އިންޑިއާގެ އުތުރުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުން 34 މީހަކު މަރުވެއްޖެ

އިންޑިއާގެ އަސާމް ސްޓޭޓްގައި ފެންބޮޑުވެފައި. ފޮޓޯ/އޭއެފްޕީ

އިންޑިއާގެ އިރުއުތުރު ސަރަހައްދުގައި ފާއިތުވެދިޔަ ހަތަރު ދުވަހު ވެސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 34 މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ ކަމާ ބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި ގިނަ މީހުން މަރުވެފައިވަނީ އައްސާމާއި އަރުނާޗަލް ޕްރަދޭޝްއިންނެވެ. އެގޮތުން އައްސާމްއިން އަށް މީހަކު މަރުވެފައިވާއިރު އެ ސްޓޭޓާ އަވަށްޓެރި އަރުނާޗަލް ޕްރަދޭޝްއިން ނުވަ މީހަކު މަރުވެފައިވެއެވެ.

އޭގެ ތެރެއިން ގިނަ މީހުން މަރުވީ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ވެއްޔާއި ކުނިބުނީގެ ދަށުގައި ތާށިވެގެންނެވެ.

ފަތުރުވެރިންގެ މެދުގައި މަގުބޫލު ސަރަހައްދެއް ކަމަށްވާ ސިއްކިމްއަށް ވެސް ވިއްސާރަވެ، ފެންބޮޑުވުމުގެ ސަބަބުން 1،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ އެ ސަރަހައްދުގައި ތާށިވެފައެވެ. އެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އިންޑިއާގެ އަސްކަރިއްޔާއިން މިއަދު ފަށާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިންޑިއާގެ އިރުއުތުރުގައި ފެންބޮޑުވުުގެ ސަބަބުން މިހާތަނަށް 34 މީހުން ވަނީ މަރުވެފައި، ފޮޓޯ/ރޮއިޓާސް

ސިއްކިމްގެ އިތުރުން މެގަލާޔާ ސްޓޭޓުގައި ފެންބޮޑުވުމުގެ ސަބަބުން ތާށިވެފައިތިބި 500 އަށް ވުރެ ގިނަ މީހުން ސަލާމަތްކުރަން ވެސް އަސްކަރިއްޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

އިންޑިއާގެ އިތުރުން އަވަށްޓެރި ބަންގްލަދޭޝްގެ އިރުއުތުރު ސިލެޓް ސަރަހައްދުގައިވެސް ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެއް އާއިލާއެއްގެ ހަތަރު މީހަކު މަރުވެފައިވާއިރު، ފަރުބަދަމަތީ ހަތަރު ސަރަހައްދެއްގައި ހާލުގައި ޖެހިފައިވާ މީހުންނަށް ވަގުތީ ހިޔާތައް ވަނީ ގާއިމުކޮށްފައެވެ.

އިންޑިއާގެ އިރުއުތުރާއި ބަންގްލަދޭޝްއަށް ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނޭދެވޭ އަސަރު ކޮންމެ އަހަރަކު އެތައް މިލިއަން މީހުންނަށް ކުރެއެވެ.

comment ކޮމެންޓް