ގައިދީންގެ ޖަލު ނޫން އަދަބު ތަންފީޒުކުރަން އެހީވާން އައްޑޫ ސިޓީ ކައުންސިލާއެކު ސޮއިކޮށްފި

ގައިދީންގެ އަދަބު ތަންފީޒުކުރުމުގައި އެހީވުމަށް އައްޑޫ ސިޓީ ކައުންސިލާއެކު ސޮއިކުރުން ---

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒު ކުރުމަށް އައްޑޫ ސިޓީ ކައުންސިލާއެކު ފަހުމްނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު މެންދުރު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ކުރިއަށް ދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ފަހުމްނާމާގައި ކޮމިޝަނާ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ސޮއިކުރައްވާފައިވާއިރު، އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރެވެ.

މި ފަހުމްނާމާއަކީ ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒުކުރުމުގައި ކަރެކްޝަނަލް ސާވިސްއިން ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަދަބު ތަންފީޒުކުރުމުގައި، އަތޮޅު ކައުންސިލް ނުވަތަ ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލުން ކަރެކްޝަނަލް ސާވިސްއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާ ގުޅޭގޮތުން ސޮއިކުރެވުނު ފަހުމްނާމާއެކެވެ.

ގައިދީންގެ އަދަބު ތަންފީޒުކުރުމުގައި އެހީވުމަށް އައްޑޫ ސިޓީ ކައުންސިލާއެކު ސޮއިކުރުން ---

އައްޑޫ ސިޓީ ކައުންސިލުން ކުރުމަށް އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރޭގައި، ކޯޓުތަކުން ކަނޑައަޅާ އަދަބުގެ ބާވަތާ ގުޅިގެން ޤައިދީ، ވަކި ތަޢުލީމީ ޕްރޮގްރާމެއް ނުވަތަ އެ ނޫން ޕްރޮގްރާމެއްގައި ވެސް ބައިވެރިކުރުމަށް އަމުރު ކުރާ ޙާލަތުގައި، އައްޑޫ ސިޓީ ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ އިދާރާތަކުންނާއި ކުންފުނިތަކުން އެއިރަކު ކުރިއަށް ގެންދާ ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް އެހީވުން ހިމެނެއެވެ.

އަދި މުޖުތަމަޢުއަށް ޚިދުމަތް ކުރުމަށް ކުރެވިދާނެ އެކި މަސައްކަތްތައް ދެނެގަތުމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުންނާއި، ގުޅުން ހުރި އެންޖީއޯތަކުންނާއި، މި ނޫން ވެސް އެކި ދާއިރާތަކުގެ މަޢުލޫމާތު ހޯދާ އެމްސީއެސްއާ ހިއްސާކުރުން ހިމެނެއެވެ.

އަދި އެކަން ހަމަޖެއްސުމުގައި ކަރެކްޝަނަލް ސާވިސްއަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އަދަބުތައް ތަންފީޒުކުރުމުގެ މުއްދަތުގައި، ޤައިދީން މުޖުތަމަޢުއިން ބަލައިގަންނަ ބައެއްގެ ގޮތުގައި ހެދުމަށާއި، މުޖުތަމަޢަށް އަލުން ގުޅިގެން ދިއުމަށް ޓަކައި މުޖުތަމަޢުގެ ދައުރު ބަޔާންކޮށްދީ، އާންމުން ހޭލުންތެރި ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

comment ކޮމެންޓް