ރޫބީގެ ފޯނު ރިންގްވާން ފެށިއެވެ. އިސްކްރީނަށް އަރާފައި އޮތް ނަންބަރު ފެނުމުން، ރޫބީ އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.
"ނަޖާތަކީ އާދައިގެ ކުއްޖެއް ނޫން..." ފޯނުގެ އަނެއްކޮޅުން ވާހަކަ ދެއްކީ ޔަޒްދާނެވެ.
********
ފާހާނާގެ ދޮރު ހުޅުވައިލާފައި ނަޖާތު ނުކުތެވެ. ކޮޓަރީގެ ބޮކި ދިއްލިއެވެ. ރޫބީ އަވަސް އަވަހަށް ފޯނު ތިރިކޮށްލިއެވެ. އޭރުވެސް ޔަޒްދާން ކޮންމެވެސް ވާހަކައެއް ދައްކާ އަޑު އިވެއެވެ. ކޮނޑުގައި އޮތް ތުވާލިން މޫނު ފޮހެމުން ގޮސް، ނަޖާތު ހުއްޓުނީ ރީތިވާމޭޒު ކުރިމަތީގައެވެ. ނަޖާތު ލޯގަނޑުގެ ކުރިމަތީގައި ހުންނައިރު، ރޫބީއަށް ވަރަށް ރީތިކޮށް ނަޖާތުގެ މޫނު ފެނެއެވެ. މޫނުގައި ކްރީމް ހާކަން ހުރި ނަޖާތުގެ މޫނުން މާބޮޑު އަސަރެއް ނުފެނެއެވެ. ގޯސްކަމެއް ކުރާ މީހަކު އެހާ ހަމަޖެހިފައި ހުރެދާނެ ހެއްޔެވެ؟ ނަޖާތަށް ބަލަން އިނދެފައި ރޫބީ އެނދުން ތެދުވިއެވެ.
"ސޮރީ.. ނިދިކޮޅުދޯ މި ހަރާބުކޮށްލެވުނީ..." ލޯގަނޑުން ރޫބީއަށް ބަލަން އިނދެފައި ނަޖާތު ބުނެލިއެވެ.
"އެއީ މައްސަލައެއް ނޫން..." ރޫބީ ހިނިތުންވެލީ ގަދަކަމުންނެވެ. "އެބަ އަންނަން ފެންފުޅިއެއް ހިފައިގެން..."
ފެންއަޅާ ފުޅި ހިފައިގެން ރޫބީ ކޮޓަރިން ނުކުތެވެ. މަޑުމަޑުން ދޮރު ލައްޕާފައި، ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކާގެއަށް ވަނެވެ. އޭރުވެސް ޔަޒްދާން ފޯނު ކަނޑައެއްނުލައެވެ. ފޯނު ކަންފަތުގައި ޖައްސާލިއިރު ރޫބީގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.
"ޓެލް މީ... އަވަސް..." ރޫބީ ބުނެލިއެވެ.
"އަހަންނަކަށް ނޭނގެ މިވާހަކަ ބުނާނީ ކިހިނެއް ކަމެއްވެސް..." ޔަޒްދާން ދޫކޮށްލީ ފުން ނޭވާއެކެވެ. "ރޫބީއަށް ހީވީ ރަނގަޅަށް... ދެޓް ގޯލްޑަން ޑޯރ... ކީކޭ ބުނާނީ... އެތަނަށް ވަދެވެނީ ވަކި ހާއްސަ ބަޔަކަށް... އެތަނުގެ ކާޑަކީވެސް ވަކި ބަޔަކަށް ދޭ އެއްޗެއް... ނަޖާތަކީ އާދައިގެ ކުއްޖެއް ނޫނޭ މިބުނީ އެހެންވެ..."
"އެއީ ކީއްކުރާ ތަނެއް؟... ގޯސްކަމެއް ކުރާ ތަނެއްތަ؟..." ރޫބީގެ ހިތް އަވަސްވިއެވެ.
ނަޖާތާއިމެދު ގޯސް ގޮތަކަށް ދެކޭކަށް ރޫބީ ބޭނުމެއް ނުވެއެވެ. އަމުދުން ނަޖާތަށް ދެރައެއް ލިބުމަކީވެސް ރޫބީ ބޭނުންވާ ގޮތެއް ނޫނެވެ.
"އަހަންނަށް އަދި ޔަގީނެއް ނުވޭ!... އެކަމަކު، ނަޖާތުގެ އަމަލުތައް ހުރީ އާދައިގެ ކުއްޖެއްގެ އަމަލުތައް ހުންނާނެ ގޮތަކަށް ނޫން... ވަރަށް ހުނަރުވެރިއަކަށް ނޫނީ ނޭނގޭނެ ކަހަލަ ފައިޓިންގް ސްކިލްސް އެބަހުރި..." ޔަޒްދާން ތަފްސީލް ދިނެވެ. "ޑޯންޓް ޓްރަސްޓް ހާރ އޯކޭ.... ވަރަށް ވިސްނައިގެން އުޅޭތި!"
"އަހަންނަށް ހެލްޕްވެދީފާނަންތަ؟.." ރޫބީ އެދުނެވެ. "އަހަރެން ބޭނުމެއް ނޫން ނަޖާއަށް ދެރަގޮތެއް ވާކަށް... އަހަރެން ބޭނުން ނަޖާ އެކުރާ ކަމަކުން ސަލާމަތް..."
"ހާދަ ސިއްރުން ކާކާ ވާހަކަ ދައްކަނީ؟..." ނަޖާތުގެ އަޑު އައީ ރޫބީގެ ފަހަތުންނެވެ.
ރޫބީ ދިޔައީ ސިއްސައިގެންނެވެ. ފޯނު އަތުން ދޫވެގެން ބިންމައްޗަށް ވެއްޓުމުގެ ކުރިން، ނަޖާތު ހުށިޔާރުކަމާއިއެކު ތިރިވެލާފައި ފޯނުގައި ހިފިއެވެ. ރޫބީ ހުރީ ދެލޯ ބޮޑުވެފައެވެ. ނަޖާތު އެހާ ފަސޭހައިން ފޯނު ސަލާމަތްކުރުމުންވެސް ރޫބީގެ ހިތުގައި އޮތް ޝައްކު އިތުރުވިއެވެ.
"މިހާ ދަންވަރު ކޮން ބިޓަކަށް ގުޅައިގެން ދެލޯ ބޮޑުވެފަ ތިހުރީ؟" ނަޖާތު ދެލޯ ހަނިކޮށްލާފައި ރޫބީގެ މޫނާއި ކައިރިއަށް ޖެހުނެވެ.
ރޫބީގެ ހިތް ތެޅިގަތީ ނަޖާތު އިސްކްރީނަށް ބަލައިލި ތަން ފެނުމުންނެވެ. އޭގެ ކުރިން ޔަޒްދާން ފޯނު ކަނޑައިލި ތަން ފެނުނެވެ. އެއީ ރޫބީގެ ނަސީބެވެ.
"މީހެއް....ނޫން..." ރޫބީއަށް ޖެހިލެވުނީ ފަހަތަށެވެ.
"ސާބަސް... ތިހާވަރަށް ބިރުގަންނަންޖެހޭތަ އަހަރެންދެކެ.... ހީވަނީ ކުށެއް ކޮށްގެން ހުރި މީހެއްހެން ވިއްޔަ... ދެން އޯކޭއޭ، އަހަރެން ނޫޅެމޭ ދިމާކުރާކަށް..." ރޫބީގެ އަތަށް ފޯނު ލައިދެމުން ނަޖާތު ބުންޏެވެ. "ބޮސްތަ؟ ނޫނީ ކްރަޝްތަ؟... ހާދަ ސީކްރެޓް ވާހަކައެކޭ ތި ދެއްކީ..."
"އެއީ... ފްރެންޑެއް..." ރޫބީ ހަމަޖެހިލަން މަސައްކަތް ކުރިއެވެ.
ނަޖާތު ކުޑަ އިރުކޮޅަކު ރޫބީގެ މޫނަށް ބަލަން ހުއްޓެވެ. އެ ނަޒަރުން ބުނެދިނީ ކީކޭ ކަމެއްވެސް ރޫބީއަކަށް ނޭނގުނެވެ. ރޫބީ ހުރީ ނަޖާތާއި ހަތަރުކަޅި ހަމަކުރަންވެސް އުނދަގޫވެފައެވެ.
"ހެޔޮ ނުބުންޏަސް... އެކަމަކު، ކޮންމެވެސް ދުވަހަކުން ފަޅާއަރާނެ އިނގޭ... އެދުވަހަކުން ސަލާމަތެއް ނުވާނެ!" ނަޖާތު ހީގަނެފައި، ހިނގައިގަތީ އައިސްއަލަމާރިއާއި ދިމާއަށެވެ.
ރޫބީ ފުން ނޭވާއެއް ދޫކޮށްލީ، ނަޖާތު ގޮސް އައިސްއަލަމާރި ހުޅުވައިލި ތަން ފެނުމުންނެވެ. ނަޖާތުގެ މޫނުން މާބޮޑު އަސަރެއް ނުފެނެއެވެ. ރޫބީ ދެއްކި ވާހަކަ އަޑު އިވުނުނަމަ، ނަޖާތު އެހާ ހަމަޖެހިފައި ހުންނާނެކަމަކަށް ރޫބީއަކަށް ގަބޫލެއް ނުކުރެވުނެވެ.
********
ހެނދުނު އޮފީހަށް ވަންއިރުވެސް ރޫބީއަށް ވިސްނުނީ ނަޖާތާއި މެދުގައެވެ. ރޫބީ ފަތިސްނަމާދަށް ހޭލިއިރު، ގޭގެ އެކި ތަންތަނުގައި ހުރީ ކެމެރާ ހަރުކޮށްފައެވެ. ދޮރުގެ އެތެރެއިން ތަންޑު އެޅުވޭނެގޮތް ހަދާފައި ހުއްޓެވެ. ރޫބީ އޮފީހަށް ދާން ނުކުތުމުން، ގޭގެ ތަޅުދަނޑިއެއް ދިނެވެ. ކުރިން ދޮރު ހުޅުވަން ޖަހަންޖެހެނީ ކޯޑެކެވެ. ކުއްލިއަކަށް އެއީ ނަޖާތު ކީއްވެ ކުރި ކަމެއް ހެއްޔެވެ؟ ރޫބީ ހުރީ ކުރިއަށްވުރެ ނުތަނަވަސްވެފައެވެ. ޔަޒްދާން ދެއްކީ ތެދު ވާހަކަތަކެއް ހެއްޔެވެ؟ ނަޖާތު ގޯސްކަމެއް ކުރަނީ ހެއްޔެވެ؟ ލިފްޓާއި ހަމައަށް ދިޔައިރުވެސް ރޫބީއަށް ހުރެވުނީ އަމިއްލަ ދުނިޔެއެއްގައެވެ.
އިކާންއަށް ބެލުނީ ރޫބީގެ މޫނަށެވެ. އެއްވެސް މޭކަޕެއް ކޮށްފައި ނެތްނަމަވެސް، ރޫބީގެ މޫނު ތާޒާއެވެ. އޮމާނެވެ. ދެއްކުންތެރިކަމެއް ނުވެއެވެ. ރޫބީ ލައިގެން ހުރީ ގަދަ ނޫކުލައެއްގެ ދިގު ހެދުމެކެވެ. އަޅައިގެން ހުރީ ކްރީމް ކުލައިގެ ބުރުގަލެކެވެ. ހެދުމުގެ ފަސްބައިގައި ކުދި މިނާތަކެއް ހަރުކޮށްފައި ހުއްޓެވެ. ބަލާބެލުމަށް އާދައިގެ ހެދުމެކެވެ. އިކާންއަކީ ކުރިން އެފަދަ ހެދުންތައް ރީތިވި މީހެއް ނޫނެވެ. އާދައިގެ ހެދުން އޭނާއަށް އެއްވެސް ވަރަކަށް ކަމަކު ނުދެއެވެ. އެކަމަކު، މިއަދު އިކާނަށް އެ ހެދުން ރީތިވިއެވެ. ހިތުގެ އަޑިން ރޫބީއަށް ތައުރީފުކުރެވުނެވެ.
ރޫބީ ހުރީ ހިޔާލަކަށް ގެއްލިފައެވެ. މޫނުން ފެންނަން ހުރީ ނުތަނަވަސްކަމެވެ. ލިފްޓް ހުއްޓައިގެން އިކާން ރޫބީއަށް އިންތިޒާރުކުރާތާ އެތައް އިރެކެވެ. އެހުރިހާއިރު އޭނާ އިންތިޒާރުކުރީ ދުވަހުގެ ފެށުން އުޖާލާ ކުރުމަށެވެ. އެކަމަކު، ރޫބީއަށް އިކާން އެއް ނުފެނެއެވެ. ލިފްޓްގައި އިތުރު މީހަކު ހުރިކަންވެސް ނޭނގޭ ފަދައެވެ. އިކާން ފޯނެއް އަންނަކަމަށް ހެދުނެވެ. ކަރު ކެހިކެހިފައި ފޯނަށް ވާހަކަ ދެއްކިއިރު، ދޭތެރެއަކުން ރޫބީއާއި ދިމާއަށް ބަލައިލައެވެ. އެކަމަކު، ލިފްޓް ހުއްޓުނުއިރުވެސް ރޫބީ ހުރީ އޭނާގެ އަމިއްލަ ދުނިޔޭގައެވެ. މީހެއްގެ އަޑު އިވުނުކަމެއްވެސް ނޭނގެއެވެ.
"ކޮންމެވެސް ގޯހެއް އެބައުޅޭ..." ކެބިންގައި ހުރެގެން އިކާން ބެލީ ރޫބީއަށެވެ.
ރޫބީ އިނީ މަސައްކަތެއްގެ ތެރެއަށް ގެއްލިފައެވެ. ކޮމްޕިއުޓަރުން ފަރިތަކަމާއިއެކު އެއްޗެއް ޓައިޕްކުރަމުން ދިޔައެވެ. ރޫބީގެ ކުރިމަތީގައި ފައިލެއް އޮތެވެ. އަނގަޔަށް ލައިގެން އިން ފަންސޫރު ނަގައި ދޭތެރެއަކުން ފައިލުގައި ކޮންމެވެސް އެއްޗެއް ނޯޓުކޮށްލައެވެ. ރޫބީގެ ހަރަކާތްތައް ހުރިގޮތުން ކުރަން އިން ކަންތަކުގެ މުހިއްމުކަން ދޭހަކޮށްދެއެވެ.
"އޭނަ ގަސްދުގަ އިގްނޯ ކުރަނީއޭ... ސްޕޭސް ދީބަލަ..." ރޫބީއަށް ބަލަން އިން މިފްޒާލް ވާހަކަދެއްކީ އިކާނަށް ދިމާކުރާ ކަހަލަ ރާގަކަށެވެ.
"ސްޕޭސްއޭ؟..." ފަހުރުވެރި ރާގަކަށް އިކާން ބުނެލިއެވެ. "އަހަރެން އަދި ނުބުނަންދޯ އިއްޔެ އަހަރެމެން ކާރުގަ ގެއަށްދިޔަ ވާހަކައެއް..."
"ކާރަށޭ!... ނުކުރާނަން ގަބޫލެއް.. ތިދެމީހުން ކްލޯސްވެއްޖެއްޔާ، އަހަރެން އަތުން ބޮނޑިބަތް ކައްކާފަ ކާންދޭނަން... އޭގެ ކުރިން ކަމެއް ވަންޏާ، ނިކަން މިގަޑީގަ އެމަންޖެ މިތަނަށް ގެނެސްބަލަ..." މިފްޒާލް ހީގަތެވެ.
"ބަލަން ހުންނައްޗޭ!" އިކާން ދިޔައީ ފޯނާއި ދިމާއަށެވެ. އިކާން ނިންމީ ރޫބީއާއި ދެމީހުންގެ ގުޅުން ރަނގަޅުވެފައިވާވަރު މިފްޒާލަށް ދައްކާށެވެ.
"ޖައްސާލަބަލަ ކެބިންއަށް..." ރޫބީ ފޯނު ނެގުމުން، ވާހަކަ ދައްކާނެ ފުރުސަތެއްވެސް ނުދީ އިކާން އެހެން ބުނެފައި ފޯނު ކަނޑައިލިއެވެ.
"ބަލައްޗޭ!... ވަގުތުން އަންނާނެ..." އިކާން ލޮލުގެ އިޝާރާތުން ރޫބީ ދައްކައިލިއެވެ.
ރޫބީ ފޯނުގެ އަތްގަނޑު ނެގިއެވެ. އިކާނަށް ގުޅިއެވެ. ފޯނު ނެގިއިރު، އިކާންގެ މޫނުގެ ކުލަވަރު ވަނީ ބަދަލުވެފައެވެ. މިފްޒާލްގެ ކުރިމަތީގައި ލަދުގަތުމަށްވުރެ އިކާން ދެރަވީ، ރޫބީ ނާންނާނެކަން އެނގުމުންނެވެ.
"މި މަސައްކަތް ނިންމާލާފަ ދިޔަސް އެންމެ ރަނގަޅުތޯ؟" ރޫބީ އަހައިލިއެވެ.
އިކާން ފޯނު ބޭއްވިއިރު، މިފްޒާލް ހީހީފައި ދެލޮލުން އަންނަމުންދިޔަ ފެން ފޮހެނީއެވެ.
"ދެންވެސް އެމަންޖެ ކައިރީ ބުނެބަލަ، އެއީ ދިހަ އަހަރު ކުރީގެ ކްރަޝްއޭ... މިހާދުވަހު ހުސްކޮށް ހުރީ އެމަންޖެއަށްޓަކައޭ... އެވާހަކަ ކިޔާދީބަލަ!... އޭރުން އެހިތް ލެނބިދާނެ... އަންހެންކުދިންނަކީ ވަރަށް ނާޒުކު ބައެއް... އެމީހުންގެ މައިންޑާ ކުޅެންޖެހޭނީ ވަރަށް އިމޯޝަނަލްކޮށް..." މިފްޒާލް ހުނުން ހުއްޓައިލީ އިކާން މާ ސީރިއަސްވިތަން ފެނުމުންނެވެ.
"އަހަރެން ބޭނުމީ ވަރަށް ހާއްސަ ގޮތަކަށް އެކަން އަންގަން... ސަޕްރައިޒްއެއް ދޭން..." އިކާން ބުނެލިއެވެ.
"ތިހެން ހުއްޓާ، ގެއްލިދާނެ އިނގޭ..." މިފްޒާލް އިންޒާރު ދިނެވެ.
"ވެޑިން ނައިޓް ސްޕެޝިއަލް ސަޕްރައިޒްތަ..." ކެބިންއަށް ވަދެގެން ދިޔަ އިބާގެ އަޑުގައިވީ ސަމާސާ ރާގެކެވެ.
އިބާ މިފްޒާލަށް އަވަސް ނަޒަރެއް ދިނެވެ. މިފްޒާލް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލާފައި ތެދުވިއެވެ. މޭޒުމަތީގައި ހުރި ފައިލުތައް ހިފައިގެން ކެބިންއިން ނުކުތެވެ. އިބާގެ ތަބީއަތު ހަރާބުވިއެވެ. މިފްޒާލް އެހާ ދުރުން އުޅޭތީ، އިބާގެ ހިތުގައި ޝަކުވާ އުފެދުނެވެ.
"ނެތްތަ ކޮފީގަނޑެއް؟" އިބާ ސޯފާއަށް ވެއްޓިގަތެވެ.
އިކާން ގޮނޑިން ތެދުވިއިރު، ރޫބީ އިނީ އެދިމާއަށް ބަލަހައްޓައިގެންނެވެ. އިބާއަށްވެސް އެމަންޒަރު ފެނުނެވެ. އިބާ ތެދުވެގެން ގޮސް އިކާންގެ ކޮނޑުގައި އެލިގަތެވެ. ރޫބީގެ މޫނަށް އެރި ރޫތައް ފެނުމުން، އިބާގެ ކައިރިއަށް އައީ ލާނެތް ހިންޏެކެވެ.
"ކިހިނެއްތަ ތިއުޅެނީ؟'' އިބާ ދުރުކޮށްލިއިރު، އިކާންގެ މޫނުން ފެނުނީ ހާސްކަމެވެ. "ރޫބީ ހީކުރާނީވެސް ކީކޭތަ؟"
"ރޫބީ؟.. ވާއު؟... ކޮންއިރަކުތަ ދޮންބެއަށް އެކުއްޖާ މާ ހާއްސަވީ؟ އަބަދު އައިޝާވެގެން އުޅެފަ، މިހާރު އެކުއްޖާމަތިން ހަނދާންނެތުނީ؟..." އިބާ ދެލޯ ހަނިކޮށްލާފައި އިކާނަށް ބަލައިލިއެވެ. "އޭނަ ހީކުރާނީ އަހަރެމެން ދެމީހުން މީ، ދެ ލޯބިވެރިން ކަމަށްތަ؟"
އިބާ ބާރަކަށް ހީގަތެވެ. އިކާން އެއްޗެއް ނުބުނެ، އެހެން ދިމާއަކަށް ބަލައިލިއެވެ. ރޫބީ އިރުކޮޅެއް ކޮށްފައި އިކާންގެ ކެބިންއާއި ދިމާއަށް ބަލައިލިއިރު، އިބާ ހުރީ ރޫބީއަށް ބަލަހައްޓައިގެންނެވެ. އިބާ ތުއިގޮތަކަށް ރޫބީއަށް އަތުން ހަނާއަޅައިލާފައި ކެބިންގެ އެތެރެ ނުފެންނަގޮތް ހެދިއެވެ.
"ވަޓް؟..." ރޫބީގެ މޫނުން ފެނުނީ ފޫހިކަމެވެ. "އަހަރެން ނޫޅެން ތިދެމީހުން އުޅޭހާ ގޮތެއް ބަލާކަށް... ކީއްކުރަންތަ ކޮންމެހެން އޮފީހަށް އަންނަނީ... ކުރާ ކަމެއް ކުރަން ރޫމެއް ކުއްޔަށް ހިފައިގެން ދާންވީނު... ނޫނީ ދެމީހުން މެރީކުރަންވީނޫންތަ... ކީއްކުރަންތަ ކޮންމެހެން އެހެންމީހަކާ އިންނަނީ..."
"ކޮބާ ޕްރެޒެންޓޭޝަން ރެޑީތަ؟" ނިޝްރީންގެ އަޑަށް ރޫބީ ދިޔައީ ސިއްސައިގެންނެވެ. "މިއަދު ބާރަ ޖަހާއިރު ބައްދަލުވުން އޮންނާނެ... ތައްޔާރުވާތި!"
ގަޑިން ބާރަޖަހަން ދިހަ މިނެޓަށްވީއިރު، ރޫބީ އާއި ވިރުދާ ފިޔަވައި އެހެން ހުރިހާ މުވައްޒަފުން ތިބީ ބައްދަލުވުން ބާއްވާ ހޯލުގައެވެ.
"މިއަދު ވަރަށް ރަނގަޅު ފިލާވަޅެއް ލިބޭނެ" މިޔާދާ ސިއްރުން ނަޖުމާގެ ކައިރީގައި ބުނެލިއެވެ.
"ހަމަ އަސްލުވެސް އޭތި ޑިލީޓްކޮށްލީތަ؟" ނަޖުމާ އިނީ ޔަގީންނުވެފައެވެ.
"ޝްޝްޝް..." މިޔާދާ އޭނާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސައިލިއެވެ. "މާ ބާރަށް ތިވާހަކަ ނުދައްކާ... މިހާރު ފާރުތަކުގަވެސް ކަންފަތް ހުރޭ"
"އަހަރެން ހިއެއްނުކުރަން އިނގޭ އެކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް..." ނަޖުމާ ދެފަރާތަށް ބޯ ހޫރައިލިއެވެ.
"އަހަރެމެންނަށް ނުލިބުނު ކުރިއެރުމެއް އިއްޔެ މިތަނަށް އައި މީހަކަށް ލިބިގެން ނުވާނެއެއްނު..." މިޔާދާ ބުނެލިއެވެ.
"އެކަމަކު، އޭނަ ވަރަށް ހަމަޖެހިފަ ދޯ ހުންނަނީ... ހިއެއްނުވޭ ކަމެއްވީހެންވެސް... އަނެއްކާ ޑިލީޓްކުރިކަން ނޭނގެނީބާ؟..." ނަޖުމާ ޗޮކެއް ކަނޑައިލިއެވެ.
ރޫބީމެން އެތެރެއަށް ވަންތާ ގިނައިރެއްނުވެ، އިކާނާއި އަސްލަމް އެތެރެއަށް ވަނެވެ. އިކާން ފެނުމުން، ރޫބީއަށް ތުންފިއްތައިލެވުނީ ކުރީގެ ހާދިސާ ހަނދާންވުމުންނެވެ. އޭނާގެ ނަޒަރުން އެ އަންހެންކުއްޖާއާއި އެކުގައި ނައީ ކީއްވެތޯ ސުވާލުކުރާ ކަހަލައެވެ. ހަމަޖެހިގެން އިނަސް، އިކާން ބަލައިލައިފިނަމަ، ރޫބީ ތުން ފިއްތައިލައެވެ.
މިޔާދާ އެންމެ އިންތިޒާރުކުރި ވަގުތު އައިސް ޖެހުނެވެ. ރޫބީ ޕްރެޒެންޓޭޝަން ހުށަހަޅަން ތެދުވި ތަން ފެނުމުން، މިޔާދާގެ ތުންފަތަށް ފާޑެއްގެ ހިނިތުންވުމެއް ވެރިވިއެވެ. އިސްކްރީނުން ފެނިގެންދިޔަ ތަސްވީރާއިއެކު މިޔާދާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ރޫބީގެ ހުނަރުވެރިކަމުން ފުރިގެންވީ ޕްރެޒެންޓޭޝަން ނިމުނުއިރު، މިޔާދާ އިނީ ރުޅި އައިސްގެން ދާހިއްލާ ފޯވެފައެވެ. ރޫބީގެ މަސައްކަތް ޑިލީޓްކޮށްލުމުން، އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރޫބީ އެއަށްވުރެ ފުރިހަމަ މަސައްކަތެއް ކުރީ ކިހިނެއް ހެއްޔެވެ؟ އަސްލަމެކޭ އެއްވަރަށް އިކާންވެސް އިނީ އަޖައިބުވެފައެވެ. ރޫބީއަށް ތައުރީފުކުރިއެވެ. އިކާންގެ ހިތުން ރޫބީއަށް ދެވުނު ޖާގަ އިތުރުވިއެވެ. ބައްދަލުވުން ނިންމާފައި އެންމެން ނުކުތެވެ. ރޫބީ ހުރީ އެންމެންގެ ފަހަތުގައެވެ. އިކާނަށް ރޫބީގެ އަތުގައި ހިފައިލެވުނެވެ. އޭނާ ބޭނުންވީ ވަކިން ރޫބީއަށް ތައުރީފުކުރާށެވެ. މަސައްކަތަށް ހިތްވަރު ދޭށެވެ. ރޫބީ ނުރުހިފައި ބަލައިލުމުން، އިކާން އަވަސް އަވަހަށް ރޫބީގެ އަތުން ދޫކޮށްލިއެވެ.
"ދޭބަލަ އެކުއްޖާގެ އަތުގަ ހިފަން..." ރޫބީ ހުރީ ތުންފިއްތާލައިގެންނެވެ.
"އެއީ އަހަރެންގެ..." އިކާން ބޭނުންވީ ރޫބީގެ ހިތުގައި އޮތް ޝައްކު ފިލުވައިލާށެވެ.
"އަހަރެން ކައިރީ ނުބުންޏަސް އޯކޭވާނެ.. ތި ދެމީހުން ބޭނުންގޮތަކަށް އުޅެވޭނެ..." ރޫބީ އުޅުނީ ނުކުންނާށެވެ.
އިކާން އަނެއްކާވެސް ރޫބީގެ އަތުގައި ހިފައިލިއެވެ. އޭރު އޭނާގެ ތުންފަތުގައިވަނީ ލާނެތް ހިނިތުންވުމެކެވެ. ރޫބީ ކަންތައް ކުރިގޮތުން އިކާންގެ ހިތުގައި އޮތް ހާސްކަން ފިލައިގެން ދިޔައެވެ. އިބާ ކަންތައްކުރިގޮތުން ރޫބީގެ ހިތުގައި ހަސަދަވެރިކަމެއް އުފެދުނުނަމަ، އެއީ އިކާން އުފާވާންޖެހޭ ކަމެކެވެ.
(ނުނިމޭ)