އަހަރެއް ތެރޭ އެއް ޕޯޓަލެއްގެ ތެރެއިން ޓްރާންސްޕޯޓު މިނިސްޓްރީގެ ޚިދުމަތްތައް ދޭން ފަށަނީ

ޓްރާންސްޕޯޓު މިނިސްޓަރު އަމީނާއި ރައީސް މުއިއްޒު: ކުރިއަށް އޮތް އަހަރެއް ތެރޭ އެއް ޕޯޓަލެއްގެ ތެރެއިން ޓްރާންސްޕޯޓު މިނިސްޓްރީގެ ޚިދުމަތް ފެށޭނެ ކަމަށް އަމީން ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ކުރިއަށް އޮތް އަހަރެއް ތެރޭ ޓްރާންސްޕޯޓު މިނިސްޓްރީގެ ޚިދުމަތްތައް އެއް ޕޯޓަލެއްގެ ތެރެއިން ދޭން ފެށޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އަމީން ވިދާޅުވީ، އެ މިނިސްޓްރީއާ މެދު ރައްޔިތުން ދެކޭ ގޮތް ބަދަލުވާން ޖެހޭ ކަމަށާއި, ބަދަލުކުރެވޭނީ މިނިސްޓްރީގެ މަސައްކަތު ނިޒާމަށް ބަދަލު ގެނެސްގެން ކަމަށެވެ.

އެގޮތުން، މިހާރު ކުރާ މަސައްކަތުން މިނިސްޓްރީ ތެރެއިން ހެޔޮ ބަދަލުތަކެއް ފެންނާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެ މިނިސްޓްރީން ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭއިރު، އެއީ ފަސޭހައިން ޚިދުމަތް ހޯދޭ ތަނަކަށް ވާން ޖެހޭނެ ކަމަށް އަމީން ގަބޫލުކުރައްވައެވެ. އެކަމުގެ ތެރެއިން މިނިސްޓްރީގެ އައިޓީ ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެއް ޕޯޓަލަކުން ވަދެގެން، އެއް އެންޓްރީން ވަދެގެން ކޮންމެ ރައްޔިތަކަށް ވެސް ހުރިހާ ޚިދުމަތެއް ލިބެންވާނެ. އެއީ ރައީސް ގެންދަވަން ބޭނުންވާ 2.0 އަކީ

މިނިސްޓްރީއާ ގުޅުން ހުރި ހުރިހާ ލިޔުމާއި ފޯމުތައް ވެސް އެއް ޕޯޓަލަކުން ލިބެން ޖެހޭނެ ކަމަށް މިނިސްޓަރު ދެކިވަޑައިގަންނަވައެވެ.

މިއީ އެފަދަ ޒަމާނެއް ކަމަށާއި އެކަން ކުރިއަށް އޮތް ހަ މަސް ނުވަތަ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމި، އެންމެ ފަސޭހައިން ޚިދުމަތް ލިބޭނެ މިނިސްޓްރީއަށް ބަދަލުވާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ސަރުކާރުން މި ފަހުން ވަނީ، ސަރުކާރުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލްކޮށް، ރާއްޖެ ޑިޖިޓަލްކުރުމުގެ ތަސައްވުރު "މޯލްޑިވްސް 2.0" އިފްތިތާހުކޮށްފައެވެ. އެ ތަޞައްވުރުގެ ތެރެއިން އެކި އިދާރާތަކުން އަންނަނީ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ސަރުކާރުން އުޅެނީ އެ ތަޞައްވުރުގެ ތެރެެއިން ކޮރަޕްޝަން ޑިޖިޓަލް ކުރަން ކަމަށް ތުހުމަތުކުރައްވާފައެވެ.

comment ކޮމެންޓް