"ތިބާ ލޯބިވާ ފަރާތެއް ވިހޭތަނުން ނޫނީ ގަރުނެއްފަހުން ވަކިވެގެން ދިޔަސް ހިތް ހަލާކުވެއެވެ. އަލުން ބައްދަލުވާންދެން ހިތާމަ ފިލައިގެނެއްނުދާނެއެވެ. ދެން އޮތީ ވަކިވެފައިވާ ފަރާތަށް ހެޔޮދުޢާކޮށް ސަދަގާތްކޮށް އަދި ޖަންނަތުގައި އެކީވުމަށްޓަކާ މަސައްކަތްކޮށް ކެތްތެރިވުމެވެ."
***
އޭނަގެ މޫނު ދިއްލިގެން ދިޔުމާއެކު ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ. އެންމެފަހުން ހަމްޒާ އޭނަދެކެ ލޯބިވާންފެށީހެއްޔެވެ؟އެއީ އޭނަ ބޭނުންކޮށްފައިވާ ސެންޓްގެ ސަބަބުން ހެއްޔެވެ؟ ހާދަ މީރުވަސް އެބަދުވައެވެ. ނޫނީ އޭނަގެ އިސްތަށިގަނޑު ހަދާފައިވާލެއް ހެއްޔެވެ؟ ޕްރިންސެސްއަކަށް ދޫނުކުރެއެވެ. އޭނަގެ ތުންފަތުގައިވާ ހިނިތުންވުން ނައްތައިލަމުން އެނބުރުނީ ކުޑަކޮށް މޫނު ހަދައިލަމުންނެވެ.
"އަހަރެން ހީކުރީ މިތަނުގައި ބަހައްޓަން ބޭނުންނުވާކަމަށް..."
"އުނދުން ނުނިވާ ހުރީމަ...."ހަމްޒާގެ ޖުމްލައިން އޭނަގެ އެތެރެހަށި އަނދައިގަތުމާއެކު ރުޅިއާއި ލަދުވެތިކަމުގެ ރަތްކުލަ މޫނަށް ފާއްދައިލިއެވެ.
އެވަގުތު ގޭގެ ރަގަބީލު ޖެހުނުއަޑަށް ދެމީހުންނަށް ބަލައިލެވުނެވެ. މިގަޑީގައި ދައުވަތު ނުދީ މެހުމާނެއް ނާންނާނެއެވެ. އާއިލާ މީހުންވެސް އަންގާނުލާ ކުުއްލިއަކަށް އަންނާނެ ވަގުތެއް ނޫނެވެ.
"މީހަކު އަންނަން ބުނެފައި އޮތީތަ؟" ހަމްޒާ ބުމަ ކައިރިކޮށްލަމުން ގަޑިއަށް ބަލައިލިއެވެ.
"ނޫން.. މިއީ ދެން މީހުން އަންނަ ކަހަލަ ގަޑިއެއްތަ؟ އެހެންނޫނަސް މީހުންނަށް އަންޑަސްޓޭންޑް ނުވަނީ ކީއްވެ؟ ބައެއްފަހަރު އަމިއްލަ ގޭގައި އެކަނިވެލާ، އަނގަ ހަފައިލަން އެއްޗެއް ހިފައިގެން ޓީވީ ބަލައިގެން މައިންޑިން ޔޯ އޯން ބިޒިނަސް ހަމަ ޕްރައިސްލެސް ދޯ.."ހަނާން ހިނިގަނޑެއް ޖަހައިލަމުން ކުޑަކޮށް ލޯގަނޑުން މޫނު ޗެކްކޮށްލިއެވެ. ކޮންމެ މީހަކު އަޔަސް އޭނަ ހުންނަންވާނީ އެންމެ ފުރިހަމަ ގޮތުގައެވެ. ހަމްޒާގެ އެކުވެރިއަކުވެސް ނޫނީ ރަށު މީހަކުވެސް ހަމަ އައިސްދާނެ ނޫންހެއްޔެވެ؟
ހަމްޒާ އަވަހަށް ތެދުވެގެން ހިނގައިގަތުމުން ހަނާން ލޯ އަޅައިލިއެވެ." އަހަންނާއިއެކު އެކަނިވުމަށްވުރެ މީނައަށް ހެޔޮވާނެ ހަންޑިއަކު މިވަގުތު މިގެއަށް ވައްޓާލިޔަސް...ވަރަށް ފޫހި ހަމްޒާގަނޑެއް..އަހަރެން ހަމަ ނިކުމެގެން ދާނީ.....އެކަނި.."
ހަމްޒާ ދޮރު ހުޅުވައިލިއިރު ދޮރުމަތީގައި އޭނަގެ މަންމަ ހުރިތަން ފެނުމުން ކުޑަކޮށް ހީލަމުން މަންމަ ވަންނަން ތަންދެއްކިއެވެ.
"އައްސަލާމް އަލައިކުމް....."
"ވައަލައިކުމުއްސަލާމް.."ދުރުން ހަނާންގެ ތޫނު އަޑު އިވުނެވެ.
"މަންމަ؟ މަންމަ ގުޅާލިނަމަ ބަލާ ދާނަން...."
"ކޮންމެފަހަރަކު ދަރިންނަށް އުދަގޫނުކުރިޔަސް މަންމަ އަދި މިހިރީ ސަލާމަތުން.." ރުމައިސާ ހުރީ ކަޅު ހިޖާބެއްލައިގެންނެވެ. އަތުގައި ވިދާ ދަބަހެއް އޮތެވެ. އުމުރަށްވުރެ ހަނގުކަމަށް ދައްކާ މޫނެެކެވެ. އެހާ އޮމާންވެފައި އެންމެ ރުލެއްވެސް ނެތެވެ. އޭނަ މަޑު ކާޕެޓްމަތިން ހިނފާލާފައި ދިޔައީ ޒުވާން ކުދިންނަށް ދޫނުކުރާފަދަ ފަރި ހިނގުމެއްގައެވެ.
"ހަމްޒާ، ހަނާން.... ދެކުދިންގެ ހާލު ކިހިނެއްތަ؟"
"ހޫމް...ކަނީ ދޯ.."ރުމައިސާ ކާކޮޓަރީގެ ދޮރުމައްޗަށް އެރިއެވެ."ސެލެޑެއް އެހެން އެއްޗެއް ނެތްތަ؟"
"އަޅުގަނޑު ސެލެޑް ތައްޔާރުކޮށްލަފާނަން...އެއީ ހަމަ މިނިޓެއްގެ ކަމެއްނު....އާންޓްވެސް އަޅުގަނޑުމެންނާއެކު ކައިގެން ދާންވާނީ.."ހަނާން ހިނިތުންވެލިއެވެ.
"ނޫން ނޫން....ހަމަ ސަމާސާއަކަށް އެހެން ބުނީ..ހަމަ ދެންމެއަކުހެން ކައިގެން މިއައީ....."އޭނަ ހަނާންގެ ކޯތާފަތަށް ބޮސްދިނެވެ." އެނގޭ..މިއާދެވުނީ އަންގާވެސް ނުލާ..ހަމަ ހިތަށް އަރާއިރަށް އެކަމެއް ކޮށްލެވެނީ. "
އޭނަ ހަނާންގެ އަތަށް ދިއްކޮށްލީ އެ އޮމާން ދަބަސްދިއްކޮށްލިއެވެ. "ކުޑަ ގިފްޓެއް ހިފައިގެން މިއައީ. ފެނުނީމަ ހަމަ ހަނާންގެ މަތިން ހަނދާންވީ...."
"އާންޓީ. އެހާވަރުން ނުގެނައިނަމަ...."
"މިވަރުކަމެއް ކުރެވުނަދީ...ތިއީ ހުރި އެކަނި އަންހެންދަރި..." އޭނަގެ ނަޒަރު ދަތުރުކުރީ ހަމްޒާގެ މޫނަށެވެ. ހަމްޒާ އިށީދެ އަނެއްކާ ސޫޕްތަށި ތެރޭގައި އޮތް ކުކުޅުފައި ކާންފެށިއެވެ.
"ހަމްޒާ އަނެއްކާވެސް ކުރިއަށްވުރެ ހިކިކޮށް ދައްކަނީ . ރޯދަ ހިފަނީތަ؟ ނޫނީ މާ ބޮޑަށް ސްޓްރެސްވެފައި؟"
"އައިމް ފައިން މަންމާ.."
"ދެކުދިންވެސް ބަލާބެލުމަށް ރަގަޅު. އެކަމަކު މިގެއަށްވަނީމަ ފަޅުކަން އިހުސާސްވަނީ. މާ ހިމޭން. މިގެއަށް ދިރުން ގެނެވޭނީ ކިހިނެއްކަން އެނގޭތަ؟"
ދެމީހުންވެސް ޖަވާބެއްނުދީ ހިމޭންކަން ޚިޔާރުކުރިއެވެ.
އޭނަ ހަނާންއަށް ބަލައިލީ ކުލުނުން ފުރިފައިވާ ނަޒަރަކުންނެވެ." ބޭބީއެއް...ކުޑަކުއްޖަކު މިގޭތެރޭގައި ދުވެ ފުމެ ހަދަންފެށީމަ...އޭރުން މިގެއަށް އަލިކަން ލިބޭނެ. އާއިލާ ފުރިހަމަވާނެ...."
ހަމްޒާގެ ދަތްދޮޅިއަށް ބާރުކޮށްލިތަން ފާގަކަކުރެވުނީ ހަނާންއަށެވެ. ކިތަންމެ ކުޑަކޮށް ނަމަވެސް އޭނަގެ ލޮލުގައި އަޅައިގަތެވެ.
"އަދި އަޅުގަނޑުމެން....އެކަހަލަ ޕްލޭނެއް ނެތް.."ހަނާން ވީހާވެސް ކިޔަމަންތެރިކަން ދައްކަން އިސްޖަހައިލިއެވެ."އެކަމަކު ވަގުތު ޖެހުނީމަ އިންޝާﷲ...."
ރުމައިސާ ހީގަތެވެ." ޔަގީން.. ވަގުތު ޖެހުނީމަ ކޮންމެ ކަމެއްވެސް ވާނީ...އެކަމަކު އެހެން ބުނަން ހިތަށް އެރީ މިހާރު މި ކައިވެންޏަށް.....މިބުނީ އަހަރެއްވަރު ނުވޭތަ؟ އަދި ބައްޕަވެސް އެވާހަކަ ދެއްކި އާއިލާގައި ކުޑަ ކުއްޖެއްނެތީމަ ދެރައޭ ކިޔާފައި. ބައްޕައަށް އިންޓަނެޓަށް ލާފައި ހުރި ފޮޓޯ ފެނުނީކަމަށް ވާނީ..ހަމްޒާ....ހަމްޒާއާއި ހަނާން އަދި ހަނާންގެ ބޭބެގެ ދަރިފުޅާއެކީ ނަގާފައި ހުރި ފޮޓޯ ވާހަކަ މިބުނީ.."
މަންމަގެ ޖުމްލަތައް އިވުމާއެކު ލޯ ހަނިކޮށްލަމުން ހަމްޒާއަށް އޭނަގެ އަންހެނުންނާއި ދިމާލަށް ބަލައިލެވުނެވެ. އޭނަގެ ޕްރޮފައިލްގައި ހުރި ތަސްވީރު ބަދަލުކުރާނީ ހަމައެކަނި ހަނާންއެވެ. ކުށްވެރި އަދި ލާނެތް އިހުސާސްތައް އެލޮލުން ފެނުނެވެ.
ރުމައިސާގެ ހަޔާތުގައި ދެކުނު އެންމެ ފޮނި އެއް ހުވަފެން ވަނީ ހަގީގަތަކަށްވެފައެވެ. އޭނަގެ މިސްރުގެ އެންމެ ގާތް އެކުވެރިޔާގެ ރީތި އަންހެންދަރިފުޅާއި ހަމްޒާގެ ކައިވެނި ކުރެވުމެވެ. އެދެއެކުވެރިންގެ ގާތް ގުޅުން ވަނީ އެފަހުން އެތައް ގުނަ އިތުރުވެފައެވެ. އެކަމަކުވެސް އިންސާނާގެ ހިތް ދުވަހަކު ފުރޭނެހެއްޔެވެ؟ އެއްކަމެއް ފުރިހަމަވާއިރަށް އަނެއް ކަމެއްގެ ދަހިވެތިކަމެވެ.
"މާ ގިނަ ދުވަހަށް މަޑުކުރަން ނަހަދައްޗޭ... ވަގުތުވެސް މަޑުކުރާނެ އެއްޗެއް ނޫން. އަދި ބައްޕަގެ ލޮލުގެ ފެނުންވެސް ދުވަހަކަށްވުރެ ދުވަހެއް ދަށަށް ދަނީ.ކާފަ ދަރިއަކުވެސް ދެކެލަން ބޭނުންވާނެ ދޯ..."
"އަޅުގަނޑުވެސް ކުއްޖަކު ބޭނުން.."ހަނާން ބުނެލިގޮތުން ރުމައިސާއަށް ހެވުނެވެ.
"ހަމްޒާވެސް ކުދިންނާހެދި ވަރުފަށެއް ވޭ. ނޫންތަ ދަރިފުޅު؟ ރަށުގައި ތިބޭ ފަގީރު ޔަތީމްކުދިންނަށް ޗެރިޓީ މަސައްކަތުގައި އުޅުނު..."
"އޯ...ރަގަޅަށްވެސް ތަ؟ އަދި ހަމްޒާ ތިކަން ސިއްރުކޮށްފައިވަނީ؟އާންޓް .ހަމްޒާގެ އިތުރު ވާހަކައެއް ނެތްތަ؟" ހަނާން ޝައުގުވެރިވިއެވެ.
"މަންމާ. ސައިބޮއިގެން އައީ؟ ސައިތަށްޓެއް ހަދާދޭނަން.." މަންމަގެ ޖަވާބަށް އިންތިޒާރުކުރުމެއްނެތި އޭނަ ތެދުވުނެވެ.
ރުމައިސާ އެގެއިން ދިޔުމުން ހަމްޒާ އާދައިގެ މަތިން ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ. ހަނާން ލިވިންރޫމްގައި އިންއިރުވެސް ޝޭޚު މުސްތަފާ އިސްމާއީލްގެ ގުރުއާން ކިޔެވުމުގެ ގޭތެރޭގައި ހިފާލަފައިވިއެވެ. ހަމްޒާ މަސައްކަތެއްކުރިޔަސް އެކަނި އިނަސް އަބަދު ގުރުއާން އަޑުއަހާނެއެވެ. ޚާއްސަކޮށް މުސްތަފާ އިސްމާއިލް، މިންޝާވީ، ހުސަރީ އަދި ތަބްލާވީފަދަ ދުވަސްވީ ރަން އަޑުގެ ވެރިންގެ އަޑު އެގޭތެރެއިން އަބަދު އިވޭނެއެވެ. ހަމްޒާގެ ކައިރީގައި އޭނަގެ ހިތުގައި އެ ޝޭޚުންނަށް ދެވިފައިވާ ގަދަރާއި ގުރުއާން އަޑުއަހާ ހިތްވާވަރު ފައުޅުނުކުރެއެވެ. އަދި ނަމާދުކޮށް އެހެން ކަމެއްވިޔަސް ދުނިޔެއަށްވެސް ސިއްރުކުރަން މަސައްކަތްކުރެއެވެ. އޭނަގެ އަޅުކަން ޚާއްސަވެފައިވާ ފަރާތަށް އެނގުމުން ވަކިން ސަވާބު އިތުރުވާނެކަމަށް އޭނަވެސް ގަބޫލުކުރެއެވެ. ފަގީރުކުދިންނަށް ހަމްޒާ އެހީވާކަން އެނގުމުން އޭނަގެ ހިތުގައި ގަދަރާއި އިހުތިރާމް އުފުލުނެވެ. އެހެންވާނެ ނޫންހެއްޔެވެ؟ އޭނައަށްވެސް ފަގީރުކުރިންގެ ހާލު ފެނި އަަސަރުކުރެއެވެ. ސިއްރުން އެކުދިންނަށް އެެހީތެރިވެ ފަންޑުތަކަށް އަބަދުވެސް ފައިސާ ހޭދަކުރެއެވެ. އާއިލާއަށްވެސް އަންގާނުލައެވެ. ހަނާން ހަމަޖެހިލައިގެން ކުޝަން މޭގައި ޖައްސާލައިގެން އޮވެ ގުރުއާން އަޑުއަހަން ފެށިއިރަށް ލޯ ތެމޭގޮތްވިއެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އަމުރުކުރައްވާފައިވާ އާޔަތްތައް އަޑުއިވުމުން ވަކިން ބޮޑަށް ރޮވުނެވެ.
***
މިރިއަމް އޭނަ އިސްކަންދަރިއްޔާގައި ހުންނަ ހޮޓަލާއި ހަމަޔަށް ފޯރިއިރު ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއް އިހުސާސްކުރެވުނެވެ. އެންމެފަހުން މިސްރުގެ ފަސްގަނޑަށް އާދެވުނީއެވެ. ޓީވީއިން ފެންނަފަދައިން ހަލަބޮލި މަގުތަކެވެ. އަރަބި ސަގާފަތުގެ ކުލަވަރެވެ. ހެދުން އަޅައިގެން ތިބި ގޮތާއިއެކު ކަންފަތުގައި އަރަބި ބަހުރުވަ އިވެން ފެށުމުން ހަގީގަތުގައިވެސް މިހާ ދުރު ރާސްތާއެއް ގިރާކޮށްފިކަމަށް ގަބޫލުކުރެވުނެވެ.
މިރިއަމްއަށް އަތުގައިވާ އަނގޮޓީގައި ފިރުމައިލެވުނެވެ.
ޑްރައިވަރު އަރަބިބަހުން އެއްޗެކޭ ބުނެލުމުން މަންޒިލަށް އާދެވުނީކަން އެނގުނެވެ. އޭނަ ސޫޓުކޭސް ޕޭމެންޓުމަތީގައި ދަމަމުން ހިނގައިގަތްތަނާ އެތަނުގެ ސްޓާފަކު އެހީތެރިވާން އައެވެ. ކައުންޓަރަށްގޮސް އޭނަ ނަން ބުނުމުން އެތާހުރި ޒުވާނާ ޗެކްކޮށްލުމަށްފަހު ކޮޓަރީގެ ނަމްބަރު ދިނެވެ.
"ރޫމް 203. ވެލްކަމް ޓު އެލެގްޒެންޑްރިއާ.."
ލިފްޓް މައްޗަށް އަރަން ފެށިއިރު ދަބަރު ފާޑެއްގެ އަޑެއް އިވުމުން އެވެސް މަރާމާތަށް ބޭނުންވެފައިވާކަން އެނގުނެވެ. ފައިސާ ނެތީމަ ރަގަޅު ހޮޓަލެއްގައި އަރާމްކޮށް ނޫޅެވޭނެތާއެވެ. ފައިސާގެ މުހިއްމުކަން ވަޒަން ކުރެވެނީ އެފަދަ ވަގުތުގައެވެ. ނަމަވެސް ފައިސާއިން އުފާވެރިކަން ގަނެވޭހެއްޔެވެ؟ އޭނަގެ ކޮޓަރިއަށް ވަނުމާއެކު ނޭފަތުގައި ޖެހުނީ ލުނބޯއާއި ދުވަސްވީ ވަކަރުގެ ވަހެވެ. ކުޑަދޮރުން ވަންނަމުން ދިޔަ ރަން އަލިން ފިނިހިފާފައިވާ ބެޑްޝީޓްތައް ހޫނުކޮށްލަދިނެވެ.
އޭނަ އެނދުގައި ކުޑަގޮތަކަށް އިށީނުމާއެކު އަތުގައިވާ ދަބަސް ހުރިތަނަށް ދޫކޮށްލެވުނެވެ. މަޑު އަޑަކާއެކު ކާޕެޓްމަތީގައި ޖެހުނެވެ. އޭނަ ގުޑިވެސް ނުލާ ތިރިއަށް ބަލަން އިނެވެ. އަދިވެސް އޭނަ އެކަނިމާއެކަނި މިސްރަށް އައިކަން ގަބޫލުކުރަން ދަތިވިއެވެ. އިރުކޮޅެއްފަހުން ނަފުސަށް ދިރުމެއް ލިބި އަތް ހަރަކާތްކޮށްލެވުނެވެ. ދަބަސް ހުޅުވާލާފައި ސިޓީއުރަ ނެގިއެވެ.
އެލެގެޒެންޑްރިއާ ޔުނިވަސިޓީގެ ނަން މަތީގައި ވިދަވިދާވިއެވެ. ތިރީގައި އޭނަގެ ނަމެވެ.
"ވީ އާ ޕްލީޒްޑް ޓު އިންފޯމް ޔޫ ދެޓް ޔޫ ހޭވް ބީން އެކްސެޕްޓެޑް އިންޓު ދަ މާސްޓަ އޮފް ޖެރިއޭޓްރިކް ނާސިން...........
އޭނަ ސިޓީ ފަށްޖަހާފައި އެނދުގެ އަރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބޭއްވިއެވެ. ޔަގީނުންވެސް ފިރިހެނަކަށްޓަކާއި މިހާ ދުރު ދަތުރެއް ކުރާހާ މޮޔައެއްނޫނެވެ. އޭނަ އެހެން ޔުނިވާސިޓީއިންވެސް ޖާގަ ހޯދަން މަސައްކަތްކުރިނަމަވެސް ޖާގަލިބުނީ ހަމަ އެކަނި މިތަނުންނެވެ.
"އަހަރެން އައީ އޭނައަށްޓަކާއެއްނޫން. އަމިއްލަ ނަފުސަށްޓަކާ. މުސްތަބުލަށްޓަކާ...." އޭނަ ބާރުބާރަށް ބުނެލީ އަމިއްލަ ނަފުސަށްވެސް ޔަގީންކޮށްދޭފަދައަކުންނެވެ. ހަގީގަތަކީ ތަންކޮޅެއް ކުރިން އޭނައަށް ޖާގަ ލިބުނުކަމުގައިވިޔަސް އޭނަ ދާން ނިންމީ އެންމެ ފަހު ވަގުތުގައި ކަމެވެ.
އޭނަ ކުޑަދޮރުން ބޭރަށް ބަލައިލުމުން ފެނުނީ ބީރައްޓެހި ތަންތަނެވެ. އޭނަގެ މަންމަ މިގަޑީގައި ކީއްކުރަނީހެއްޔެވެ؟ ހިތުގައިވާ ރިހުމަށް ޝިފާ ލިބޭނެގޮތެއް އޭނައަކަށް ނޭގުނެވެ. މަންމަ މަތިން މާ ބޮޑަށް ހަނދާންވަނީހެއްޔެވެ؟
އޭނަ ފޯނުނަގާފައި މަންމަގެ ނަމްބަރަށް ގުޅިއެވެ. އެކޮޅުން ޖަވާބެއް ނުލިބުމުން ސަޔާރާއަށް މެސެޖްކުރިއެވެ. މަންމަގެ ހާލު އޮޅުން ފިލުވުމަށެވެ. އެއާއެކު ދެން ނަޒަރު ހުއްޓުނީ ހަމްޒާގެ ނަމްބަރަށެވެ.
"ހަމްޒާ... މިއީ މިރިއަމް.."އޭނަ ޓައިޕްކޮށްލިއެވެ. ފޮނުވައިލަންވެގެން އެ ފިތަށް އޮބައިލަން އިނގިލި ހަރަކާތްކުރިއެވެ.
***
ޒުލޭޚާ ތައްޔާރުކުރި ކާއެއްޗެހި ފިނިވިއިރުވެސް ޖަމީލާ އުޅުނީ އަލަމާރިިން އެއްޗެއް ނުފެނިގެން ހޯދުމުގެ މަސައްކަތުގައެވެ. އެކަމުގައި އުޅޭތާ ކޮން އިރެއްހެއްޔެވެ؟ އޭނަ ގޮވައިލުމުން ޖަވާބެއްވެސް ނުލިބުނެވެ. ރުޅިގަދަވާ ފަހަރުވެސް އާދެއެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ޖަމީލާއްތަގެ މިޒާޖު އެހާވެސް ބަދަލުވެއްޖެއެވެ. އަނގައިން ބުނާނީ ހިތަށް އެރިއްޔާއެވެ.
ޒުލޭޚާ ވާހަކަފޮތެއް ހުޅުވާލައިގެން ކިޔަން ޖައްސައިލިތަނާހެން ޖަމީލާ އައުމުން އިސްއުފުލައިލެވުނެވެ. ޖަމީލާގެ އަތުތެރޭގައި އެއްޗެއް އޮތެވެ. ކުލަގޮސްފައިވާ ކުޑަ ޓިޝޫއަކަށްލައިގެން އެގެނައީ ކޯނޗެއް ބާވައެވެ. ފަނޑު ހިނިތުންވުމެއްގައި ހުރެ މާދުރަށް ބަލަން ހުރެފައި އޭނަގެ އަތުގެ ތެރެއަށް އެއްޗެއް ލައްވާދިނެވެ.
"މިއީ ޒުލޭޚާއަށް ދިން އެއްޗެއް.."
"ކޯނޗެއްތަ؟" ޒުލޭޚާ ޔަގީންކުރީ އަނގޮޓިއެއްކަހަލަ އެއްޗެއް ކަމަށެވެ. އޭނަ އެ ޓިޝޫކޮޅު ލަސްލަހުން ނިއުޅުވައިލިއިރު އެންމެ ގޮށެކެވެ. ރީދޫކުލައަކަށް އޮތް އެ ގޮށުން ތަންކޮޅެއް ނެއްޓިފައިވިއެވެ. ޒަމާންވީ ގަމީސް ނޫނީ ހެދުމަކުން ވެއްޓި އެތައް ދުވަހެއްފަހުން ފެނުނު އެއްޗެއްކަން ނޭގެއެވެ.
"މިއީ ގޮށެއްނު"އޭނައަށް ހެވުނެވެ." ބަލަ ޖަމީލާއްތަ މިހުރިހާއިރު ވާންދެން އަލަމާރި ހޭވީ މި ގޮށް ނުފެނިގެންތަ؟ މާތް ކަލާކޯ.....ޖަމީލާއްތަ....."
ކޮންމެވެސް ސަބަބަކާއިހެދި އެ ޖުމްލަތަކުން ޖަމީލާގެ ހިތަށް އުދަގޫވިކަމަށް އެމޫނުމަތީގެ ކުލަވަރުން ހާމަވިއެވެ. ތުންފަތުގައިވާ ހިނިތުންވުން ގެއްލުނެވެ. އޭނައަށް އެކަން އިހުސާސްވުމާއެކު އެކަން ރަގަޅުކުރަން މަސައްކަތްކުރިއެވެ.
"ޝުކުރިއްޔާ ޖަމީލާއްތަ....މީތި ވަރަށް ރީތި..."
ޖަމީލާގެ މުޅި މޫނު އުޖާލާވެގެން ދިޔަގޮތުން ހީވަނީ ޖަވާހިރެއް ހަދިޔާކުރެވިގެން ހިތްހަމަޖެހުނުހެންނެވެ. އެންމެ ރަގަޅެވެ. މީހަކު ހިތްހެޔޮކަމާއެކު ކަރުދާސްކޮޅެއް ދިއްކޮށްލިޔަސް އަގު ވަޒަން ކުރަންވާނެއެވެ. ޖަމީލާއްތައަކީ ހިތްހެޔޮ އޯގާތެރި އަވަށްޓެރިއެކެވެ.މީރު ކާއެއްޗެއް ހެދިޔަސް ގަހުގައި އެއްޗެއް އެޅިޔަސް އަވަށްޓެރިންނަށް ބަހާނެއެވެ. މެޓާ ގަނެފައި ކުޑަކުދިންނަށް ހަދިޔާކުރެއެވެ.
"އަދި މިރިއަމްއަށްވެސް އެކަތި ހޯދަންވާނެ.."ޖަމީލާ އެހާ އަވަހަށް އަލަމާރިއާއި ދިމާލަށް ހިނގައިގަތްތަން ފެނި އޭނަ ހުއްޓުވަން މަސައްކަތްކުރިއެވެ." ޖަމީލާއްތާ. ފަހުން އޭތި ހޯދާނީ.އަދި ނުކައި ތިހިރީ. ސައިތަށިވެސް ހިހޫވެއްޖެ...."
ކިތަންމެ ވަރަށް އާދޭސްކުރިޔަސް އެކުރާ މަސައްކަތެއް ހުއްޓާލާފައި ނޫނީ ޖަމީލާ ނާންނާނެކަން އެނގުމުން އޭނައަށް ބޯ ހޫރައިލެވުނެވެ. ޖަމީލާއްތައަށް ޖެހިގެން މިއުޅެނީ ކޮންފަދަ ކަމެއްހެއްޔެވެ؟ އުމުރުން އެހާ ދުވަސްނުވިޔަސް ފިކުރުބޮޑުވުމުން ބޯ ގޯސްވަނީކަމަށް ވެދާނެއެވެ.
ޒުލޭޚާ ފްރިޖުގައި ބަހައްޓާފައި ހުރި ޖޫސްޕެކެޓް ނަގަން ހުޅުވައިލުމާއެކު ލޮލުގައި އަޅައިގަތީ ޖަމީލާގެ ފޯނެވެ.
ނުނިމޭ,