މި އަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގައި އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިވާ ގޮތުގެ މަތިން ރާއްޖޭގެ ސިޓީތަކާއި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ޢީދުގެ ކަންކަން ކުރިއަށް ގެންދާކަން ކަށަވަރުކުރަން ދައުލަތުގެ ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާއަކަށް ލޯކަލް ގަވަނަންސް މިނިސްޓްރީން މިއަދު ގޮވާލައިފިއެވެ.
ޙައްޖު ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށްވާއިރު، އީދު ދުވަސްތައް ފެށެނީ ހުކުރު ދުވަހެވެ.
މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އަޟްހާ ޢީދަކީ ދިވެހި ގައުމަށާއި މުޅި އިސްލާމީ އުންމަތަށް އަންނަ ވަރަށް މަތިވެރި އަދި އެހާމެ އުފާވެރި މުނާސަބަތެއް ކަމަށެވެ. ދިވެހިންނަކީ ޒަމާނުއްސުރެ ވެސް ވަރަށް ކުލަގަދަ ގޮތެއްގައި އަޟްހާ ޢީދު ފާހަގަކުރާ ބައެއް ކަމަށާއި، އެކަމުގެ ސަބަބުން މުޖުތަމައުގެ ތެރޭގައި އޮންނަ އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަން ވަރަށް ބޮޑަށް އާލާވެ، ދިވެހީންގެ އިޖުތިމާއީ ގުޅުން ބަދަހިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އިސްލާމީ ހަމަތަކުގެ ތެރޭގައި ޢީދު ފާހަގަކުރުމާއި، ދިވެހި ކުދި ބޮޑު އެންމެން ޢީދުގެ އުފަލުގައި ބައިވެރިވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، އިސްލާމީ އުސޫލުތަކާއި، ހުދޫދުތަކާއި، މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ރަށެއްގައި ވެސް ޢީދުގެ ކުޅިވަރުތަކާއި ހަރަކާތްތައް ރާވައި، ހިންގުމަކީ ސަރުކާރުން ތަރުހީބުދޭ ކަމެއް ކަމަށެވެ.
އެ ގޮތުން، މި އަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގައި ވެސް އިސްލާމީ ތަރަހައިގެ ތެރޭގައި، އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިވާ ގޮތުގެ މަތިން ރާއްޖޭގެ ސިޓީތަކާއި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ޢީދުގެ ކަންކަން ކުރިއަށް ގެންދާކަން ކަށަވަރުކުރަން ދައުލަތުގެ ގުޅުންހުރި ހުރިހާ މުއައްސަސާއަކަށް މިނިސްޓްރީން ވަނީ ގޮވާލައިފައެވެ.
މި އަހަރުގެ އަޟްހާ ޢީދު ސަރުކާރުން ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ތިން ރަށަކީ، ލ. ގަމާއި، ކ. ގުރައިދޫ އަދި ހއ. ކެލާއެވެ.
ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އީދު ލައިޓް ފޮނުވި 29 ރަށާއި މި އަހަރުގެ ފިތުރު އީދުގައި ލައިޓް ފޮނުވި 36 ރަށާއެކު ޖުމްލަ 65 ރަށުގައި އީދު ލައިޓް ދިއްލާނެކަމަށް ބެލެވެއެވެ.
އީދު ފަދަ، ދީނުގައި ކަނޑައަޅުއްވާފައިވާ މުނާސަބަތުތައް ކުލަގަދަކޮށް ފާހަގަކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ފަހުން މިހާތަނަށް ފާހަގަކުރި އީދުތަކުގައި ސަރުކާރުން ބައިވެރިވެގެން މާލެ ސަރަހައްދާއި އެކި ރަށްރަށުގައި ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ބާއްވައިފައިވެއެވެ.