"ޔޫ ލުކް ސޯ ޕްރިޓީ…." އަފްނާންގެ ދުލުން ނުކުތް އެ ބަސްތަކާއެކު މައުވާގެ މޫނު ލަދުން ރަތްވިއެވެ. ދެން އޮތީ ކުޑަ ކުޑަ ވަގުތުކޮޅެކެވެ. އޭގެ ފަހުން އޭނާ ވާނީ އަފްނާންގެ ހައްޤަކަށެވެ.

ޒާޔާ ހޯލުން ބޭރަށް ނުކުމެލީ ރަޔާން އައިސް އޭނާއަށް ގުޅުމުންނެވެ. ޒާޔާއާއި ރަޔާންއަކީވެސް މިހާރު ދެމަފިރިންނެވެ. މީގެ ތިން މަސްކުރީން އެ ދެމީހުންގެ ކައިވެނިވެސް ވަނީ ކުރެވިފައެވެ. ރަޔާން އައިއިރު އޭނާއާއެކު ލުބާއާއި ޔޫޝައުވެސް އައެވެ.

އެންމެން އެތެރެއަށް ވަތްތާ މާ ގިނައިރެއްނުވެ ގާޒީ އަތުވެއްޖެއެވެ. ހެކިވެރިންނާއި ގާޒީއާއި އެކު އަފްނާން އާއި މައުވާވެސް މޭޒުދޮށުގައި އިށީނެވެ. ގާޒީ ވާހަކަ ދައްކަން ފެށުމުން މައުވާގެ ހިތް ތެޅެން ފެށިއެވެ. އެއީ އުފާވެރި ހިނދުކޮޅެއްނަމަވެސް ކުރެވުނީ ވަރަށްވެސް އެހެން ކަހަލަ އިޙްސާސްއެކެވެ.

"އަނބި ޤަބޫލުކޮށްފިން." އަފްނާންގެ ދުލުން ނުކުތް އެބަސްތަކާއެކު، މައުވާއަށް ދެލޯ މަަރައިލެވުނެވެ. އޭނާގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ. މިއިން ދުވަހަކު އުފާނުވާވަރަށް އެވަގުތު އުފާވިއެވެ. އެތައް ދުވަހަކަށްފަހު ހިތް އެދުނު ބައިވެރިޔާ މިއަދު އޭނާއަށް ލިބިއްޖެއެވެ. އެ ލޯބި ލިބިއްޖެއެވެ. ދުނިޔޭގެ ހުރިހާ އުފަލެއް ފަސްބަޔަށް ޖަމާވިހެން މައުވާއަށް ހީވިއެވެ. އަފްނާންގެ ޙާލަކީ ކޮބައިތޯއެވެ. މައުވާއާ ދިމާލަށް ބަލައިލުމާއެކު، އޭނާގެ ތުންފަތް މަތީގައިވި ހިނިތުންވުން ފުޅާވިއެވެ. އޭނާގެ ލޯބި މިއަދު ހާސިލްވެއްޖެއެވެ. އޭނާއަށް މައުވާ ލިބިއްޖެއެވެ. ދެން ދުވަހަކުވެސް އޭނާ މައުވާގެ ހިތަކު ނުޖައްސާނެއެވެ. މާޒީގެ ހުރިހާ ހިތާމައެއް ފިލާވަރަށް އޭނާ މައުވާއަށް ލޯބި ދޭނެއެވެ. އޭނާގެ ސަބަބުން އެ ހިތުގައި ލީ ޒަޚަމްތަކަށް ޝިފާވެސް ދޭނެއެވެ.

ރާމިޒާވެސް ހުރީ ފެންކަޅިވެފައެވެ. އަފްނާންއަށް މާޒީގައި ކުށެއް ކުރެވުނެވެ. އެހެންނަމަވެސް އޭނާ އެ ކުށަށް ބަދަލު ދީފިއެވެ. މައުވާއަށް އެއްވެސް ދެރައެއް ނުދޭނެކަމަށް ވައުދުވެފައި އޭނާގެ ހައްޤަކަށް މައުވާ ހަދައިފިއެވެ. އޭނާ ދެލޯ ފުހެލިތަން ބަލަން ހުރެފައި ރިސާމާ އައިސް ރާމިޒާގެ ކޮނޑުގައި އަތް ޖައްސައިލިއެވެ.

"އަހަރެމެން އެންމެންވެސް މައުވާ ދެކެ ވަރަށް ބޮޑަށް ލޯބިވާނަން. ރާމިޒާ ދެރަނުވޭ." ރިސާމާ ޔަޤީންކަން ދިނެވެ. މައުވާއަކީ އޭނާގެ ދަރިއެއް ގޮތުގައި ދެކޭނެކަމުގައި ރިސާމާ ބުންޏެވެ. އަދި މައުވާއަށް އެ ގެއިން އެއްވެސް ހިތާމައަކާއި ކުރިމަތިލާން ނުޖެހޭނޭ ކަމުގެ ޔަޤީންކަންވެސް އޭނާ ދިނެވެ. ރިސާމާ ރާމިޒާ ގޮވައިގެން އޭނާގެ އެކުވެރިއަކަށް، ރާމިޒާ ތަޢާރަފްކޮށްލަދޭން ހިނގައިގަތެވެ. އެ ދެމީހުން ތިބީ އެއްވަތަރެއްގެ ހެދުމެއްގައެވެ. ވަޅުފެހިކުލައިގެ ކުޑަކޮށް ދަޅައަލާ ފޮތީގެ އެއްކޮށް ދިގުހެދުމެއްގައެވެ. ލުޔޫނާއާއި، ޒާޔާމެން ވެސް ތިބީ ހަމައެކުލައިގެ ހެދުމެއްގައެވެ. އެހެންނަމަވެސް އެމީހުންގެ ހެދުންވަނީ ބަންދެއް އައްސާލާފައި ކަޅުކުލައިގެ މިނާތަކުން ކޮންމެވެސް ވަރަކަށް ޒީނަތްތެރިކޮށްލާފައެވެ.

ކައިވެނިކޮށްދީފައި ގާޒީ ދިޔަތާ މާގިނައިރެއްނުވެ ތަނަށް މެހެމާނުންތައް އަންނަން ފަށައިފިއެވެ. ޝަހުމްއާއި ރިފާގެ އިތުރުން އަދިވެސް ޔުނިވާސިޓީގައި އަފްނާންމެންނާއެކު އުޅުނު ބައެއް ރަޙްމަތެރިން އައެވެ.

މައުވާމެން، ތިބިތަނާ ތަންކޮޅެއް ދުރަށް ޒާޔާ ރަޔާންއާއެކު ޖެހިލިއެވެ. އޭނާ ފޯނު ނަގާ މައުވާއާ އަފްނާންގެ ފޮޓޯއެއް ފޯނުގައި ރައްކާކޮށްލިއެވެ.

"ކޮބާތަ އެ ޔޫޝައުއާ ލުބާ؟" ރަޔާންއަށް ވަށައިގެން ހޯދައިލެވުނެވެ.

"އެތިބީ." ޒާޔާވެސް މީހުންގަނޑުގެ ތެރެއަށް ލޯ ހިންގައިލިއެވެ. އޭނާއަށް އެ ދެމީހުން ފެނުނީ ހޯލުގެ އެއްފަރާތުގައި މީހުންތަކާ ތަންކޮޅެއް ދުރުގައި ތިއްބައެވެ.

"ހިނގާބަލަ އެމީހުންނާ ދިމާކޮށްލަން." ރަޔާން ބުނެލިއެވެ. އެއާއެކު ޒާޔާވެސް މައުވާއަށް ބަލައިލާފައި، އޭނާ އެބަ އަންނަމޭ ބުނެ އިޝާރާތްކޮށްލާފައި ހިނގައިގަތީ މައުވާއަށް ކަމެއް ބޭއްނުންވެއްޖެނަމަ އެކަމެއް ކޮށްލަދޭން ލުޔޫނާވެސް އެތަނުގައި ހަރަކާތްތެރިވަމުން ދިޔައީތީއެވެ.

"ޕިސް ޕިސް. ހަމަ ވަގުތުކޮޅެއް ލިބޭއިރަށް މާ ނުފޮޅުވާ ނުވަނީ ދޯ." އެ ދެމީހުންނާ ކައިރިވެލާފައި، އެންމެ ފުރަތަމަ ދިމާކޮށްލީ ޒާޔާއެވެ.

"އާނ އެހެންވެތާ ލުބާ ވެސް ޗުއްޓީއެއް ލިބޭއިރަށް މިކޮޅަށް އެ އަންނަނީ. މިފަހަރުވެސް އިނގޭތަ؟ އެންމެ ހަފްތާއެކޭ ލިބުނީ. އެހުރީ އައިސް މިތާ." ރަޔާން ވެސް ދިމާކޮށްލިއެވެ.

"ކޮބާ މައްސަލައަކީ؟ ކޮންމެހެން ލުބާ އާ ދިމާކުރާނެކަމެއް ނެތް. ދޭބަލަ ދެމީހުންް." ކުޑަކޮށް ހީނލައިގެން ހުރެ ޔޫޝައު ބުންޏެވެ. އަދި އޭނާ ލުބާއަށް ބަލައިލިއެވެ. "އަހަރެމެން މިތާ ތިބީމަ އުނދަގޫވެގެން އެއައީ."

"އެ އުޅެނީ ފޮނުވާލަން. ދެން ތިވަރު ވަންޏާ އިނީމަ ވީނުން. ދޯ ރެން." ޒާޔާ އަނެއްކާވެސް ބުނެލިއެވެ. އޭނާއާ ރަޔާންއާ ދެމީހުން ޔޫޝައުމެންނާ ދިމާކޮށްކޮށްފައި ދިޔުމުން ޔޫޝައުއަށް މައުވާއަށް ވެސް އަވަސް ކަޅިއެއް ދެވުނެވެ. އަފްނާން މައުވާގެ ކަންފަތް ދޮށުގައި އިރުއިރުކޮޅަކާ އެއްޗެއް ބުނެލާތަން ފެނެއެވެ. އެއާއެކު މައުވާ ލަދުވެތިކަމާއެކު އިސްޖަހާލާ ހީނލައެވެ. ޔޫޝައުއަށް ވެސް އެމަންޒަރު ފެނުމާއެކު ހިނިތުންވުނެވެ. އެ ދެމީހުން އުފަލުގައި ލެއްވުމަށް އެދި އޭނާއަށް ދުޢާކޮށްލެވުނެވެ. އަދި ލުބާއަށް ބަލައިލެވުނެވެ. ލުބާއާއި އޭނާ ލޯބީގެ ގޮތުން ގުޅުނުތާ ހަތަރުމަސް ވަނީ ފާއިތުވެގެން ގޮސްފައެވެ. ހަޤީގަތުގައި އޭނާގެ ހިތް ލުބާގެ މައްޗަށް ލެނބިގެން ދިޔައީ ނުވެސް އެނގި ހުއްޓައެވެ. އޭނާ ލުބާއާ ހެދި ނޫޅުނެއްކަމަކު ލުބާ ދިޔައީ އޭނާއާ ގަޔާވާކަން އެކި ގޮތްގޮތުން އަންގައިދެމުންނެވެ. ޗުއްޓީއެއް ލިބޭ އިރަށް މާލެ އާދެއެވެ. އޭނާއާ ދިމާކުރެއެވެ. އެކުގައި ކޮފީތަކަށް ދާން ބުނެއެވެ. އޭނާ އާ ގަޔާވާ ކަމުގައި ލުބާ އެންމެ ފުރަތަމަ ބުނެލި ދުވަހު ޔޫޝައު ލުުބާ ދެކެ ރުޅިވެސް އައެވެ. އޭނާ އެކަމާ ލުބާއާ ވާހަކަ ނުދައްކާ ދެ ހަފްތާ ވަންދެން ވެސް ހުއްޓެވެ. މައުވާ ނޫން މީހަކަށް އޭނާގެ ޙަޔާތުން ޖާގަ ދެވިދާނެކަމަށް ފަހަރެއްގައިވެސް ޔޫޝައުގެ ހިތަކަށް ނާރައެވެ. އޭނާ ހީކުރީ އަލުން ލޯބިވެ އެހެން އަންހެން ކުއްޖަކާ ގަޔާވުމަކީ ދުވަހަކު ކުރެވޭނެކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް ލުބާގެ އެ ހުންނަ މިޒާޖާއި އޭނާއާ މެދު ބަހައްޓާ ގާތްކަމުން އޭނާގެ ހިތް ލުބާގެ މައްޗަށް ލެނބިގެން ދިޔައީއެވެ. ލުބާއާ މެދު ހިތުގައި އިޙްސާސްތަކެއް އުފެދުނީއެވެ. ބުނެދޭން ނޭނގޭ ޖަޒުބާތުތަކެއް އުފަންވެ އެންމެފަހުން ލޯތްބަށް ވެސް ބަދަލުވީއެވެ.

މިއަދު އޭނާގެ ހިތުގައި ލުބާއާ މެދު އިޙްސާސްތަކެއް ވެއެވެ. ލޯބިވެއެވެ. މައުވާ ފެނުމުން އޭނާއަށް ގޮތްތަކެއް ނުވަނީއެއް ނޫނެވެ. އެހާ ދުވަސްވަންދެން ހިތުގައި ރައްކާކޮށްގެން ގެންގުޅުނު ލޯބީގެ ވެރިފަރާތް ފެނުމުން ކޮންމެވެސް އިޙްސާސްއެއް ހިތުތެރޭގައި ހޭލަން މަސައްކަތް ކުރިނަމަވެސް، ލުބާގެ ލޯބީގެ ސަބަބުން އެކަންތައް ވަނީ ފަނޑުވެގެން ދާން ފަށާފައެވެ. ލިބުން ނެތް ލޯތްބަކަށް އިންތިޒާރު ކުރުމަށްވުރެ ލޯބިވާ މީހާއަށް ފުރުސަތު ދިނުން ވެގެން ދިޔައީ އޭނާގެ ހިތަށް ވެސް ބުނެދޭން ނޭނގޭ ހަމަޖެހުމެއް ލިބިގެން ދިޔަކަމަކަށެވެ.

ޔޫޝައު ދުވަހަކުވެސް ލުބާއަށް، މައުވާއާ މެދު އޭނާގެ ހިތުގައިވާ އިޙްސާސްތަކެއް ހިއްސާއެއް ނުކުރެއެވެ. އެހެންނަމަވެސް އެ ގުޅުމަށް ފުރުސަތު ދިންތާ ކުރީކޮޅު ޔޫޝައު އެ ގުޅުން ކުރިއަށް ގެންދަނީ މަޖުބޫރުންހެން ލުބާއަށް ހީވިއެވެ. އެކަމުގެ ސަބަބުން ހިތަށް ތަކުލީފު ލިބި ޔޫޝައުއާ ރުޅިވާންވެސް އެއް ދުވަސްވަރެއްގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ޔޫޝައު މަޑުމަޑުން އެ ހުރިހާކަމެއް ރަނގަޅުކުރިއެވެ. ޔޫޝައު މިހާރު އޭނާ ދެލެ ލޯބިވާކަން ލުބާއަށް އިޙްސާސްވެއެވެ. އޭނާގެ އިޙްސާސްތަކަށް ޔޫޝައު ޤަދަރުކުރެއެވެ.

ޔޫޝައު ލުބާގެ އަތުގައި ހިފައިލިއެވެ. އެ ދުވަހު އެއާރޕޯޓުން ލުބާއާ އެންމެ ފުރަތަމަ ދިމާވިއިރު އޭނާ ލުބާއާ ގުޅިދާނެޔޭ ދުވަހަކުވެސް ޔޫޝައުގެ ހިތަށް އަރާފައެއް ނުވެއެވެ. އެހެންނަމަވސް ތަޤުދީރުގެ ނިޔާ ނިކަން ދެކިބަލާށެވެ. އެދުވަހު އޭނާއާ ދިމާވި އަންހެން ކުއްޖާ ވެގެން ދިޔައީ އޭނާގެ ހިތުގެ މަންޒިލަށެވެ. ނުވެސް އެނގިހުއްޓައެވެ. އެ ދުވަހު އެއަންހެން ކުއްޖާއަކީ އޭނާއަށް ކިހާ މުހިންމު މީހެއްކަން ނޭނގުނެއްކަމަކު، މިއަދު އެއީ އޭނާއަށް އެންމެ މުހިންމު އެކަކު ކަމުގައި ވެގެން ހިނގައްޖެއެވެ. ބޭނުންވަނީ ވީ އެންމެ އަވަހަކަށް ކައިވެނިކުރާށެވެ. ދެން އަންނަ ބަންދެއްގައި ލުބާ ބުނެފައި ވަނީ އޭނާގެ ޢާއިލާއާއެކު ރާއްޖެ އަންނާނެކަމުގައެވެ. އޭރުން ކައިވެނީގެ ވާހަކަތައް ދައްކަން ޔޫޝައު ހުރީ ނިންމައިގެންނެވެ.

"ހިނގާބަލަ އެމީހުން ކައިރިއަށް." މީހުންތައް މައުވާމެން ކައިރިން މަދުވި ވަގުތު ބަލާފައި ޔޫޝައު ބުނެލިއެވެ. އޭނާ ލުބާ ގޮވައިގެން އަފްނާންމެން ކައިރިއަށް ދިޔައެވެ. އޭރު ޝަހުމްވެސް އަފްނާންމެން ކައިރީގައި ހުއްޓެވެ. އޭނާ ދިޔުމާއެކު، ޝަހުމް ހިނިތުންވެލާފައި ދުރަށް ޖެހިލިއެވެ.

"ޔޫޝައު." އަފްނާން ޔޫޝައުގެ ގައިގައި ބައްދައިލުމުން ލުބާވެސް މައުވާގެ ގައިގައި ބައްދާލަމުން ކައިވެންޏަށް މަރުޙަބާ ކިއެވެ.

"ކީޕް ހާރ ހެޕީ." ޔޫޝައު އަފްނާންއަށް ބުނެލިއެވެ. އަފްނާން ދުރުވެލާފައި ބޯ ޖަހައިލިއެވެ.

"ލޫ ލުކް ބިއުޓިފުލް މައު." ޔޫޝައު މައުވާއަށް ތަޢުރީފްކޮށްލުމުން އަފްނާން ލޯ އަޅައިލިއެވެ.

"ޗިލް މޭން." އޭނާ ހީނލިއެވެ. އަދި ލުބާގެ އަތުގައި ހިފައްޓައިލިއެވެ.

"ޔޫ ނޯ ޔޫ ޑޯންޓް ހޭވަ ރީޒަން ޓު ގެޓް ޖެލަސް އެނީމޯރ." އެހެން ބުނެލާފައި ޔޫޝައު ލުބާއާއެކު ދުރަށް ޖެހިލިއެވެ.

އަޒްލަފް ލުޔޫނާގެ ގާތަށް އައިސް ހުއްޓުނުއިރު އޭނާގެ ގާތުގައި އާއިން ހުއްޓެވެ. އަޒްލަފް ލާފައިހުރީ ހުދުކުލައިގެ ގަމީހަކާއި ކަޅު ފަޓްލޫނެކެވެ. އޭނާ ފެންނަނީ ވަރަށް ވެސް ފިރިހެންވަންތަކޮށެވެ. އާއިންވެސް ލައްވާފައިހުރީ ހުދު ގަމީހަކާ ކަޅު ފަޓުލޫނެކެވެ. އަޒްލަފް ފެނުމާއެކު އާއިން އަޒްލަފްގެ ގައިގައި ބައްދައިލިއެވެ.

"ޑެޑީ..." އެ މާހައުލުގެ އުފާވެރިކަން އާއިންގެ ޅަ ސިކުނޑިއަށްވެސް ނަގައިގަނެވުނެވެ. އަޒްލަފް އާއިން އުރައިލިއެވެ. އޭރު ނަޖީބުވެސް އެކުވެރިއަކާއެކު ވާހަކަ ދައްކަން ދުރުގައި ހުރިތަން ފެނުނެވެ. އޭނާގެ މޫނުމަތިން ވެސް ފެންނަނީ ހަމަޖެހުމާއި އުފާވެރިކަމެވެ.

ރިސާމާއާއެކު ހުރި ރާމިޒާގެ ލޮލުގައި އެތަނަށް ވަދެގެން އައި ޖާވިދުގެ އާއިލާ އަޅައިގަތެވެ. އޭނާ އެމީހުން ކައިރިއަށް ގޮސް ހުއްޓުނެވެ.

"ބޭބޭ. އެހުރީ މައުވާ." މައުވާއަށް އިޝާރާތްކޮށްލާފައި ރާމިޒާ ބުނެލިއެވެ.

"ހިނގާބަލަ ދަރިފުޅާ." އެހެން ބުނެލާފައި ވަފާ ގޮވައިގެން ޖާވިދު އެ ދިމާލަށް ހިނގައިގަތެވެ. ޒުލްފާގެ ނަޒަރު ވަށައިގެން ދަތުރުކޮށްލިއެވެ. އޭނާއަށް އެތަނުން މަޝްހޫރު ވިޔަފާރިވެރިން ފެނުނެވެ. ހުސް ވެސް މުއްސަނދިންނެވެ. މައުވާ އިނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ނަޖީބުގެ ހަގު ފިރިހެން ދަރިއާކަން އެނގުމުން އޭނާގެ ހިތުގައި ހަސަދައިގެ ހުޅުފަޅައިގެން ދިޔައެވެ. އެ ހުޅުގަނޑުގެ ސަބަބުން ދުލުން ވިހަ ބަސްތައް ޒުލްފާއަށް ބޭރުކުރެވެން ފެށީ އެއްވެސް އިޙްތިޔާރެއް ނެތިއެވެ. ރާމިޒާއަށް ލިބުނު ނަސީބާ މެދު އޭނާއަށް ރުހެވޭނީ ކިހިނަކުން ހެއްޔެވެ؟ އެއީ ރާމިޒާގެ ފެންވަރެއް ނޫނެވެ.

"މީއެއްނު ރާމިޒާއަށް ނުވެގެން އުޅުނުކަމަކީ. މުއްސަންޖެއްގެ ފިރިހެން ދަރިއަކާ މައުވާ ދެވީމަ ދެން ނުލާހިކު އަރާމުގަ އުޅެވޭނެއެއްނު." ޒުލްފާ ބުންޏެވެ. އޭނާ މައުވާއަށް ނިސްބަތްކޮށްލާފައި ހުތުރު ބަހެއް ބުންޏެވެ.

"ޒުލްފާއްތާ. މީ އަހަރެންގެ ދަރިފުޅުގެ ކައިވެނީގެ ހަފްލާ. މިތަނަށް ޒުލްފާއްތަ ތިއައީ މެހެމާނެއްގެ ހައިސިއްޔަތުން. އެހެންވީމަ މެހެމާނެއްގެ ޢަމަލުތައް ހުންނާނެ ގޮތަށް ޢަމަލުތައް ބަހައްޓާ." ފުރަތަމަ ފަހަރަށް ރާމިޒާ އޭނާއާ މައުވާގެ ދިފާއުގައި ޒުލްފާއާ ދިމާލަށް އެއްޗެއް ބުންޏެވެ. ރާމިޒާގެ އެ ބަސްތައް ހީފީ ޒުލްފާގެ ކޯތާފަތުގައި ވީއްލައިލި ބާރު އެތިފަހަރެއްހެންނެވެ. ރާމިޒާއަށް އެގޮތަށް އޭނާއާ ވާހަކަ ދެކެވިގެން ވާނެކަމަކަށް ޒުލްފާ ޤަބޫލެއް ނުކުރެއެވެ.

"ވަރަށް ރީއްޗަށް މިބުނަނީ. އަހަންނާ އަހަރެންގެ ދަރިފުޅަށް ނިސްބަތްކޮށް ތިފަދަ ހަޑި ހުތުރު ބަސްތައް ބޭނުންކުރަންޏާ އަހަންނެއްވެސް ދެނެއް މަޑަކުން ނުހުންނާނަން." ރާމިޒާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ރާމިޒާގެ ދުލުން ބޭރުވަމުން ދިޔަ ކޮންމެ ޖުމްލައަކާއެކު ޒުލްފާގެ ރުޅިގަނޑު ކެކެން ފެށިއެވެ. އޭނާއަށް ދަތްކުނޑި ވިކައިލެވުނެވެ.

"ހާދަ ބޮޑަކަށް ފެންވަރު އޮޅިފައޭ ތިހުރީ ދޯ. މާދަންވެސް އޭނަ މައުވާ ވަރިކޮށްފިއްޔާ ކަލޭ ހަމަ އަންނަން ޖެހޭނީ އަހަރެމެން ކައިރިއަށް. ނާށިގަނޑު ހިފައިގެން.... ސަލާންޖަހަން." ކޮންމެ ލަފުޒަކަށް ބާރުލާފައި ޒުލްފާ ބުނެލިއެވެ.

"އިރާދުކުރެއްވިއްޔާ އަހަންނަކަށް ދެން އެފަދަ ދުވަހެއް ނުދައްކަވާނެ. ޒުލްފާގެ ވިހަ ގަދަ ބަސްތަކާ ތި ދުލުން އަހަރެމެން ދެމައިންނަށް ރައްދުކުރި ހުތުރު ބަސްތަކަށް އެއްޗެއް ނުބުނެ ލައްކަ ދުވަހު ކެތްކުރިން. އެކަމަކު މިއަދަކު ނުހުރެވޭނެ. އަހަރެންގެ ވެސް އިއްޒަތެއް ވޭ. އަބުރަށް އަރައިގަތީމަވެސް މީގެ ކުރިން އެއްޗެއް ނުބުނީ މަސްލަހަތަށްވެސް ވިސްނާފަ. ތީ އަހަރެންގެ ބޭބެގެ އަންހެނުންނަށް ވީތީ…އެކަމަކު..." އެހިސާބަށް ބުނެވުނުތަނާ ޒުލްފާ ރާމިޒާގެ ވާހަކަ މެދުކަނޑައިލިއެވެ.

"އަދި ގޮތެއް ނެތީތީ..." ޒުލްފާ އެހެން ބުނުމުން ހިނދުކޮޅަކަށް ރާމިޒާއަށް މަޑުޖެހެލެވުނީ އެއީ މުޅިން ދޮގު ވާހަކައަކަށް ނުވާތީއެވެ. އެހެންނަމަވެސް އޭނާ ދެންވެސް ދިފާޢުގައި ވާހަކަ ދެއްކިއެވެ.

"މިތަނަށް ޒުލްފާއްތަ ތިއައީ ޒުވާބުކުރަން ކަމަށްވާނަމަ މިތަނުން ދިޔުން އަހަރެންގެ އެދުމަކީ. އަހަންނާ އަހަރެންގެ ދަރިފުޅުގެ އަގު ވައްޓާލާތަން ބަލާކަށް މަޑަކުން ނުހުންނާނަން." ރާމިޒާ ބުނެލިއެވެ.

"ކަލޭއަށް ހީވަނީތަ މަ މިއައީ އަންނަ ހިތުންނޭ. މަ މިއައީ ޖާވިދު ކިޔާވަރުން." ޒުލްފާ ހެދީ ދޮގެކެވެ. އޭނާ އެތަނަށް އައީ ޖާވިދު ބުނެގެން ނަމަވެސް، ހަޤީޤީ މަޤްސަދަކީ، މައުވާ ކައިވެނިކުރި ފިރިހެން ކުއްޖާގެ އާއިލާގެ ފެންވަރާއި، އެ ޕާޓީގެ ފެންވަރު ބަލައިލުމެވެ. ފެންނަ މަންޒަރުތަކުން ތަބީޢަތް ގޯސްވާން ފެށުމުން އޭނާއަށް ހުރިހާ ރުޅިއެއް ބޭލުނީ ރާމިޒާ އަށެވެ.

"ކަލޭ ލަދެއް ނުގަނޭތަ؟ ދާދި އިހަކަށް ދުވަހަކާ ޖެހެންދެން ކަލޭއަށާއި ކަލޭގެ ތިހިރަ ދަރިއަށް ޚަރަދުކުރީ މަގޭ ފިރިމީހާއޭ. އެވަރު ނުދަނެ ކަލޭ މަށާ ތި ޖަދަލުކުރަނީ." ޒުލްފާ ހީވަނީ ދެންމެ ދެންމެ ރާމިޒާގެ ގަޔަށް އަތް އިސްކޮށްފާނެހެންނެވެ. ވާހަކަ ދައްކަމުން ދިޔައިރު ދަތްތަކަށް ބާރުކޮށްލާފައިވާ ވަރުން ހީވަނީ ދަތްތައްވެސް ބިންދައިގެން ހިނގައިދާނެހެންނެވެ. އޭނާ ހުރީ އެހާވެސް ރުޅި އައިސްފައެވެ.

"ފެންވަރު ނޯޅެއްޗޭ." އެހެން ބުނެލާފައި ޒުލްފާ ދިޔައީ ޖާވިދު އޭނާއަށް ގޮވާލުމުންނެވެ. ރާމިޒާއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. ޒުލްފާއަށް އެމީހުންގެ އުފާތައް ހަޖަމުނުވާނެކަން މިއަދު އޭނާއަށް އެއްވެސް ޝައްކެތް ނެތް މިންވަރަށް ޔަޤީންވެއްޖެއެވެ.

ރިސާމާ ގޮވާލުމުން ރާމިޒާ ރިސާމާގެ ގާތަށް ދިޔައެވެ.

*****

ކައިވެނީގެ ހަފްލާ ނިމި މެހެމާނުންތައް ގެއަށް ހިނގައްޖެއެވެ. އަފްނާންއާއި މައުވާއާ ދެމީހުން ގެއަށް ދިޔުމުގެ ބަދަލުގައި އެތަނުން ދިޔައީ އެއް ނަންބަރު ޖެޓީއަށެވެ. އޭރު އެމީހުންގެ އިންތިޒާރުގައި ލޯންޗެއް އޮތެވެ. އަފްނާން ލޯންޗަށް އެރުމަށްފަހު މައުވާއަށް އޭނާގެ އަތް ދިއްކޮށްލިއެވެ. މައުވާވެސް އަފްނާންގެ އަތުގައި ހިފައްޓައިލިއެވެ. ބަރު ހެދުމާއެކު ލޯންޗަށް އެރުން އޭނާއަށް ވީ އުނދަގޫކަމަކަށެވެ.

"ފައިގަ އެބަ ރިއްސާލާ…" މައުވާއަށް ބުނެވުނެވެ. އަފްނާންއާއެކު ގޮސް އޭނާ ލޯންޗުގެ ސީޓުގައި އިށީނދެލިއެވެ. ޑްރައިވަރު ގެނައި ފޮށި، ފަޅުވެރި ކުއްޖާ ލޯންޗަށް އެރުވުމުން، ލޯންޗު ދުއްވައިލިއެވެ. އެމީހުންގެ މަންޒިލަކަށްވީ ބިއުޓީ ޕެރެޑައިޒް ރިސޯޓެވެ. އެއީ ދާދިފަހުން ހުޅުވި ރިސޯޓެކެވެ. މާލެއާ މާ ދުރުނޫންކަމުން ތިރީހަކަށް މިނެޓް ތެރޭގައި ރިސޯޓަށް އާދެވިއްޖެއެވެ.

އޭރު ބަގީ އެމީހުންގެ އިންތިޒާރުގައި އޮތެވެ. ފޮށިތައް ބަގީއަށް އަރުވާލަދިނުމުން އަފްނާންއާއި މައުވާއާ ދެމީހުން އޭގައި އިށީނދެލިއެވެ. ދަންވަރު އެކެއްޖަހާ ބޮޑުވެފައިވުމުން، މާހައުލުގައި ވަނީ އާދަޔާ ޚިލާފު ފިނިކަމެކެވެ. ޖެހިލާ ތެތްފިނިރޯޅިތައް ގައިގައި ބީހިލާއިރު އަރާމުވެއެވެ. އެތެރެއަށް ވަދެގެން ދެވޭގޮތަށް ހަދާފައިވާ ހަނިމަގުން ލާފައި ދިޔަ ބަގީގެ މިސްރާބަކަށްވީ ރަށުގެ އެއްފަރާތާ ދިމާލުގައި ހުރި ވޯޓަރ ވިލާތަކެކެވެ. އެހިސާބަށް އާދެވުމުން އަފްނާންއާ މައުވާއާ ދެމީހުން ފޭބިއެވެ.

އަތުގައި އޮތް ކީކާޑުން ދޮރު ހުޅުވާލާފައި ފޮށި ހިފައިގެން ދެމީހުން އެތެރެއަށް ވަދެލިއެވެ. ކޮޓަރީގައި ދިއްލާފައި ހުރި އުއްބައްތިތަކުގެ އޮރެންޖުއަލިން ތަން ވަނީ ހުޅުދާންވެލާފައެވެ. މައުވާއަށް ވަށައިގެން ކޮޓަރި ތެރެއަށް ބަލައިލެވުނެވެ. އެނދުގައި ހިތުގެ ބައްޓަމަށް، ފިނިފެންމާ ފިޔަތަކުން ވަނީ ޒީނަތްތެރި ކޮށްލާފައެވެ. ލުއިލުއި މީރު ހުވަދެއްގެ ވަހުން ކޮޓަރި ތެރެ ވަނީ އެއްވަސް ވެފައެވެ. މައުވާއަށް ނޭފަތް އެތެރެއަށް ދަމައިލެވުނީ ގަސްތަކު ނޫނެވެ.

ދެވަނަ ސިކުންތުގައި މައުވާގެ ހިތް ތެޅިލިއެވެ. އޭނާގެ ފަހަތުން އައިސް އަފްނާން ހުއްޓުމާއެކު އަފްނާން އެރޭ ޖަހާފައި ހުރި ސެންޓުގެ ހިތްގައިމު ވަސް ވެސް އޭނާގެ ނޭފަތުގައި ހަރުލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު