ގެއްލުމުގެ ބަދަލަށް ދައުލަތުން ސަންފްރަންޓަށް 20 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

ސިވިލް ކޯޓު -- ސަން ފޮޓޯ// މުހައްމަދު އަފްރާހް

ސަންފްރަންޓުން 26 މިލިއަން ރުފިޔާ ޚަރަދުކޮށްގެން މާލެއިން ގަތް ދެ ބިން ހަވާލުނުކޮށް، އެ ކުންފުނިން ޚަރަދުކުރި ފައިސާ ނުދީ ހިފެހެއްޓުމުންވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 20 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން 11 ބިން ވިއްކުމަށް ސަރުކާރުގެ ފަރާތުން އެކެއް އޮގަސްޓު 2010ގައި ހުޅުވައިލުމުން، ސަންފްރަންޓުން ވަނީ 2،000 އަކަފޫޓުގެ ދެ ބިން، ޖުމްލަ 26،989،880 ރުފިޔާއަށް ގަނެފައެވެ.

މި ދެ ބިމަށްވާ ފައިސާ ސަންފްރަންޓުން ދައްކާފައިވަނީ 2012ވަނަ އަހަރެވެ. އެހެން ނަމަވެސް އެ ދެ ބިން ހަވާލުނުކޮށް، އެ ކުންފުނިން އެ ކަމަށް ޚަރަދުކުރި 26 މިލިއަން ރުފިޔާ ދައުލަތުން އަނބުރައި ހަވާލުކުރީ އޭގެ ދެ އަހަރުފަހުން 2014ވަނަ އަހަރެވެ.

މި ކަމުގެ ސަބަބުން 2012އިން ފެށިގެން 2014ވަނަ އަހަރަށް އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 20،824،556 ރުފިޔާ ނަގައިދޭން އެދި އެ ކުންފުނިންވަނީ ދައުލަތުގެ މައްޗަށް 2013ވަނަ އަހަރު ދައުވާ ކޮށްފައެވެ.

ސަންފްރަންޓުން އެދިފައިވަނީ އެ މުއްދަތުގައި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 20 މިލިއަން ރުފިޔާ ދައުލަތުން ނަގައިދިނުމަށެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކުރީ ސަންފްރަންޓަށް 20 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށެވެ. އެހެން ކަމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް އެ އަދަދަށް ފައިސާ، މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ޖަމާކުރުމަށްވަނީ ހުކުމްކޮށްފައެވެ.

މި ހުކުމްކުރި ތާރީޚުން ފެށިގެން މަސްދުވަހުގެ ތެރޭގައި، ރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ އިޚްތިޔާރު ލިބޭނެއެވެ.

comment ކޮމެންޓް