މައްކަތުލްމުކައްރަމާ (3 ޖޫން 2025): މައްކާގެ ހަރަމްފުޅުގައި ދުނިޔޭގެ އެންމެ ބޮޑު އެއާކޯން ސިސްޓަމް ބަހައްޓައި އެނިޒާމު ބޭނުން ކުރަން މިހާރު ފަށައިފިކަން ސައޫދީ އަރަބިއާ އިން ހާމަކޮށްފިއެވެ.
ހައްޖުގެ ކަންތައްތަކާބެހޭ ސައޫދީ ވުޒާރާ އާ ހަވާލާދީ ސައޫދީ ރަސްމީ ނޫސްއެޖެންސީ ބުނިގޮތުގައި މައްކާގެ ހަރަމްފުޅުގައި ބަހައްޓާފައިވަނީ 1.86 ބިލިޔަން ބީޓީޔޫ ގެ އެއާކޯން ނިޒާމެކެވެ. އެ ނިޒާމުން ހަރަމްފުޅުގެ މުޅި ސަރަހައްދު 16 ޑިގްރީ ސެލްސިއަސްއަށް ފިނި ކުރެވޭނެއެވެ. މިނިޒާމުގައި 155 ހާސް ޓަނުގެ ތަކެތި ފިނިކުރުމުގެ ގާބިލްކަން ހުރެއެވެ.
އަލަށް ގާއިމް ކުރިި އެއާކޯން ނިޒާމަކީ ދުނިޔޭގައިވާ އެންމެ ބޮޑު އެއާކޯން ނިޒާމެވެ. މިނިޒާމު ބިނާކޮށްފައިވަނީ ދެ ސްޓޭޝަނެއްގެ މައްޗަށެވެ. އެއްސްޓޭޝަނަކީ އައްޝާމިއްޔާ ސްޓޭޝަނެވެ. އެސްޓޭޝަނުން 120 ހާސް ޓަނުގެ ތަކެތި ފިނިކޮށްދޭނެއެވެ. އަނެއް ސްޓޭޝަން ހުންނަނީ އަޖްޔަދުގައެވެ. އެސްޓޭޝަނުން 35 ހާސް ޓަނުގެ ތަކެތި ފިނިކޮށްދޭނެއެވެ.
މައްކާގެ ހަރަމްފުޅުގައި ހުންނަ ހުރިހާ އެއާކޯންތަކެއް ގުޅިފައިވާނީ މިދެ ސްޓޭޝަން އާއެވެ. މި ހުރިހާ އެއާކޯންތަކަކުން މައްކާގެ ހަރަމްފުޅުގެ ބޭރާއެކު އެމުޅި ސަރަހައްދު ފިނކޮށްދޭނެއެވެ. ހަރަމްފުޅުގެ އެތެރޭގެ ބައިތައް 16 ޑިގްރީއާއި 20 ޑިގްރީގައި ފިނިކޮށްދޭއިރު ތަވާފްކުރާ މަތާފް ސަރަހައްދާއި މިސްކިތުން ބޭރު މިސްކިތާ ކައިރީގައިވާ ސަރަހައްދާއި މިސްކިތުގެ ޓެރަސް ސަރަހައްދު 22 ޑިގްރީއާއި 24 ޑިގްރީއާ ދެމެދުގެ މިންވަރަކަށް ފިނިކޮށްދޭނެއެވެ.

ހަރަމްފުޅުގައި އެއާކޯންތަކުގެ އިންޑޯ ބައެއް ޔުނިޓްތައް މިސްކިތުގެ ތަނބުތަކުގެ ބުޑުގައި
ހައްޖުގެ ކަންތައްތަކާބެހޭ ސައޫދީ ވުޒާރާ އާ ހަވާލާދީ ސައޫދީ ރަސްމީ ނޫސްއެޖެންސީ ބުނެފައިވާގޮތުން އަލަށް ބޭނުންކުރާ އެއާކޯން ނިޒާމަކީ ފިނިކުރުމުގެ އިތުރުން ހިރަފުހާއި ދުމާއި ވައިގެ ތެރޭގައި އުޅޭ ބެކްޓީރިޔާ ފަދަ ޖަރާސީމު ފަދަ ތަކެތިވެސް ސާފު ކޮށްދޭ ޒަމާނީ ޓެކްނޮލޮޖީގެ ނިޒާމެކެވެ.
މިނިޒާމުން ހިރަފުސް ސައްތަ އިންސައްތައަށް ސާފުކޮށްދޭއިރު ވައިގެ ތެރޭގައި ހުންނަ ޖަރާސީމުގެ 95 އިންސައްތަ މި ނިޒާމުން ނައްތާލެވޭނެއެވެ. ވައިގެ ތެރޭގައި އުޅޭ ބެކްޓީރިޔާ ފަދަ ޖަރާސީމު ފަދަ ތަކެތި ނައްތާލުމުގެ ޓެކްނޮލޮޖީ މިނިޒާމުގައި ހިމަނާފައިވަނީ އެތައް މިލިޔަން ބަޔަކު އެއްތަނަކަށް އެއްވެ އުޅޭއިރު މީހުންގެ ކެއްސުމާއި ނޭވޭލުމުގެ ސަބަބުން ބެކްޓީރިއާއާއި ޖަރާސީމު ފަދަ ތަކެތި ވައިގެ ޒަރީއާއިން ފެތުރުމުގެ ފުރުސަތު އޮންނާތީ ރޯގާފަދަ ތަކެތިން ހައްޖުވެރިންނާއި ހަރަމްފުޅަށް އަޅުކަން ކުރަންދާ މީހުންގެ ސިއްހަތު ސަލާމަތް ކުރުމަށްޓަކައެވެ.
ވައިގެ ސާފުކަމަކީ ހައްޖުވެރިންނާއި އުމުރާ ވެރިން އަދި އެނޫންވެސް އަޅުކަންތަކަށް ހަރަމްފުޅަށް ދާ މީހުންގެ ސިއްހަތަށް ކޮންމެހެން ބޭނުންތެރި ކަމަކަށްވާތީ ކަމަށް ހައްޖުގެ ކަންތައްތަކާބެހޭ ސައޫދީ ވުޒާރާއިން ބުނެފައިވެއެވެ. މިއަހަރުގެ ހައްޖުގެ އަޅުކަމުގައި 2.6 މިލިޔަން މީހުން ބައިވެރިވާނެކަމަށްވަނީ އަންދާޒާ ކުރެވިފައެވެ.
މިދުވަސްވަރަކީ މައްކާ ސަރަހައްދަށް ހޫނު މޫސުމެވެ. މިދުވަސްވަރު މައްކާއާއި މައްކާގެ ކައިރީގައިވާ މިނާ މުޒްދަލިފާ އަދި އަރަފާތުގެ ފިނި ހޫނުމިން އުޅެނީ 40 ޑިގްރީ ސެލްސިއަސް އާއި 48 ޑިގްރީ ސެލްސިއަސް އާ ދެމެދުގައެވެ. ރޭގަނޑު 30 ޑިގްރީ އާއި 27 ޑިގްރީ ސެލްސިއަސް އާ ދެމެދަށް ފިނި ހޫނުމިން ދަށަށް ދެއެވެ.
ސައޫދީ ކަމާބެހޭ އިދާރާތަކުންވަނީ ހައްޖުގެ ދުވަސްތަކުގައި ކޮންމެހެން ނުކުންނަން ޖެހޭ ހާލަތްތަކުގައި މެނުވީ މިނާއާއި އަރަފާތުގެ ޓެންޓްތަކުން ބޭރަށް ނުކުމެ ނޫޅުމަށް ހައްޖުވެރިންނަށް އިލްތިމާސް ކޮށްފައެވެ. ނުކުމެ އުޅޭއިރުވެސް ކުޑަ ފަދަ ތަކެތި ބޭނުން ކުރުމަށާއި ގިނައިން ފެންބުއިމަށްވަނީ އިލްތިމާސް ކޮށްފައެވެ.
މިއަދަކީ ތަރްވިޔާގެ ދުވަހެވެ. ތަރުވިޔާގެ ދުވަހަކީ ޙައްޖުގެ އަޅުކަން ފެށުމުގެ ގޮތުން ހައްޖުވެރިން މިނާއަށް ޖަމާވާން ފަށާ ދުވަހެވެ. މިއަދު ހެނދުނުން ފެށިގެން ހައްޖުވެރިން ގެންދަނީ މިނާއަށް ޖަމާވަމުންނެވެ. މިރޭ މިނާއިން އަރަފާތަށް ދިޔުމުގެ ދަތުރު ހައްޖުވެރިން ފަށާނެއެވެ. ހައްޖުގެ އެންމެ ބޮޑު އަދި އެންމެ މުހިއްމު ރުކުނަކީ އަރަފާތުގެ ދުވަހު އަރަފާތު ބިމުގައި ތިބުމެވެ.