"ގުރުއާންގެ ސަބަބުން ސިކުނޑިތެރޭގައިވާ ބޭކާރު އަޑުތައް ބަންދުކޮށްލައެވެ. އަަބަދާ އަބަދު ގުރުއާން ކިޔެވުން ނޫނީ އަޑުއެހުމުން ސިކުނޑީގައި ވާ ހުރިހާ ނުތަނަވަސްކަމެއް ފިލައިގެންދާނެއެވެ."

***

"ކެނާން އޭނަގެ ކޮޓަރީގެ އެނދުގައި އިށީދެލައިގެން އިންއިރު ނަޒަރުވަނީ އަތްތިލައަށް ހުއްޓިފައެވެ." އަހަރެން ދުވަހަކުވެސް މިގޭގައި ހުންނަން ނުޖެހޭ. މިއީ މިކަމުގައި ހިމަނަން ޖެހޭ ބައެއް ނޫން...މެދީނާ. އުރުޖުވާން. މިގެ....."

ވައިރޯޅިތައް ފަރުދާތަކާއި ކުޅެލުމާއެކު ކެނާންއަށް ޚިޔާލުކޮށްލެވުނީ މާޒްވިލާއެވެ. މިތަނާއި އެތައް ތަނެއް ދުރުގައެވެ. ހިމޭން އެކަނިވެރި ތަނެކެވެ. އެއްވެސް ކަމެއް މީހަކަށް ބަޔާންކޮށްދޭން ޖެހޭ ތަނެއްވެސް ނޫނެވެ. އެއްވެސް މީހަކަށް ޖަވާބުދާރީވުމުގެ ބަދަލުގައި އޭނައަށް ފިލައިގެން ދާން އޮތް ތަނަކީ އެއީކަމަށް ވެދާނެއެވެ.

***

މަދީނާގެ ލޮލުގައި އެއްވެސް ވަރަކަށް ނިދީގެ އަސަރެއްނެތެވެ. ލޮލުގައިވާ ކަރުނަ ހިކިފައިވާއިރު ހިތްވެސް ހުސްވެފައެވެ.އެނދުގެ ފިނިވެފައިވާ ހެޑްބޯޑުގައި ބުރަކަށި ޖައްސާލައިގެން އިންއިރު ބެލެމުން ދިޔައީ އަތުގެ އިނގިލީގައިވާ މެގްނޯލިއާ އަނގޮޓިއަށެވެ. ކުރީރޭގައި ލައިގެން އިން ރީތި ހެދުން މިހާރު އޭނައަށް އިހުސާސްކުރެވެނީ ނުބައި ޑްރާމާއެއް ކުޅެން ލެވުނު ކޮސްޓިއުމްއެއް ހެންނެވެ. އަތް މުށްކަވާލައިގެން މޭގައި ޖައްސާބާރުކޮށްލައިގެން މުޅި ރޭ އިނދެވުނީ ކޮންމެވެސް ނާޒުކް އެއްޗެއް ރައްކާތެރިކުރަން މަސައްކަތްކުރާފަދައިންނެވެ. އޭނައަށް ކޮޓަރިވެސް ފެންނަނީ ކޮށްޓެއްހެންނެވެ. އަދި މޭމަތީގައި ބޮޑު ގަލެއް އޮތްފަދައިން އުދަގޫތަކެއްވިއެވެ. އެހުރިހާ ކަމަކާއިއެކުގައިވެސް ސަލާމަތްވާން މަސައްކަތްކުރާނެ ހަކަތައެއް އެ ހަށިގަނޑަކު ނެތެވެ.

ފާރަށް އެޅިފައިވާ ހިޔަނިތައް ދިގުވެ ފަނޑުވަމުން ދިޔައިރު އޭނަގެ ލޯވެސް މެރެން ފެށިއެވެ. ކޮންމެހެން ހިތަށް ތަސައްލީއެއް ލިބިގެނެއްނޫނެވެ. އެންމެފަހުން ހަށިގަނޑުވެސް އަމާން ދިނީއެވެ.

އިރުގެ އަލިކަން ކުދަދޮރުގެ ފަރުދާތައް ފުރާނާލާފައިވަދެ އޭނަގެ މޫނުގައި ބޮސްދިންއިރު އޭނަގެ ނޭވާގެ އަޑު މަޑެވެ. އަތުގައި އޮތް އަނގޮޓި ވިދައެވެ. ބިރުވެރިރެއެއްގެ ރީތި ހަނދާނެއްގެ ނިޝާނެވެ.

***

ކެނާން ގުދުވެ އޭނަގެ ބޫޓު ބޭލިއެވެ. ދުވަން ދިޔުމުގެ ސަބަބުން ބޫޓުގެ ދަށުގައި ޗަކައިގެ އަސަރުހުރީ ވާރޭގެ ސަބަބުން އޭނަ ދުވަން ދިޔަ މަގު ތެމި ކިސަޑުވެފައި އޮތުމުންނެވެ. އޭނަ ހަޑިވެފައިވާ ބޫޓު އެއްފަރާތަކަށް އެއްލައިލުމުން ފުން ނޭވާއެއް ދޫކޮށްލާފައި ކަކުލުގައި އަތް ވިއްދާލައިގެން އިރުކޮޅަކު ހުރީ ދުވުމަށްވުރެ ކޮޅަށް ތެދުވުން ބުރަކަމަކަށްވެފައެވެ. ވައިގެ ގޯނާތަކާއި ހަމަނިދި ނުލިބުމުގެ ސަބަބުން ކުޑަކޮށް ރަތްވެފައިވާ ލޯ ވަށައިގެން ހިންގައިލިއެވެ. ކޮންމެ އެއްޗެއް ތަރުތީބުންވާއިރު އެއްވެސް އެއްޗެއްގައި އަތްލާފައިނުވާފަދައެވެ. އެކޮޓަރީގައި އެއްވެސް ދިރުމެއްނެތެވެ. އޭނަވެސް އިތުރަށް ފިލައިގެން ހުންނާކަށް ނުޖެހެއެވެ. ހުރިހާ ކަމެއް ފަޅާ އެރީއެވެ. އެންމެންގެ ކުރިމަތީގައި ކޮޅަށް ހުރެގެން އޭނަ އާއިލާއަށް ސާބިތުކޮށްދިނީ އޭނައަށް ހިނގޭކަމެވެ. އޭނަގެ އޮޅުންތަކާއި ކުށުގެ އިހުސާސްތައް ވަޅުލާންވެގެން އޭނަ ދައްކައިލި ދަޅައެކެވެ.

އޭނަ ހިނގާފައިގޮސް އަލަމާރީގެ އެންމެ މަތީބައިގާ އޮތް ދުވަަސްނީ ނޭވީ ދަތުރު ދަބަހެއްނެގިއެވެ. ކޮންމެވެސް ވަރަކަށް ހިރަފުސް ހަރުލާފައިވިއެވެ. އޭނަގެ ހެދުންތައް ފަށްޖަހާފައި ދަބަހަށްލާންފެށިއެވެ. އެ އަޑު އެއްވަރުވެފައި ހިތަށް އަރާމުކަމެއް ގެނެސްދިނެވެ. އޭގެ މާނައަކީ އޭނަ ކުރިއަށް ފިޔަވަޅު އަޅަންފެށިކަމެވެ. ސަލާމަތްވަނީކަމެވެ. އޭނަގެ ޕާސްޕޯޓްލާފައިވާ ލެދާ ޕައުޗްގައި އިނގިލި ޖައްސައިލިއިރު ހަރަކާތްތައް ކުޑަކޮށް މަޑުޖެހިލިއެވެ. އެނަގާފައި ހުޅުވައިލިއިރު އޭނައަށް ފެނުނީ އޭނަގެ ފޮޓޯއެވެ. ބީރައްޓެއްސެއްފަދއިން ހަތަރުކަޅި ހަމަކޮށްގެންނެވެ. އުފާވެރި ވިދާ ދެލޮލެވެ.

މާލެއަށް ބަދަލުވާން ނިންމަން ގިނައިރެއް ނުނެގިއެވެ.

އެއީ ހަމަ އެންމެ ފުރިހަމަ ސަލާމަތްވުމެވެ. ސުވާލުތަކާއި ގޭތެރޭގައި ދެކެވޭ ވާހަކަތަކުންނެވެ. އަހަރެއްވާންދެން އޭނަ އުޅުނު އުދަގޫދެނިވި ހަޔާތުންނެވެ. އޭނަގެ މުސްތަބުލާއިމެދު އަދި އޭނަގެ ދިރިއުޅުން ބައްޓަންކުރުމާއިމެދު އެންމެން އުއްމީދުކޮށް އެކަމަކު އޭނައަށް އެކަން ކާމިޔާބުނުވާނެތީ އެކަމުންވެސްމެއެވެ. ހުރިހާ ކަމަކުން ސަލާމަތްވެ އެކަނިވެރި މިނިވަން މާހައުލަކަށް ނޭވާލާނެ ދަނޑިވަޅަކަށް ހިތް އެދި ގޮވާގޮވުމަށް އިޖާބަ ދެވުނީއެވެ.

***

ދެކޮޓަރި ދޫކޮށް ހުރި ކޮޓަރީގައި ކެނާންއެކޭ އެއްފަދައިން މާޒިމްވެސް މާލެ ބަދަލުވުމަށް ނިންމީވެސް ހަމަ ތަގުދީރުގެ ސަމާސާއެއްފަދައިންނެވެ. ދިރިއުޅުމަކީ ބައެއްފަހަރު ހައްލުކުރަން އުދަގޫ އަރަތެއްފަދައެވެ. ސުވާލަކަށް ޖަވާބު ހޯދަން މަސައްކަތްކުރަމުންގޮސް ޖަވާބު ހޯދާއިރަށް ސުވާލު ބަދަލުވެދާނެއެވެ. ހީނުކުރާފަދަގޮތަކަށް ދިރިއުޅުން އަނބުރައިލާނެއެވެ. މާޒިމް މާލެދާން ނިންމީ އަދި އެހެން ވިސްނުމެއްގައެވެ.

މާޒިމްއަށް އެރޭ އިތުރަށް ނިދޭނެގޮތެއްނުވުމުން އުރުޖުވާންއާއި މިރެލްއަށް އަތުގެ ހިމާޔަތްދީގެން އޮތްއިރު އޭނަގެ މެޔަށް މިރެލްގެ ނޭވާގެ މަޑުކަން އިހުސާސްވިއެވެ. އެކުޑަ އިނގިލިތައް ވަށައިލެވިފައިވީ ކުޅެން ގެންގުޅޭ މަޑު ބުދުގެ އަތުގައެވެ. ބައެއްފަހަރަށް އޭނަގެ ނަޒަރު ސީލިންއަށް ނޫނީ ކުޑަދޮރަށް ހުއްޓެއެވެ. ކުއްލިއކަަށް ސިއްސުވައިލާ އަޑެއް ބޭރުން އިވުން ނޫނީ ފޮތިގަނޑަށް އެޅޭ ހިޔަނިތަކަށް އޭނަގެ ސަމާލުކަމެއްނެތެވެ. އެތައް ސުވާލުތަކާއި މައްސަލަތަކެއް އެގޭގެ ހަތަރުފާރުން އެތެރޭގައި ހިނގަމުންދިޔަސް އޭނަވަނީ ހިމޭންކަމާއި ކެތްތެރިކަމާއެކު ކުރިމަތިލާފައެވެ. އެންމެފަހުން އުރުޖުވާންގެ ސިކުނޑި ހޭލަންފެށިއެވެ.

"އަދިވެސް ހޭލާތަ؟"އުރުޖުވާން އެހިއެވެ.

"އެކި ކަންތަކާއި ވިސްނަން ހަދައިގެން ނިދި ފިލީ...ހިތަށް އަރަނީ....."އޭނަ މަޑުމަޑުން މިރެލްގެ މޫނަށް ގޯނާކުރަމުން ދިޔަ އިސްތަށިތައް ދުރުކުރަންފެށިއެވެ."އަހަރެެމެން ދުވަސްކޮޅަކަށް މިތަނުން ދާންވިއޭ..މާލެއަށް... މާޒްވިލާއަށް.."

އުރުޖުވާންއަށް އެެސްފިޔަ އަވަސްއަވަހަށް ޖަހައިލެވުނެވެ. ގަބޫލުކުރަން އެއްބަސްނުވިޔަސް ވަރުބަލިކަމާއި އުދަގޫތައް އިހުސާސްކުރެވެއެވެ. އުރުޖުވާންއަށް މިރެލްގެ މޭމަތީގައި އަތް ބާއްވައިލެވުނެވެ. ހިތުގެ ވިންދު ގުނާފަދައިންނެވެ.

"އަހަރެމެންނަށް ބިރުވެރި ހުވަފެނަކުން ކިރިޔާ ނުކުމެވުނީ..."މާޒިމްގެ ކަންފަތަށް އިވޭވަރަށް ބުނެލެވުނެވެ."އަނެއްކާ ދުވަންވީ؟"

"ދުވަނީއެއްނޫން...."އޭނަ ޖަވާބުދިނެވެ."އައި ޖަސްޓް........އިހުސާސްވަނީ ހަމަ އަހަރެމެންނަށް ބޭނުންވެއޭ ހަމަ ނޭވާލާން. ޖާގަ...މިގެ ހީވަނީ ހަންޑި ހާއްޔެއްހެން..އެތައް ސުވާލުތައް ހުރިހާ ދިމާލެއްގައި. މިރެލްއަށް ރަގަޅު ބަދަލެއް ބޭނުންވޭ..އުރޫޖްއަށްވެސް... އަހަރެމެން ފުރަތަމަ ދުނިޔެއަށް ނޭވާލި މަންޒިލަށް ގެންދާން ބޭނުންވާ ސަބަބަކީ އެއީ...."

އުރުޖުވާން ހިމޭންވިއެވެ. މާޒިމްގެ ނިންމުމާއި ދެބަސްވެގެން ކުރިލިބޭނެހެން ހިޔެއްނުވެއެވެ. ބަލައިލެވުނީ މިރެލްގެ މައުސޫމް މޫނަށެވެ. އަނެއްކާވެސް ފަނޑުއަލީގެ ތެރެއިން މާޒިމްއާއި ހަތަރުކަޅި ހަމަވިއެވެ.

"މިރެލްވެސް ބޮޑުވަމުން މިދަނީ..."އޭނަ އުރުޖުވާންއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ."އަހަރެމެންނަށް ދުވަހަކުވެސް ފެމިލީއެއްހެން އުޅެވޭނެ ވަގުތުކޮޅެއް ނުލިބޭ. އެއްވެސް ބިރުވެރިކަމެއް ނެތި ހަމަޖެހިލައިގެން ނޯމަލްކޮށް ނޫޅެވޭ........ފަރަހް...އެ ބާބުވެސް ނިމިއްޖެ..އެއީ މާކުރިންވެސް ނިންމަން ޖެހުނު ބާބެއް...ލެޓްސް ގޯ...އެންމެ ހަފްތާއަކަށްވިޔަސް...ހިނގާ ގެއަށް ދަމާ.."

އުރުޖުވާންގެ ހިތަށް ނޭގޭ އުދަގޫތަކެއް ވިއެވެ. އަދިވެސް އޭނައަށް ދޭހަނުވާ އެތައް ކަމެއްވެއެވެ. އޭނަގެ ހިތުގައި ބިރުވެރިކަން އުފަންކުރުވި އެތައް މައްސަލައެއް މުޅިން ނިމުނުކަމުގެ އިހުސާސެއްނުވެއެވެ. އެ ބިރުވެރި ހުވަފެން ތަކުރާރުނުވާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އެކަމަކު މާޒިމްގެ އަޑުގައި މާ އަވަސްވެގެން އުޅޭކަހަލަ ގޮތެއްނެތެވެ. ހަމަ އާދައިގެ ސާދާ ދިރިއުޅުމެއް އުޅެން ބޭނުންވާކަމުގެ ސާފު އެދުމެވެ. އޭނަ އިސްކުރާނީ އާއިލާގެ މަސްހަތެވެ. އެންމެނަށް ފަސޭހަ ދިރިއުޅުމެއް ހޯދަދިނުމެވެ.

"އޯކޭ. އެކަމަކު ހަމައެކަނި ޗުއްޓީއަކަށް..."

މާޒިމްގެ ތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއްވެރިވިއެވެ. އިތުރަށް ބާރު އަޅަން މަސައްކަތް ނުކުރިޔަސް އޭނަ އުރުޖުވާންގެ މޫނަށް ބަލާލިއިރު އެލޮލުން ފެނުނު މޮޅިވެރިކަމާއި މިރެލް އެދެމީހުންގެ ދޭތެރޭ ކުރުގެޅިލައިގެން އެދެމީހުންގެ ރޫހުގެ ބަޔެއްފަދައިން އޮތްގޮތުން މާލެ ދިޔުމަށްފަހު އަލުން އަނބުރާ އަވަހަށް އާދެވޭނެކަމާއިމެދު ޝައްކުވިއެވެ.

ދެ ޒުވާނުން ދެކޮޓަރީގައެވެ. ހަމަ އެއް ދުވަހެއްގެ ހެނދުނު ނޭގިނަމަވެސް ހަމަ ފައިސަލާ ކުރީ އެއްގޮތަށެވެ. މިތަން ދޫކޮށްލުމަށެވެ. މާޒްވިލާއަށް ބަދަލުވުމަށެވެ.

***

އާދަމްގެ ކޮޓަރިތެރޭގައި އެއްވެސް ކަހަލަ ތަރުތީބުކަމެއްނެތެވެ. އެކި ތަންތަނަށް އުކާލެވިފައިވާ ކުނިތައް ފުނިޖެހިފައެވެ. ހުސްކުރި ދަޅުތަކާއި ޕެކެޓްތަކާއި ކަރުދާސްތަކެވެ. ދާވެފައިހުރި ހެދުންތަކާއި އިސްޓާކީނުތައް އެކިތަންތަނަށް އުކާލާފައެވެ. ސާފުތާހިރުކަމުގެ އެއްވެސް ކުލަވަރެއްނެތެވެ. ތަަނުގައި ހިފާފައިވާ ތަތްމުޑުވަހުން އޭނައަށް އުދަގުލެއްނުވެއެވެ. އޭނަ ކުޑަދޮރު ކައިރިއަށްގޮސް ފޮތިގަނޑު ކަހައިލަމުން ބޭރަށް ބަލަންފެށިއެވެ. މާޒީއިން ކޮންމެވެސް މީހަކު އަތުވެދާނެކަމަށް ބަލައިގެން ފަރުވާތެރިކަމާއެކު ހިޔަންޏެއްހެން ދިރިއުޅެން އޭނައަށް ވަނީ އާދަވެފައެވެ.

މިރޭ މާޒީ އެނބުރިއައީ ހުއްދަ ހޯދުމެއްނެތިއެވެ. ޓަކިދިނުންފަދަ އުސޫލެއް އެ މަޚުލޫގުންނަކަށް ނޯވެއެވެ. އެތެރެއަށް ފޭދިގަތީ ފިނި ވައިރޯޅިއެއްހެންނެވެ. އޭނަގެ ކަނދުރާއަށް ނޭވާ ލީފަދައެވެ. ފަހަތުން ހުނުމުގެ އަޑު އިވުނެވެ. ކޮޓަރިތެރެ އިތުރަށް އަނދިރިކަން ގަދަވިއެވެ. އޭނަ ލަސްލަހުން އެނބުރުނެވެ. އިވޯން ހުރީ އަލިފާން އަންދާތަނުގެ ކައިރީގައި ހުއްޓިލައިގެންނެވެ. އެތަނުގައި ހުއްޓަސް އަލިފާނުގެ އަލިކަމެއް އެ ޖިސްމަށް ނުފޯރައެވެ. އެތަނުގައިވާ ހިޔަންޏެއްފަދައެވެ. ބޮޑަށް ދިއްލިފައިވަނީ ދެލޮލެވެ. ބުޅަލެއްގެ ލޯ ފަދައިންނެވެ.

"ކޮބާ... އާދަމް؟ ކިހިނެއްތަ؟ މަގޭ މަތިން ހަނދާންއެބަހުރިތަ؟" އަޑު ކިތަންމެ މަޑުވިޔަސް ވިހައިން ކަޅިވެފައިވާ ނާނާއެކެވެ.

އޭނަގެ ކަރު ބެދުނެވެ. އާއެކެވެ. އޭނަ ރަގަޅަށް ހަނދާން އެބަހުއްޓެވެ. ހަނދާން ނެތޭނީ ކިހިނެއްހެއްޔެވެ؟ އެއީ ރޮތްސްވިލްގެ ބާކީ ހުރި އެކަނި މީހާއެވެ.

"ތިބުނީ ކީކޭކަމެއް ނޭގުނު.."އޭނަ އަޑު އެއްވަރަކަށް ބަހައްޓަން މަސައްކަތްކުރިއެވެ. އިވޯންގެ ތޫނު ހުނުމުގެ އަޑު ފާރުގައި ޖެހިފައި އެނބުރެމުންގޮސް އަލަމާރިތަކާއި ފޮތްތަކުގެ ތެރެއިން ދުންފަދައިން ފެތުރުނެވެ.

"އޯ އާދަމް..."އޭނަގެ ލޯ އިތުރަށް ވިދައިލިއެވެ." ތިއީ ރަގަޅަށް ދޮގުހަދަން އެނގޭ މީހެއްނޫން.. ރޮތްސްވިލްގެ ވަފާތެރި ޚާދިމެއްގެ ގޮތުގައި އެތައް އަހަރެއްވާންދެން އުޅުނު އެކަމަކު ބައްޕައަށް އެންމެ ބޭނުން ޖެހުނު ވަގުތު ދުވެ ފިލީ..."

އާދަމްގެ އިނގިލިތައް ދޮރުގެ ފޮތިގަނޑުގެ ތެރޭގައި މުށްކެވުނެވެ. އޭނަ އެވާހަކަ ދޮގެއް ނުކުރެއެވެ. ނުވެސް ކުރެވޭނެއެވެ.

"އަހަރެންގެ އަމިއްލަ ނަފުސް ސަލާމަތްކުރީ..."އޭނަ ތުންތަޅުވައިގަތެވެ."އޭނަ މަގޭ ގާތު ބުނީ ދުވާށޭ..."

"އޭނަ އާދޭސްކުރީ..."އިވޯން ރަގަޅުކޮށްލަދިނެވެ. އަދި އެ ހިނިތުންވުން ވިހަވިއެވެ."ކަލޭ އެކަމަކު ބައްޕަ އަލިފާނުގައި ހަލާކުވާން ދޫކޮށްލ،ީ އެވެސް ކަލޭގެ އެހީގައި ރޯކުރި މަޅީގައި.."

"އަހަރެން ނުދެނެހުރިން އެމީހުން ބައްޕަ އަންދައިލަން އުޅުނުކަން."އޭނަގެ ދިފާއު ފޫއަޅުވަންފެށީ ކުށުގެ އިހުސާސްއެވެ." އަހަރެން ހިތަކަށް ނާރާ އެހާ ދުރަށް ހިނގައިދާނެއޭ.."

އިވޯން ބޯ އަރިކޮށްގެން ބަލަން ހުރީ މަޖާވެލާފައެވެ."އެކަމަކު ކަލޭ ހުރީ ކުޅިބަލަން ދޯ.އެފަހުން ފިލައިގެން ތިއުޅެނީ..ނަން ބަދަލުކޮށްލައިގެން. އެހެން އާއިލާތަކަށް ޚިދުމަތްކުރަން. ތި ހިމޭންކަމުގެ ފަހަތުގައި ރޮތްސްވިލްގެ އަޅިތައް ކުނޑިވެގެންދާއިރު މުސްކުޅި ވަފާތެރި ޚާދިމެއްގެ ރޯލު ތިކުޅެނީ.."

"އަހަރެންގެ ފަރާތުން ބޭނުމީ ކޮންކަމެއް؟ މިހާރު ކީއްވެ؟"އޭނަގެ އަޑު ރޫރޫ އެޅިއެވެ.

"އަހަރެން ކުރިއަށް ވުރެ ބާރުގަދަވެއްޖެ އާދަމް.. އަހަރެން މަރުގެ ދޮރާށި ހުރަސްކޮށްފިން. ގަރުނުތަކެއްގެ ހިމޭންކަމުގައި ހިނގައިފިން. އަދި އުވައިސް ހިފަހައްޓައިފިން...."އިވޯންގެ ހިނިތުންވުން ފުޅައުވިއެވެ.

"އޭނަ ކީއްވެ؟ އެފިރިހެންކުއްޖާ ބޭނުންވެގެން އުޅެނީ ކީއްވެ؟" އޭނަ ވިސްނަން މަސައްކަތްކުރަމުން ލޯ ކުޑަކޮށްލިއެވެ.

އިވޯން ކައިރިވެލިއެވެ."އަހަރެންވެސް މި މަގުގައި އެކަނި ހިނގަހިނގާ ވަރުބަލިވެއްޖެ." އެއަޑުގައިވަނީ ދެއްކުންތެރި ހިތާމައާއި މަލާމާތެވެ."އަހަރެންވެސް ބައިވެރިޔަކު ބޭނުން.ބާރުގަދަ ރަގަޅު އަދި އެހެންމީހުންނަށް އަނިޔާދެވޭފަދަ ހިތްވަރު ހުރިމީހެއް.."

އޭނަ ހިންދިރުވައިލިއެވެ. ހިތުގެ ތެޅުން ދެގުނަ ބާރުވެލިއެވެ. އިވޯން މިއައީ އަދި އޭނައަށްޓަކާއެއް ނޫނެވެ. އެކަމަކު އަދި އެދުވަސް އަންނާނެއެވެ.

"އޭނަވެސް ތި ބަދަލުހިފުމުގައި ބައިވެރިކުރާން ބޭނުމީ؟" އާދަމްއަށް ޝައްކުވިއެވެ.

"އަހަރެން ބުނިހެން އަހަންނާއެކުވެސް ހުންނާނެ މީހެއް ބޭނުން. އުވައިސް ހަގީގަތުގައިވެސް މަގޭ މީހަކަށް ވުމުން އަދި އެ ލޯބި ހަލާކުކޮށް ނައައްތައިލާފައި ބަދަލުހިފުމުގައި ބަދެލެވުމުން އަހަރެމެން ދެމީހުންވެގެން މިދުނިޔެއިން ސަލާމަތްކުރަން މަސައްކަތްކުރިހާ އެއްޗެއް އަންދާލާނަން..." މަކަރުވެރި ނުލަފާ ހުނުންގަނޑެކެވެ.

އިވޯން އާދަމްއަށް ބަލަން ހުރީ ގުޑިނުލާ އޮތް މީދަލަކަށް ބުޅާ ބަލަހައްޓައިގެން އޮންނަ އުސޫލުންކަޅި ޖަހައިލުމެއްނެތިއެވެ.

"ހާސްވެފައިތަ؟" އިވޯންގެ އަޑުގައިވީ ޖެއްސުމުގެ ރާގެވެ." ނޫނީ ކުށްވެރި އިހުސާސް؟ ނޫނީ އަހަރެން ހަދާފާނެ އެއްޗަކާއިމެދު ބިރުން؟"

އާދަމް ހިމޭނުން ހުރީ ދުލުގައި ތަޅު އަޅުވައިގެންނެވެ.

"އަހަންނަށް ކޮންމެ ގޮތެއްވިޔަސް ފަރުވާލެއްނެތެ. އަހަންނަށް ބޭނުންވަނީ ހަމަ އެހީތެރިކަން. އެނގެއެއްނު. ބައެއްފަހަރު ބަދަލުހިފުންވެސް މާނައެއްނެތް އެއްޗަކަށް ވޭ ދުވަސްވީމަ.އެވެސް އެކަނިވެރިވެދޭ.އެހެންވެ އަހަރެން ބޭނުމީ އެކީގައި ހުންނާނެ މީހެއް..އެހީތެރިއެއް.."

"މިވަގުތަށް އުވައިސް....ފުދޭވަރުވޭ.."

އާދަމްގެ މޫނުގެ ކުލަވަރު ދެކެން އިވޯން މަޖާވެލާފައި އިރުކޮޅެއްވާންދެން ހުއްޓެވެ."ހުރިހާ ކަމެއް ފެށޭއިރު އާދަމް ވެސް ހުންނާނެކަމަށް އުއްމީދުކުރަން. ސަބަބަކީ އެއި ހަނދާން ނުނެތޭނެވަރުގެ ބޮޑު ދުވަހަކަށް ވާނެތީ.."

އިވޯން ހިޔަނީގެ ތެރެއަށް ޣައިބުވެގެން ދިޔައިރު ޖަހައިލި ހިނގަނޑު އެތަނުގައި ގުގުމައިލުމާއެކު އޭނަގެ އަތްތިލަ ފިނިވެ ދާހިއްލައިލިއެވެ. އޭނައަށް އަދި ނުފެނުނަސް ތޫފާން ކައިރިވެއްޖެކަން ޔަގީންކުރެވުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު