ޒުލްފާ ރާމިޒާއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ރާމިޒާގެ މޫނުމައްޗަށް ކުއްލިއަކަށް ދޮރު ޖެހިއެވެ.
ރާމިޒާ ފުން ނޭވާއެއްދޫކޮށްލާފައި ޖާވިދަށް ގުޅުމަށްފަހު ގެއަށް އޭނާ ކާޑެއް ގެންދިޔަ ވާހަކަ ބުނެލިއެވެ. ޖާވިދު ބުނީ އޭނާ ގެއަށް ގޮސް ޒުލްފާ ގާތުން އަހާނެކަމުގައެވެ. އޭނާ މިވަގުތު ބިޒީކަމުގައެވެ. ރާމިޒާވެސް އިތުރު އެއްޗެއް ނުބުނެ އެގެއިން ދިޔައީއެވެ. ޒުލްފާގެ ހިތުގައި އެމީހުންނާ މެދު ދުވަހަކު ޙަމްދަރުދީއެއް ނުއުފެދޭނެކަން އޭނާއަށް ޔަޤީންވިއެވެ. މީހުންނަށް ނަފްރަތުކޮށް ހަސަދަލައިގެން އުޅޭ މީހުންނަކީ ހާދަހާ ނުބައިބަޔެކެވެ. އެ ހަސަދައިގެ ސަބަބުން އެމީހާގެ ހިތް ކަޅުވެ، ނުފިލާފަދަ ކިލަނބުކަމެއް ހިތުގައި އުފެދެއެވެ.
*****
އަފްނާން ކޮޓަރީގެ ބެލްކަނީގައި މަޑުކޮށްލައިގެން ހުރެފައި މައުވާއަށް ގުޅައިލިއެވެ.
"ބޭބް. މިހާރު ހެދުން އޯކޭވެއްޖެތަ؟ ނަގައިފިންތަ ހެދުން؟" އަފްނާން ސުވާލުކޮށްލިއެވެ. މައުވާގެ ހެދުމުގައި މައްސަލައެއް އުޅޭތީ ފަހާ މީހާއަތަށް ގެންދިޔައީ ރޭގައެވެ.
"ނަގައިފިން. ޒާ އާއެކީ މިއުޅެނީ." މައުވާ ބުންޏެވެ.
"ބޭރުގަތަ؟" އަފްނާން ސުވާލުކޮށްލިއެވެ.
"މިތާ ގެ ކައިރީގަ މިހުރީ." މައުވާ ބުނެލިއެވެ. ފިޒިއޯ ތެރަޕީއާއެކު މައުވާގެ ޙާލަތު ވަނީ އެކީ ކަހަލަ ގޮތަކަށް ރަނގަޅުވެފައެވެ. އަދިވެސް އެންމެ އުނދަގޫވަނީ ގިނައިރު ކޮޅަށް ހުންނާށެވެ. އެކްސިޑެންޓުގެ ސަބަބުން ފަޔަށް ލިބުނު ގެއްލުމެއްގެ ސަބަބުންކަމަށް ޑޮކްޓަރުން އޮތީ ބުނެފައެވެ. އަދި އެކަމުގެ ހައްލަކީ ހަމައެކަނި ފިޒިއޯތެރަޕީ ހަދާ މަސްތައް ވަރުގަދަކުރުންކަމުގައިވެސް އޮތީ ބުނެފައެވެ.
"އެހާ ގިނައިރު މަގުމަތީ ނޫޅެއްޗޭ!" އަފްނާން ލޯތްބާއެކު ބުނެލިއެވެ.
"ހޫން. ދެން މާ ނުފޮޅުވިޔަސް ހެވޭ. މިރޭ ޓައިމް ލިބޭނެ. މީ މައުވާ އަހަންނަށް ދޭ ވަގުތު. " މައުވާގެ ގާތުގައި ހުރެފައި ޒާޔާ ވާހަކަ ދެއްކި އަޑު އިވުމުން އަފްނާންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
"މައުވާއަކީ އަހަރެންގެ މީހެއް." އަފްނާން ބުނެލިއެވެ.
"އަދި ނުވެއެއްނު. ވަންދެން މަޑުކުރޭ." ދޫނުދީ އެކޮޅުން ޒާޔާ އަނެއްކާވެސް ބުނެލިއެވެ. "ދެން ބާއްވަބަލަ. އޭރުން އަވަސްވާނީ."
މައުވާ އޭނާ ފޯނު ބާއްވަނީކަމުގައި ބުނުމުން އަފްނާންވެސް އޭނާ ހުއްޓުވާކަށް ނޫޅުނެވެ. އާއެކޭ ބުނެލާފައި ފޯނު ބާއްވަމުން އޭނާ ރެއިލިންގައި އަތް އަޅުވައިލިއެވެ. އެހެން ހުރެފައި ތިރިއަށް ދިޔައިރު ޝައުފާ އާއިން ގޮވައިގެން އައިސް ގެއަށް ވަންނަނީއެވެ. ޝައުފާ އަފްނާން ފެނުމުން ހިނިތުންވެލިއވެެ. ރައްދުގައި އަފްނާންވެސް ހީނލިއެވެ.
"ކިހިނެއް؟" އިސްވެ ސުވާލުކޮށްލީ ޝައުފާއެވެ.
"ފައިން." އަފްނާން އެހެން ބުނެލާފައި އެ ހިސާބުން ބަލައިލީ އާއިންއާ ދިމާލަށެވެ.
"އާއިން… ކޮންތާކަށް ގޮސްލާފަ ތިއައީ؟" އަފްނާން އާއިންއަށް ބަލައިލަމުން ސުވާލުކޮށްލުމާއެކު އާއިން ބުނީ އޭނާ އައީ މަންމިއާއެކު އައިސްކްރީމް ބޯން ގޮސްފައިކަމުގައެވެ. އަދި އަތުގައި ހުރި ޗޮލްލެޓް ކޮތަޅު ދައްކާލަމުން، އެއީ ވެސް އޭނާގެ އެއްޗެއްކަމުގައި ބުންޏެވެ. ޝައުފާ އެ ހުރިތާ ހުންނަން ފެށުމުން އަފްނާން އަޒްލަފްއަށް ގޮވާލާނަމޭ ބުނެލާފައި، އެނބުރިލުމުން ޝައުފާ ވާހަކަ ދެއްކިއެވެ.
"ނޫން. އޯކޭ ވާނެ. އަހަރެން ދެން ދަނީ…" އެހެން ބުނެލާފައި ޝައުފާ އެގެއިން ނުކުތެވެ. އެގެއާ އޭނާއާ ގުޅުވައިދެނީ ހަމައެކަނި އާއިންނެވެ. އަޒްލަފް އަންނަންދެން މަޑުކުރުމެއްނެތި އޭނާ ދިޔައީ އަޒްލަފްއަކީ މިއަދު އެހެން މީހެއްގެ ހައްޤެއްކަމުގައި ހިތަށް ވިސްނައިދެމުންނެވެ.
"އަތުލާނަން." އަފްނާން އާއިންއަށް ބަލައިލާފައި، ދެބުމަ އަރުވައިލިއެވެ. އެއާއެކު އާއިން ދުއްވައިގަތީ އަފްނާންގެ އަތުގައި ނުޖެހުމަށެވެ. އަފްނާންވެސް ކުޑަކޮށް ގުދުވެލައިގެން ކަހަލަ ގޮތަކަށް އޮވެ އާއިންގެ ފަހަތުން ދުވަން ފެށީ ދެލޯ ބޮޑުކޮށްލަމުން އަތް ވެސް އާއިންއާ ދިމާލަށް ދިއްކޮށްލަމުންނެވެ. އެއާއެކު އާއިން ކާކޮޓަރިއާ ދިމާލަށް ދުއްވައިގަތީ ނުދޭނަމޭ ކިޔަމުންނެވެ. އޭނާ ގޮވަމުން ދިޔައީ ލުޔޫނާއަށެވެ. ލުޔޫ މަންމީއޭ ކިޔާފައި ގޮވަން ފެށި އަޑަށް ކާކޮޓަރީގައި ހުރި ލުޔޫނާވެސް ނުކުތެވެ.
"ކިހިނެއްވީ ދަރިފުޅު." އާއިން ހަޅޭއްލަވަން ފެށިގޮތުްނ ލުޔޫނާ ހީކުރީ އޭނާއަށް ކަމެއް ވީކަމަށެވެ. އެހެންނަމަވެސް ނުކުތުމާއެކު ފެެނުނު މަންޒަރުން އޭނާއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ.
"ޕިސްޕިސް. މީހަކާ އިންނަން އުޅޭއިރުވެސް ބޮޑެއް ނުވޭ ދޯ." ލުޔޫނާ ބުނެލިއެވެ. އާއިން ގޮސް ސިޑިން މައްޗަށް އަރަން ފެށިގޮތުން ލުޔޫނާއަށް އާއިންއަށް ގޮވައިލެވުނެވެ. "ދަރިފުޅު ބަލައިގެން."
އޭރު އަފްނާން ހުރީ އެ މަންޒަރު ބަލަހައްޓައިގެން ހީނގަނެގެންނެވެ.
*****
ހަވީރުގެ ވަގުތެވެ. ހޮސްޕިޓަލްގައި އުޅެފައި ގެއަށް އައިސް ވަތް ރައްޔާ ހުރީ ވަރުބަލިވެފައެވެ. އޭނާ ކާކޮޓަރިއާ ދިމާލަށް ދިޔައީ ފެންބޮވައިގަނެފައި ހުރިލެއް ބޮޑުކަމުންނެވެ. އެހެންނަމަވެސް އެތެރެއަށް ނުވަދެ މަޑުޖެހެވުނީ، ރައިޙާނާއާއި މަޙްމޫދާ ދެކެވެމުން ދިޔަ ވާހަކައެއްގެ ތެރެއަށް އަފްނާންގެ ނަން އަޑު އިވުމުންނެވެ.
"މިރޭކަމަށް ވަނީ ކައިވެނި އޮތީ… އަހަންނަށް ޔަޤީން، ނަޖީބަށް އެހުންނަނީ އަހަރެން ގާތު އެވާހަކަ ބުނަން ނުކެރިފަކަން." މަޙްމޫދު ބުނެލި އަޑު އިވުނެވެ. އޭނާއަށް އެކަން އެނގުނީ އެކުވެރިއެއްގެ ފަރާތުންނެވެ.
"ބުނަން ކެރޭނީވެސް ވަކި ކިހިނެއް ދޯ.. އެމީހުން އަހަރެމެންނާ ދޭތެރޭ ކަންތައްކުރީވެސް ވަކި ރަނގަޅަކަށް ނޫނެއްނު." ރައިޙާނާގެ އަޑުން ނުރުހުންތެރިކަން ފާޅުވަމުންނެވެ. "ކާކާތަ އިންނަން އެ އުޅެނީ؟ އެނގޭތަ ކޮން ގެއެއްގެ، ކޮން ކުއްޖެއްކަން؟"
"މާ ރަނގަޅަކަށް ނޭނގެ.. ދެން އެކަމާ އަޅާނުލާ… ކޮންމެކަމެއްވެސް ވާނީ ހަމަ އެންމެ ރަނގަޅަކަށޭ ބުނެއެއްނު. އަހަރެމެންގެ ދަރިފުޅު ރައްޔާއާ އަފްނާން ނުގުޅުމަކީވެސް އެކަމުގައި ކޮންމެވެސް ޙިކުމަތެއް ވާނެކަމެއް. އިނދެގެން ލޯބި ނުލިބުނީމަ މާބޮޑަށް ދެރަވާނެ." މަޙްމޫދު ބުނެލިއެވެ.
"އަހަންނަށް ފެންނަނީ ރައްޔާގެ ކައިވެނިވެސް އެހެން މީހަކާ ކުރުވަން. އޭރުން ކަންނޭނގެ ދެން ރައްޔާވެސް ހަމައަކަށް އެޅޭނީ. ކިތަންމެ ހަމަޖެހޭ ކަމަށް ދެއްކި ނަމަވެސް، އަހަންނަށް އެނގޭ އެ ދަރިފުޅު އެ ހުންނަނީ އެކަމާ އަދިވެސް ދެރަވެފަކަން." ރައިޙާނާ ބުނެލިއެވެ.
"ވަގުތަކީ ހުރިހާކަމެއްގެ ވެސް ފަރުވާއޭ މީހުން ބުނެއެއްނު. ރައިޙާނާ ބަލަން ހުރޭ. އިރާދުކުރެއްވިއްޔާ ރައްޔާއަށް އަދި މާ ރަނގަޅު ކުއްޖެއް ލިބޭނެ. ރައްޔާއަށް އެއްވެސް ކަމެއްގައި މަޖުބޫރުކުރާކަށް އަހަރެން ބޭނުމެއް ނުވޭ." މަޙްމޫދު ބުނެލި އަޑު އިވުނެވެ.
އެ އަޑު އަހަން ހުރި ރައްޔާގެ ދެލޯ ފެންކަޅިވިއެވެ. އޭނާގެ މަންމައާއި، ބައްޕަ އޭނާއާ މެދު ވިސްނާވަރު ހިތަށް އަރާފައި ރޮވޭ ގޮތްވިއެވެ. އޭނާ ކިތަންމެ ހަމަޖެހޭކަމަށް ދެއްކި ނަމަވެސް، އެ މަންމަމެންނަށް އެބަ އޭނާގެ ޙާލަތު ވަޒަންކުރެވެއެވެ.
ކާކޮޓަރިއަށް ވަނުމުގެ ބަދަލުގައި ރައްޔާ ދިޔައީ ކޮޓަރިއަށެވެ. އެނދުމައްޗަށް ވެއްޓިގަތުމާއެކު އޭނާއަށް ރޮވުނީއެވެ. ހިތުގެ އުދާސްތައް ކަރުނައިގެ ސިފައިގައި ބޭރުކޮށްލުމަށްފަހު، އޭނާ، ހަމަޖެހިލިއެވެ ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި ހަމަގައިމުވެސް އޭނާގެ ޙަޔާތުގެ ބައިވެރިޔާ ވާނެއެވެ. އަދި ދިމާވާން ވަގުތު ނުޖެހެނީއެވެ. އެވަގުތު ޖެހުމުން ޔަޤީނުންވެސް، އަދި އޭނާއާ އެމީހަކާ ބައްދަލުވާނެއެވެ.
*****
އަފްނާންއާއި މައުވާއާ ދެމީހުންވެސް އިންތިޒާރުކުރަމުން ދިޔައީ އެރެއަށެވެ. އެތަކެއް ދުވަހެއްގެ އުންމީދަކާއި ހުވަފެންތަކަކަށްފަހު، ދެހިތް އެކުވާނެ ވަގުތަކަށެވެ. ދުވާލުގެ ވަގުތުތައް ވެސް ދެމީހުންނަށް ހީވީ ގަރުނެެއްހެންނެވެ. އެ ދުވަހު ކަންތައްތައް ހުރި ގޮތުން ދެމީހުންނަށް ވަކިން ތިބެ ވާހަކަ ދައްކައިލެވޭ ގޮތެއް ވެސް ނުވިއެވެ. މައުވާ ރާމިޒާއާއެކު އެގެއަށް އައި ނަމަވެސް، ގޭތެރެ ހަލަބޮލިކަމުންނާ މައުވާގެ ކައިރީގައި އަބަދުވެސް ކޮންމެވެސް އެކަކު ވިއްދާފައި ހުންނާތީ އަފްނާންއަށް އެ ފުރުސަތު ލިބޭ ގޮތެއް ނުވިއެވެ. މައުވާ އެންމެންނާއެކު ސިޓިން ރޫމުގައި އިންދާވެސް އަފްނާން އެތަނަށް ދިޔައެވެ. ލޮލުން އޭނާއާއެކު އައުމަށް މައުވާއަށް އިޝާރާތްވެސް ކުރިއެވެ. އެހެންނަމަވެސް އެންމެންގެ ތެރޭގައި އިނދެފައި އަފްނާންގެ ގާތަށް ދާނެ ގޮތެއް މައުވާއަކަށް ނުވިސްނުނެވެ. އެންމެފަހުން ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރާލާފައި މައުވާ މާފަށް އެދުނެވެ. އެހުރިހާ މަންޒަރެއް ލުޔޫނާއަށް ފެނުމުން އޭނާގެ ގާތަށް ހިނި އައި ނަމަވެސް އަފްނާންއަށް އެހީތެރިވާނެ އެއްވެސް ޚިޔާލެއް ލުޔޫނާގެ ނެތެވެ. އޭނާ އަޑިން ހީނލަހީނލާ އިނީއެވެ.
އިންތިޒާރުގެ ވަގުތުތައް ފާއިތުވަމުން ގޮސް އެންމެފަހުން، ހޮޓެލަށް ދާ ވަގުތު ކުޑަތަން ވެއްޖެއެވެ. އަފްނާންގެ އާއިލާ އެންމެން އެކުގައި ހޮޓެލަށް ދިޔައިރު ރާމިޒާވެސް ދިޔައީ އެމީހުންނާ އެކީގައެވެ. މައުވާގެ މޭކަޕްކުރަން އެމީހުންވަނީ އެ ދުވަހަށް ޚާއްސަކޮށް ސޫޓެއްވެސް ހޮޓެލުން ހަމަޖައްސާފައެވެ. އެހެންކަމުން ޒާޔާ އާއި މައުވާއާ ވީ މާކުރިން ހޮޓެލަށް ގޮހެވެ. އަފްނާންގެ ބައްޕަ އެންމެ ފުރަތަމަ ބޭނުންވީ އެމީހުންގެ ހޮޓެލްގެ ހޯލުގައި އެ ކައިވެނި ބާއްވަން ނަމަވެސް އެކަމާ އަފްނާން ދެކޮޅު ހެދީ އެ ހޯލަކީ އެތަނެއްގައި މައުވާއާ އޭނާގެ އެތަކެއް ހިތްދަތި ހަނދާންތަކެއް ވާތަނަކަށް ވާތީއެވެ. މުސްތަޤްބަލަށްޓަކައި އަޅާ ބިންގާ އޭނާ އަޅަން ބޭނުންވަނީ މާޒީގެ ހިޔަނިން އެއްކިބާވެފައިވާ ތަނެއްގައެވެ. އެތަނަކަށް ވަނުމުން މައުވާ އަދި އޭނާއަށް ވެސް މާޒީ ހަނދާން ނުވާނެ ފަދަ ތަނެއްގައެވެ.
ހޮޓެލްގެ ބޯލް ރޫމަށް ވަތް އަފްނާންގެ ހިތް ތެޅިލިއެވެ. އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އާއިލާގެ މީހުންނޫނީ އެހެން އެއްވެސް މީހަކު އޭރު އެތަނުގައި ނެތެވެ. ނިތުގައި އަތް ހިންގައިލެވުމާއެކު އޭނާއަށް ކުޑަކޮށް ދެކޮޅަށް ހިނގައިލެވުނެވެ. އަތުކުރީގައި އޮތް ގަޑިއަށް ނަޒަރު ހުއްޓާލުމަށްފަހު އޭނާ ގަޑިން ވީވަރެއް ބަލައިލިއެވެ. އަށެއް ޖަހާ ބޮޑު ވެއްޖެއެވެ. ކައިވެނިކޮށްދޭން ޤާޟީ އަންނަން ހަމަޖެހިފައި އޮތީ އަށްގަޑި ބަޔަށެވެ. އިރުއިރުކޮޅަކާ އަފްނާންއަށް ބޯލްރޫމުގެ ދޮރާ ދިމާލަށް ބަލައިލެވެއެވެ.
"ދަރިފުޅާ!" އަފްނާންގެ ގާތަށް އައިސް ހުއްޓުމަށްފަހު ނަޖީބު އަފްނާންއަށް ގޮވައިލިއެވެ. އެ އަޑުގައިވަނީ ލޯތްބާއި އޯގާތެރިކަމެވެ. އަފްނާންއަށްޓަަަކައި އޭނާ އުފާވެފައިވާ މިންވަރު އެ އަޑުން އެކަނިވެސް ދޭހަވަމުން ދިޔައެވެ.
"ބައްޕަ މިއަދު ވަރަށް އުފާވެއްޖެ. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫން! ކައިވެންޏެއް ދެމި އޮންނަނީ އެކަކު އަނެކަކު ވާ ޤުރުބާނީތަކެއްގެ ސަބަބުން. ކުރާ އިޙްތިރާމްގެ ސަބަބުން. ޤަދަރުގެ ސަބަބުން. ލޯތްބާއި އިތުބާރު ނެތް ގުޅުމަކީ ގިނަ ދުވަހަށް ދެމިގެންދާނެ ގުޅުމެއް ނޫން." ނަޖީބު އެފަދަ އެތަކެއް ނަސޭހަތެއް އަފްނާންއަށް ދިނެވެ. ދަރީން ބޮޑެތި ވިއެއްކަމަކު ނަސޭހަތް ދިނުމަކީ އަބަދުވެސް މައިންބަފައިންގެ މައްޗަށް އޮންނަ ޒިންމާއެކެވެ. ވާޖިބެކެވެ. އެމީހުންނަކީ ދުނިޔޭގައި ގިނަ ތަކުރިބާތަކެއް ކޮށްފައިވާ ބައެކެވެ. އެ ތަޖުރިބާތަކުގެ އަލީގައި ދަރީންނަށް މަގު ދައްކައިދިނުމަކީ މުހިންމުކަމެއްކަމުގައި ނަޖީބު ދެކެއެވެ.
"މައުވާ އެބަ އާދޭ." އަޒްލަފް އަފްނާން ކައިރިއަށް ޖެހިލާފައި ބުނެލިއެވެ. އެއާއެކު އަފްނާންއަށް ދޮރާ ދިމާލަށް ބަލައިލެވުނެވެ.
އެތެރެއަށް ވަތް މައުވާ ފެނުމާއެކު އަފްނާންއަށް ކަޅިވެސް ޖަހައިނުލާ ބަލަހައްޓައިގެން ހުރެވުނެވެ. ހުދުކުލައިގެ ވެޑިން ޑްރެސްގައި މައުވާ ފެންނަނީ ވަރަށްވެސް ހިތްގައިމުކޮށެވެ. ވިދާ ޒާތުގެ މިނާތަކުން ޒީނަތްތެރިކޮށްފައިވާ ހެދުމުގެ ވިދުން ދުރުދުރަށްވެސް ދަޅައަޅަމުން ދިޔައެވެ. އެއާ ގުޅޭ ގަހަނާ ބޭނުންކޮށްފައި، އިސްތަށިގަނޑު ރީތިގޮތަކަށް ހުޅިއެއް ޖަހާލާފައި، ދެ ފަރާތުން އިސްތަށިކޮޅެއް ދޫކޮށްލާފައިވާއރު ހިތްގައިމެވެ. ބޮލާ ދިމާލުން ފަހަތުން ދޫކޮށްލާފައިވާ ހުދުކުލައިގެ ބޮލު ފޮތިކޮޅުވެސް ބިންމަތީގައި ކޭއްތެއެވެ. އެހެންޏާ މޭކަޕު ނުކުރާ މައުވާ މިރޭ ފެންނަނީ ވަރަށްވެސް ފުރިހަމަ މޭކަޕެއްގައެވެ. އެ ރީތިކަން މިރޭ ދެގުނަވެފައިވަނީ އެހެންވެގެންނެވެ. އަފްނާންއާ ދިމާލަށް މައުވާ ހިނގަމުން ދިޔައިރު، ޒާޔާ ހުރީ މައުވާގެ ހެދުމުގައި ހިފައްޓާލައިގެންނެވެ. ހެދުން ބަރުކަމުން މައުވާއަށް އުނދަގޫވެސް ވިއެވެ. އެއީ އޭނާ އެންމެ ފުރަތަމަ ގަންނަން ބޭނުންވި ހެދުމެއްވެސް ނޫނެވެ. އެހެންނަމަވެސް އަފްނާންއަށް ކަމުދިޔައީތީ އޭނާ އެ ހެދުން ގަތީއެވެ.
އަފްނާންވެސް ހުރީ އަޅިކުލައިގެ ކޯޓް ފަޓުލޫނުގައެވެ. އެއް އަތް ޖީބަށް ޖަހާލައިގެން އެ ދިމާލަށް އަންނަމުން ދިޔަ މައުވާއަށް ބަލަހައްޓައިގެން ހުރިއިރު، މޮޑެލްއަކާ އެއްވެސް ތަފާތެއް ނެތެވެ. ދިގު އިސްކޮޅެއް ލިބިފައިވާ އަފްނާންވެސް މިރޭ އެހާ ފިރިހެންވަންތަކަމަށް ދައްކައެވެ. އޭނާގެ ޗޮކްލެޓް ކުލައިގެ އިސްތަށިގަނޑު ސްޓައިލްކޮށްލާފައިވާ ގޮތުންނާ ތުނި ތުނބުޅީގެ ސަބަބުން އެ ހަތަރެސްކަން މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާއިރު އަންހެން ކުދިންގެ ހިތްތައް ދަމައިގަންނާނެ ފަދަ "ސްމާރޓް" ގޮތެއް ހުއްޓެވެ.
އަފްނާން ކަޅިވެސް ޖަހާ ނުލާ ބަލަން ހުރިގޮތުން މައުވާ ލަދުގަންނަ ގޮތްވިއެވެ. އޭނާ ގޮސް އަފްނާންގެ ކައިރީގައި ހުއްޓުމުން އަފްނާން މައުވާގެ ކަންފަތްދޮށަށް ގުދުވެލިއެވެ.
"ޔޫ ލުކް ސޯ ޕްރިޓީ…." އަފްނާންގެ ދުލުން ނުކުތް އެ ބަސްތަކާއެކު މައުވާގެ މޫނު ލަދުން ރަތްވިއެވެ. ދެން އޮތީ ކުޑަ ކުޑަ ވަގުތުކޮޅެކެވެ. އޭގެ ފަހުން އޭނާ ވާނީ އަފްނާންގެ ހައްޤަކަށެވެ.
(ނުނިމޭ)