ރޭ ރަސްފަންނުގައި ޝޯއެއް ކުރިއަށް ދަނިކޮށް، ސްޓޭޖުމަތީގައި ހުރި ލެޑް ޕެނަލެއް ވެއްޓި ދެމީހަކަށް އަނިޔާވެއްޖެއެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ރޭ ރަސްފަންނުގައި ޗެރިޓީ ޝޯއެއް ބާއްވަން ތައްޔާރުކޮށްފައި ހުރި ލެޑް ޕެނަލެއް ވަޔާ ވެއްޓި، ދެމީހަކަށް އަނިޔާވެފައި ވާކަމަށް 22:02 ހާއިރު ރިޕޯޓުކޮށްފައި ވާކަމަށެވެ.
އަނިޔާވެފައި ވަނީ ދިވެއްސަކާއި ފިލިޕީންސް މީހަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގާފައި ވަނީ، ސައުންޑްސް ފޯ ލަތީގެ ނަމުގައި ބޭއްވި ޗެރިޓީ އިވެންޓެއްގައި "ޒަޑަސިސް" ބޭންޑުން ލަވަ ހުށަހަޅަނިކޮށެވެ. މި ހާދިސާއާ ގުޅިގެން އެ ބޭންޑުން ސޯޝަލް މީޑީއާގައި ހިއްސާކޮށްފައިވާ މެސެޖެއްގައި ވަނީ، ލެޑް ޕެނަލް ވެއްޓުމުގެ ސަބަބުން ބޭންޑުގެ ޑްރަމަރު އަހްމަދު ދާނިޝް ސޮބާހަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައި ވާކަމަށެވެ. ނަމަވެސް، އޭނާގެ ހާލު ރަނގަޅު ކަމަށް އެ މެސެޖުގައި ވެއެވެ.
މި ހާދިސާގައި ދެން އަނިޔާވީ ސައުންޑް ޓެކްނީޝަނަކަށް ކަމަށާއި އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން އެ މެސެޖުގައި ވަނީ ފާހަގަކޮށްފައެވެ.
މި ފަންޑްރައިސިން ހަރަކާތް ކުރިއަށް ގެންދިޔައީ މެއިންސްޓްރީމްގެ ފަރާތުންނެވެ. މެއިންސްޓްރީމުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މެސެޖެއްގައި ވަނީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާކަމަށާއި ހާދިސާގައި ޝާމިލުވާ މީހުންނާ ވާހަކަ ދައްކާ އެމީހުންގެ ހާލު އޮޅުންފިލުވައިފައި ވާކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށާއި މިކަން ތަކުރާރު ނުވާނެ ފަދަ ގޮތަކަށް އިންތިޒާމުތައް ރާވާނެކަމަށް އެ މެސެޖުގައި ވެއެވެ.
މި ހާދިސާގެ ސަބަބުން ރޭގެ ޝޯވަނީ މެދުކަނޑައިލާފައެވެ.
އަނިޔާވި މީހާއާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.