ކެމޮމައިލް 28

"ގުރުއާނަކީ ކޮންމެ ބައްޔަކަށްވާ ޝިފާއެކެވެ. އެކަމަކު ބޭހެއްފަދައިން އެންމެ ޑޯޒެއްވެސް ދޫކޮށްނުލާ ކޮންމެ ދުވަހަކު ގުރުއާން ކިޔަވަންވާނެއެވެ. ގުރުއާނުގެ އާޔަތްތަކާއިމެދު ރަަގަޅަށް ވިސްނައިގެން ކިޔަވަންފެށުމުން ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަންނަ ބަދަލުތައް ދާދިއަވަހަށް އިހުސާސްކުރެވޭނެއެވެ."

***

ކިތަންމެ ވަރަށް އާދޭސްކުރިޔަސް އެކުރާ މަސައްކަތެއް ހުއްޓާލާފައި ނޫނީ ޖަމީލާ ނާންނާނެކަން އެނގުމުން އޭނައަށް ބޯ ހޫރައިލެވުނެވެ. ޖަމީލާއްތައަށް ޖެހިގެން މިއުޅެނީ ކޮންފަދަ ކަމެއް ހެއްޔެވެ؟ އުމުރުން އެހާ ދުވަސްނުވިޔަސް ފިކުރުބޮޑުވުމުން ބޯ ގޯސްވަނީކަމަށް ވެދާނެއެވެ.

ޒުލޭޚާ ފްރިޖުގައި ބަހައްޓާފައި ހުރި ޖޫސްޕެކެޓް ނަގަން ހުޅުވައިލުމާއެކު ލޮލުގައި އަޅައިގަތީ ޖަމީލާގެ ފޯނެވެ.

***

މިރިއަމް ހޭލެވިގެން ގަޑި ޗެކްކޮށްލިއިރު ފަތިސް ނަމާދުގެ ވަގުތު ކުޑަތަންވަނީއެވެ. ދިގު ދަތުރާއި، ފިނިކަމުން އެނދުން ތެދުވާހިތް ނުވެފައި ރަޖާ ތެރޭގައި ބޮނޑިވެލައިގަތުމުން ކަންނެތްކަން ކުރިހޯދިއެވެ. އެލާމް ކުރަންވެސް އޭނަ ހަނދާނެއްނުވިއެވެ. ކުއްލިއަކަށް ކަންފަތުގައި ޖެހުނީ އަޒާންގެ އަޑެވެ. ކައިރީގައި ހުރި މަސްޖިދަކުންނެވެ. ބަންގީގެ ރާގުގައިވީ ފުރާނައާއި ކުޅެލާފަދަ ހިތްގައިމުކަމެކެވެ. ބަންގީގެ ކޮންމެ ލަފުޒެއް ހިތުގައި ބީހިލާ ސަބަބެއް އޭނައަކަށް ނޭގެއެވެ. ކޮންމެއަކަސް ނަމާދަށްގޮވައިލެވުމުން ތަންމަތީގެ އަރާމާއި ހޫނުކަން ދޫކޮށްލުމަށްފަހު އިޖާބަދޭން ޟަމީރު ބާރުއެޅިއެވެ.

ކޮންމެ މަންޒިލެއްގައި ތިއްބަސް ނަމާދުގަޑިއަށް ބަންގި ގޮވާނެއެވެ. މުސްލިމުން ޖެހެނީ ކާމިޔާބަށް އަވަސްވެގަތުމަށެވެ.

ފާޚާނާއާއި ދިމާލަށް ހިނގައިގެންފާ އެއްލި ކަޅިއަކުން ލޯގަނޑާއި ދިމާލަށް ބަލައިލެވުނެވެ. އެއާއެކު ސިއްސަައިގެން ގޮސް އިސްތަށިގަނޑުގައި އަތް ޖައްސައިލެވުނެވެ. އޭނަގެ އިސްތަށިގަނޑު އޮތީ ގަޑުބަޑުވެފައެވެ. ދަބަސް ހާވައިލުމުން އެނގުނީ އިސްތަށިގަނޑުގައި ފުނާ އަޅަން ބުރުސް ނުގެނެވުނުކަމެވެ.

އެވަގުތު މެޔަށް ބާރުވެލިއެވެ. އޭނަގެ ހިތް އަތުން ވީއްލިގެން ދިޔައެވެ. ރަށުގެ ހަނދާންތައް ސިކުނޑީގައި ޖެހިގަންނަން އެންމެ ކަމެއްވެސް ފުދެއެވެ. އޭނަ ގެންގުޅޭހާ ސާމާނުތައް އެއްތަނެއްގައި ތަރުތީބުން ބަހައްޓާ ކޮޓަރި ސާފުކޮށް ބަލަހައްޓައިދިނީ މަންމައެވެ. އޭނަގެ ކޮންމެ ކަމަކާއިމެދު މަންމަ ޚިޔާލު ބަހައްޓައެވެ. ބަނޑުހައިވެފައި ހުންނާކަށް ނުޖެހެއެވެ. އަވަށްޓެރިއަކު މީރު އެއްޗެއް ހަދިޔާކުރިޔަސް މަންމަ ނުކައި ދޭނީ އޭނައަށެވެ. ގޭގައި އެހުންނަ ތާޒާ ވަހާއެކު ކެމޮމައިލްގެ ވަސްވެސް ހަޔާތުން ނެތިގެން ހިނގައްޖެއެވެ.

އޭނަ އިސްތަށިގަނޑުން ގޮށްތައް ފިލުވަން އަތުން ފުނާ އަޅަމުން ދިޔައިރު މާޒީގެ ހަނދާންތައް ސިކުނޑީގައި ޓަކިދިނެވެ. އޭރު ކިހާ އުފާވެރިހެއްޔެވެ؟ އޭނަ ވަށާލާފައިވީ މަންމަގެ ލޯތްބާއި ހިމާޔަތުގެ އަތެވެ.

މިރިއަމް އިށީދެލައިގެން އިނީ މަންމަގެ އަތުން ވިޔެފައިވާ ކުނަލެއްގެ މަތީގައެވެ. އޭނައަށް އެތާގައި ހިމޭނުން އިދެވެނީއެއްނޫނެވެ. ތެދުވާން މަސައްކަތްކޮށް ގުދުވެ މަންމަގެ އަތް ނައްޓުވާ ހަދައެވެ. މަންމަ އޭނަގެ ފަހަތުގައި އިނދެ އިސްތަށިގަނޑުން ގޮށްފިލުވަމުން ދިޔައެވެ. ބައްޕައާއިއެކު ބޭރަށްދާންވެގެން އޭނަ ތައްޔާރުކޮށްދެނީއެވެ.

"އޫ.....މަންމާ..."އޭނަ ކުސްތަޅަންފެށިއެވެ. އަދި ކޮނޑު ހަލުވައިލިއެވެ." ލައިލާ ގޮތަށް ދެފަރާތަށް ގަތާފައި ބާއްވާނީ........"

"ދަރިފުޅު ކީއްކުރަން ބޯ ގަތަންވީ؟ އިރުކޮޅަކުން ހާމުންޑިއެއްހެން އިސްތަށިގަނޑު އޮންނާނީ.......ދުވަހަކު ފުނާ ނާޅާ..ދަތްވެސް ނޫގުޅާ ކުއްޖެއް. މިހާރުވެސް ފަނިކާފައި މިހިރީ...އަބަދު މެޓާ ކަންޏާ ވާނީވެސް އެހެން......" މަންމަ އޭނަގެ ކޮލުގައި ހިފާފައި ކުޑަކޮށް ފިތައިލިއެވެ. "މިއަދު ބައްޕަ ކިތައް މެޓާ ދެއްވީ؟"

" ޓޫ..އޮންލީ ޓޫ.." އޭނަ އިނގިލި ދައްކައިލިއެވެ."އެކަމަކު މަންމާ...ފުނާ އަޅަމޭ...."

"ކޯނޗަކުން؟ބޮނބިގަނޑަކުން ދޯ.."

ދެ މީހުން ވެސް ހޭންފެށިއެވެ. މަންމަ އޭނަގެ އިސްތަށިގަނޑު ނިކަން ރީތިކޮށް ގަތަމުން ދިޔައެވެ. އޭނަގެ ޚިޔާލަށް އައީ ކުރީ ދުވަހެއްގައި އޭނައަށް ސްކޫލުން ދަސްވީ މައުލޫމާތެކެވެ. "މަންމާ. ސިރާތު މަގު އޮންނަނީ ކިހިނެއްތަ؟ އަލިފާނުގެ މަތިން އޮވެއެއްނު..."

މަންމަގެ އިނގިލިތަކުގެ ހަރަކާތް ހިނދުކޮޅަކަށް ހުއްޓުނެވެ."ގިޔާމަތް ދުވަހުގައި އެންމެންވެސް އެ މަގު ހުރަސްކުރަން ޖެހޭނެ، ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ހަދީސްކުރައްވާގޮތުގައި ސިރާތު މަގު އިސްތަށްޓަކަށްވުރެ ހަނިވެފައި ކަނޑިއަކަށްވުރެ ތޫނު..."

"ބިރުވެރި.......މިރިއަމްއަކަށް އެހާ ހަނި ތަނަކުން ނުހިނގޭނެ.... ހަންރެޑް ޕަސެންޓް އެތަނުން ވެއްޓޭނެ.." އޭނަގެ ލޯ ބޮޑުކޮށްލިއެވެ.

"ނޫން. ﷲގެ މަގުގައި ތިބި މީހުންނަށް ބިރެއް ނެތް. އެމީހުން ވިދައިލި ވިދުވަރެއްހެން އެމަގު ހުރަސްކުރާނެ..މަންމައާއި ދަރިފުޅު އަދި ބައްޕައަށްވެސް ހުރަސްކުރެވޭނެ އިންޝާﷲ އެކީގައި ޖަންނަތުގައިވާނެ....."މަންމަ އޭނަގެ އިސްތަށިގަނޑު ގަތަންފެށިއެވެ.

"ދަރިފުޅު ހަނދާން ކުރައްޗޭ، ދުނިޔެއަކީވެސް ދަރިފުޅުގެ މި އިސްތަށިގަނޑު ފަދަ ތަނެއް، ބައެއްފަހަރު ގޮށްފިލުވަން އުދަގޫވެ އަދި ގެންގުޅުމަކީ ވޭނެއް. ރަގަޅަށް ނުގެންގުޅެ ދުވަސްވަންޏާ ހައްތާ ބޮޑަށް ގޮށް ޖެހޭނެ. އެކަމަކު ކެތްތެރިވެއްޖެއްޔާ އަދި ދޫނުކޮށް ފުނާ އަޅަންޏާ ހަމަ އޮމާންކޮށް ދާނީ.."

މިރިއަމް ބޯ ޖަހައިިޔަސް އޭނައަށް އެވާހަކަތަކުގެ ފުން މާނައެއް އަދި މަގުސަދެއްވެސް ނުވިސްނުނެވެ."ދަރިފުޅަށް އެނގޭތަ؟ ފަސޭހަކޮށް އުފަލުގައި އުޅެން ބޭނުމިއްޔާ ޒިކުރުކުރަން ޖެހޭކަން؟ އަދި ކިތަންމެ ކުޑަނަމަވެސް ހެޔޮކަމެއް ކުރުންމަތީގައި ދެމިހުންނަންވާނެ. ރަސޫލު ސައްލަﷲއަލައިހި ވަސައްލަމްގެ ހަދީސެއްގައިވޭ.. "أَحَبُّ الأَعْمَالِ إِلَى اللَّهِ أَدْوَمُهَا وَإِنْ قَلَّ." ﷲގެ ހަޟުރަތުގައި އެންމެ ލޯބިވެވޮޑިގެންވާ އަމަލަކީ ކިތަންމެ ކުޑަ ހެޔޮކަމެއް ވިޔަސް އެކަމުގައި ދެމިހުންނަ ހެޔޮކަމެކެވެ."

"އޭގެ މާނައަކީ؟"

"މާނައަކީ ގުރުއާން ކިޔަވަންޏާވެސް ކޮންމެ ދުވަހަކު ކިޔެވުން. އެހެޔޮ އެންމެ ސަފުހާއެއްވިޔަސް. ޒިކުރުކުރަންޏާ އެންމެ ލަފުޒެއްވިޔަސް ކޮންމެ ދުވަހަކު ޒިކުރުކުރުން.." އެންމެ ފަހުގެ ގޮށް ޖެހުމަށްފަހު އޭނަގެ ނިތްކުރީގައި މަންމަ ބޮސްދިނެވެ."މާތް ﷲ ދަރިފުޅަށް ހިދާޔަތް ދެއްވާށި އަދި ސިރާތު މަގުގައި ފަސޭހަކަމާއެކު ކަޑައްތުކުރުމުގެ ތައުފީގު ދެއްވާށި..........."

އޭނަގެ ހިތް އުފަލުން ފޮޅުނެވެ. އަދި މަންމަގެ އަތުތެރެއިން ވީއްލިގެން ދުއްވައިގަތީ ބައްޕައާއި ދިމާލަށެވެ.

***

ހަނދާން ތަކުގެ ތެރެއިން ނިކުމެވުނުއިރު މިރިއަމް އިނީ މުސައްލާ މަތީގައެވެ. އާދައިގެ މަތިން ފަތިސްނަމާދަށްފަހު ދެކޮނޑަށް ސަލާމް ދީފައި އަވަހަށް ތެދުވާން އުޅުމުގެ ބަދަލުގައި އޭނަ ޚިޔާރުކުރީ ޒިކުރު ތަސްބީހަވެސް ކިޔުމަށެވެ. ތިރީސް ތިންފަހަރު ސުބުހާނަﷲ އަލްހަމްދުލިﷲ އަދި ﷲއަކްބަރު ކިޔައިލެވުނީ މަންމަ ކުޑައިރު ދަސްކޮށްދިންގޮތަށެވެ. އެއަށްފަހު ހިތަށް ދަތިވެ އޮބިނޯންނަވަރުވެގެން ކިޔައިލާ ދުޢާއެއްވެސް ކިޔުނެވެ.

" لا اله الا الله وحده لا شريك له، له الملك وله الحمد، وهو على كل شيء قدير"

ދުނިޔެއަށް ހެއްލި އެކި ކަންތައްތަކުގައި އުޅެންފެށުމުން ޒިކުރުތަސްބީހަ ކިޔުން ހުއްޓައިލެވުނަސް ޅައިރު އޭނަގެ އާދައަކީ ނަމާދަށްފަހު މުސައްލަމަތީގައި ވަގުތުހޭދަކޮަށް ޒިކުރުކޮށް ދުޢާވެސް ކުރުމެވެ. ޒަމާނާއެކު އެހުރިހާކަމެއް ބަދަލުވީއެވެ.

"ރަސޫލުސައްލަﷲ އަލައިހި ވަސައްލަމްގެ އަންހެން ދަރިކަނބަލުން ޚާދިމާއަކަށް އެދިވަޑައިގަތުމުން އެކަމުގެ ބަދަލުގައި ދެއްވި އެއްޗަކީ ޒިކުރު..ސަބަބކީ ހަގީގީ ހިތްވަރާއި އެހީތެރިކަން ލިބިގެންވަނީ ﷲގެ ހަޟުރަތުން ކަމަށްވާތީ. އިންސާނުންގެ ފަރާތަކުން ނޫން..."މަންމަގެ އެ ޖުމްލައިގެ ހަގީގީ މާނަ ކުރިން އޭނައަކަށް ފަހުމެއްނުވިއެވެ. އެކަމަކު ބޭރު ގައުމެއްގައި، ހިތް ހަލާކުވުން ބިރުގަތުން އަދި އުއްމީދާއި ހުރިހާކަމެއް އެއްވުމުން އެ ޖުމްލަތަކާއިމެދު އެހެން ނަޒަރަކުން ވިސްނައިލެވުނެވެ. ހަގީގީ މާނަ އިހުސާސްވިއެވެ. އޭނައަކީވެސް އެންމެ ފުރިހަމަ މުއުމިނަކަށް ނުވެ ހިނގައިދާނެއެވެ. ނަމަވެސް މިއީ ލުއިކަމެކެވެ. އެންމެ ފަސްމިނިޓް ގެ މަސައްކަތެކެވެ. ތިލަފަތަށް ބަރުކުރަން ހަމަ ވަރަށް ރަގަޅު އަމަލެކެވެ.

ފޯނު ދިއްލެން ފެށުމުން އޭނައަށް ބަލައިލެވުނެވެ. މޭގަނޑު ލުއްސާލައިގެން އައިހެން ހީވިއެވެ.

"އޯއެމްޖީ މިރިއަމް. ޔޫ ކްރޭޒީ......" އޭނައަށް މޫނު ހަދައިލެވުނެވެ. ހަމްޒާއަށް އެ މެސެޖް ގޮސްފައިވާކަން ޔަގީންކުރެވުމުންނެވެ. އޭނަ އަށް ނިދުނީ ޑްރާފްޓުން މެސެޖް ހުޅުވާލައިގެން އޮތްވާއެވެ. ކޮންމެވެސް ގޮތަކުން އެ މެސެޖްވެސް އެއޮތީ އޮޅިގެން ފޮނުވިފައެވެ. އެފަރާތަށް ރައްދުކުރެވިފައެވެ.

"ޔެސް؟"ހަމްޒާގެ ޖަވާބު އައެވެ. ކޮންމެވެސް ސަބަބަކާއިހުރެ އެ ލަފުޒު މިރިއަމްއަށް ކަމަކުނުދިޔައެވެ.

"ވރަށް ރޫޑް..."އޭނައަށް އަމިއްލަ ނަފުސަށް ބުނެލެވުނެވެ. ދެރަވުމުގެ ބަދަލުގައި ރުޅި އިސްކުރެވުނެވެ. ހަމްޒާއަށްޓަކާ އިންތިޒާރުކުރެވުނީ އޭނައަށެވެ.

"އެބައޮތް ރިޓާން ކުރަން ޖެހޭ އެއްޗެއް.." ވިސްނާލާފައި އޭނަ ކުޑަދޮރުން ބޭރުގެ މަންޒަރެއް ގެ ފޮޓޯ ނެގިއެވެ.

"މިތާ މިހިރީ.."ޢޭނަ އެފޮޓޯ ފޮނުވައިލިއެވެ. ޔަގީނުންވެސް އޭނަ އިޖިފްޓްގައި ހުރިކަން ހަމްޒާއަށް ރޭކާލާން އެފޮޓޯ ފުދޭނެއެވެ.

***

ހަނާން ނަމާދުކޮށް ނިމިގެން އިރުކޮޅަކަށް ގުރުއާން ކިޔަވަން އިންއިރު ދޭތެރެއަކުން ހަމްޒާގެ ފޯނަށް ބަލައިލެވުނެވެ. ހަމްޒާ ހަދާން ނެތިގެން މިސްކިތަށް ދިޔައީ ފޯނު އެނދުމައްޗަށް އެއްލާލާފައެވެ. ފޯނަށް މެސެޖެއް އައިކަން އެނގުމުން އޭނަ އަވަހަށް ބަލައިލިއެވެ.

"އިޓްސް މީ މިރިއަމް.."ހަނާންއަށް ލޯ ކުޑަކޮށްލެވުނެވެ. ކޮން މިރިއަމްއެއް ހެއްޔެވެ؟ ޔަގީނުންވެސް ހަމްޒާ ދަންނަ މީހެއްތާއެވެ. އޭނަ ތަކުރާރުކޮށް އެމެސެޖް ކިއެވެ. އެނަމުގެ ވެރިއަކު އޭނައަކަށް އެނގިފައެއް ނެތެވެ. އަވަށްޓެރިންގެ ތެރޭގައިވެސް އެކުވެރިންގެ ތެރޭގައިވެސް "މިރިއަމް"އެއް ނެތެވެ.

"ޔެސް؟" އޭނަ ޓައިޕްކޮށްލިއެވެ. އޭނަ އުއްމީދުކުރީ ކޮންމެ މީހަކަށްވިޔަސް އިތުރު މައުލޫމާތު ލިބޭނެކަމަށެވެ. ހަމްޒާ އަބަދުވެސް ޑެސްކްމަތީގައި ފޯނު ޗާޖަށް ޖަހާފައި ބޭރަށް ދާއިރު ޕާސްކޯޑެއް ޖަހާފައި އޮންނަނީއެއްވެސް ނޫނެވެ. އެއްވެސް ސިއްރެއް ނެތް ހާމަ ފޮތެކޭ ތަފާތެއްނެތެވެ. އެކަމަކު މިފަހަކަށް އައިސް އޭނަގެ ހިތުގައި ވަކި އަޅަމުންދަނީ ކީއްވެކަމެއް ނޭގެއެވެ. ހަމްޒާގެ ހިމޭންކަމެވެ. ބައެއްފަހަރު މުސައްލަމަތީގައި ދުރަށް ބަލަން އިންނަގޮތެވެ. މުޅިން އެހެން މީހެއްފަދައިންނެވެ. ފޯނު ޗެކްކޮށްލެވެނީވެސް އެހެންވެއެވެ.

އެންމެ ފަހުން ޝައްކުވާފަދަ މެސެޖެއް ފެނުނީއެވެ. ހަގީގަތުގައި އޭނަ މިގޮތަށް ޖަވާބުދީގެން ނުވާނެއެވެ. އެކަމަކު އޭނައަށް ނުފެނި ހަމްޒާއަށް ފޯނު ފެނުނުނަމަ ޖަވާބުދޭނެ ނޫންހެއްޔެވެ؟ އެހެންވީމަ ހަނާން ޖެހޭނީ މި މައްސަލަ ހައްލުކުރުމަށެވެ. އަމިއްލައަށް މިކަމާއި ކުރިމަތިލާން ޖެހޭނެއެވެ. ފައިސަލާ ކުރާނީ އޭނައެވެ. އޭނަގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. އޭނަގެ ލޯވެސް ސްކްރީނުން ކައްސާނުލައެވެ. އަނެއް މެސެޖް އައިލެއް އަވަހެވެ.

"އެބައޮތް ރިޓާންކުރަން ޖެހޭ އެއްޗެއް..."

ދެން އައީ ފޮޓޯއެކެވެ.

"އައިމް ހިއާ"

އޭނަ އެ ތަސްވީރަށް ބަލައިލިއިރު ފެންނަނީ ޝަހަރުގެ މަލަމައްޗެވެ. ފަތިހުގެ ކުލަވަރެވެ. އިޖިފްޓްގެ މަންޒަރެކެވެ. އެބުނާ މިރިއަމް މިހިރީ މިތާހެއްޔެވެ؟ އޭނަގެ ކަރުތެރެ ހިކުނެވެ. ކޮންމެ އަންހެންކުއްޖެއްވިޔަސް ހަމްޒާ ދިރިއުޅޭތަނަށް އައިކަން އޭނަ އަންގައިފިއެވެ. އަލިފާންދަނޑިއެއް ރޯކޮށްލެވުނުފަދައިން އޭނަގެ މޭގައި ހުޅުހިފިއެވެ. ޕެނިކްވާގޮތްވިއެވެ. މިހާރު ކީއްވެހެއްޔެވެ؟ މިގޮތަށް ކީއްވެހެއްޔެވެ؟ އޭނައަށް ބުމަ ކައިރިކޮށްލެވުމާއެކު ސްކްރީނަށް ލޯ އަޅާލައިގެން އިނދެވުނުކަން އެނގުނެވެ. އޭނަ އަވަހަށް ނިތްކުރި އޮމާންކޮށްލިއެވެ. ނިތުގައި ރޫތައް ހުރެދާނެ ކަމެއްކުރަން ބޭނުމެއްނުވިއެވެ.

"ކޯނޗެއް ރިޓާން ކުރަންވެގެން؟" އޭނަ ލޯ ހަނިކޮށްލައިގެން އިނެވެ.

"އަނގޮޓި.." އަވަހަށް ޖަވާބުއައެވެ."އެއީ އަތުގައި ބާއްވަން މިހާރު މަގޭ އެއްޗެއް ނޫން....."

"އަނގޮޓި؟"އޭނަގެ ހިތް ރޭސްޖެހިއެވެ. މި އަންހެނާއަކީ ކާކުހެއްޔެވެ؟ ހަމްޒާ އަނގޮޓިއެއްވެސް ދިނީހެއްޔެވެ؟ އޭނައަކީ ހަމްޒާގެ އަންހެނުން ކަމުގައިވާއިރު އަދި ހަމްޒާގެ ފަރާތުން އަނގޮޓިއެއް ނުލިބެއެވެ.

ހިތުގައި ހަސަދައިގެ އޮއިވަރު އޭގެ ފުރިހަމަ ބާރާއެކު އުފެދިގަތްވަރު އަވަސްކަމުން އޭނަ ރުޅިއަންނަގޮތްވިއެވެ. އޭނައަށް ނިކަމެތިކަން އިހުސާސްވާގޮތްވީތީ އިތުރަށް ރުޅިއައެވެ.

"ކޮން އަނގޮޓިއެއްތަ؟"

ޖަވާބެއް ނުލިބުނެވެ. އޭނައަށް އިންތިޒާރުގައި ގިނަވަގުތު އިނދެވޭކަށް ނެތެވެ. ހަމްޒާ ނަމާދުކޮށްލައިގެން ސީދާ އަންނާނީ ގެއަށެވެ. މިރިއަމް އެއްޗެއް އަނބުރާ ރައްދުކުރަން އައިއްޔާ ހަމްޒާގެ ބަދަލުގައި އެ އަރަންޖެހޭނީ ސީދާ އޭނަގެ އަތަށެވެ. އޭނަ އެކަން ޔަގީންކުރާނެއެވެ. އޭނައާއި ނުލާ އެދެމީހުންނަށް އެކަހެރިކޮށް ބައްދަލުކުރެވިގެން ނުވާނެއެވެ. އެބުނާ މިރިއަމް އެގެއަށް އަޔަދޭށެވެ. އަދި އެދެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިގަނޑު ފެނި ހަސަދައިން ހިތް މަރުވިޔަދޭށެވެ. ފާރުގައި ފްރޭމްކޮށްފައިވާ ކެލިގްރާފީތަކުގައި އެދެމީހުންގެ ކައިވެނީގެ ތާރީޚުވެސްވެއެވެ. ހަގީގަތް އެނގުމުން އޭނަ ނުކުމެގެން ގޮސްދާނެ ނޫންހެއްޔެވެ؟

ހަނާން ޗެޓް ހުޅުވިއެވެ. ކުޑަކޮށް އަތުގެ އިނގިލިތައް މަޑުޖެހިލިނަމަވެސް ޓައިޕްކޮށްލިއެވެ. ފަރުވާތެރިކަމާއެކުގައެވެ.

" އަމިއްލައަށް އައިސް ހަވާލުކުރޭ.."އޭނަ އެގެ ހުރިތަން ބުނެދިނެވެ.

އިރުކޮޅެއްވިއިރުވެސް ހިމޭންކަމެވެ. ދެން އިވުނީ ދޮރު ހުޅުވުނު އަޑެވެ.

އޭނަ ފުންމައިގެން ތެދުވުނުއިރު ހިތް ރޫރޫއަޅައެވެ. އަވަހަށް ފޯނު އޮތްތާ ބަންޑުން ބޭއްވީ އެ ޗެޓް ފޮހެލުމަށްފަހު އެ ބުނާ މިރިއަމްގެ ނަމްބަރުވެސް ބްލޮކްކޮށްލާފައެވެ. އޭރުން އަލުން މެސެޖް ނުކުރެވޭނެތާއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު