"މީހުން ރުއްސުމުގައި ވަގުތު ބޭކާރުކުރުމަށްވުރެ ތިބާ ހެއްދެވިފަރާތް މަތިން ހަނދާންކޮށް އެފަރާތުގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތް ކުރާށެވެ."
***
ތަންކޮޅެއް ފަހުން އެ ފިރިހެންކުއްޖާގެ އޮޕަރޭޝަން ކާމިޔާބުުކަމާއެކު ނިންމާލާފައި ހަމްޒާގެ އަތުގައިވާ އަންގި ނައްޓާލިއެވެ. ކައިރީގައި ތިބި ބައެއް ސްޓާފުންގެ ތަރުހީބުގެ އަތްތިލަބަޑިއެއް އިވުނެވެ. ތަންކޮޅެއް ޒުވާން ޑޮކްޓަރަކު ހީލަމުން އޭނަގެ އަތަށް ފެންފުޅިއެއް ދިއްކޮށްލިއެވެ.
اللّهُـمَّ بارِكْ......ޑޮކްޓަރ...ދެޓް ވޯޒް އިންކްރެޑިބަލް.."
"لَا حَوْلَ وَلَا قُوَّةَ إِلَّا بِٱللَّٰهِ.." ހަމްޒާގެ ތުންފަތަށް ކުޑަ ހިނިތުންވުމެއްވެރިވިއެވެ. "ހުރިހާ ގާބިލުކަމެއް ދެއްވަނީ ﷲ ތައާލާ......"
ހަމްޒާ އެއްވެސް ވަރަކަށް ތައުރީފު އަޑުއަހަން ބޭނުމެއްނުވެއެވެ. އޭނައަށް އެކަމުން ނުތަނަވަސްކަން ލިބެއެވެ. ކާރަށް އަރައިގެން ދުއްވައިލިއިރުވެސް އޭނަގެ ގަމީހުގެ އަތުކުރީގައި ހިފާލާފައިވީ އެންޓިސެޕްޓިކް ވަހުން ނޭފަތަށް އުދަގޫކުރުވިއެވެ. ކޯނިޝް މަގުން ދުއްވާފައި ދިޔައިރު އެއްފަރާތުން ކަދުރުރުކާއި، ވިނަތަކާއި މެޑިޓެރޭނިއަން ކަނޑުގެ ހިތްގައިމު މަންޒަރުތައް ފެނެއެވެ. ރަށުގެ މޫދު ގެ ނޫކުލައަށްވުރެ ކަޅުނޫކުލައެކެވެ. މޫދު ފެނުމާއެކު ރަށުގެ ނަލަ މަލަމައްޗާއި ފެހި އަދި ނޫކުލައިގެ މޫދުގެ ހިތްގައިމުކަން ހަނދާނުގައި ޓަކިދޭން ފެށިއެވެ. ހަނދާން ކުރަން ބޭނުންނުވާ ސޫރައެއްވެސް ލޯ މައްޗަށް ފެނިލިއެވެ. އޭނަ ފުން ނޭވާއެއް ދޫކޮށްފައި އަނެއް ފަރާތަށް ނަޒަރު ހުއްޓައިލީ ޚިޔާލުތަކުން ނިކުމެ ހިތަށް ހަމަޖެހުމެއް ލިބުމަށް އެދިއެވެ. މި ފަޅިން ފެންނަނީ އިމާރާތްތަކެވެ. ބައެއް އެޕާޓްމެންޓްތަކުގެ ބެލްކަނީގައި ހިއްކަން އަޅާފައިވާ ހެދުންތަކާއި ޓެރެސްމަތިން ސެޓެލައިޓް ޑިޝްތައްވެސް ފެނިލައެވެ. މަގުމަތީގައި އެއްޗެހި ވިއްކާ މީހުން ގާޑިޔާ ކައިރީގައި އެއްޗެހި ވިއްކުމުގައި އަވަދިނެތި އުޅެއެވެ. ރޯސްޓްކޮށްފައިވާ ޒުވާރިއާއި ކައްޓަލައާއި އެހެނިހެން އެއްޗިއްސެވެ. ތަންކޮޅެއް ދުރުން މަސްފިހޭވަހާއެކު ކަނޑުގެ ލޮނު ވަސް ނޭފަތުގައި ޖެހުނެވެ.
ފިރިހެންކުއްޖަކު ކާރުތަކުގެ ދޭތެރެއިން ރެކެމުން ދިޔައިރު އޭނަގެ އަތުގައި ހުރި ތަބަކުގައި ސެސެމީ އޮށްއަޅާފައި ހުރި ޕާން ހުއްޓެވެ. އަނެއްފަޅީގައި ހުރި އުމުރުން ދުވަސްވީ މީހަކު ފިހަން އަރުވާފައި ހުރި ޒުވާރީގެ އަނގުރު އަލިފާނަށް ވިހަން ފެށުމުން ދުންގަނޑު ފަޒާއަށް އަރައިގަތެވެ.
ހަމްޒާގެ ފޯނު ރިންގްވާންފެށިއެވެ.
"ޑިނާރ ރެޑީއަށް ހުރީ....އިންތިޒާރުގައި މިހިރީ...ކޮން އިރަކު ވަޑައިގަންނަވަނީ؟"
ހަމްޒާގެ ބުމަ ކުޑަކޮށް ގޮށްޖެހުނެވެ. ހަނާންގެ އަޑު ކަންފަތުގައި ޖެހުނަސް ތަބީއަތު ގޯސްވެ ރުޅިގަދަވެގަންނަ ސަބަބެއް އެއްގޮތަކަށްވެސް ނޭގެއެވެ. ހަނާންއާއި ކައިވެނިކުރަން ޖެހުނީ މަންމަ ލައްވާ އާދޭސް ނުކޮށް ކިޔަމަންތެރިވާންވެގެންނެވެ. އޭނަ އަބަދުވެސް އުއްމީދުކުރީ ހަޔާތުގެ ބައިވެރިޔަކަށް އަޚުލާގު ރަގަޅު ދީނީ އަންހެންކުއްޖަކު ވުމަށެވެ. ހަނާންގެ ރީތިކަމާއި މުއްސަދިކަން އަދި ރަގަޅު އާއިލާއަކުން އައިނަމަވެސް ދީނީ ކަންތައްތަކުގައި ފަރުވާކުޑަކަމުގެ އިންތިހާއެވެ. އޭނައަކީ މަންމަގެ ބަސްއަހާ ދަރިއަކަށް ވިކަމީ ކާކުގެ ނަސީބެއްކަމެއްވެސް ނޭގެއެވެ. ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްތެރިވިޔަސް އިންސާނަކަށްވީތީ އަތުން ފައިން ގޯހެއް ހެދިދާނެކަމުގެ ބިރުވެސް ހީވިއެވެ. ސަމާލުކަން ގެއްލުނު ސިކުންތުކޮޅު ކުއްލިއަކަށް ފިރިހެންކުއްޖެއްގެ ގައިގާ ކާރު ނުޖެހި ސަލާމަތްވީ ހަމަ ﷲގެ ރަހުމަތުންނެވެ. ކާރުގެ ބުރަކި ހިފައިލުމާއެކު އަސްތަޣުފިރުﷲއޭ ބުނެލެވުނެވެ. ހަމްދުކުރެވުނެވެ.
***
ސަޔާރާގެ ގެއިން ގެނައި ތަށިބަރި ހުޅުވައިގެން ކޮންމެ ތަށިގަނޑެއް ވަކިން ބަލާލާފައި ޖަމީލާ ބުނި އެއްޗެއް ޒުލޭޚާއަކަށް ފަހުމެއްނުވިއެވެ. ނުކައި ނިދާ ވާހަކަ ބުނުމުން ޒުލޭޚާ އެތައްވަރަކަށް އާދޭސްކޮށްގެން ބަދިގެއަށް ވަނެވެ. އެކަމަކު ތަށިބަރީގައި ހުރި އެއްޗެހި ކާން އިންކާރުކޮށްފައި ކެއީ ރޮށި ފަޅިއަކާއި ތެލުލި ރިހާކުރު ޖަހައިގެންނެވެ. ނިދަންވެގެން ކޮޓަރިއަށް ވަދެފައި ފާރާއި ދިމާލަށް ބަލަހައްޓައިގެން އިންތަން ފެނުމުން ޒުލޭޚާ ކަންބޮޑުވިއެވެ. ދެތިން ފަހަރު ބަލައިލިއިރުވެސް ހަމަ އެހެން ފިކުރުބޮޑުވެފައި އިނީއެވެ. ސުވާލު ކުރުމުން ބުނަނީ ހަމަ ނިދި ނާންނާތީ އިނީ ކަމުގައެވެ. އޭނައަށް ވިސްނުނެވެ. މިރިއަމް ނެތުމުގެ ފިކުރުބޮޑުވެ އެ ހިތާމައިގާ އެފަކީރު ހަނާވަނީއެވެ. ކިތަންމެ ބުންޏަސް ހުރި އެންމެ އަންހެންދަރިފުޅު ލޯމަތިން ވަކިވެގެން ދާން ބޭނުންވާނީ ކޮން މަޔެއް ހެއްޔެވެ؟ދަންވަރު ބޯކޮށް ވާރޭވެހެން ފެށިއެވެ. ފުރާޅަށް ވާރޭގެ ބޮޑެތި ތިކިތައް ހަމަދާލޭން ފެށުމުން ޒުލޭޚާއަށް އަދި އަރާމުކޮށް ނިދައިލެވުނެވެ. ޒުލޭޚާއަށް ހޭލެވުނީ މީހަކު އޭނަގެ ގައިގާ ކޮށްޓައިލުމުންނެވެ.
"އެހެރީ ކާކުތަ؟" ޖަމީލާ އިޝާރާތްކުރި ދިމާލުގައި ހުރީ ހެދުން އަޅުވާ އެއްޗެކެވެ.
"އަޅެ. ދެން މި ފެނުނީމަ ޖަމީލާއްތަ ބިރުގަތީ ދޯ..މިއީ މީހެއް ނޫން... މިއޮތީނު......މީގައި ހެދުމެއް އަޅާފައި މިއޮތީ..."
ޖަމީލާ ގޮސް އެ ހެދުން ނެގިއެވެ.
"މިއީ....ޒުލޭޚާގެ ތަ؟"
"ނޫން....މިރިއަމްގެ ހެދުމެއްހެން ހީވޭ..."
"މިރިއަމް؟" ޖަމީލާ ހައިރާންވިއެވެ.
އޭނަވެސް ދުވާލު ނިދިއްޖެއްޔާ ހޭލައިގެން ބައެއްފަހަރު އެގޮތަށް ވަގުތުވެސް އޮޅެއެވެ. އަދިވެސް ޖަމީލާއްތަގެ ސިކުނޑި ނިދަނީކަން ނޭގެއެވެ. މިރިއަމް އެނބުރިއައުމުން ކިޔައިދޭނެ ވާހަކަތައް ގިނަވާނެހެން އޭނައަށް ހީވާންފެށިއެވެ. އޭނަ ނިންޖަށް ބޭނުންވެފައި ހުރިވަރުން އަނެއްކާގޮސް އޮށޯވެލައިގެން ރަޖާގަނޑު ގައިމަތިން އަޅައިލިއެވެ.
***
އޭނަ ދިރިއުޅޭ ގެ ހުންނަނީ ޒަމާނީ ގެތަކާއި ބަގީޗާތައް ހުންނަ ހިސާބެއްގައެވެ. އޭނަގެ އަންހެނުންގެ ބައްޕަގެ ބޮޑު ގޯތްޗެއް އޮތުމާއެކު އެގޭގެ ދޮރާށި ހުޅުވައިލުމާއެކު އެހެން ދުނިޔެއަކަށް ވަދެވޭފަދައެވެ. މުޅި ހިސާބު ވަނީ ހިޔާދޭ ގަސްތަކާއި ވިނަތަކުން ފުރައިލެވިފައެވެ. ބޮޑުއާވިގަހާއި ތިރިކޮށް ހެދިފައިވާ އަނބުގަހާއި ލުނބޯ އަދި އޮރެންޖް އަޅާ ބަރާވެފައިވާ ގަސްތަކެވެ. ބައެއްދިމާލުގައި އިށީންނަން ހަދާފައިވާ ބެންޗުތަކެވެ. ސާފު ފެންގަނޑެކެވެ. ފެންޑާގައި ވަރުގަދަ ތަބުތަކެވެ. އެހާ ތަނަވަސްވެފައި ފުޅާކަމާއެކު ލިވިންރޫމެއްފަދައިން ސޯފާސެޓާއި ޓީވީވެސް ބަހައްޓާފައި ހުރެއެވެ. ބައެއް ދިމާލުގައި މާތައް ފޮޅިފައިވާއިރު މުޅި ހިސާބުގައި ހުވަދުލެވިފައެވެ. ގަނޑުވަރެއްފަދަ ޝާހީ ރީތި ގެއެކެވެ. ހަޔާތުގެ ބައިވެރިޔަކާއެކު ދިރިއުޅެން އެންމެ އުފާވެރި މާހައުލެވެ. ނަމަވެސް މި ރީތިކަމަކުން އޭނަގެ ހިތަށް އެއްވެސް އުފަލެއް ނުލިބެއެވެ. އޭނަގެ ހިތަށް ލިބޭ ހަމައެކަނި ހަމަޖެހުމަކީ ނަމާދާއި ޒިކުރުކުރުމެވެ. ޓްރެފިކާއި ހެދި ނަމާދުވެސް ކޮންމެވެސް ވަރަކަށް ލަސްވެއްޖެކަން ހިތަށް އަރާފައި ދެރަވިއެވެ.
"ޢައްސަލާމް އަލައިކުމް.." ހަނާން ސޯފާގައި އިނީ ނެޓްފްލިކަސް ޑްރާމާއެއް ބެލުމުގެ ފޯރީގައެވެ. ހަމްޒާ އައުމުން ހުރިހާ ދަތްތައް ފެންނަވަރަށް ހީލިއެވެ. އޮމާން ދޮން މޫނަކާއި ހިތްގައިމު އިސްކޮޅެއްގެ ވެރިއެކެވެ. ލޮލުގައި އަބަދުވެސް ލާނެތް ވިދުވަރެއް ހުރެއެވެ. ހަމްޒާ ޖަވާބެއްނުދިނުމުން ކަޅި އަނބުރައި ނުލެވުނީ ހަމަ ކިރިޔާއެވެ.
"ޔަގީން. އަހަންނަކީވެސް މި ފަރުނީޗަރުތަކުގެ ބަޔެއްކަމަށް ހީކުރީ.. ސަލާމުގެ ޖަވާބު އަދާކުރުމަކީ ވާޖިބެއްކަން އެނގޭނެއްނު.................." އޭނަވެސް އެހާ މޮޔައެއްނޫނެވެ. "ބޮޑީ ލެންގުއޭޖް" ގެ މާހިރަކަށް ނުވިޔަސް އޭނައަށްވެސް ކޮންމެވެސް މިންވަރަކަށް އެނގެއެވެ. ހަމްޒާގެ ހިތުގައި އޭނައަށްޓަކާ ލޯބީގެ ޒައްރެއްގެ މިންވަރުވެސް ނުވާކަމީ އިރުފަދައިން ފެންނަ ހަގީގަތެކެވެ. އޭނަގެ ދެބެންގެ ދެދަރި އަންހެންކުދިންގެ ފިރިންވެސް ހެނދުނުގެ ސަލާމްކޮށްލަން މެސެޖްކުރެއެވެ. ލޯބީގެ ޕޯސްޓްތައް ކޮށްލައެވެ. ޑްރާމާތަކުން ފެންނަ ދެމަފިރިންވެސް އެކަކު އަނެކަކާއި ސަމާސާކޮށް ހީ އަދި އަތުގައި ފިރުމައިހަދާލައެވެ. ދަނގަޑު ދަގަތްފާނަށް ދަމާފަދައިންނެވެ. ހަމްޒާގެ ބައިވެރިޔަކީ ވަޒީފާއެވެ. ގެއަށް އަންނައިރު ދެލޮލުން ފެންނަނީ ވަރުބަލިކަމެވެ. އެހާ ހިމޭނެވެ. އޭނައާއި ދޭތެރޭގައިވެސް ދެކެނީ ބަލަން ނުޖެހޭ ބަލިމީހެއްފަދައިންނެވެ.
"ވައަލައިކުމުއް ސަލާމް.."ހަމްޒާ ބޫޓު ހަރުގަނޑުގައި ބެހެއްޓީ ތަންކޮޅެއް ބާރަށެވެ. އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަތީ ސިޑިބަރިއާއި ދިމާލަށެވެ.
"އެ ފަކީރަށް ރުޅި ބާލާކަށް ނުވާނެއްނު ހަމްޒާ.....ހުރިހާ ޑޮކްޓަރުންވެސް ހޮސްޕިޓަލްދެކެ އަންނަ ރުޅިގަނޑު ގެއަށް ހިފައިގެން އަންނަނީ؟ އެނީވޭސް އެވާހަކަ ބާއްވަމާ.....ކާނީ މިހާރުތަ؟ ހޫނުކޮށްލަދީފާނަން.."
ހަމްޒާ އަވަސްވެގަތީ ނަމާދުކޮށްލުމަށެވެ. ކޮޓަރިން ބޭރަށް ނުކުމެލީ ގަޑިއެއްހާއިރުފަހުން ކަމުގައިވިޔަސް ހަނާން އިންތިޒާރުގައި އިނެވެ. ބަދިގެއަށް ވަނުމުގެ ކުރިން އިސްތިގުބާލު ކުރީ ސެންޓުގެ ސްޕްރޭއެވެ. ކޮރިޑޯއަށް ނުކުމެވުނީތީ ހިތާމަކުރިއެވެ. ހަނާން އޭނަގެ ކަނދުރާއަށް ސެންޓް ބުރުވައިލީ ހަމަ ގަސްތުގައެވެ. ގާޑެނިއާ އަދި ހުތްވަހެއް އޭނަގެ ނޭފަތުގެ އެންމެ އެތެރެއަށް ވަދެ ސައިނަސްއަށް ގޯނާކޮށްލިއެވެ.
"އެނގޭތަ؟ މުލޫޚިއާ އިންތިޒާރުގައި އިނދެ އިނދެ އުމުރުން ދުވަސްވެ މަރުނުވިކަމީ މިރެކްލްއެއްކަން؟" ހަނާން ދޮރުފަތް ކައިރީގައި ހުރި ލޯގަނޑުކައިރީ ހުއްޓިހުރެ އިސްތަށިގަނޑުގައިވާ ކްލިޕްތައް ރީތިކޮށްލިއެވެ. ކަނދުރާގައި އޮތް ރަންކުލައިގެ ހިމަ ފަށުގައިވެސް އިނގިލި ޖައްސައިލީ އެއްވަރުކޮށްލުމަށެވެ. ފަށުވި ޓޮޕްކޮޅު ޑިޒައިނާ ސްކާޓްގެ ދަށަށް ޖަހާލައިގެން ހުރިއިރު ގޭގައިލާ އުޅޭ ހެދުމަކަށްވުރެ ބޮޑަށް ޕާޓީއަކަށް ތައްޔާރުވެގެން ހުރިފަދައެވެ.
ހަމްޒާގެ ސޫރަ ލޯގަނޑުން ފެނުމުން އޭނަ ފަރިގޮތަކަށް ހީލިއެވެ."އަހަރެން އާ ހެދުމެއް އެޅީމަ ފާހަގަވިތަ؟"
"ސެންޓު ޖެހީމަ އަހަރެން ބޮލުގައި ރިއްސާކަން ނުދަންނަންތަ؟ އެއީ ޓްރިގާއެކޭ ކިތައް ފަހަރު ބުނެވިއްޖެ......." ހަމްޒާ ހިނގައިގަތީ ކޮފީ މެޝިންކައިރިއަށެވެ. ކޮފީއެއް ހިފައިގެންގޮސް މޭޒުކައިރީގައި އިށީދެ ކުޑަކޮރުން ބޭރަށް ބަލަންފެށިއެވެ.
"ޓްރިގާ ނުވާ އެއްޗެއް މިދުނިޔޭގައި ލައްވާފައިވޭތަ؟ އެހެން ޕެލެނެޓަކަށް ނޫން އެހެން ގެލެކްސީއަކަށް ފޮނުވައިލަން ޖެހޭ ފިރިހެނެއް ހަމަ ހުވާ މިބުނީ..." ހަނާން ކުދި ކިޔައިގަތެވެ. އޭނަ މުލޫޚިޔާ ހޫނުކުރަން މައިކްރޯ ވޭވް އަވަނަށް ލިއެވެ. އެއީ ޝާމްގައި ކެއުމަށް ބޭނުންކުރާ ފަތްޕިލާވެލީގެ ތެރޭގައި ހިމެނޭ ފައިދާހުރި ރަހަމީރު އެއްޗެކެވެ. ލޮނުމެދާއި ބޮޑުދިރި އަދި ލުނބޯ އަޅާފައި ސޫޕްގަނޑު ތައްޔާރުކޮށްލައިގެން ބަތް ނޫނީ ޕާންކަހަލަ އެއްޗަކާއިއެކު ކައިލެވޭނެއެވެ. ހަނާން ނިސްބަތްވަނީ މުއްސަދި އާއިލާއަކަށް ކަމުން ގޭގައި ކައްކައި ސާފުކުރާނެ ޚާދިމާއިން ތިބުމުން އޭނަ ބަދިގެއަށް ވަންނާކަށް ނުޖެހެއެވެ. ބަތްނޫން އެއްޗެއް ކައްކަން ދަސްވެފައި ނެތުމުގެ ސިއްރަކީ އެއީއެވެ.
"އަނެއްކާވެސް ހަމަ މި ސޫޕްގަނޑު؟"
ހަނާން އެނބުރިލީ ބުމައަށް ގޮތެއްހަދައިލަމުންނެވެ. "ޢައިމް ސޮރީ ޝެފް....މެއިޑެއްނެތީމަ ތިބުނާހެން ކޮންމެ ދުވަހަކު ވަކި އެއްޗެއް މެނޫގައި ހުރުން ލިމިޓްވެފައި އޮތީ.....އެމީހުން ކަނޑާލީނު.."
"ކަނޑާލީއެއްނޫން. އެމީހުންގެ އިޚުތިޔާރުގައި ދާން ދޫކޮށްލީ...އަހަރެމެން ނުޖެހޭ ކުދިކަންތައް ކުރުވަން ޚާދިމާއިން ގެންގުޅެން..."
"މަގޭ ކައިރިން ނާހަމެއްނު..."އޭނަ ބާރަށް ބުނެލިއެވެ."އަހަރެމެން އުޅެންޖެހެނީ ސާދާކޮށޭ ބުންޏަސް މަށަކީ ފަގީރުކޮށް އުޅެން ހޭނިފައިހުރި މީހެއްނޫން...."
"ދެމީހުން އެއްބަސްވިގޮތަށް ފޮނުވައިލީ..." ހަމްޒާ އަށް އެ ރާގު ފާހަގަވިކަމަކަށް ނެހެދިއެވެ.
ހަގީގަތަކީ ޚާދިމާއިން ފޮނުވައިލަން އޭނަވެސް އެއްބަސްވިކަމެވެ. އެހެން އަންހެނުން ހަމްޒާގެ ކުރިމަތީގައި ތުއިދައްކަން އަބަދުހެން ތިބުމަށް ކެތްނުކުރެވުނީއެވެ. އަދި އެމީހުން ހަމްޒާއަށް މީރުކޮށް ކައްކާފައި ކާންދޭތަން ބަލަންވެސް އުދަގޫވީއެވެ. އޭނައަށް ނޭގެނީ އޭނަގެ ހިތުގައި ހަސަދައިގެ އޮއިވަރު ހިނގާކަމެވެ.
"އަހަންނަނީ ގޭގައި ހުންނަން ނޫނީ ކައްކަން ޖެހޭ މީހެއްނޫން.. ރަށްފުށުގެ ފަގީރު އަންބެއްވެސް ނޫން..."
"އާނ..އެއްވެސް ވަރަކަށް ގެވެހިކަމެއްނެތް. އަހަންނަށް ކަމުދަނީ ތިބުނާ ވައްތަރުގެ ގެވެހިކުދިން. ކައްކައި ފިރިމީހާއަށް ޚިދުމަތްކޮށްދޭ ގެވެހި ކުދިން......"ހަމްޒާގެ ނަޒަރު އޭނައަށް ހުއްޓުނެވެ. އެލޮލުގައިވީ ދުރުހިލޭކަމެވެ. އޭނަގެ އަނގަ ކުޑަކޮށް ހުޅުވުނެވެ. ހިތަށް އަނިޔާވިއެވެ. އެކަމަކުވެސް ހަށިގަނޑު ސަމާލުކޮށްލަމުން ސްކާޓުން ހިރަފުސް ފޮޅާކަމަށް ހެދުނެވެ.
"ދެން ފަހަރަކުން އިންސްޓެންޓް ނޫޑުލްސް ކައްކާފައި ޓްރޭޝް ބޭގެއް ލައިގެން ހުންނާނީ..އޭރުން ކޮންމެހެން ފާހަގަނުވިޔަސް މަށަށް ހެޔޮ..." އޭނަ ހަލުވިކޮށް އެނބުރިފައި ހިނގައިގަތްއިރު އުއްމީދުގެ ކަންފުޅެއްވިއެވެ. ހަމްޒާ އޭނަ ހުއްޓުވާފާނެއެވެ.
"ކޮންތަނަކަށް ތިދަނީ؟" ހަމްޒާ އަހައިލިއެވެ.
އޭނަގެ މޫނު ދިއްލިގެން ދިޔުމާއެކު ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ. އެންމެފަހުން ހަމްޒާ އޭނަދެކެ ލޯބިވާންފެށީހެއްޔެވެ؟އެއީ އޭނަ ބޭނުންކޮށްފައިވާ ސެންޓްގެ ސަބަބުން ހެއްޔެވެ؟ ހާދަ މީރުވަސް އެބަދުވައެވެ. ނޫނީ އޭނަގެ އިސްތަށިގަނޑު ހަދާފައިވާލެއް ހެއްޔެވެ؟ ޕްރިންސެސްއަކަށް ދޫނުކުރެއެވެ. އޭނަގެ ތުންފަތުގައިވާ ހިނިތުންވުން ނައްތައިލަމުން އެނބުރުނީ ކުޑަކޮށް މޫނު ހަދައިލަމުންނެވެ.
"އަހަރެން ހީކުރީ މިތަނުގައި ބަހައްޓަން ބޭނުންނުވާކަމަށް..."
"އުނދުން ނުނިވާ ހުރީމަ...."ހަމްޒާގެ ޖުމްލައިން އޭނަގެ އެތެރެހަށި އަނދައިގަތުމާއެކު ރުޅިއާއި ލަދުވެތިކަމުގެ ރަތްކުލަ މޫނަށް ފާއްދައިލިއެވެ.
އެވަގުތު ގޭގެ ރަގަބީލު ޖެހުނުއަޑަށް ދެމީހުންނަށް ބަލައިލެވުނެވެ.
ނުނިމޭ