'ބަރުހެލި' ސިއްހީ ނިޒާމެއްގެ ފަހަތު އަބަދު ދުވެވެން ނެތްކަން ސަރުކާރުގެ ސިއްހީ ސިޔާސަތުތަކުން ބުނެދެމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިރޭ ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ދުވަހަކީ އޭޕްރީލް ހަތެއް ކަމަށްވާއިރު، ވޯލްޑް ހެލްތު އޮގަނައިޒޭޝަން އިން މިއަހަރަށް ކަނޑައަޅާފައި އޮތް ޝިއާރަކީ 'ހެލްތީ ބިގިނިންސް، ހޯޕްފުލް ފިއުޗާސް'އެވެ.
ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ހަފުލާގައި މިނިސްޓަރު ވިދާޅުވީ، އެ ޝިއާރުން ބާރު އަޅައިދެނީ ދުޅަހެޔޮ ތުއްތު ކުއްޖަކު އުފަންވެ، ސިއްހަތު ރަނގަޅު ކުއްޖެއްގެ ގޮތުގައި ހެދިބޮޑުވުމުގެ މުހިންމުކަން ކަމަށެވެ.
އާއިލާއަކާއި ގައުމަށް ލިބޭނެ އެންމެ އަގުހުރި ހަދިޔާއަކީ، ދުޅަހެޔޮ މައެއްގެ ބަނޑުން ދުޅަހެޔޮ ދަރިއަކު އުފަންވުން ކަމަށާއި، އެ ކަން މުހިންމީ، އާއިލާއެއްގެ އުފާވެރިކަމާއި ގައުމުގެ ތަރައްގީ ދެމެހެއްޓޭނީ ދުޅަހެޔޮ ޖީލެއް ބިނާކޮށްގެން ކަމަށްވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނާޒިމްއާއި ރައީސް މުއިއްޒު ---- ފޮޓޯ/ ރައީސް އޮފީސް
ދުޅަހެޔޮ ހަރުދަނާ ޖީލެއް ބިނާކުރުމަށް ޓަކައި، މައިންނާއި ތުއްތު ކުދިންގެ ސިއްހަތަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭކަން މި ޝިއާރުން ވަރަށް ރަނގަޅަށް އަޅުގަނޑުމެނަށް އެބަ ބުނެދޭ. މި ސަމާލުކަން ވަށައިޖެހޭ ގޮތެެއްގައި ބައްޓަން ކުރެވިފައި އޮންނަޖެހޭކަން ވެސް ކަށަވަރު
އެއާއެކު، ރައީސް މުއިއްޒުގެ ސިއްހީ ސިޔާސަތުތައް ބައްޓަން ކުރެވިފައި ހުރީ ރަނގަޅަށް ކަމަށާއި އެ ސިޔާސަތުތަކަށް ރާއްޖޭގެ އިތުރުން ދުނިޔޭގެ އެތައް މާހިރެއްގެ ތައުރީފު ލިބެމުން އަންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ ސިއްހީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން ސިއްހަތު ދުވަހުގެ ޝިއާރަށް ގިނަ ކުރިއެރުންތަކެއް ލިބޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެ ކުރިއެރުންތަކަކީ:
- ދަރުމަވަންތަ ހޮސްޕިޓަލުގައި ފާޓިލިޓީ ސެންޓަރު ގާއިމުކޮށް ޚިދުމަތް ފެށުން
- ތުއްތު ކުދިންނާއި ދިވެހީންގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކާބޯތަކެތީގެ ގާނޫނެއް ތަންފީޒުކުރަން ފެށުން
- ވޭޕް މަނާކުރުން
- ދުންފަތުގެ ޑިއުޓީ ބޮޑުކޮށް، ޖެނެރޭޝަނަލް ބޭން ތައާރަފުވުން
- 24 ގަޑިއިރު ޚިދުމަތް ދޭ ދުންފަތުގެ ހެލްޕްލައިނެއް ގާއިމުކުރެވުން
- ކޮންމެ ރަށެއްގައި ސިޒޭޝަންގެ ޚިދުމަތް ފެށުން
- ޕްރައިމަރީ ހެލްތު ކެއާ އިތުރަށް ވަރުގަދަކުރަން ފެށުން
މިފަދަ ކަންކަމުން ހެޔޮ ބަދަލުއައުމަށް ވަގުތު ނަގާނެކަމީ އެންމެން ގަބޫލުކުރާ ހަގީގަތެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ވަރުބަލި، ބަރުހެލި ސިއްހީ ނިޒާމެއްގެ ފަހަތުން އަބަދު ދުވެދުވެ، ތިބެވޭކަށް ނެތްކަން މި ސަރުކާރުގެ ސިއްހީ ސިޔާސަތުތަކުން އަޅުގަނޑުމެނަށް ދަނީ ބުނެދެމުން. މިސާލަކަށް ދަންނަވާނަމަ، އެތައް ލޯވަޅެއް އޭގައި އެޅިފައިވާ ބާލިދީއަކަށް ފެން އަޅާ ފުރާލަން މަސައްކަތް ކުރާ ބީދައިން ދިވެހިރާއްޖޭގެ ސިއްހީ ނިޒާމަށް އެހީވާން އުޅުމަކީ ފޫނެއްފަޔަށް ފެންފުރުން ފަދަ ކަމެއް
އެކަން ރަނގަޅު ކުރުމަށް ރައީސް މުއިއްޒުގެ އިސްނެންގެވުމާއެކު މަސައްކަތް ކުރައްވަމުން އަންނަކަމަށް ނާޒިމް ވިދާޅުވިއެވެ.