އަރުމީނިއާ އޯޕަންގައި ވާދަކުރުމަށް ލައިބާ ފުރައިފި

ރާއްޖޭގެ މުބާރާތެއްގައި ލައިބާ-- ފޮޓޯ: އަހްމަދު ރިޒްހާން/ ސިޑިބަރި

ބެޑްމިންޓަން ޔޫރަޕު ކަލަންޑަރުގައި ހިމެނޭ މުބާރާތެއް ކަމަށްވާ 'އަރުމީނިއާ ޔޫތު އޯޕަން 2025' ގައި ވާދަކުރުމަށް ރާއްޖޭގެ އުންމީދީ ތަރި ލައިބާ އަޙްމަދު މަޙްލޫފް ފުރައިފިއެވެ.

އަރުމީނިއާގެ ވެރިރަށް ޔެރެވާންގައި މި މުބާރާތް ކުރިއަށްދާނީ ޖޫން މަހުގެ ހަޔަކުން އަށެއްގެ ނިޔަލަށެވެ. މި މުބާރާތަކީ އޯޕަން އިންވިޓޭޝަނެއްގެ ދަށުން ގިނަ ގައުމުތަކެއްގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިންނަށް ފުރުސަތު ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

މިއީ މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ. މިއަހަރުގެ މުބާރާތް ކުރިއަށްދާނީ ދެ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 13 އަހަރުން ދަށާއި 15 އަހަރުން ދަށުގެ އުމުރު ފުރާއެވެ. މި ދެ އުމުރުފުރާގެ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް ކެޓަގަރީތައް ހިމެނެއެވެ.

ޔޫރަޕާއި އޭޝިއާއަށް ނިސްބަތްވާ ގައުމުތަކުގެ 92އަކަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރާ މި މުބާރާތުގައި ލައިބާ ވާދަކުރާނީ 13 އަހަރުން ދަށުގެ ސިންގަލްސް އިވެންޓާއި ސައިޕްރަސްގެ އެމޭލިއާ ސޮފޮކްލިއަސް އާއެކު 13 އަހަރުން ދަށުގެ ޑަބަލްސް ކެޓަގަރީގެ އިތުރުން 13 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުގައެވެ. މި އިވެންޓުގައި ލައިބާ ޕާޓްނާޝިޕް ހަދާނީ އަރުމީނިއާގެ އެރިކް އެލޯޔަން އާއެވެ.

ލައިބާއަކީ ރާއްޖޭގައި މިހާރު ތިބި އުންމީދީ ޒުވާން ބެޑްމިންޓަން ކުޅުންތެރިންތަކުގެ ތެރެއިން އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ. ބޭރުގެ ބޮޑެތި ޔޫތު މުބާރާތްތަކުގައި ވާދަކޮށް ލައިބާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އަދި ލޯކަލް ގިނަ މުބާރާތްތަކެއް ވެސް ލައިބާ ވަނީ ކާމިޔާބުކޮށްފައެވެ.

މިދިޔަ އަހަރު ބޭއްވި އަރުމީނިއާ ޔޫތު މުބާރާތުގައި ވެސް ލައިބާ ވާދަކުރިއެވެ. އެފަހަރު ލައިބާ ވަނީ ރިހި މެޑަލްއަކާއި ބްރޯންޒް މެޑަލްއެއް ހޯދާފައެވެ.

comment ކޮމެންޓް