެވެ. އަދި ތިން ކޮޓަރި ލިބޭނެ ކަމަށް ކަނޑައަޅައިފައިވަނީ 76 ޕޮއިންޓް ލިބޭ މީހުންނަށެވެ. އަދި 75 ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ބާކީ ހުރި ތިން ކޮޓަރީގެ އެޕާޓްމެންޓުތައް ބަހަން ގުރުއަތު ނަގާނެ ކަމަށް އެ ސަރުކާރުން ނެރުނު އިއުލާނެއްގައިވެއެވެ.
ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި 73 ޕޮއިންޓަށް ވުރެ ގިނައިން 1،218 ފަރާތަކަށް ޕޮއިންޓް ލިބިފައިވާއިރު، 75 ޕޮއިންޓަށްވުރެ މަތީން 3،721 ފަރާތަކަށް ޕޮއިންޓް ލިބިފައިވެއެވެ.
މި ސަރުކާރުން ފޯމުތައް ބެލިއިރު ބަލައިފައިވަނީ ތިން ކޮޓަރީގެ ލިސްޓުން 75 ޕޮއިންޓާއި އެއަށްވުރެ މަތިން ލިބުނު ފޯމުތަކާއި ދެ ކޮޓަރީގެ ލިސްޓުން 73 ޕޮއިންޓާއި އެއަށްވުރެ މަތިން ލިބުނު ފޯމެވެ. އެއީ 4،939 ފޯމެވެ.
އެ ފޯމުތަކުން ފާހަގަވި މައްސަލަތައް ކަމަށް މުއްތަލިބު ވިދާޅުވީ:
- 391 ދެމަފިރިންނަށް ވަކިވަކިން ފުލެޓް ލިބިފައިވުން
- ފުލެޓެއް ނުވަތަ ގޯއްޗެއް ކުރިން އޮތް 302 މީހުންނަށް ފުލެޓް ލިބިފައިވުން
- ބިންވެރިޔާ ސްކީމުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ 305 މީހުންނަށް ފުލެޓު ލިބިފައިވުން
އެ އެންމެންނަށް ވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމަށާއި، ފުލެޓު ދިނުން ކުރިއަށްގެންދާނީ އެއަށްފަހު ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޝަރުތު ހަމަނުވާ މީހުން ފުލެޓު ލިސްޓުން އުނިވުމުން، 75 ޕޮއިންޓް ލިބިފައިވުމުން ގުރުއަތު ނެގުމުގައި ބައިވެރިވެވޭ މީހުންނަށް އެ ފުލެޓުތައް ލިބޭނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުން މިހިރަ ނަންބަރުތަކަށް ބަލާއިރުގައި، 75 ޕޮއިންޓުން ގުރުއަތު ލިސްޓުގައި ތިބި ހުރިހާ ފަރާތްތަކަށް ވެސް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ، އެހެންވީމަ މީގެ ތެރެއިން ސްޕެސިފިކްކޮށް ވެރިފަޔަބަލްކޮށް ޝަރުތު ހަމަނުވާ ފަރާތްތަކަށް އަޅުގަނޑުމެން ވީހާވެސް އަވަހަކަށް އަންގާނަން،" މުއްތަލިބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 4،000 ފުލެޓުގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1،000 ފުލެޓުގައި ކަމަށާއި، އަމާޒަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފުލެޓެއްގެ މަސައްކަތް ނިންމުން ކަމަށެވެ. އަދި ޖުލައި މަހު މީހުންނާ ފުލެޓު ހަވާލުކުރަން ފަށައި، ސެޕްޓެމްބަރު މަހަށް އެ މަސައްކަތް ވެސް ނިންމޭނެ ކަމަށް އުއްމީދު ކުރާ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.