އިސްރާއީލުން ޣައްޒާގައި ހިންގަނީ ގަތުލުއާންމެއް: އެެމެރިކާގެ ޚާރިޖީ ވުޒާރާގެ ކުރީގެ ތަރުޖަމާނު

އެމެރިކާގެ ޚާރިޖިއްޔާގެ ކުރީގެ ތަރުޖަމާނު މެތިއު މިލާ --

ލަންޑަން (4 ޖޫން 2025): އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގަނީ ގަތުލުއާންމާއި ހަނގުރާމައިގެ ޖަރީމާ ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާގެ ކުރީގެ ތަރުޖަމާން މެތިއު މިލާ ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ސްކައި ނިއުސްއަށް ދެއްވި ބަސްދީގަތުމުގައި މިލާ ވިދާޅުވީ އިސްރާއީލުން ޣައްޒާގައި ކުރަނީ ހަނގުރާމަ ނޫންކަމާއި ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލު ގަސްދުގައި ހިންގަނީ ގަތުލުއާންމާއި ހަނގުރާމައިގެ ޖަރީމާތައް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުގައި ހިމެނޭ ބައެއް އިސްވެރިން ވެސް ދެކޭ ކަމުގައެވެ. ނަމަވެސް އެމެރިކާ ސަރުކާރުގެ ސިޔާސަތު އޮންނަ ގޮތުން އެއްޗެއް ބުނަން ނުކެރެނީއެވެ.

މިޖަރީމާތަކާ ގުޅިގެން އިސްރާއީލު ކުށްވެރި ކުރުމާމެދު ބައިޑެންގެ ވެރިކަމުގައި އެމެރިކާގެ ޚާރިޖީ ވުޒާރާގެ މަސްއޫލުވެރިންގެ މެދުގައިވެސް ޚިޔާލު ތަފާތުވުންތައް އުފެދި ޒުވާބުތައް ވެސް ހިނގާފައިވާކަމަށް ބައިޑެންގެ ސަރުކާރުގައި އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނުކަން ކުރެއްވި މިލާ ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަނީ ގަތުލުއާންމާއި ހަނގުރާމައިގެ ޖަރީމާތައްކަމަށް އެދުވަސްވަރު ވިދާޅުނުވީ ކީވެގެންތޯ ސްކައި ނިއުސްއިން ކުރި ސުވާލެއްގެ ޖަވާބުގައި މިލާ ވިދާޅުވީ އެ ދުވަސްވަރު ހުރީ މަގާމުގެ ހައިސިއްޔަތުން އަނގަ ބަންދުވެފައި ކަމުގައެވެ.

"މަގާމުގެ ހައިސިއްޔަތުން އެދުވަސްވަރު އަހަރެންނަށް ހުރީ ބޭނުން އެއްޗެއް ބުނެވޭ ހާލަތެއްގައެއް ނޫން،" މިލާ ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަނީ ގަތުލުއާންމާއި ހަނގުރާމައިގެ ޖަރީމާތައްކަމަށް ވިޔަސް އިސްރާއީލަކީ އެމެރިކާގެ ހިމާޔަތް ލިބިފައިވާ ގައުމަކަށް ވެފައި އިސްރާއީލުގެ ލޮބީތަކުގެ ބާރާއި ނުފޫޒު އެމެރިކާގައި ގަދަކަމުން އިސްރާއީލު ކުށްވެރިކޮށް ވާހަކަ ދެއްކުމަކީ އެމެރިކާގެ އެއްވެސް ސަރުކާރެއްގެ އިސްފަރާތްތަކަށް މަގާމުގައި ހުންނަވައިގެން ކުރެވޭނެ ކަމެއް ނޫންކަން ދޭހަވާ ގޮތަށް މިލާ ވާހަަކަ ދެއްކެވިއެވެ.

މިލާއަކީ އޭނާގެ މަގާމުގައި ހުންނަވައިގެން އިސްރާއީލުގެ ގަތުލުއާންމުތައް ދިފާއުކޮށް ފަލަސްތީނުގެ މިނިވަންކަމުގެ ޖިހާދަކީ ޓެރަރިޒަމް ކަމަށް ސިފަކުރެއްވި ބޭފުޅެކެވެ.

އިސްރާއީލުން ވަނީ ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކަށް ވެސް ބޮންއަޅައި އެ ތަންތަން ހަލާކުކޮށް ބަލިމީހުންނާއި ޑޮކްޓަރުންނާއި ނަރުހުން މެރުމުގެ ޖަރީމާތައް ސިސްޓަމެޓިކްކޮށް ހިންގާފައި ކަމަށް މިލާ ވިދާޅުވިއެވެ.

މި ޖަރީމާތައް ހިންގުމަށްފަހު އިސްރާއީލުން ބަހަނާއަކަށް ދައްކަނީ އެއީ ހަމާސްގެ މުޖާހިދުންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކެއް ކަމަށްވެސް މިލާ ވިދާޅުވިއެވެ.

އިސްރާއީލު ވަނީ ޣައްޒާގައި 65 ހާހަށް ވުރެ ގިނަ އާންމުން ޝަހީދުކޮށް ޣައްޒާގެ 500އަށް ވުރެ ގިނަ އާއިލާތައް އެއްކޮށް ނައްތާލައި ވުޖޫދުން ފުހެލާފައެވެ. އަދި އިސްރާއީލު ގެންދަނީ ޣައްޒާއަށް ކާބޯތަކެތި ވައްދައިފިނަމަ އެތަކެތި ހަމާސްގެ މުޖާހިދުންނަށް ލިބިދާނެކަމަށް ބުނެ ޣައްޒާގެ ރައްޔިތުން ގަސްދުގައި ބަނޑަށް ޖައްސަމުންނެވެ.

ޣައްޒާގެ އާންމުންގެ 60 އިންސައްތަ މީހުންނަށް ދެދުވަހުން އެއްދުވަހުވެސް ކާބޯއެއްޗެއް ނުލިބޭކަމަށް އދ.އިންނާއި އިންސާނީ އެހީގެ ދާއިރާގައި މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކުން ބުނެއެވެ.

އެމެރިކާއާއި އިސްރާއީލުގެ އަސްކަރީ ކޮންޓްރޯލްގެ ދަށުން ޣައްޒާގައި ކާބޯތަކެތި ބެހުމުގެ ނަމުގައި ހިންގާ ޕްރޮގްރާމަކީ އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ އުސޫލުތަކާއި މިންގަނޑުތަކާ ޚިލާފު އަދި ސިޔާސީ ކޮށްފައިވާ ޕްރޮގްރާމެއް ކަމަށް ބުނެ އދ. ވަނީ މި ޕްރޮގްރާމުގައި ބައިވެރިވުމަށް ދެކޮޅު ހަދާފައެެވެ.

ފާއިތުވި ތިން މަސްތެރޭގައި ޣައްޒާގައި އެތައް ސަތޭކަ ބަޔަކުވަނީ ހައިހޫނުކަމުގައި ޝަހީދު ކޮށްލާފައެވެ. ބައިނަލްއަގްވާމީ އެކި ޕްރެޝަރުތަކާ ގުޅިގެން މަދު އަދަދެއްގެ ޣައްޒާއަށް ވައްދަން އިސްރާއީލަށް ކޮންމެވެސް ވަރަކަށް މަޖުބޫރުވެއެވެ. ނަމަވެސް މިގޮތަށް ވައްދާ މަދު އަދަދެއްގެ ކާބޯތަކެތި ހޯދުމަށް އެއްވާ މީހުންގެ ގަޔަށްވެސް އިސްރާއީލު ސިފައިން ގެންދަނީ ބަޑިޖަހައި ގަތުލުއާންމުތައް ހިންގަމުންނެވެ.

އިއްޔެވެސް ޣައްޒާގައި އެމެރިކާއާއި އިސްރާއީލުގެ އަސްކަރީ ކޮންޓްރޯލްގެ ދަށުން ޣައްޒާގައި ކާބޯތަކެތި ބަހާ މަރުކަޒެއްގެ ކައިރީގައި ކާބޯތަކެތި ހޯދުމަށް އެއްވެފައިވާ އެތައް ހާސް ބައެއްގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހައި 27 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.

އޭގެ ކުރީ ދުވަހުވެސް ކާބޯތަކެތި ބަހާތަނަކަށް އެއްވެފައިވާ ބަޔަކަށް އަމާޒުކޮށް އިސްރާއީލު ސިފައިން ބަޑިޖަހައި 32 މީހަކު ޝަހީދުކޮށް އެތަށް ބަޔަކުވަނީ ޒަޚަމްކޮށްލާފައެވެ. މިޖަރީމާތަކާމެދު އިސްރާއީލު ޒިންމާކޮށް އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅާނެ ފަރާތެއް ނެތެވެ. އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި ދައްކާ ވާހަކަތަކާއި ފަތުރާ ޕްރޮޕަގެންޑާތައް އިސްރާއީލާ ޖެހުމުން މަސައްކަތެއް ނުކުރެއެވެ.

މިފަދަ މައްސަލަތަކުގައި އެހެން ގައުމުތަކާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕުން ކުށްވެރިކުރާ ބަޔާންތައް ނެރެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް އިސްރާއީލާ ޖެހުމުން ހުޅަނގުގެ އެއްވެސް ގާނޫނެއް ގަވައިދެއް އަދި އުސޫލެއް ނުހިނގައެވެ. އަދި މަސައްކަތެއްވެސް ނުކުރެއެވެ.

ބައިނަލްއަގްވާމީ ނިޒާމުވެސްވަނީ އިސްރާއީލުގެ ކުރިމަތީގައި މުޅިން ފެއިލްވެފައެވެ. ނަތީޖާއެއްގެ ގޮތުން ބޭނުން ކޮންމެ ޖަރީމާއެއް ހިންގަން އިސްރާއީލަށް އާދަޔާ ޚިލާފު ހިއްވަރެއް ވަނީ ލިބިފައެވެ. އަދި އިސްރާއީލު އޮންނަނީ ގާނޫނުން މަތީގައިކަންވެސް އިސްރާއީލަށް އިހުސާސް ކުރެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު