އޮސްޓްރޭލިއާއިން ރާއްޖެއަށް، ގާޑިއަން-ކްލާސް ޕެޓްރޯލް ބޯޓެއް ހަދިޔާކުރަނީ

އޮސްޓްރޭލިއާއިން އުފައްދާ ގާޑިއަން-ކްލާސް ޕެޓްރޯލް ބޯޓެއް: އޮސްޓްރޭލިއާއިން ރާއްޖެއަށް، ގާޑިއަން-ކްލާސް ޕެޓްރޯލް ބޯޓެއް ހަދިޔާކުރަނީ --

އޮސްޓްރޭލިއާގެ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް ގާޑިއަން-ކްލާސް ޕެޓްރޯލް ބޯޓެއް ހަދިޔާކުރަން ނިންމައިފިއެވެ.

އެކަން އިއުލާނުކުރީ، އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސްއާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ނެރުއްވި ޖޮއިންޓް ސްޓޭޓްމަންޓެއްގައެވެ.

ރިޗާޑް، މިވަގުތު ހުންނެވީ ރާއްޖޭގައި ރަސްމީ ދަތުރުފުޅެއްގައެވެ.

ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓުތަކަކީ އޮސްޓްރޭލިއާގައި ޑިޒައިންކޮށް ހަދާފައިވާ، ކުދި ޕެޓްރޯލް އުޅަނދުތަކުގެ ބާވަތެކެވެ. އޮސްޓްރޭލިއާ ސަރުކާރުގެ 'ޕެސިފިކް މެރިޓައިމް ސެކިއުރިޓީ ޕްރޮގްރާމް'ގެ ދަށުން ދެކުނު ޕެސިފިކް ކަނޑުގެ ކުދި ގައުމުތަކަށް އެ ބޯޓުތައް ދަނީ ފޯރުކޮށްދެމުންނެވެ.

ދެ ގައުމުގެ ޑިފެންސުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ މުއާމަލާތަކީ ދެ ގައުމުގެ ގުޅުމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އަދި އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގެ ގާބިލުކަން އިތުރުކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިންމު ދައުރެއް އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އޮސްޓްރޭލިއާގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސްއާ، ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން -- ފޮޓޯ/ ޑިފެންސް މިނިސްޓްރީ

ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓުގެ ސަބަބުން ގަވައިދާ ޚިލާފަށް ކަނޑުދަތުރުކުރާ ބޯޓުތައް ހުއްޓުވުމަށާއި، އެފަދަ ހަރަކާތްތައް ދެނެގަތުމަށް މަގުފަހިވާނެކަމަށް ބުނެފައިވެއެވެ. އޭރުން ރާއްޖޭގެ އިގްތިޞާދީ ބޮޑު ސަރަހައްދު އިތުރަށް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަށް ސިފައިންނަށް މަގުފަހިވާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އޮސްޓްރޭލިއާގެ ޑިފެންސުން ބުނެފައިވާ ގޮތުގައި ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު މިހާރު ދަނީ ހަދަމުންނެވެ. އަދި އެ ބޯޓު އަންނަ އަހަރު ނިމޭނެ ކަމަށް ބެލެވޭ ކަމަށް ވަނީ ބުނެފައެވެ. ރާއްޖެއާ ގުޅިގެން އޮސްޓްރޭލިއާއިން އެ އުޅަނދަށް އެހީވުމުގެ ގޮތުން މެއިންޓެނެންސް އެންޑް ސަސްޓެއިނަބިލިޓީ ޕްލޭނެއް އެކުލަވާލާނެ ކަމަށް ވެސް އެ ގައުމުގެ ޑިފެންސުން ވަނީ ބުނެފައެވެ.

މި އާ އުޅަނދާއެކު އޮސްޓްރޭލިއާއިން ރާއްޖެއަށް 'މަލްޓި ބީމް އިކޯ ސައުންޑާ'އެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ހައިޑްރޯގްރަފީ ދިރާސާކުރުމަށް ޓަކައި ބޭނުންކުރާ އާލާތެކެވެ. މި ހައިޑްރޯގްރެފިކް އިކުއިޕްމަންޓްގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ފަށަލަ މެޕްކުރުމުގެ ގާބިލުކަން އިތުރުވެ، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިގްތިޞާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އޮސްޓްރޭލިއާގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސްއާ، ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން -- ފޮޓޯ/ ޑިފެންސް މިނިސްޓްރީ

މި މުއާމަލާތާ ގުޅިގެން މިނިސްޓަރު ޣައްސާން ވަނީ އޮސްޓްރޭލިއާ ސަރުކާރުން ހައިޑްރޯގްރެފިކް އިކުއިޕްމަންޓުގެ އިތުރުން ގާޑިއަން-ކްލާސް ޕެޓްރޯލް ބޯޓެއް ހަދިޔާކުރި ކަމަށްޓަކައި ޝުކުރު ދަންނަވައިފައެވެ. އަދި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަށް އެފަދަ ބޯޓެއް ހަމަޖެއްސުމަކީ، ދެ ގައުމުގެ ދެމެދުގައި އޮތް ހަރުދަނާ އަދި ދެމެހެއްޓެނިވި ގުޅުމުގެ މައްޗަށް އަލިއަޅުވާލަދޭ ކަމެއް ކަމަށް ޣައްސާން ވިދާޅުވިއެވެ.

ގާޑިއަން-ކްލާސް ޕެޓްރޯލް ބޯޓެއް ރާއްޖެއަށް ދިނުމަކީ ރާއްޖޭގެ ކޯސްޓްގާޑުގެ ބާރު ދެގުނަ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ހާސިލުކުރުމަށް މަގުފަހިވެގެންދާ ކަމެއް، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން

އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރިޗާޑް ވިދާޅުވި ގޮތުގައި އޮސްޓްރޭލިއާއިން ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ގާބިލުކަން އިތުރުކުރުމަށް ރާއްޖެއާ ގުޅިގެން ބައިވެރިވުމަކީ ފަޚުރުވެރިވާ ކަމެކެވެ.

އަދި އެ ގައުމުގެ ނޭޝަނަލް ޑިފެންސް ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިން، އޮސްޓްރޭލިއާއިން ދަނީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް ޓަކައި، އިރުއުތުރު އިންޑިއާ ކަނޑުގެ އެކި ކަންކޮޅުތަކުގައި ޕާޓްނަރުންނާ ގުޅިގެން މަސައްކަތްކުރަމުން ކަމަށް ރިޗާޑް ވިދާޅުވިއެވެ.

comment ކޮމެންޓް