އަންނަ ސެޕްޓެންބަރުގައި ފަށާ, އދ.ގެ އާންމު މަޖިލީހުގެ 80ވަނަ ސެޝަންގެ ނައިބު ރައީސްކަން ކުރަން ރާއްޖެ އިންތިޚާބުވެއްޖެއެވެ.
މި ކަން ހާމަ ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އދ.ގެ މެންބަރު ގައުމަތަކާ ގާތުން މަސައްކަތްކޮށް، 80ވަނަ އާންމު މަޖިލީހުގައި ކުރިއެރުންތަކެއް ހޯދުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށެވެ.
ރާއްޖެއިން އދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި 60 އަހަރު ހޭދަކުރާއިރު، މަލްޓިލެޓަރަލް ސިސްޓަމް ހަރުދަނާކުރުމުގައި ރާއްޖެއިން ދެމިތިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން އދ. އާ ގުޅުނީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ 25 ދުވަސް ފަހުން، ސެޕްޓެންބަރު 21، 1965ގައެވެ.
އެހެންކަމުން މިއީ ރާއްޖެއިން އދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި އޮންނަތާ 60ވަނަ އަހަރެވެ. މި ދިގު މުއްދަތުގެ ތެރޭގައި ރާއްޖޭގެ ފަރާތުން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވަނީ އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ވެސް ބަލަހައްޓަވައިފައެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ދައުރަކީ އެއް އަހަރެވެ.
މި ސަރަހައްދުން މީގެ ކުރީން އިންޑިއާ އާއި ސްރީލަންކާ އާއި ބަންގްލަދޭޝްގެ އިތުރުން އަފްޣާނިސްތާނުން ވެސް ވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކޮށްފައެވެ.