މާލޭ ސިޓީ ކައުންސިލާ މަޝްވަރާ ނުކުރީ ފްލެޓު ދިނުމުގައި ހަރުކަށި ނުވާންވެގެން: މުއްތަލިބު

ރައީސާއި މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް: މި ސަރުކާރުން ވަނީ، ފުލެޓް ލިސްޓާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލާ މަޝްވަރާ ނުކުރީ ފްލެޓު ދިނުމުގައި ހަރުކަށި ނުވާންވެގެން ކަމަށް ބުނެފައި -- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން މި ސަރުކާރުގައި ފުލެޓު ދޭން ނިންމިއިރު، އެ ކަމުގައި މާލެ ސިޓީ ކައުންސިލާ މަޝްވަރާ ނުކުރީ ފުލެޓު ދިނުމުގައި ހަރުކަށި އުސޫލެއްގެ ތެރެއަށް ނުދާންވެގެން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުންނަށް ފުލެޓު ދިނުމުގައި، އެ ރައްޔިތުންގެ ފަރާތުން ހޮވާފައި ތިބި ކައުންސިލަރުންގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ފުލެޓު ލިސްޓު އެކުލަވާލުމުގެ މަސައްކަތުގައި ހައުސިން މިނިސްޓްރީއާ އެކު މަސައްކަތް ކުރުމަށް މާލެ ސިޓީ ކައުންސިލްގެ ކޮމިޓީއެއް ވެސް އެކުލަވައިލިއެވެ.

ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލީ 20،000 މީހުންގެ ތެރެއިން މިދިޔަ ސަރުކާރުގައި، ނޮވެންބަރު 15، 2023ގައި ފުލެޓު ލިބޭނެ ކަމަށް އިއުލާންކުރި މީހުން ލިސްޓުގައި ހިމެނޭ ފޯމުތައް މި ސަރުކާރުން ބަލައި، ޝަރުތު ހަމަނުވާ ގިނަ އަދަދެއްގެ މީހުން ތިބި ކަމަށް ވަނީ ބުނެފައެވެ.

އެ މަސައްކަތުގައި މާލެ ސިޓީ ކައުންސިލް އެއްވެސް ވަރަކަށް ބައިވެރި ނުކުރުމަކީ އިންސާފުން ބޭރުވުން ކަމަށްބުނެ، އެތައް ފަހަރެއްގެ މަތިން އެ ކައުންސިލްގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

https://sun.mv/202046

ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ކަމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ، ފްލެޓު ދިނުމުގައި އިތުރު ފަރާތްތަކާ މަޝްވަރާ ނުކުރަން އޭނާ ނިންމެވި ކަމަށެވެ. އެއީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމަށްފަހު، ފުލެޓު ދިނުމުގައި ހަރުކަށި އުސޫލެއްގެ ތެރެއަށް ނުދިއުމަށް ޓަކައި ނިންމެވި ނިންމެވުމެއް ކަމަށް ވިދާޅުވިއެވެ. އަދި އެ ގޮތަށް ނިންމަވާ ކޮންމެ ނިންމެވުމެއްގެ ޒިންމާ ނަންގަވާނެ ކަމުގެ ޔަގީންކަން މުއްތަލިބު ދެއްވިއެވެ.

މިނިސްޓަރު މުއްތަލިބް: ފުލެޓް ލިސްޓާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލާ މަޝްވަރާ ނުކުރީ ފްލެޓު ދިނުމުގައި ހަރުކަށި ނުވާންވެގެން ކަމަށް ވިދާޅުވި -- ފޮޓޯ/ ހައުސިން މިނިސްޓްރީ

އޭނާ ވިދާޅުވި ގޮތުގައި ފުލެޓު ދިނުމުގައި އެ މިނިސްޓްރީ ތެރެއިން މަޝްވަރާ ދެވޭނެވަރުގެ ބޮޑު ޓީމެއް އެބަ އޮތެވެ.

"... އެ ހުރިހާ ކަމަކަށް ކޮންޝިއަސްކޮށް ހުރެ، އަޅުގަނޑު ނިންމީ އަޅުގަނޑު ޒިންމާވާ ކަމެއްގައި މި ދަންނަވާ ގޮތަށް ސްޓްރިކްޓް ރޫލްސްތަކެއްގެ ތެރެއަށް ދެވޭނެ ކަހަލަ ބަޔަކާ އިތުރަށް ވާހަކަ ދައްކައި މަޝްވަރާ ކުރަން ބޭނުމެއް ނޫނޭ" މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން އިއުލާންކުރި ފްލެޓު ލިބޭ 4،939 މީހުންގެ ލިސްޓު މުރާޖާ ކުރުމަށް ފަހު މި އަހަރުގެ 27 ފެބްރުވަރީގައި މި ސަރުކާރުން ލިސްޓު އާންމުކުރިއިރު، އޭގައި ޝަރުތު ހަމަވާ ކަމަށް އޮތީ 1،820 މީހުންނެވެ.

އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވައިލި މުއްދަތުގައި 8،000އަށްވުރެ ގިނަ ޝަކުވާ ހުށަހެޅިއެވެ.

https://sun.mv/news

މިއަދު މުއްތަލިބު ވިދާޅުވީ ފުލެޓު ދޭނީ ކުރީ ސަރުކާރުން އިއުލާންކޮށްފައިވާ ދާއިމީ ލިސްޓަށް ކަމަށާއި އިތުރު ލިސްޓެއް މި ސަރުކާރުން ނުނެރޭނެ ކަމަށެވެ.

އެ 4،000 ފްލެޓުގެ ތެރެއިން 1،000 ފްލެޓު އަދި ނިމުނަސް، އެ ތަންތަނަށް ފެނާއި ކަރަންޓު ލެވޭނީ ޖުލައިމަހުގެ ތެރޭގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން ނިންމާފައިވަނީ ލިސްޓުގެ ތަރުތީބުން، ފުލެޓުތައް ނިމޭވަރަކުން ހަވާލު ކުރާށެވެ. އަދި ސެޕްޓެންބަރުގެ ނިޔަލަށް ހުރިހާ ފްލެޓެއް ނިންމުމަށް ވަނީ އަމާޒު ހިފައިފައެވެ.

comment ކޮމެންޓް