މާތްވެގެންވާ ޙައްޖުގެ އަޅުކަމާއި ޢީދު ޝަރުޢުކުރެއްވީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން ދަމަހައްޓައި، އެއް ބަޔަކު އަނެއް ބަޔަކާ އެކުވެރިވެ ދިރިއުޅުމަށާއި، އުންމަތް އާރާސްތުކުރުމަށް ޓަކައިކަމަށް މިއަދުގެ ޢީދު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
މިއަދަކީ ބޮޑު ޢީދު ދުވަހެވެ. އެއީ، ޙައްޖުގެ މަތިވެތި އަޅުކަމާ ގުޅިގެން އަންނަ އުފާވެރިކަމުގެ ޢީދެކެވެ.
ޢީދު ޚުތުބާގައި ބުނީ، ޙައްޖުގެ އަޅުކަމާ ގުޅިގެން މި ޢީދު ޚާއްސަކޮށްފައިވަނީ ޙައްޖުގެ މަނާސިކުތަކުގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކެއް މި ދުވަހުގައި ފުރިހަމަ ކުރާތީ ކަމަށެވެ. އެ ގޮތުން، ޙައްޖުވެރިން މިއަދު މިނާއަށް ގޮސް ޖަމްރަތުލްޢަޤަބާއަށް ހިލަ އުކާނެއެވެ. އެއަށް ފަހު ބޯ ބާލައި ނުވަތަ ބޯ ކޮށާނެއެވެ. އަދި. ހަދުޔު ކަތިލައި، ޠަވާފުލްއިފާޟާ ކުރާނެއެވެ.
"ދުނިޔޭގެ ކަންކޮޅުތަކުން އެތައް މުސްލިމުންނެއް އެއް ބިމެއްގައި މާތް اللهގެ އަމުރަފުޅަށް ބޯލަނބައި އެއްވެ ތިބޭ މި މަތިވެރި އެއްވުމަކީ، މުސްލިމުންގެ އެއްބައިވަންތަކަމާއި، މާތް اللهގެ ޙަޟުރަތުގައި އެންމެންގެ ހަމަހަމަކަން ދައްކުވައިދޭ ޢާލަމީ ބައްދަލުވުމެއް،" ޚުތުބާގައި ހަނދާންކޮށްދިނެވެ.
"ކޮންމެ ދުވަހަކު ފަސް ވަގުތެއްގައި މިސްކިތުގައި މުސްލިމުން އެއްވާ އެއްވުމުން ދޭހަވަނީ އެއް ހިސާބުގަނޑެއްގައި އުޅޭ މުސްލިމުންގެ ބާރު. ކޮންމެ ހުކުރު ދުވަހަކު ޤާއިމުކުރެވޭ ހުކުރު ނަމާދުން މިއަށް ވުރެ ބޮޑު ޖަމާޢަތެއް ފެނޭ. ޢީދު ނަމާދުން ރަށުގެ ގިނަބަޔެއްގެ ބޮޑު ބައްދަލުވުމެއް ފެނޭ. ދެން ފެންނަނީ ޙައްޖު. އެއީ ދުނިޔޭގެ މުސްލިމުން ތަމްސީލުކޮށްދޭ އެއްވުމެއް،"
ޚުތުބާގައި ބުނީ، إِبْرَاهِيْم عَلَيْهِ السَّلَام ގެ ދަރިކަލުން ގުރުބާންކުރަން އެންގެވުމުން إِسْمَاعِيْلُ عَلَيْهِ السَّلَام ދެއްކެވީ ކިޔަމަންތެރިކަމުގެ ނަމޫނާއެއް ކަމަށެވެ. އެއީ، ދަރީން މައިންބަފައިންނަށް ކިޔަމަންވާންޖެހޭ މިންވަރުގެ ދިރިހުރި މިސާލެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ޢީދު ޚުތުބާގައި ވަނީ ދަރީން ހެޔޮލަފައި ކިޔަމަންތެރި ބަޔަކަށް ހަދަން އެންމެން މަސައްކަތްކުރަން ގޮވާލައިފައެވެ.
"މިއަދު ޢީދު ފާހަގަކުރާއިރު إِسْمَاعِيْلُ عَلَيْهِ السَّلَام ވެވަޑައިގަތް މަތިވެރި ޤުރުބާނީން ޢިބުރަތް ޙާޞިލުކުރާންޖެހޭ. އެއީ، މާތް اللهއަށް ކިޔަމަންތެރިވުމާއި ކެތްތެރިވުމުގެ ދަރުސެއް،" ޚުތުބާގައި ނަސޭހަތްތެރިވިއެވެ.
ޢީދު ޚުތުބާގައި ވަނީ މާތްﷲ އަށް ބިރުވެތިވެ ތަޤުވާވެރިވާން އެންމެހައި މުސްލިމުންނަށް ނަސޭހަތްތެރިވެފައެވެ. އަދި، ޢީދުން އާ ޞަފުޙާއެއް ހުޅުވާލައި، މުޅި ހަޔާތުގެ އަމުރުވެރި ފަރާތަކީ އިސްލާމްދީންކަމުގައި ހަދަން ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.