ބޭންކިން ޚިދުމަތަށް ލައިސަންސް ދޫކުރީ ގާނޫނީ ގޮތުން ހުރިހާ ކަމެއް ފުރިހަމަވުމުން: އެމްއެމްއޭ

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު: އެ ބެންކުން ބުނީ، މާލީ އިދާރާއަކަށް ލައިސަންސް ދޫކުރަނީ ގާނޫނީ ގޮތުން ހުރިހާ ކަމެއް ފުރިހަމަވުމުން ކަމަށް -- ފޮޓޯ/ އެމްއެމްއޭ

މާލީ އިދާރާއަކަށް ލައިސެންސް ދޫކުރަނީ ގާނޫނީ ގޮތުން ހުރިހާ ކަމެއް ފުރިހަމަވުމުން ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން މިއަދު ބުނެފިއެވެ.

އެމްއެމްއޭއިން މިދިޔަ މަހުގެ 19ގައި ވަނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން (އެމްއެފްއެލްސީ) އާއި ބީއައިސީ ބޭންކް މޯލްޑިވްސްއަށް ރާއްޖޭގައި ބޭންކިން ޚިދުމަތް ދިނުމުގެ ހުއްދަ ދީފައެވެ.

އޭގެ ތެރެއިން ބީއައިސީއަށް އެ ހުއްދަ ދީފައިވަނީ، އެ ބޭންކަށް ހުއްދަ ނުދޭން އެމްއެމްއޭގެ ބޯޑުން ނިންމައިފައި ވަނިކޮށް ކަމަށް އޮންލައިން ނޫހެއްގައި ތުހުމަތުކޮށްފައިވެެއެވެ.

https://sun.mv/206579

އެ ޚަބަރާ ގުޅޭ ގޮތުން އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނުގެ ދަށުން ބޭންކެއް ހިންގުމަށް ލައިސެންސެއް ދޫކުރުމުގައި އަމަލުކުރަނީ ތިން މަރުހަލާއަށް ކަމަށެވެ. އެއީ، ލައިސަންސް ނަގާ ފަރާތަކުން ފުރިހަަމަކުރަން ޖެހޭ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ މައުހަލާއާއި ލައިސަންސަށް ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގެ އިތުރުން ލައިސަންސް ދިނުމުގެ މަރުހަލާއެވެ.

އެމްއެމްއޭއިން ބުނީ، ލައިސަންސަށް ހުށަހަޅާ ހުށަހެޅުން ވަޒަން ކުރުމުގައި ބަލާނީ ހުށަހަޅާ ފަރާތުގެ މާލީ ގާބިލުކަމާއި ސޯސް އޮފް ކެޕިޓަލްއަށާއި ހިއްސާދާރުންނާއި ސީނިއާ މެނޭޖުމަންޓުގެ ފެންވަރަށާއި ބިޒްނަސް ޕްލޭނަށް ކަމަށެވެ.

އެގޮތުން، އެ މަރުހަލާގައި ހުށަހެޅުން ފުރަތަމަ ވަޒަންކުރަނީ އެމްއެމްއޭގެ ލައިސަންސް ސެކްޝަނުން ކަމަށްވާއިރު، ހުށަހެޅުން ވަޒަންކުރުމަށްފަހު، އެ ހުށަހެޅުމާއި އެ ސެކްޝަނުގެ ލަފާ ގެންދާނީ "އެޑްވައިޒަރީ ކޮމިޓީ އޮން ފައިނޭންޝަލް އިންސްޓިޓިއުޝަން ލައިސަންސިން"އަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އޭގެފަހުން، ކޮމިޓީން ހުށަހެޅުން ވަޒަންކޮށް، ލަފަޔާއެކު ގަވަރުނަރަށް ހުށަހެޅުމުން އެ ހުށަހެޅުން އެމްއެމްއޭގެ ބޯޑަށް ހުށަހަޅައި ލައިސަންސް ދިނުމާމެދު ގޮތެއް ނިންމާނީ އެ ބޯޑުން ކަމަށް ބަޔާނުގައިވެއެވެ.

އެގޮތުން، ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް ފުރަތަމަ ދޫކުރަނީ "ކޮންޑިޝަނަލް" ހުއްދައެކެވެ. އެ ހުއްދައިގެ ބޭނުމަކީ ވަކި ކަންކަމެއް ފުރިހަމަ ކުރުމަށް ފުރުސަތު ދިނުމަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި، އެ މުއްދަތުގެ ތެރޭގައި، ބޭންކުގެ އޮޕަރޭޝަންސް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްފިނަމަ، އެތަނެއް އެސެސްކުރުމަށްފަހު އޮޕަރޭޝަން ފެށުމަށް ލައިސަންސް ދޫކުރާނެއެވެ.

އެއާއެކު، ލައިސަންސަށް ހުށަހަޅައިގެން ބޯޑުން ހުއްދަ ނުދިނަސް އަލުން ލައިސަންސަށް ހުށަހެޅުމުގެ ފުރުސަތު އޮންނަ ކަމަށް ބަޔާނުގައިވެއެވެ. އެކަމަށް ގާނޫނުން ހުރަސް ނާޅާ ކަމަށާއި އަލުން ލައިސަންސަށް ހުށަހެޅުމުން މުޅި އިވެލުއޭޝަން މަރުހަލާ އަލުން ހިންގާނެ ކަމަށް ބުނެފައިވެއެވެ.

ރާއްޖޭގައި އޮޕަރޭޓުކުރުމަށް މާލީ އިދާރާއަކަށް ލައިސަންސް ދޫކުރާނީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމަށް އެ ބެންކުން ވަނީ ބުނެފައެވެ.

މިހާރު ރާއްޖޭގައި ބޭންކިންގެ ޚިދުމަތް ދެނީ ހަތް ބޭންކަކުންނެވެ.

comment ކޮމެންޓް