"ބަލަންވާނީ މީހުންގެ ފަރާތުން ތިބާއަށް ލިބޭނެ ތައުރީފުތަކަށް ނޫނީ ނުރުހުމުގެ ބަސްތަކަށް ނޫނެވެ. މީހުންދެކޭ ގޮތާއިމެދު ކަންބޮޑުވާނެ ކަމެއްނެތެވެ. ހަމައެކަނި ހަނދާން ކުރަންޖެހެނީ ﷲ ތައާލާ ރުހިވޮޑިގެންވާގޮތަށް ދިރިއުޅުން ބައްޓަންކުރުމެވެ."

***

ނޫނީ ޒަވިއާރުގެ ނަޒަރު އަލްބާން މުރުތަސިމްއިން ގޮސް ކައިލްގެ މޫނަށް ހުއްޓުނެވެ." ޔޫ އާ އޯލް ޖަސްޓް އެ ޝިޓްޝޯ..."

ހައިރާންވެ ހުއްޓިފައި ތިބި އުމްރާވެރިންގެ ތެރެއިން ހިނގާލާފައިގޮސް ޒަވިއާރު މަގަށް ނިކުތެވެ. މުރުތަސިމްވެސް އަލްބާންގެ އަތުން ދޫކޮށްލިއެވެ. އޭރުވެސް ހިތްހަމަނުޖެހިފައި ހުރި ކައިލް އަލްބާން ނަގަން އުޅުނު އަނގޮޓިއަށް ބަލައިލިއެވެ. "އެއީީ މީނިންލެސް އެއްޗެއްނޫން..އިޓްސް ތޯޓްފުލް..."

އަލްބާން ޖަވާބެއް ނުދިނަސް އެތަނަސް ވެރިވެފައިވާ ހިމޭންކަމުން ސާފުކޮށްދެނީ އެކައްޗެކެވެ. އެންމެންގެ މޫނުމަތިން ފެންނަން ހުންނަ ޝުއޫރުތަކުގެ ފަހަތުގައި އެތައް ސިއްރުތަކާއި ހަމަނުޖެހުންވެސް ވެއެވެ. އެކިމީހުންގެ ހޮވުންވެސް ތަފާތެވެ.

***

ޖިއްދާގެ ވައިގެ ބަދަރުގެ ޑިޕާޗާލައުންޖުން ފެންނަ އެންމެންހެން ތިބީ ނިވާވާގޮތަށް ހެދުން އަޅައިގެންނެވެ.ލޮލަށް އުދަގޫވާ ޒާތުގެ މަންޒަރެއް ނުފެނެއެވެ. މާތް އަޅުކަމަކަށްފަހު ހަމަޖެހިފައިވާ އުފާވެރި މޫނުތަކެވެ. ހިނިތުންވުންތަކެވެ. އެތަނުގެ ތެރޭގައި ސްޕީކަރުން އެނައުންސްމެންޓްސް ދޭ އަޑުތައް ގުގުމާފައެވެ. ޒަހްރާގެ އާއިލާގެ އެންމެންވެސް އެކި ދިމާލުގައި މަޑުކޮށްލައިގެން އަމިއްލަ ދުނިޔެއެއްގައި ތިއްބަސް ނުތަނަވަސްކަމާއި ދޭހައާއި ނުބުނެވޭބަސްތަކުގެ ނުފެންނަ ވާފަށުން ގުޅުވާލާފައިވިއެވެ.ޒަހްރާ ތަސްބީހައިގެ މިނާތައް ގުނަމުންދިޔައިރު ދެލޮލުން ވަރުބަލިކަމާއެކު އެހެން ކޮންމެވެސް އަސަރެއް ފުނުގައި ރައްކާކުރެވިފައިވިއެވެ. މައްކާއިން ފުރުމާއެކު މެޔަށް ބާރުވެލިގޮތަށް އެ އުދަގޫތައް ފިލައިގެން ނުދެއެވެ.އުމްރާ ކުރުމަށްފަހު ހިތަށް ލިބުނު ހަމަޖެހުމާއި އަމާންކަން ބަޔާން ކުރަން ދަތްޗެވެ. ނަމަވެސް އެ މުގައްދަސް ބިމުން ވަކިވުމާއެކު ކޮންމެވެސް ކަހަލަ އުދަގޫތަކެއް ވާންފެށީއެވެ.

އަހެދްވެސް ގޮނޑިއަށް ލެނގިލައިގެންއިން އިރު އެތަނުގައިތިބި ދަތުރުވެރިންގެ ހަރަކާތްތަކަށް ބެލުނެވެ. ގެފުޅަށް ދެވުމާއި ދުޢާތަކާއި އެ މާތް ބިމާއި ފެނުނު ކޮންމެ މަންޒަރަކުން އޭނަގެ ހިތާއި ސިކުނޑިއަށް ރޫހާނީ އަސަރުތަކެއްކުރުވިއެވެ. ދުވަހަކު އެފަދަ ރޫހަށް ފިނިކަން ލިބޭފަދަ އުފަލެއް ހަޔާތުގައި ލިބިފައެއްނެތެވެ. ނަމަވެސް ހިތުގައި ނޭގޭ ރިހުމެއް އުފެދުނެވެ."އެލީޒީ" ކިޔާ އަންހެނެއްގެ ހިޔަނި އޭނަގެ އުފާތަކަށް ހުރަސްއަޅާފަދައެވެ. މުރުތަސިމްގެ ފޯނަށް އައި މެސެޖާއިއެކު އެފަހުން މުރުތަސިމްގެ ހިމޭންކަން އޭނަގެ ހިތަށް އުދަގޫކުރުވަންފެށިއެވެ. އޭނަގެ ހިތަށްވެސް ދެން ހަދަންވީގޮތެއް ނޭގޭފަދައެވެ.

ބަދަލުހިފުމުގެ ރޫހު ކުޑަވެއްޖެއެވެ.

އެކަމަކު އެއަށްވުރެ ބޮޑަށް އޭނަ ބިރުގަންނަވަނީ ލޯތްބެވެ. އެޚިޔާލުތަކުގައި އިންދާ މުރުތަސިމްގެ ފޯނު ދިއްލުނުއިރު އެލީޒީގެ އެހެން މެސެޖެކެވެ. އަހެދްގެ ދަތްދޮޅިއަށް ވާންވިއެވެ. އޭނަ ވަގުތުން ދުރަށް ބަލައިލީ ފެންކަޅިވެފައެވެ.

"މި އަންހެނާގެ އުދަގޫތައްވެސް ހާދަ ބޮޑުވެއްޖެ. ކިހާ ދެރަކަމެއް..މުރުތަސިމް އުމްރާކޮށްގެންވެސް ފާފަތަކަށް އަރައިގަންނަނީ ނޫންތަ؟ ހިލޭ އަންހެނަކާއި ވާހަކަދައްކާއިރު ތިމާގެ ވައިފް ކައިރީގައި ހުރިކަމެއްވެސް ނޭގޭ."އަހެދް ހިތާހިތުން ކުދި ކިޔައިގަތެވެ."އެކަމަކު.....މަގޭވެސް ކުށް...އަހަރެންވެސް މެރީ ކުރީ ނުބައި ނިޔަތެއްގައި..."

***

އަހެދްގެ ކުރިމަތީގައި ހުރި ގޮނޑިބަރީގައި އިށީދެލައިގެން އިން މުރުތަސިމް އިހުރާމްގެ ބަދަލުގައި ހުދު ކުރުތާއެއްލައިގެން ހުރުމުން އަރަބި ޒުވާނެއްފަދައެވެ. އޭނަގެ ޝުއޫރުތައް މޫނުމަތިން ހާމަނުވިޔަސް މި ދަތުރުގެ ސަބަބުން މަސްހުނި ޖަޒުބާތުތައް ހިތުގައި އުފެދިއްޖެއެވެ. ދީނީ ކަންތައްތަކަށް ކުރިއަށްވުރެ ބޮޑަށް ލޯބި އިތުރުވިއެވެ. އަހެދްގެ ކޮންމެ ހަރަކާތަކަށް ހިތްކިޔާގޮތްވިއެވެ. ނޭގުމުގައިވެސް އެހެދް ބުރުގާ ރަގަޅުކޮށްލާގޮތާއި އޮޅިގެން އަތުގައި ބީހިލެވޭގޮތުން ފުން އިހުސާސްތަކެއް ކުރުވައެވެ.

ނަމަވެސް އޭނަގެ ބިރަކީ އަހެދްގެ ހިތުގައި އޭނައަށްޓަކާވާ އިހުސާސްތަކެވެ.

އަނެއްކޮޅުން އެލީޒީއެވެ. އެއީ އޭނަގެ ހިތުގެ ކަނުގައި ފިލާފައިވާ ނަމެކެވެ. ސާފު ދެގޮތެއްނުވާ އަޑެކެވެ. އެއީވެސް ކުޅިވަރެއްނޫނެވެ. އޭނަދެކެ ސާފ ތެދުވެރި ލޯބިވާ އަންހެންކުއްޖެކެވެ.

އޭނައަށް އަމިއްލަ ނަފުސްދެކެ ނަފްރަތުކުރެވުނެވެ. ފާޑަކަށް ބަދެވިފައިވާތީއެވެ. އެއަށްވުރެ ބޮޑަށް ނަފްރަތުކުރެވެނީ ދެ އަންހެނުންވެސް އޭނަގެ ޖިސްމާއި ހިތުން ބަޔެއް ދެވިފައިވާތީއެވެ.

***

ކައިލްވެސް އެހެން ދިމާލެއްގައި އިންއިރު އޭނަގެ އަތުގައި އޮތް މުސްހަފްއަށް ގެއްލިފައި އިންފަދައެވެ. ހަގީގަތުގައި ވިސްނުންތެރިކަމާއިއެކު ފަހުމްވާވަރަށް މާނަ ބަލައިގެން އޭނަ ކިޔަވަމުން ދިޔައީ ރަހުމާން ސޫރަތެވެ. އެސޫރަތުގެ ރީތިކަމާއި ޖުމްލަތަކުގެ ފުރިހަމަކަމަށް އާޝޯޚުވެގެން ގެއްލިފައި އިންފެ އެއްލި ކަޅިއަކުން މުރުތަސިމް ފޯނު ނެގިތަން ފެނުނެވެ. އޭނައާއި އަހެދް ވަކިން ތިބިކަން ފާހަގަވުމާއެކު ޝައިތޯނާ ވަގުތުގެ ބޭނުން ހިފިއެވެ. އޭނަގެ ހެޔޮ އަމަލުން ދުރުކުރުވާ އެހެން ދިމާލަކަށް ވިސްނުން ގެންދިޔައެވެ.

"އަހަންނާއި މުރުތަސިމްއާއި ދޭތެރޭގައިވެސް ނޭގޭ ނުތަނަވަސްކަމެއް އެބައޮތް. މާކެޓްގެ އެ އިންސިޑެންޓަށްފަހު...ގިލްޓީވަނީ ކީެއްވެ؟ މުރުތަސިމްއާއެކު ހީ ހަދާއިރުވެސް އެރަން ފިހާރައިގާ އަހެދްގެ ނަން ގަނެވުނު ހަނދާންވަނީ...އައި ކްރޮސްޑް އެ ލައިން...އަލުން އެ ކަން ރަގަޅުކުރަން ހަދަންވީގޮތެއް ނޭގޭ...ޑޭމް..."ކައިލް މުސްހަފް ލައްޕައިލިއެވެ.

"ސުބުހާނަﷲ..މިއީ އެންމެ ރަގަޅުގޮތެއްނޫން. ޑެވިލް ޑިސްޓްރެކްޓްކުރަން ކިހާ ކުޅަދާނަ...ލައުނަތް ލެއްވި އިބުލީހަށް ހެއްލޭވަރަށްވުރެ ސްޓްރޯންގްވާންޖެހޭ....."ކައިލްގެ ޚިޔާލުތައް އެއްފަރާތްކޮށްލަން ރަހުމާން ސޫރަތް ކިޔަވަންފެށިއެވެ.

***

އަލްބާންވެސް ހެޑްފޯން އަޅައިގެން އިނދެ ގުރުއާން އަޑުއަހަމުން ދިޔައެވެ. ލޯ މަރާލައިގެން އޮވެ ނިދަނީކަމަށް ހީކުރިޔަސް އޭނަގެ ސިކުނޑީގައި ނިދީގެ އެއްވެސް ސިގްނަލްއެއްނެތެވެ. ޒަވިއާރު ދެއްކިވާހަކައާއިމެދު ދޭތެރެއަކުން ވިސްނައިލެވުމުން އުދަގޫ އިހުސާސއްވިއެވެ. އެކަމަކު ބާބިލްގެ ރީތި މޫނު ސްކްރީނަށް އެރުމާއެކު އެހެން އަޑުތައް މައިތިރިވިއެވެ. އޭނައަށް އެއީ ގޯސްކަމެއްކަން އެނގެއެވެ. އެއީ ނާދިރުކަމެއްކަމަށް ގަބޫލުކުރެއެވެ. އަދި އެއީ މީހެއްގެ އަންބެއްކަން އެނގިހުރެ ހިތުގައި އުފަންވި ޖަޒުބާތެކެވެ. އެއިން އެއްވެސް ކަމަކުން ހިތުގައިވާ ހަގީގަތް ފޮހެލެވެން ނެތެވެ.

ޖޫރީ ގަދަޔަށް ކެއްސާކޮށި އަރާގޮތްވުމުން އަލްބާން ބުރަކަށީގައި މަޑުމަޑުން ތަޅައިލިއެވެ. އެކުއްޖާހަމަޔަކަށް އެޅުނުއިރު މޫނު ރަތްމަލެއްފަދައެވެ. ލޮލުންނާއި ނޭފަތުން ފެން އައިސްފައެވެ. އަލްބާން ވިކްސް މެޓާއެއްދިނެވެ.

"މައި ވޮއިސް ކްރޯކްސް ލައިކް އެ ފްރޮގް....އަގް..."ޖޫރީގެ އަޑު ކެނޑޭގޮތްވިއެވެ.

"ޑޮކްޓަރ ބުންޏެއްނު ވޮއިސް ރެސްޓްނަގާށޭ. އެކަމަކު ކޮއްކޮ އެހެން ދުވަހަށްވުރެ އަނގަ ގަދަ.....ބޮކަކާއި ވާދައަށްތަ ތިއުޅެނީ؟"އޭނަ ދިމާކޮށްލިއެވެ.

"ކުޑަބެ ކައިރީ ސިއްރެއް ބުނެފާނަން..އުމްރާއިން އަންނަ ބައެއްމީހުންނަށް ކުރިމަތިވާ ރޯގާގެ ކަންތައްތަކަކީ އިހްރާމް ފޮށާގެ ކުނޑީގެ ސަބަބުން ޖެހޭ ބްރޮންކައިޓިސް. އަހެދްމެން އެންމެން މޫނު އަޅައިގެން ތިބީމަ އެކަކަށްވެސް ރޯގާ ނުޖެހޭ. ޖޫރީގެ ބުރުގާގައިވެސް ސްނޯހެން ކުދި ކަފަކޮޅުތައް.އެހެންނު ވާނީ. އެންމެން އިހުރާމް ފޮށާ ކިޔާފައި ތުވާލި އަނދެގެން ދިޔައީމަ........"ޖޫރީ ފޯނު ހުޅުވާލައިގެން އިނދެ ބަލަމުން ދިޔައީ ގެލެރީގައި ހުރި ފޮޓޯތަކާއި ވީޑިއޯތަކެވެ. އިންސްޓާއަށް ލާން ޖެހޭ ފޮޓޯތައް އޭނަވަނީ ވަކި ފޯލްޑާއަކަށް ލާފައެވެ. އަވިއްސެއްފަދަ ހަލަނި ޖޫރީއަށް ހިނދުކޮޅަކު އަނގަ މަޑުން ލައިގެން ނީދެވޭތާ އެއްތާކު ދެފައި މަޑުޖެހޭކަމަކަށްވެސް ނުވެއެވެ. ދެވަނަ މިނިޓްގައި ގޮސް އިނީ މުރުތަސިމްގެ މޭގައި ބޯ އަޅާލައިގެންނެވެ.

"މާލެގޮސް ޓިކްޓޮކް ސްޓާރަކަށްވާނީ...."

"ވަޓް؟" މުރުތަސިމް ސިހުނެވެ.

"އެލީޒީހެން މަޝްހޫރުވާން ބޭނުމީ...އެކަމަކު ދީނީ އަދި މުޖުތަމައުގައި ހިނގާ ކަންތައްތައް އެވެއާނެސް އިތުރުކުރުވަން..."

"މަންމައަށް އިވިއްޖެއްޔާ ސީދާ އިލޮށިފަތި ނަގާނީ..."އޭނަ ހީގަތެވެ. ސަމާސާކުރިޔަސް އޭނަ އެފަދަ ކަންތައްތަކާއި ދެކޮޅެވެ. އޭނައަށް އެންމެ ރީތި މިސާލަކީ އަހެދްއެވެ. ޚާއްސަކޮށް ހަމައެކަނި އޭނައަށް ފެންނަގޮތަށް ނިގާބުއަޅައިގެން އިންނަ އަހެދްއެވެ. އެހެން އެންމެނަށް އިޝްހިތާރުވުމާއި އޭނަގެ ސިކުނޑި ދެކޮޅެވެ. އޭނައަކީ މުސްކުޅި ބޯދާ ޚިޔަލުތަކެއްގެ ވެރިޔެއްގެ ގޮތުގައި ދެކުނަސް ހެވެވެ. އިސްލާމް ދީން ޒަމާނީ ކުރަން އުޅޭ ދަންނަ ބޭކަލުންގެ ދަރުސްތައްވެސް އޭނަވަނީ ދެކެފައެވެ. ބައެއްމީހުން މިއުޒިކްވެސް ހުއްދަކުރެއެވެ. އޭނަ ގަބޫލުކުރަނީ ކޮންމެކަމެއްގެ އޮންނަ އެންމެ ރަގަޅު ފަޅިއެވެ. ޔަގީނުންވެސް މިއުޒިކާއި ގުރުއާން އެކީގައެއް ނުދާނެއެވެ. ޖޫރީގެއެ މޮޔަ ޚިޔާލު ދޫކޮށްލަން އޭނަ ނުސީދާކޮށް ބާރު އަޅާނެއެވެ. އެލީޒީއަކީ އަދި އެހެން މައްސަލައެކެވެ. އޭނައަށް ބާރުއޮތް ފަރާތެއް އެފަދަ ގޯސް މަގަކުން ހިނގިޔަކަ ނުދޭނެއެވެ.

އޭނަގެ ޚިޔާލުގައި އަންހެންކުދިން ތިބެންވާނީ ފޮރުވިގެންނެވެ. އެއީ އަގުހުރި ރަންމުތްތަކެވެ.

***

ޒަވިއާރު އެއްވެސް ދިމާލަކުން ފެންނާނަކަށް ނެތެވެ. ރަން ފިހާރައިގާ ހިނގި ހާދިސާއަށްފަހު އޭނަ އެހެން އެންމެނާއި ދުރުވެއްޖެކަން އެންމެނަށްވެސް އެނގުނެވެ. އެކީގައި ދާތަނެއްވެސް ވިޔަސް އޭނަ ހުންނާނީ އެންމެނަށްވުރެ އެތައް ފޫޓު ދުރުގައި ނޫނީ ފަހަތުގައެވެ. ނޫނީ ބައެއްފަހަރު ހޮޓަލުގައި އެކަނި މަޑުކޮށްލަނީއެވެ. ޚާއްސަކޮށް މައިރާއަށް އަންނަމުންދާ ބަދަލުތަކާއިހެދި އޭނައަށް އުދަގޫވަނީއެވެ. އަބަދުވެސް އުޅެނީ ހަރަމްގައެވެ. އަބަދުދައްކަނީ ބަދަލުވުުގެ ވާހަކައެވެ. މައިރާ އެބުނާ ހައްދުފަހަނަޅާ ދިޔުމަށް އޭނަގެ ހިތް ދިމާ އިދިކޮޅެވެ.

ނޫނީ ފަހަރެއްގައި އޭނައާއި ބެހޭގޮތުން އެހެން އެންމެން ދައްކާ ވާހަކަތަކުގެ ސަބަބުން ނުރުހެވެނީއެވެ.

***

ފްލައިޓުގެ ބޯޑިންގެ އެންމެ ފަހު ވަގުތު އިއުލާން ކުރުމުން ބާކީ ތިބި ދަތުރުވެރިން ގޮނޑިތަކުން ތެދުުވުނެވެ. ޒަހްރާ ތެދުވުނުއިރު ކުޑަކޮށް ވޭނީ އަޑެއް ލައްވައިލުމުން އަހެދް އެހީތެރިވެދިނެވެ.

"ޒަހްރާއްތަ އޯކޭތަ؟"

"އަލްހަމްދުލިﷲ.....އެކަމަކު ދެން ވަރުބަލިވާވަރަށް ދަތުރުކުރެވިއްޖެ ދޯ..މިދަތުރުގައި އުއްމީދުކުރިވަރަށްވުރެ ގިނަކަންތައްތައް ފުރިހަމަވެ ފެނިއްޖެ.."

އަހެދް ބޯ ޖަހައިލީއެވެ. ޒަހްރާ އޭނަގެ ބޮލުގައި ފިރުމައިލިއެވެ."ހީކުރިވަރަށްވުރެ އަހެދްވެސް ކެތްގަދަ، އަހެދް، ލިބޭ ވޭންތައް އަހެދްގެ ޗޮއިސްތައް ނިންމިޔަ ނުދޭތި.." މަންމަގެ އެ ޖުމްލައާއެކު އަހެދްއަށް ބަލައިލެވުނީ މުރުތަސިމްގެ މޫނަށެވެ. މުރުތަސިމްއަށް އެލޮލުން ފެނުނީ މަޑުމޮޅިކަމެވެ. އޭނަގެ ހިތްވެސް ކަފަކޮޅެއްހާ މަޑުވެ ފިނިވިއެވެ.

***

ފްލައިޓްއަށް އެރިރިއިރު ގިނަ މީހުން ތިބީ ނިދިބަރުކައިގެންފައެވެ. ދިގު ދަތުރަކަށްފަހު މަޑުސީޓެއްގައި ބުރަކަށި ޖައްސައިލުމަށް ބޭނުންވެފައެވެ. ޒަހްރާގެ ގާތު މައިރާ އެދުނީ ފައިތިލަ ހަރަކާތްކުރުމަށެވެ. ހަތަރުގަޑިއިރަށްވުރެ ގިނަވަގުތު ފްލައިޓްގައި ދަތުރުކުރަންޏާ ލޭގަނޑުވުންފަދަ ހާދިސާއެއް ހިނގާފާނެތީއެވެ. ގަނޑު ލޭކޮޅެއް ފުއްޕާމެޔަށް ނޫނީ ހިތަށް ދަތުރުކޮށްފިއްޔާ ވަރަށް ބޮޑު ނުރައްކަލެކެވެ. ފުރުމުގެ ކުރިންވެސް ފެން ގިނައިން ބޮއި ކަސްރަތުކޮށް ހަދަން މައިރާ އިރުޝާދުދިނެވެ.

"އެކަމަކު މަންމަ އެއާޕޯޓުގައިވެސް އެހާ ގިނައިރު އިށީދެން އިނީމަ ކުޑަކޮށް ފައިދުޅަހެން ހީވޭ...ބޮޑަށް ރަގަޅުވާނީ ސަޕޯޓް ސޮކްސް އެއް ލެއްވިއްޔާ ދޯ ޒަވިއާ..."މައިރާގެ ވިސްނުން ހުރީ އެހެން ދިމާލެއްގައެވެ. އަތުގައި އޮތް މުސްހަފްގެ ތަރުޖަމާ ޒަވިއާރުގެ އަތަށް ދިއްކޮށްލާފައި ދަބަހުން އިސްޓާކީނެއް ނެގިއެވެ.

"މިއީ ދިގު ދަތުރުތަކަށް ޔޫޒްކުރަން ރަގަޅު އެއްޗެއް އެކަމަކު ކުޑަކޮށް ހެލްތް ރިސްކް ހުންނާނެ...އާޓްރީ މައްސަލަ ހުންނަމީހުންނާއި ސްކިން އިންފެކްޝަންތައް ހުރެއްޖެއްޔާ ގޯސްވެދާނެ. އެކަމަކު މަންމަ ބަލިވީމަ ބޮޑަށް ރަގަޅުވާނީ މި އިސްޓާކީނު ލީމަ...ލެޓް މީ ހެލްޕް....."

"ޝުކުރިއްޔާ ދަރިފުޅު..."ޒަހްރާ މައިރާގެ ބޮލުގައި ފިރުމައިލިއެވެ. ޅީދަރިންގެ ހެޔޮކަމާއި އަޅާލާވަރު ފެނުމުން ހިތަށް އުފާވެރިކަން ލިބި ހަމްދުކުރެވެއެވެ.

"ޔެސް..ޓިކްޓޮކްގައިވެސް މިހެން ކިޔައޭ...ސްމޯކާސް، އެލްޑަލީ އަދި އެކްޓިވް ނޫން މީހުނާއި ކެންސަރބަލިމީހުން ސާޖަރީ ހަދާފައިވާ ކަހަލަ މީހުން ޓްރެވެލް ކުރާއިރު ހަމަ ވަރަށް އިމްޕޯޓެންޓްކަމަށް....ފްލައިޓްގައި ތިބޭއިރު ދޭތެރެއަކުން ހިނގާ ފެން ބޯންވެސް ވާނެޔޯ..ޓިކްޓޮކްވެސް ވަރަށް ސަޅިއޭ...މިކަހަލަ ހެލްތް އެވެއާނެސް އެއްޗެހި ހަދާފައި ހަމަ ލާންވީ..." ޖޫރީ ކޮށިއަރާގޮތްވިއެވެ.

"ފްލައިޓުގައި ފްރޮގެއް އެބައޮތް...."އަލްބާން ދިމާކޮށްލިއެވެ.

ޖޫރީ ކަޅި އަޅައިގަތެވެ."މަންމާ...ބަލާބަލަ...ޖޫރީއަކީ ފްރޮގެކޭ.."

"ޖޫރީ..ދޮގުހަދާކަށް ނުވާނެ. ކޮންއިރަކު ކުޑަބެ އެހެން ބުނީ؟ ތެދެއް؟ މަންމައަށް އިވުނުތަ؟"އަލްބާން މައުސޫމްވެލިއެވެ.

"އިންޑިރެކްޓްކޮށޭ.....ނޫން....ހަމަ ބުނި..."ޖޫރީ ކުސްތަޅައިލިއެވެ.

"އިނަފް.....މިތާއެހެން މީހުންވެސް އެބަތިއްބޭ..ގެއަށް ދެވެންދެން ތި އަރައިރުންގަނޑު ޑިލޭނުވާނެތަ؟"ޒަވިއާރު ބުމަ ގޮށްޖަހައިލިއެވެ.

ފްލައިޓް ނައްޓައިލުމާއެކު ބޮކިތައް ނިވައިލާ ކެބިންތެރެ އަނދިރިކޮށްލުމުން މައިރާ ގުރުއާން ކިޔަވަން ފެށުމުން ޒަވިއާރު ބޭނުންވީ ނިދައިލުމަށެވެ. އަހެދްވެސް ކުޑަދޮރުގައި ބޯ ޖައްސައިލުމަށްފަހު ކުޑަކޮށް ލޯ މަރައިލިއެވެ. އަނެއް ފަޅީގައި އިން މުރުތަސިމް ބޭނުންވީ މާފަށް އެދުމަށެވެ. އޭނަގެ ބޭވަފާތެރިކަން ހާމަކުރުމަށެެ. އެކަމަކުވެސް އެލަފުޒުތައް ދުލުން ބުނެލަން އެހާ ފަސޭހައެއްނޫނެވެ. އެވަގުތު ފޯނު ދިއްލުމުން ބަލައިލެވުނެވެ.

"ދުޢާތައްކުރިއިރު އަހަރެންގެ މަތިން ހަނދާން ކުރިންތަ؟"

އޭނަ އެތައް އިރެއްވާންދެން އެ މެސެޖަށް ބަލަހައްޓައިގެން އިނދެފައި ލަސްލަހުން ފޯނު ބޭއްވީ ބަންޑުންނެވެ.

އޭނަ ދުޢާކުރިކަން ނޭގެއެވެ. އެކަމަކު ޖަވާބުދޭން ތައްޔާރެއްނޫނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު