ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ބާރު ބޮޑުވުމުން އަވަހަށް އެއާޕޯޓަށް ދާން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިއަދު ފަސިންޖަރުންނަށް އިލްތިމާސްކޮށްފިއެވެ.
އަންނަ ބޮޑު އީދު ބަންދާ ދިމާކޮށް، ގިނަ ބަޔަކު ވަނީ ދަތުރުތައް ކުރަން ފަށާފައެވެ.
އެމްއޭސީއެލްއިން މިއަދު ބުނީ، އެއާޕޯޓުގެ މަގުހެދުމުގެ މަސައްކަތް ކުރިއަށްދާތީއާއި ގިނަ ބަޔަކު ފުރަންދާތީ އެއާޕޯޓަށް ވަރަށް ބާރުބޮޑު ކަމަށެވެ. އެހެންވެ، ދުރާލާ ޗެކިންއަށް ވަގުތު އޮއްވައި އެއާޕޯޓަށް ދިޔުމަށް އެމްއޭސީލްއިން ވަނީ އެދިފައެވެ.
ފުރަންދާ ފަސިންޖަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއޭސީއެލްގެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ކޮންމެ ޢީދަކާ ދިމާކޮށް، ގިނަ ބަޔަކު އެކި ތަންތަނަށް އާންމުކޮށް ދަތުރުކުރެއެވެ.
ޢީދު ބަންދަކީ ދިވެހިން ވަރަށް ގިނައިން ރަށްރަށަށް ވެސް ދަތުރުކުރާ ދުވަސްވަރެކެވެ. މާދަމާއަކީ މި އަހަރުގެ ޙައްޖު ދުވަހެވެ. އެހެންވެ، ޢީދު ދުވަހަށްވާނީ ހުކުރު ދުވަހެވެ.
ބަންދަށް ފަހު އަންގާރަ ދުވަހު ސަރުކާރު ހުޅުވޭނެއެވެ.