މި އަހަރުގެ ޙައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން މައްކާގައި ހުންނަ މަސްޖިދުއް ހަރަމުގައި ދުނިޔޭގައި ހުރި އެންމެ ބޮޑު ފިނިކުރާ ނިޒާމު އެކްޓިވޭޓްކޮށްފައިވާ ކަމަށް މަސްޖިދުލް ޙަރަމާއި މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ ބެލެހެއްޓުމުގެ މަސައްކަތްކުރާ އިދާރާއިން ބުނެފިއެވެ.
އެ ނިޒާމުން ޖުމްލަ 155،000 ޓަނުގެ ފިނިކުރުމުގެ ކެޕޭސިޓީ ލިބެއެވެ.
މަސްޖިދުއް ހަރަމްގެ އެއާކޮންޑިޝަން އިންފްރާސްޓްރަކްޗާ ބަރޯސާވެފައިވަނީ މައިގަނޑު ދެ ސްޓޭޝަނެއް ކަމަށްވާ 120،000 ޓަނުގެ ކެޕޭސިޓީ ހުންނަ އަލްޝާމިއްޔާ ސްޓޭޝަނާއި 35،000 ޓަނުގެ ކެޕޭސިޓީ އަޖުޔާދު ސްޓޭޝަނަށެވެ.
މި ސްޓޭޝަންތަކުން މުޅި މިސްކިތުގެ ހުރިހާ އޭރިއާއެއް ކަވަރު ކުރާއިރު، ހައްޖުވެރިންނަށް 22 ޑިގްރީ ސެލްސިއަސް އާއި 24 ޑިގްރީ ސެލްސިއަސްއާއި ދެމެދުގެ އާދައިގެ އަދި އަރާމު މިންވަރަކަށް ފިނިހޫނުމިން ތަޖުރިބާ ކުރެވޭނެކަމަށް ސައުދީ ގެޒެޓްގައި ރިޕޯޓުކޮށްފައިވެއެވެ.
ވައިގެ ފެންވަރު އެންމެ ރަނގަޅު ގޮތުގައި ބެހެއްޓުމަށްޓަކައި މި ނިޒާމުގައި ވައިގެ ތެރޭގައި ހުންނަ %95 ޖަރާސީމު ނައްތާލުމުގެ ގާބިލުކަން ހުރި ޒަމާނީ ޕިއުރިފިކޭޝަން ޓެކްނޮލޮޖީތައް ހިމެނެއެވެ.
މިއީ ޚާއްޞަކޮށް ހޫނު މޫސުމުގެ ހޫނުގަދަ ދުވަސްވަރު ޙައްޖުވެރިންނަށް ސާފުތާހިރު ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދޭނެ ކަމެކެވެ.