މިތުރާ ގަޔާވެލީ... 14

"އަހަރެން ކައިރީ ނުބުންޏަސް އޯކޭވާނެ.. ތި ދެމީހުން ބޭނުންގޮތަކަށް އުޅެވޭނެ..." ރޫބީ އުޅުނީ ނުކުންނާށެވެ.

އިކާން އަނެއްކާވެސް ރޫބީގެ އަތުގައި ހިފައިލިއެވެ. އޭރު އޭނާގެ ތުންފަތުގައިވަނީ ލާނެތް ހިނިތުންވުމެކެވެ. ރޫބީ ކަންތައް ކުރިގޮތުން އިކާންގެ ހިތުގައި އޮތް ހާސްކަން ފިލައިގެން ދިޔައެވެ. އިބާގެ ސަބަބުން ރޫބީގެ ހިތުގައި ހަސަދަވެރިކަމެއް އުފެދުނުނަމަ، އެއީ އިކާން އުފާވާންޖެހޭ ކަމެކެވެ.

********

"ބުނަން ޖެހެނީ ކީއްވެކަން ދޯ؟ ހޫމްމްމް... ވަން ރީޒަން ބުނެވިދާނެ..." އިކާން މަޑުމަޑުން ބޯޖަހައިލިއެވެ. "އަހަރެންގެ ވައިފްއަކަށް ވާ ކުއްޖާގެ ހިތުގަ އެއްވެސް ވަރަކަށް އަހަންނާ ދޭތެރޭ ޝައްކު އުފެދޭ ކަހަލަ ކަމެއް ވާކަށް އަހަރެން ބޭނުމެއް ނޫން... އެއީ ވަން ރީޒަން... ސެކަންޑް ރީޒަންއަކީ..." ފަހުން ބުނި ޖުމުލައިގެ އަކުރުތަކަށް ދަމައިލަމުން އިކާން ވާހަކަ މެދުކަނޑައިލިއެވެ. ކުޑަކޮށް ވިސްނައިލާ ކަމަށް ހެދުނެވެ.

އެހުރިހާއިރު ރޫބީއަށް ހުރެވުނީ އިކާންގެ މޫނަށް ބަލަހައްޓައިގެންނެވެ. ކުރިން އިކާންގެ މޫނުން ރޫބީއަށް ފެނުނު ބޮޑާކަމުގެ ސިފަ އެވަގުތު ނުފެނުނީ ކީއްވެ ހެއްޔެވެ؟ ކުރިން އެމޫނުން ފެނުނު ދުރުކަން މިއަދު ފެންނާކަށް ނެތެވެ. ކުއްލިއަކަށް އިކާންއަށް އެހާ ބޮޑު ބަދަލެއް އައީ ކީއްވެ ހެއްޔެވެ؟ ރޫބީފަދަ އާދައިގެ އަންހެންކުއްޖަކާއި ކައިވެނިކުރަން އިކާން އެއްބަސްވާނެ ކޮންމެވެސް ސަބަބެއް އޮންނާނެއެވެ.

"ސެކަންޑް ރީޒަންދޯ... އަދި ނުބުނެވޭނެ، އެއީ ސީކްރެޓެއް..." އިކާން ބޭނުންވީ ރޫބީ ތަޅުވައިލާށެވެ.

ރޫބީ ފުން ނޭވާއެއް ދޫކޮށްލާފައި އެނބުރި ދާން ހިނގައިގަތެވެ.

"ޝީ އިޒް މައި ލިޓްލް ސިސްޓަރ... އެއްބަނޑު އެއްބަފާ ކޮއްކޮ..." ރޫބީއަށް އިވޭ ވަރަށް އިކާން ބުނެލިއެވެ.

ރޫބީގެ ދެލޯ ބޮޑުވިއެވެ. ކިޔުނު އެއްޗެހި ހަނދާންވެ ލަދުން މަރުވާވަރު ވިއެވެ. ދެފައި އޮޅޭގޮތްވިއެވެ. އެވަރުންވެސް ހުއްޓޭކަށް ބޭނުމެއް ނުވިއެވެ. ރޫބީ ބެލީ އިކާންގެ ނަޒަރުން ސަލާމަތްވެގެން އަވަހަށް އެތަނުން ދެވޭތޯއެވެ. މޭޒު ކައިރީގައި އިށީންއިރުވެސް ރޫބީގެ ނޭވާ ހަމައަކަށް ނޭޅެއެވެ. އޭގެ ކުޑައިރުކޮޅެއް ކުރިން ރޫބީއަށް ވީ ކިހިނެއް ހެއްޔެވެ؟ އިކާންއާއި އެފަދަ ގޮތަކަށް ވާހަކަދެއްކުނީ ކީއްވެ ހެއްޔެވެ؟ އިކާން ކޮންމެ އަންހެން ކުއްޖަކާއި ވާހަކަ ދެއްކިޔަސް، ރޫބީ ހިތްހަމަނުޖެހިގެން އެވާހަކަ ދައްކަންޖެހޭ ސަބަބެއް ނެތެވެ.

"ޖެލަސްވިތަ؟" ފޯނަށް އައި މެސެޖު ކިޔައިލި ރޫބީ ދަތްތަކަށް ބާރުކޮށްލަމުން، އިކާންގެ ކެބިންއާއި ދިމާއަށް ބަލައިލިއެވެ.

އިކާން ވަރަށް ހިނިއައިސްފައި، ރޫބީއަށް ބަލަން ހުއްޓެވެ. ރޫބީއަށް ބަލައިލެވުނީ އެމަންޒަރު ފެންނަ ހިސާބުގައި އެހެން މީހަކު ހުރިތޯއެވެ.

"ޖެލަސްއޭ؟ ނެވަރ..." ރޫބީ މެސެޖެއް ލިޔެ ފޮނުވައިލިއެވެ.

"އެއްބަސްވިޔަސް އޯކޭއޭ... ތީ އަހަރެންގެ ވާންއުޅޭ އަނބިމީހާ... ޖެލަސްވާން އެންމެ ހައްގު މީހާ..." ރޫބީ މެސެޖު ފޮނުވައިލިހާ އަވަހަށް އިކާން މެސެޖެއް ފޮނުވިއެވެ.

"ވާންއުޅޭ އަނބިމީހާ؟ ކާކު އެއްބަސްވީ؟..." އެ މެސެޖު ތަކުރާރުކޮށް ލިޔެފައި ރޫބީ ފޮހެލިއެވެ.

ބުނާނެ އިތުރު ވާހަކައެއް ރޫބީއަކަށް ނޭނގުނެވެ. އެންމެފަހުން ފޯނު ބަންޑުންވާހެން މޭޒުމަތީގައި ބާއްވާފައި ކޮންޕިއުޓަރުން އެއްޗެއް ލިޔާކަމަށް ހެދުނެވެ.

ރޫބީގެ މެސެޖެއް ނައުމުން އިކާން މާޔޫސްވިއެވެ. ގޮނޑީގައި އިށީނެވެ. ކުރަންއުޅުނު މަސައްކަތަށް ސަމާލުކަންދެވޭގޮތް ނުވެގެން އިކާން ދިޔައީ ޓެރެސްއަށެވެ. ބަނަ ދުވަހެކެވެ. ޔަޒްދާން ހުރީ ޓެރެސްގެ ރެއިލިންގައި ލެނގިލައިގެން ކޮފީއެއް ބޯށެވެ. އިކާން ފެނުމުން ޔަޒްދާން އަތުން ހަނާއަޅައިލި ނަމަވެސް، އިކާންގެ ދެބުމަ ކައިރިވިއެވެ.

"އަޑުއެހިން ސްޓާފުންނަށް މިހާރު މިތަން ބޭނުންކުރެވެއޭ..." ޔަޒްދާން ފާޑަކަށް ހީލިއެވެ.

އިކާން ވަކި އެއްޗެއް ނުބުނެ ގޮސް ކޮފީ ހަދަން ފެށިއެވެ.

"އަދިވެސް ގަބޫލެއް ނުކުރާނަންތަ؟" ޔަޒްދާންގެ އަޑުގައި ރިހުމުގެ އަސަރުވިއެވެ. "އަހަރެން ކިހިނެއް ޖަޒްލީއަށް އެކަހަލަ ކަމެއް..."

ޔަޒްދާންގެ ދެލޯ ފެންކަޅިވާން އުޅުމުން، އަނެއް ފަރާތަށް އެނބުރުނެވެ. އުސް އިމާރާތުން ތިރި ބަލައިލިއެވެ. މަންޒަރު ފުސްވެފައި ސާފުވިއެވެ. ތިރީގައި ޕާކުކޮށްފައި އޮތް ކާރުތަކުން ކާރެއް ބަނޑިވެފައިވާއިރު، އޭގެ ބިއްލޫރިތައް އެކި ހިސާބުތަކަށް ބުރައިގެން ގޮސްފައި ހުއްޓެވެ. ކާރު މަތީގައި ލެޔާއި ތަތްތެޅިފައި އޮތް އަންހެން ކުއްޖަކު އޮތެވެ. އެކުއްޖާގެ ދެއަތާއި ދެފައިގެ އިތުރުން ކަނދުރާ އޮތީ ބިނދިފައެވެ. ދެލޯ ބޮޑުވެފައި އޮތްއިރު، ކަޅި ހުއްޓިފައިވަނީ މައްޗަށެވެ. ޔަޒްދާންގެ ނޭވާ އަވަސްވިއެވެ. ދެތިން ފަހަރަކު އެސްފިޔަ ޖަހައިލާފައި ބަލައިލުމުން، މަންޒަރު ބަދަލުވިއެވެ. ތިރީގައި އެކަކުވެސް ނެތެވެ. އެއީ އެ އިމާރާތުގެ މަތިން ތިރި ބަލައިފިނަމަ، ޔަޒްދާނަށް ސިފަކުރެވޭ މަންޒަރެވެ. މާޒީގެ ހިތްދަތި ހާދިސާ އެދުވަހު ފެނުނު ފަދައިން މިއަދުވެސް ޔަޒްދާނަށް ފެންނަމުން ދެއެވެ.

ކޮފީތަށި ހިފައިގެން އިކާންވެސް ގޮސް ރެއިލިންގައި ލެނގިލިއެވެ. ޔަޒްދާނާއި ދެމީހުންގެ ދެމެދުގައި ކޮންމެވެސް ވަރެއްގެ ދުރުމިނެއް ހުއްޓެވެ.

"އަހަރެމެން ދެމީހުންގެ މެދުގަ އެކަހަލަ އެއްވެސް ގުޅުމެއް ނުހިނގާ..." ޔަޒްދާން ވާހަކަ ފެށީ ދުރުދުރުންނެވެ. އޭނާ ދެއްކީ ކާކުގެ ވާހަކައެއްކަން އިކާނަށް އެނގޭނެކަން ޔަޒްދާނަށް އެނގެއެވެ.

"އަހަންނަކަށް ގަބޫލެއް ނުކުރެވޭ... ޖަޒްލީ އަމިއްލައަށް އެކަހަލަ ކަމެއް ނުކުރާނެ" އިކާންގެ އަޑުގައި ކުރިން ހުރި ނުރުހުމުގެ އަސަރެއް ނެތެވެ.

"އަހަރެން އެމީހަކު ހޯދައިފިއްޔާ ގަބޫލު ކުރާނަންތަ؟ އަލުން އަހަންނަށް ޓްރަސްޓް ކުރާނަންތަ؟" ޔަޒްދާން އިކާންއަށް ބަލައިލީ އުއްމީދުން ފުރިގެންވީ ނަޒަރަކުންނެވެ.

ދުރު ބަލަން ހުރި އިކާން ފުން ނޭވާއެއް ދޫކޮށްލަމުން، ޔަޒްދާނަށް ބަލައިލިއެވެ. ޔަޒްދާންގެ ވާހަކަ ގަބޫލުކުރަން ބޭނުންވާކަން އިކާންގެ ދެލޯ ބުނެދެމުން ދިޔައެވެ. އެހެނަސް، އިކާންގެ ދޫ ހަރަކާތެއް ނުކުރިއެވެ. އެއްޗެއް ބުނަން އުޅުނު ވަގުތު އިކާންގެ ފޯނު ރިންގްވާން ފެށިއެވެ. ފޯނު ނަގަމުން އިކާން ހިނގައިގަތީ އެތަނުން ނުކުންނާށެވެ.

"ކީކޭ މަންމާ!" ސިޑިން ތިރިއަށް ފައިބަމުން އިކާން ބުނެލިއެވެ.

"ދަރިފުޅާ ކާފަ ހުރީ ވަރަށް ހިތްހަމަނުޖެހިފަ... މިއަދު ކޮންމެހެންވެސް އެކުއްޖާއާ ބައްދަލުކުރަން އެދިއްޖެ..." ފަލާހާގެ އަޑުގައިވީ ހާސްކަމެވެ. "ދަރިފުޅު އަންނަންވީނު ހަވީރު އޭނަ ގޮވައިގެން... މަންމަމެން ތިކަމުގެ ތެރެއަށް ވަނުމަށްވުރެ ދަރިފުޅު އެކަން ކުރިއްޔާ ކަންނޭނގެ ބޮޑަށް ރަނގަޅުވާނީ..."

"ދަރިފުޅާ!... ދަރިފުޅާ، އެބަހުރިންތަ؟" އިކާން އެއްޗެއް ނުބުނުމުން، ފަލާހާ ދެތިން ފަހަރު ގޮވައިލިއެވެ.

"މަންމައަށް ހީވޭތަ މިއަދު ވިއްސާރަ ވެހޭނެހެން؟" އިކާން ދެން ކުރީ ފަލާހާ އުއްމީދުވެސް ނުކުރާ ކަހަލަ ސުވާލެކެވެ.

"ދަރިފުޅު ތިއުޅެނީ ބޯދަމައިގަންނަންދޯ؟" ފަލާހާގެ ހިތުގައި ޝައްކު އުފެދުނެވެ.

"ދެން ބުނެބަލަ މަންމާ!" އިކާން ބޭނުންވީ ފަލާހާގެ ޖަވާބެކެވެ.

"މަންމައަށް ހީވަނީ ކުޑަކޮށް ވެހޭނެހެން..." ފަލާހާ ހުރީ އެހެން ބުނަން ބޭނުން ނުވެފައެވެ. "އެކަމަކު، ޕްލޭން ދެން ކެންސަލެއް ނުކުރެވޭނެ! ކިތަންމެ ބޯކޮށް ވެހުނަސް، ދަރިފުޅު ޖެހޭނެ އެކުއްޖާ ގޮވައިގެން އަންނަން..."

"އޯކޭ މަންމާ... ތޭންކްސް... ހަވީރު ދާނަން..." އިކާން ފޯނު ކަނޑައިލިއެވެ.

"ކީކޯ ބުނީ؟" ނާޝިޒް ސުވާލުކުރީ ކެތްތެރިކަން ކުޑަ ރާގަކަށެވެ.

"އިކާން އެ އުޅޭ ގޮތުން މިހާރު ބިރުގަންނަން ފަށައިފި... ބައެއްފަހަރު ހީވޭ އެބަ ގޯސް މަގަކުން ދާން އުޅޭހެން..." ފަލާހާ ކަންބޮޑުވެފައި ނާޝިޒްގެ އަތުގައި ހިފައިލިއެވެ. "ދޭބަލަ އޮފީހަށް... ނޫނީ މިފްޒާލަށް ގުޅައިގެން ބަލަންވީނު"

"ދޮންބެއަށް އެ އުޅެނީ ލޯބިވެވިގެން.." ޓީވީ ބަލަން އިން އިބާއަށް އެއްޗެއް ނުބުނެ ނީނދެވުނެވެ.

"މަންމައަށް އިނގޭތަ، ދޮންބެ މެރީކުރަން އުޅެނީ ކޮން ކުއްޖަކާ ކަން.. އެކުއްޖާ އުޅެނީ ދޮންބެ އޮފީހުގަ..." އިކާން ނުބުނަން އެދުނު ނަމަވެސް އިބާއަށް އެވާހަކަ ބުނެވުނެވެ. "ޝިޓް... ދޮންބެ ބުންޏޭ ނުބުނައްޗޭ!... މަންމާ! އަޅެ އިނގޭކަމަށް ނުހަދައްޗޭ... ޕްލީޒް..."

އޮފީސް ބަންދުކުރާ ވަގުތު ޖެހުނުއިރު، ތުނިތުނިކޮށް ވާރޭ ވެހެން ފަށައިފިއެވެ. އިކާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މިއަދަކީ ރޫބީއަށް ހަގީގަތް އެނގޭނެ ދުވަހެވެ. ޔަގީނުންވެސް ކައިވެންޏާއި ދެކޮޅު ހަދާކަށް ރޫބީއަކަށް ފަސޭހައެއް ނުވާނެއެވެ. އެދުވަހު ރޫބީ ސަލާމަތްކުރި ކުއްޖަކީ އިކާން ކަން އެނގުމުން، ރޫބީ އުފާވާނެއެވެ. އިކާން ކެބިންއަށް ވަނީ ދިހަ އަހަރު ކުރިން ރޫބީ ދޫކޮށްފައި ދިޔަ ރަތް ކުލައިގެ ކުޑަ ބަލައެވެ. އެވަގުތަށް ތައްޔާރުވުމުގެގޮތުން، ތަޅުދަނޑީގައި ލާ ކުޑަ މުސަޅުވެސް، އިކާން ބޭންދީ ކުޑައިގައި ހަރުކޮށްފައެވެ. ކެބިންއަށް ވަން އިކާނަށް ކުއްލި ސިހުމެއް ލިބުނީ އޭނާ ބޭންދި ތަނުގައި ކުޑަ ނެތުމުންނެވެ. މުޅި ތަން ހޯދިއިރުވެސް އިކާންއަށް ކުޑައެއް ނުފެނުނެވެ.

ވާރޭ ވެހޭތީ ރޫބީ ހުރީ އޮފީހުން ނުނުކުމެވިފައެވެ. ދޮރުމަތީގައި ހުރި ރޫބީ މާޔޫސްވީ ވާރޭ އިތުރަށް ބޯކޮށްލިތަން ފެނުމުންނެވެ. މިއަދު ކުރިން ގެއަށްދާން ރޫބީއަށް މަޖުބޫރެވެ. އިކާންގެ އާއިލާއާއި ބައްދަލުކުރަން ދިޔުމުގެ ކުރިން ދައްކާނެ ވާހަކައަކަށް ތައްޔާރުވާން ރޫބީ ވަގުތު ބޭނުންވެއެވެ.

ހިޔާލުތަކުގެ ތެރޭގައި ހުރި ރޫބީ ސިހުނީ އޭނާގެ ބޮލާއި ދިމާއިން ކޮންމެވެސް މީހަކު ކުޑައެއް އެޅިތަން ފެނުމުންނެވެ. ރޫބީގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ، އޭގައި ހަރުކޮށްފައިވާ ކުޑަ މުސަޅެވެ. މުސަޅުގައި އަތް ޖައްސައިލި ރޫބީއަށް ކުޑައިގެ ވަށައިގެން ނަޒަރު ހިންގައިލެވުނެވެ. އެއީ ހަމަ އެ ރަތް ކުޑައެވެ. އެ މުސަޅެވެ. އަކުރުތައްވެސް އެއްގޮތެވެ. ތަފާތަކީ އެ އެއްޗެހި ބަލަހައްޓާފައި ހުރިލެއް ސާފުކަމެވެ. އޭރު ކުޑައާއި މުސަޅު ގެއްލިގެން ރޫބީ ވީދެރަ އެންމެ ރަނގަޅަށް އެނގޭނެ މީހަކީ ހަރީރާއެވެ. ދިހަ އަހަރު ފަހުން އެ އެއްޗެހި ހިފައިގެން ރޫބީގެ ކުރިމައްޗަށް އެރީ ކާކު ހެއްޔެވެ؟ ރޫބީ ހައިރާންވެފައި ކުޑަ ހިފައިގެން ހުރި މީހާގެ މޫނަށް އަވަސް ނަޒަރެއް ދިނެވެ.

********

"ނޫނެކޭ އަހަރެން މިތާ ބޭންދީމޭ" އިކާން އަތުގެ އިޝާރާތުން ކުރިމަތީގައި ހުރި ގުޅި ދައްކައިލިއެވެ.

މިފްޒާލް ފަހަރަކު ތަނެއް ހޯދަހޯދާ ވަރުބަލިވެގެން ހުއްޓައިލިއެވެ. އިކާން ކުޑަ ބައިންދާނެހެން ހީވާ ހުރިހާ ތަނެއް އޭނާ ބެލިއެވެ. ކުޑަ ގެންދާނެހެން ހީވާ އެންމެނަށް ގުޅިއެވެ. ކުޑަ ގެންދިޔަ މީހަކު އެނގޭ ހަމަ އެކަކުވެސް ނުވިއެވެ.

"ތިވާނީ ގެއަށް ގެންދެވުނީ ކަމަށް... ކުޑައެއް ވަގަށް ގެންދާނީ ކާކު؟" މިފްޒާލަށް ގަބޫލެއް ނުކުރެވުނެވެ. "އަނެއްކާ އިބާ ގެންދިޔައީކީ ނޫންތަ؟"

"އިބާ މިއަދު އޮފީހަށް ނާދެއޭ..." އިކާން ހުރީ ހާސްވެގެން ދާހިއްލާ ފޯވެފައެވެ.

"ވަރަށް ގިނައިރުވެއްޖެ ރޫބީ ދޮރުމަތީގަ ހުންނަތާ... ތިހެން ހުއްޓާ އޭނަ ތެމިގެން ގޮސްދާނެ... މި ކުޑަ ހިފައިގެން ދެން ދޭ..." މިފްޒާލް ދިއްކޮށްލީ ކަޅު ކުލައިގެ ކުޑައެކެވެ.

ކުޑައިގައި ހިފާކަށް އިކާން ބޭނުމެއް ނުވިއެވެ. ބަލަހައްޓައިގެން ހުރެވުނީއެވެ. އެތައް ދުވަހެއް ވަންދެން ކުރި އިންތިޒާރަށް ނިމުން އަންނައިރު، އެފަދަގޮތަކަށް ހަރާބުވެގެން ހިނގައިދާނެކަމަށް އިކާންއަކަށް ގަބޫލެއް ނުކުރެވުނެވެ.

"އެ އެއްޗެހި ނެތަސް، ތީ ކާކުކަން ރޫބީއަށް އެނގޭނެއޭ ބުނީމަ... ދެން ގޮތް ދޫކޮށްފަ ދޭބަލަ އަވަހަށް..." މިފްޒާލް ބޭނުންވީ އިކާން ހަމަޖައްސާށެވެ.

ކުޑަ ހިފައިގެން އިކާން ލިފްޓާއި ދިމާއަށް ދިޔައެވެ. ލިފްޓް ހުޅުވުމުން އިކާން ލިފްޓަށް ވަނީ ދުވެލާފައި ކަހަލަ ގޮތަކަށެވެ.

********

"ޔަޒްދާން؟" ރޫބީއަށް ބުނެވުނެވެ.

ރޫބީގެ ނަޒަރު ތަފާތުވިއެވެ. ކަރުނައިން ދެލޯ ތެމެން އުޅުނެވެ. އެދުވަހު މަގުމަތިން ރޫބީ ސަލާމަތްކުރި ކުއްޖަކީ ޔަޒްދާން ހެއްޔެވެ؟ މިއަދު ގަދަވެ ސަލާމަތުން ރޫބީގެ ކުރިމަތީގައި ހުރުމުން، ރޫބީއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. އެކުއްޖަކު ދެކެން ރޫބީގެ ހިތް އެދޭތާ ކިތަންމެ ދުވަހެކެވެ. ރޫބީއަށް ބޭއިހުތިޔާރުގައި ޔަޒްދާންގެ ދެކޮނޑުގައި އަތް ޖައްސައިލެވުނެވެ. ޔަޒްދާން ކުޑަކޮށް ސިހުނެވެ. ހައިރާންވެފައި ރޫބީގެ މޫނަށް ބަލައިލިއެވެ. އެއީ ރޫބީ ކީއްވެ ކުރި ކަމެއް ހެއްޔެވެ؟ ކުއްލިއަކަށް އެނަޒަރު ތަފާތުވީ ކީއްވެ ހެއްޔެވެ؟

"ފައިނަލީ!" ރޫބީއަށް ބުނެވުނެވެ. "ތޭންކް ޔޫ..."

ޓެކްސީ ބަރުގޮނުއަޅާ އަޑު އިވުނެވެ. ރޫބީއަށް އެ އަޑު އިވުނުހެނެއް ހިއެއް ނުވެއެވެ. ޔަޒްދާންގެ މޫނުން ކޮންމެ ގުނަވަނަކަށް ރޫބީ ބެލީ ކަމެއް ޔަގީންކުރާފަދަ ގޮތަކަށެވެ.

"އެއައީ ޓެކްސީ..." ޔަޒްދާން ހިނިތުންވެލިއެވެ.

ރޫބީ ކާރަށް އަރަންދެން ޔަޒްދާން ކުޑަ އަޅައިދީގެން ހުއްޓެވެ. ކާރަށް އަރާފައިވެސް ރޫބީ ޔަޒްދާނަށް ބެލީ ތަފާތު ނަޒަރަކުންނެވެ.

"ކުޑަ ބާއްވާ... ނޫނީ އެކޮޅަށް ގޮސް ގެއަށް ވަންނައިރު ތެމޭނެ.." ޔަޒްދާން ދޮރު ހުޅުވާފައި ރޫބީގެ އަތަށް ކުޑަ ލައިދިނެވެ.

ރޫބީ ދެކޮޅުހަދަން އުޅުމުން ޔަޒްދާން އަވަހަށް ކާރުގެ ދޮރު ލައްޕާފައި ޑްރައިވަރުގެ ކައިރީގައި ނައްޓާލުމަށް އެދުނެވެ. ތެމުނަސް ޔަޒްދާންގެ ފަރުވާލެއް ނެތެވެ. ވެހެމުންދިޔަ ބޯ ވާރޭގައި ރޫބީ އިން ކާރާއި ދިމާއަށް ބަލަން ޔަޒްދާން ހުއްޓެވެ. ފަސްއެނބުރިގެން ރޫބީ ޔަޒްދާނަށް ބެލިއެވެ. އެތެރެއަށް ވަނުމަށް އަތުން އިޝާރާތް ކުރިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު