ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއަށް އޭޓީއާރު މަރުކާގެ ފަސްވަނަ މަތިންދާބޯޓު މިއަދު ގެނެސްފިއެވެ.
މި ބޯޑު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖައްސާފައި ވާއިރު، މަރުހަބާ ކިޔުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ވޯޓާ ސެލިއުޓެއް ދީފައެވެ. މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމާއި މޯލްޑިވިއަންގެ އެމްޑީ އިބްރާހީމް އިޔާސް ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ތޯރިގު ވިދާޅުވީ، މޯލްޑިވިއަންގެ ފްލީޓަށް ފަސްވަނަ އޭޓީއާރު އިތުރުވުމަކީ އުފާކުރާ ކަމެއް ކަމަށެވެ. މިކަމުގެ ސަބަބުން އެތެރޭގެ އުދުހުންތަކައް ފަސޭހަވެ، ދިވެހިންނާއި ފަތުރުވެރިންނަށް ވެސް އިތުރު ލުއި ފަސޭހަތަކެއް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މި ބޯޓަކީ އޭޓީއާރު 600-42 މަރުކާގެ 46 މީހުންގެ ޖާގައިގެ ބޯޓެކެވެ.
މި ބޯޓުގެ އިތުރުން ވެސް މޯލްޑިވިއަންގެ ފްލީޓުގައި އޭޓީއާރު މަރުކާގެ ހަތަރު މަތިންދާބޯޓު ހިމެނެއެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ޖެނުއަރީ 2023ގައި ގެނައި އޭޓީއާރު-72ގެ ދެ ބޯޓާއި، އެ އަހަރުގެ އޭޕްރީލްގައި ގެނައި އޭޓީއާރު-42 ބޯޓަކާއި، މި ވެރިކަމުގައި މިދިޔަ އަހަރުގެ މެއި މަހު ގެނައި އޭޓީއާރު-42ގެ ބޯޓެކެވެ.
މީގެ ކުރިން މޯލްޑިވިއަނުން ބުނި ގޮތުގައި، އެ ކުންފުނީގެ އަމާޒަކީ ޑޮމެސްޓިކް ދަތުރުތަކަށް ބޭނުންކުރާ ބޯޓް ފްލީޓު، ޑޭޝް މަރުކާއިން، އޭޓީއާރަށް ބަދަލުކުރުމެވެ.