ކެރަމްބޯޑުތަކެއް ގެނައި މައްސަލައިގައި ލަންކާގެ ކުރީގެ ދެ ވަޒީރުން ޖަލަށް

ކެރަމް ބޯޑުތަކެއް ގެނައި މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމް އިއްވި ލަންކާގެ ކުރީގެ ކުޅިވަރާބެހޭ ވަޒީރު މަހިންދަނަންދާ އަލޫތުގަމާގޭ. ފޮޓޯ/ސްރީލަންކާ މިރާ

ސްރީ ލަންކާގެ 2015 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ދުވަސްވަރު ކުޅިވަރު ކްލަބުތަކަށް ބެހުމަށް ކެރަމް ބޯޑާއި ޗެކާސް (ދާމް) ބޯޑު އެތެރެކޮށްގެން ސަރުކާރަށް އެތައް މިލިއަން ގެއްލުމެއް ލިބުނު ކަމަށް ސާބިތުވެ، އެ ގައުމުގެ ކުރީގެ ދެ ވަޒީރުން ޖަލަށްލާން ކޮލަމްބޯ ހައިކޯޓުން ހުކުމްކޮށްފިއެވެ.

ހުކުމްކޮށްފައިވަނީ ސްރީ ލަންކާގެ ކުރީގެ ރައީސް ގޮޓާބެ ރާޖަޕަކްސަގެ ސަރުކާރުގެ ކުޅިވަރާބެހޭ ވަޒީރު މަހިންދަނަންދާ އަލޫތުގަމާގޭއާއި ކުރީގެ ވިޔަފާރިއާބެހޭ ވަޒީރު އަނިލް ފެނާންޑޯގެ މައްޗަށެވެ.

މީގެ ތެރެއިން، އަލުތުގަމާގެ 20 އަހަރަށް ޖަލަށް ލާން ހުކުމްކުރިއިރު ފެނާންޑޯއަށް ވަނީ 25 އަހަރުގެ ހުކުމެއް އިއްވާފައެވެ.

ލަންކާގައި 2010 އިން 2015 އަށް ކުޅިވަރާބެހޭ ވަޒީރުކަން ކުރެއްވި އަލުތުގަމާގެ އަކީ ރާޖަޕަކްސަގެ ކެބިނެޓުން ކޮރަޕްޝަންގެ ކުށް މިހާތަނަށް ސާބިތުވި އެންމެ ސީނިއާ ވަޒީރެވެ.

ހުކުމް އިއްވުމުގެ ކުރިން ބްރައިބަރީ ކޮމިޝަން ތަމުސީލުކުރާ ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުލަތުގެ ކުންފުންނެއް ކަމަށްވާ ސަތޯސާ މެދުވެރިކޮށް 14،000 ކެރަމް ބޯޑާއި 11،000 ޗެކާ ބޯޑު ގަތުމުގެ ހުއްދަ ގަވާއިދާޚިލާފަށް ދެ ވަޒީރުން ދިނީ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ކަމަށެވެ. އަދި، އެކަމުގެ ސަބަބުން ދައުލަތަށް 53 މިލިއަން ރުޕީސް ނުވަތަ 177،000 ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް ވަކީލު ބުނެފައިވެއެވެ.

ބްރައިބަރީ ކޮމިޝަނުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ 2019 ވަނަ އަހަރެވެ. ނަމަވެސް، މިދިޔަ އަހަރު އާ ސަރުކާރެއް ވެރިކަމާ ހަވާލުވުމާ ހަމައަށް ވެސް އެ މައްސަލަ ކުރިއަށް ދިޔައީ ވަރަށް ލަހުންނެވެ.

comment ކޮމެންޓް