ސައިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކުރުމުން، އެއީ ރައްޓެއްސެއް ދިން އެއްޗެއް ކަމަށް ކޯޓުގައި ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހު އެ މައްސަލައިގައި ހައްޔަރުކޮށް، 15 ދުވަހަށް ބަންދު މުއްދަތު ޖެހީ، ސ. ހިތަދޫ، ތޫނުފިލިގެ، އުމުރުން 42 އަހަރުގެ މުޙައްމަދު ޝަފީޢުއަށެވެ.
ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި، ޝަފީޢު ސައިކަލު ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅައިފައިވެއެވެ.
ޝަރީއަތުގައި ޝަފީއު ބުނީ، ދުއްވީ ރައްޓެއްސަކު ދިން ސައިކަލެއް ކަމަށާއި، އެއީ ވަގަށް ނަގައިފައިވާ އެއްޗެއްކަން ނޭނގޭ ކަމަށެވެ. އަދި ވަކީލަކު ބޭނުންނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެކަމަކު، އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ)އާ ހަވާލާދީ، އަމުރުގައި ވަނީ، ރައްޓެއްސަކު ދިން ސައިކަލެއް ކަމަށް ބުނި ނަމަވެސް، އެ ރައްޓެއްސަކީ ކާކު ކަމާއި، އޭނާއާ ގުޅޭނެ ގޮތެއް ބުނެދެވިފައިނުވާ ކަމަށެވެ.
މިދިޔަ މަހުގައި ވެސް ވަގަށް ނަގާފައިވާ ސައިކަލެއް ދުއްވަނިކޮށް ޝަފީޢު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަން އައިއޯ ވަނީ ފާހަގަކޮށްފައެވެ.
އެއާއެކު، ޝަފީޢުއަކީ މި ބާވަތުގެ ބަންދު ރެކޯޑު އޮތް މީހެއް ކަމަށްވާއިރު، އޭނާ ހައްޔަރުކޮށްފައި ވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މާލެ ސަރަޙައްދުން ވައްކަމުގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރެވެ. ޚާއްސަކޮށް ކްރިމިނަލް ކޯޓުގެ އަމުރުތަކުގައި ވެސް ގިނައީ ވައްކަމުގެ މައްސަލަތަކުގައި ބަންދުގެ މުއްދަތު ޖަހާ މީހުންނެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެއް މަހުން އަނެއް މަހަށް ވައްކަމުގެ މައްސަލަތައް އިތުރުވާއިރު، މިދިޔަ މަހު އެކަނި ވެސް 310 ވައްކަމުގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވެއެވެ.