މި އަހަރުގެ ޙައްޖުގެ އަޅުކަމަށް 62 އެއާލައިނަކުން 3،314 ފްލައިޓްގައި މީހުން އުފުލި ކަމަށް ޙައްޖު ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ސިސްޓަމްގެ ތަރުޖަމާނު ޞާލިހު އަލް ޒުވައިދު ވިދާޅުވެއްޖެއެވެ.
އެ ފްލައިޓްތަކުގައި 71 ގައުމަކުން ސައުދީ އަރަބިއާއަށް މީހުން ދަތުރުކޮށްފައިވެއެވެ.
ހޯމަ ދުވަހު މައްކާގެ ހައްޖު މީޑިއާ އޮޕަރޭޝަންސް ސެންޓަރުގައި ހައްޖު މޫސުމުގެ ދަތުރުފަތުރާއި މުވާސަލާތީ ނިޒާމުގެ ތަރުޖަމާނުންނަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޒުވައިދު ވަނީ ހަރަމްފުޅުގެ ހައި ސްޕީޑް ރޭލާ ގުޅޭ ގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން، މި އަހަރުގެ ޙައްޖު މޫސުމުގައި ދެ މިލިއަން ފަސިންޖަރުންގެ ކެޕޭސިޓީއާއެކު 4،700 ދަތުރު ޝެޑިއުލްކޮށްފައިވާ ކަމަށާއި އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 400،000 ގޮނޑީގެ އިތުރުވުމެއް ކަމަށް ޒުވައިދު ވިދާޅުވިއެވެ.
ސައުދީގެ މައި އެއާޕޯޓު، ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓް ސްޓޭޝަނާއި މައްކާއާ ދެމެދު ވެސް މިދިޔަ އަހަރާ އަޅާބަލާއިރު 75 ޕަސެންޓަށް ދަތުރުތައް އިތުރުވެ، އެވްރެޖްކޮށް ގަޑިއަކު ގާތްގަނޑަކަށް އެއް ދަތުރުކޮށްފައިވެއެވެ.
އަދި، އާދީއްތަ ދުވަހުގެ ނިޔަލަށް ހަރަމްއިން ހައި ސްޕީޑް ރޭލުގައި 700،000 ފަސިންޖަރުން ދަތުރުކޮށްފައިވާ ކަމަށާއި އިތުރު ދަތުރުތައް އަދިވެސް ކުރިއަށް ގެންދާނެ ކަމަށް ޒުވައިދު ވިދާޅުވިއެވެ.
ޒުވައިދު ވިދާޅުވި ގޮތުގައި މަގުތައް ފިނިކުރުމުގެ ޓެކްނޮލޮޖީގެ ބޭނުން މިދިޔަ އަހަރާ އަޅާބަލާއިރު 82 ޕަސެންޓް ވަނީ އިތުރުވެފައެވެ. އެ ޓެކްނޮލޮޖީގެ ސަބަބުން މަގުމަތީގެ ފިނިހޫނުމިން 12 ޑިގްރީ ސެލްސިއަސް ދަށްކޮށްދެއެވެ.
ޙައްޖު ކޮމިއުނިކޭޝަންސް އެންޑް ޓެކްނޮލޮޖީ ސިސްޓަމްގެ ތަރުޖަމާނު ސާދު އަލް ޝަންބާރީ ވިދާޅުވީ، މައްކާ، މަދީނާ އަދި އެހެން ހިސާބުތަކުގައި 4ޖީ އަދި 5ޖީ ކަވަރޭޖް 99 ޕަސެންޓަށް އަރާފައިވާއިރު، އޭގެ ސަބަބުން އިންޓަނެޓް ސްޕީޑް ވަރަށް ބޮޑަށް އިތުރުވެ، ސިކުންތަކަށް 264 މެގަބިޓަށް އަރާފައިވާ ކަމަށެވެ.
"މައްކާއާއި މަދީނާގައި އެކަނިވެސް މި އަހަރު އިންޓަނެޓްގެ ސްޕީޑް ސިކުންތަކަށް 336 މެގަބިޓަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 19 ޕަސެންޓް އިތުރު އަދަދެއް،" އޭނާ ވިދާޅުވިއެވެ.
ޝަންބާރީ ފާހަގަކުރެއްވި ގޮތުގައި މުވާސަލާތީ ޚިދުމަތްދޭ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތުން މި އަހަރުގެ ހައްޖު މޫސުމުގައި މައްކާ، މަދީނާ އަދި އެހެން ހިސާބުތަކުގައި ވައިފައި ލިބޭ ޕޮއިންޓްތައް 10،000 އަށް ވުރެ މައްޗަށް އަރާފައިވެއެވެ.
މި އަހަރުގެ ޙައްޖުގެ އަޅުކަމަށް އެންމެ ގިނަ އަދަދެއްގެ މީހުން ސައުދީއަށް ދަތުރުކޮށްފައިވަނީ އިންޑޮނޭޝިއާއިންނެވެ. މުޅި ދުނިޔެއިން ވެސް އެންމެ ބޮޑު މުސްލިމު އާބަދީއެއް އޮންނަ އެ ގައުމަށް ސައުދީން މިއަހަރު ދޫކޮށްފައިވަނީ 221،000 ކޯޓާއެވެ.