ސްރީލަންކާ، ތައިލެންޑު، އަދި އިންޑިއާ ހިމެނޭހެން އަވަށްޓެރި ބައެއް ގައުމުތަކުގައި ހަލުވި ކަމާއެކު ޗިކުންގުންޔާ ފެތުރޭތީ، ދަތުރުކުރުމުގައި ސަމާލުވާން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެދިއްޖެއެވެ.
ކުރިއަށް އޮތީ އީދު ބަންދުކަމުން ގިނަ ބަޔަކު މާލެއާއި އަތޮޅުތެރެއަށް، އަދި ރާއްޖޭން ބޭރު ގައުމުތަކަށް ވެސް ދަތުރުކުރާނެ ކަމަށް ބެލެވެއެވެ.
އާންމުކޮށް ދިވެހީން ގޮސް އުޅޭ ސްރީލަންކާގައި މާރިޗު 14ގެ ނިޔަލަށް ޗިކުންގުންޔާގެ 173 ކޭސް ފެނިފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
މި ކޭސްތައް ރިޕޯޓުކޮށްފައި ވަނީ ކޮލަމްބޯއާއި ކޮއްޓޭއާއި ކެންޑީ އަދި ގަމްޕަހައިންނެވެ.
މީގެ އިތުރުން ތައިލެންޑުގައި ވެސް ޗިކުންގުންޔާގެ އިތުރުން ޑެންގީއާއި ޒިކާ ވައިރަސް ދަނީ ފެތުރެމުންނެވެ.
ޗިކުންގުންޔާއަކީ މަދިރީގެ ސަބަބުން ފެތުރޭ ވައިރަހަކުން ޖެހޭ ހުމެކެވެ. އެ ބަލީގެ އަލާމާތްތައް ޑެންގީ ހުމާ ވަރަށް އެއްގޮތެވެ. މި ބަލި ޖެހުމުން ވަރަށް ބޮޑަށް ހުޅުތައް ދުޅަވެ، ހުޅުތަކުގައި ތަދުވެ ރިއްސައެވެ.
ޗިކުންގުންޔާ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރަނީ އީޑީޒް މަދިރީގެ ފަރާތުންނެވެ. ޗިކުންގުންޔާ ވައިރަސް ހުރި މަދިރިއެއް މީހެއްގެ ގައިގައި ހަފައިފިނަމަ ޗިކުންގުންޔާ ޖެހެއެވެ.
ޗިކުންގުންޔާއިން ރައްކާތެރިވުމަށް
- މަދިރިން ރައްކާތެރިވުމަށް މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުން ކުރުން
- ވީހާ ވެސް ބޮޑަށް ހަށިގަނޑު ނިވައިވާ ގޮތަށް ފޭރާންލުން
- ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުން ނުވަތަ ގޭތެރޭގައި މަދިރި ގެ ބޭނުންކުރުން
- މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަދޮރުތައް ބަންދުކޮށްފައި ބެހެއްޓުން
ހުރިހާ ވައްތަރެއްގެ މަދިރި ވެސް އެންމެ ގިނަވަނީ ހެދުނާއި ހަވީރެވެ. މި ބަލި ފަތުރާ އީޑީޒް މަދިރި އާންމުކޮށް ހަފަނީ ދުވާލުގެ ވަގުތުތަކުގައެވެ. އެހެން ކަމުން އެންމެ ރަނގަޅީ ހުރިހާ ވަގުތެއްގައި ވެސް މަދިރި ހެފުމުން ރައްކާތެރިވެ ތިބުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މީގެ 19 އަހަރުން ކުރިން، 2006ގައި ރާއްޖޭގައި ވެސް އާދަޔާ ޚިލާފަށް ޗިކުންގުންޔާ ފެތުރުނެވެ.